މައިކްރޯސޮފްޓުން އެމެރިކާގެ އަސްކަރިއްޔާއަށް އެކުންފުނީގެ ހޮލޯލެންސް ގޮގުލްސް ޑެލިވަރކުރަން ފަށައިފިއެވެ. މައިކްރޯސޮފްޓުގެ ހޮލޯލެންސް ގޮގުލްސް އެމެރިކާގެ އަސްކަރިއްޔާއިން ގަނެފައި މިވަނީ އެތަކެއް ދުވަސްތަކެއްގެ ހިޔާލުތާފާތުވުންތަކަށް ފަހުގައިއެވެ.
ބްލޫމްބާގްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މައިކްރޯސޮފްޓުން ވަނީ އެކުންފުނީގެ ހޮލޯލެންސް ގޮގުލްސް ނުވަތަ އިންޓަގްރޭޓެޑް ވިޝުއަލް އޯގްމެންޓޭޝަން ސިސްޓަމް ގޮގުލްސް އެމެރިކާގެ އަސްކަރިއްޔާއަށް ފޯރުކޮށްދިނުމަށް ވާންޖެހޭ ތައްޔާރީތަށް ވެފައިއެވެ. އެކުންފުނިން މިމަސައްކަތް ފަށާފައިވަނީ އެމެރިކާގެ އަސްކަރިއްޔާއާ ގުޅިގެން މި އުފެއްދުން ޓެސްޓްކުރުމަށްފަހު އޭގެ ނަތީޖާތަށް ރަނގަޅުވުމުންނެވެ. މި ގޮގުލް މެދުވެރިކޮށް ސިފައިންނަށް އެމީހުން ވަށައިގެންވާ މާހައުލު ބެލުމުގެ ފުރުސަތާއި ނައިޓްވިޝަން ބޭނުންކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. އެމެރިކާ އަސްކަރިއްޔާއަށް މައިކްރޯސޮފްޓުން މި އުފެއްދުން ފޯރުކޮށްދޭން ތައްޔާރު ވަމުންދާއިރު މި އުފެއްދުމަކީ އެކުންފުނިން މިހާރުވެސް ބޭނުންކުރަމުންދާ ހޮލޯލެންސް އޯގްމެންޓެޑް ރިއާލިޓީ ޓެކްނޮލޮޖީ އިތުރަށް ފުރިހަމަ ކުރުމަށްފަހު އުފައްދާފައިވާ ވަސީލަތެކެވެ.
މިހަބަރު އާންމުވުމާއެކު މައިކްރޯސޮފްޓުން ވަނީ މިކަމާގުޅޭ މައުލޫމާތު ހިއްސާކުރުމަށް ދެކޮޅު ހަދާފައިއެވެ. މައިކްރޯސޮފްޓުން އެންމެ ފުރަތަމަ މި ޑިވައިސް އުފެއްދުމަށް އެމެރިކާގެ އަސްކަރިއްޔާ އާއެކު އެއްބަސްވެފައިވަނީ މީގެ 4 އަހަރު ކުރިންނެވެ. 480 މިލިއަން ޑޮލަރުގެ މިއެއްބަސްވުމުގައި ސޮއިކުރުމާއެކު މައިކްރޯސޮފްޓްގެ މުވައްޒަފުންގެ މެދުގައި މިކަމާގުޅިގެން ވަރަށް ގިނަ ދެބަސްވުން އެފެދުނެވެ. އެގޮތުން ގިނަ ބަޔަކު ގަބޫލުކުރިގޮތުގައި އެމީހުންގެ މަސައްކަތް އެމެރިކާ ސަރުކާރާއި މައިކްރޯސޮފްޓުން ބޭނުންކުރަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގާ ހަމަނުޖެހުންތަކުގައިއެވެ.
މީގެއިތުރުންވެސް އެކުންފުނީގެ ހޮލޯލެންސް ޑިވިޝަނަށް ވަނީ އެތަކެއް މައްސަލަތަށް ޖެހިފައިއެވެ. އެގޮތުން އެ ޑިވިޝަނުގައި މަސައްކަތްކުރަމުން އައި އެލެކްސް ކިޕްމަން ވަނީ ޖޫން މަހު ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި އެކުންފުނި ދޫކޮށް ގޮސްފައިއެވެ.
މިހުރިހާ މައްސަލަތަކާއި ހިތްހަމަނުޖެހުންތަށް ހުއްޓަސް މައިކްރޯސޮފްޓާއި އެމެރިކާ ސަރުކާރުން ވަނީ މި ޕްރޮޖެކްޓް ހުއްޓާނުލައި ކުރިއަށް ގެންގޮސްފައިއެވެ. މައިކްރޯސޮފްޓްގެ ސީއީއޯ 2019 ވަނަ އަހަރު ހާމަކޮށްފައިވަނީ މިއުފެއްދުމަކީ އެމެރިކާއިން ކުރިއަރުވަން މަސައްކަތްކުރާ އިންސާނީ ހައްގުތަކާއި މިނިވަންކަން ކަށަވަރުކޮށްދޭނެ އުފެއްދުމެއްގެ ގޮތުގައި ސިފަކޮށް މިމަސައްކަތް ހުއްޓާނުލާނެކަން އިއުލާންކޮށްފައިއެވެ. ބްލޫމްބާގްއިން ރިޕޯޓްކުރާ ގޮތުގައި އެމެރިކާގެ އަސްކަރިއްޔާއިން މިޑިވައިސްގެ މެއިންޓެނަންސް އަށްދާނެ ހަރަދުތަކާއެކު ކުރިއަށް އޮތް ދިހަވަރަކަށް އަހަރު ގާތްގަނޑަކަށް 21.9 ބިލިއަން ޑޮލަރު މިޑިވައިސްއަށް ހަރަދުކުރާނެއެވެ.
މައިކްރޯސޮފްޓުން މިއުފެއްދުން އެމެރިކާގެ އަސްކަރިއްޔާއަށް ފޯރުކޮށްދޭން ތައްޔާރު ވަމުންދާއިރު ދެން އުފެދޭ އެންމެ ބޮޑު ސުވާލަކީ އެކުންފުނީގެ މުވައްޒަފުން އަނެއްކާވެސް މި ނިންމުމާ ދެކޮޅަށް އަޑުއުފުލާނެތޯ ނުވަތަ ނޫންތޯ ކުރެވޭ ސުވާލެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި