އައިފޯން14 ވެއްޓުނަ ނުދޭތި، މަރާމާތު ކުރުން ފަސޭހައެއް ނޫން!

އަޙްމަދު ދާއޫދު 14 ސެޕްޓެމްބަރު 2022

ދުނިޔޭގައި އެންމެ ގިނަބަޔަކު ބޭނުންކުރާ އައިފޯން ސީރީސްގެ އެންމެ ފަހުގެ ފޯން، އައިފޯން 14 ގެންފުޅޭ ބޭފުޅުން އެ ފޯނަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހިއްޖެއެވެ. ފިޒިކަލީ ޑެމޭޖެއް ނުވާނެކަމުގެ ޔަޤީންކަން ހޯދަން އެބަޖެހެއެވެ. އަދި ވަކިން ބޮޑަށް ސަމާލުވާންވީ ފޯނު ވެއްޓި ތެޅިދާނެތީއެވެ.

އަޅުގަނޑުމެން ލަފާދޭނީ އައިފޯން 14 ވީހާވެސް ގިނަ ދުވަހު ހަލާކެއް ނުވެ ގެންގުޅުމަށްޓަކައި، އެކަށީގެންވާ ފެންވަރު ރަނގަޅު ކޭސްއެއްގައި ގެންގުޅުމަށާއި، ބެޓެރީގެ މައްސަލަތައްވެސް ނުޖެހި ގެންގުޅުމަށްޓަކައި ރަނގަޅު އުސޫލުތަކަށް ތަބާވުމާއި، ސްކްރީން ޕްރޮޓެކްޓަރެއް ވެސް ބޭނުންކުރުމަށެވެ.

އެއީ ކީއްވެ ހެއްޔެވެ؟ އާދެ، އެއީ އައިފޯން 14 ސީރީސްގެ ފޯނުތައް މަރާމާތު ކުރުމުގެ ރަސްމީ އަގުތައް ހާމަކޮށްފައިވާތީއެވެ. އަދި އައިފޯން 13 އާއި އަޅާބަލާއިރު އެތައްގުނައެއް މަރާމާތުގެ އަގު ބޮޑުވެފައިވާތީއެވެ. މިއީ އެޕަލްގެ ރަސްމީ އަގުތަކެކެވެ. މިއަގުތަކަށްވުރެ އަގު ހެޔޮކޮށް ތާރޑްޕާޓީ ރެޕިއަރ ސާވިސް ނުލިބޭނެއެކޭ ނުދަންނަވަމެވެ.

to5mac.com9 ގައި ބަޔާން ކޮށްފައިވާ ގޮތުން، އައިފޯން 14 އަށް އެޕަލް އިން ބެޓެރީ މަރާމާތު ކުރުމަށް 99 ޑޮލަރު ޚަރަދުވާނެ ކަމަށްބުނެފައިވާއިރު، އެއީ އައިފޯން 13 ގައި ހަމަ އެ މަރާމާތަށް ދައްކަން ޖެހޭ 69 ޑޮލަރުގެ އަގަށް ވުރެ 30 ޑޮލަރު އިތުރު އަދަދެކެވެ. ހަމަ މި މަރާމާތަށް އިނގިރޭސިވިލާތުގައި މިދިޔަ އަހަރު އައިފޯން 13 އަށް 69 ޕައުންޑްގެ އަގެއް ނަގާފައިވާއިރު، މިއަހަރު އައިފޯން 14 ގެ މި މަރާމާތަށް ނަގަން ހަމަޖައްސާފައިވަނީ 105 ޕައުންޑެވެ.

އައިފޯން 14 ސީރީޒްގެ ބެޓެރީ ޕެކްތަކަކީ އަސާސީ ގޮތުން އައިފޯން 13 ރޭންޖުގައި ހުރި ބެޓެރީ ޕެކްތަކާ އެއް ސައިޒެއްގެ ބެޓެރީ ޕެކްތަކަކަށް ވާއިރު، ވަކި މޮޑެލްތަކަށް ކުޑަކޮށް އިތުރު ނުވަތަ ދަށްވި ނަމަވެސް މާބޮޑު ބަދަލެއް އައިސްފައި ނުވާ ކަން ފާހަގަ ކުރެވެއެވެ.

އެހެންކަމުން އެއީ އައިފޯން 14 އަށް ވަކި ގޮތަކަށް މަރާމާތު ކުރުމަށް މާ ބޮޑު އަގެއް ނަގަންޖެހޭ ސަބަބެއް ނޫނެވެ. އަދި ހަމަ އެހެންމެ ސްޓޭންޑަޑް އައިފޯން 14 އަކީ ގާތްގަނޑަކަށް އައިފޯން 13 އާއި ހަމަ އެއްގޮތް ސްޕެކްސް ތަކެއް އެކުލެވިގެންވާ ފޯނެކެވެ. އެހެންކަމުން އައިފޯން 14 ގެ މަރާމާތުތަކަށް އައިފޯން 13 އާއި އަޅާކިޔާއިރު މިހާބޮޑު ބަދަލެއް ( ބޮޑުއަގެއް ) ނަގަންޖެހޭ އެއްވެސް ސަބަބެއް އޮތަކްމަށް ނުދެކޭކަމަށް ޓެކްރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ.

މި އަގު ބޮޑުވުމާއި ގުޅިފައިވާވަނީ ކޮންކަމެއް ބާއެވެ؟ އާދެ، އަޅުގަނޑުމެން ދަންނަވާނީ އެއީ އިޤްތިޞާދީ ދާއިރާއާއި ގުޅުންހުރި ކަމެއް ކަމަށެވެ. އެހެނީ މިދުވަސްވަރަކީ ދުނިޔޭގެ އިގްތިޞާދުވެސް ހީނަރުވެ ފުދޭވަރަކަށް ހަލަބޮލި ދުވަސްކޮޅަކަށް ވެފައި، އަދި ކޮމްޕޮނެންޓް އުފެއްދުމާއި ލޮޖިސްޓިކްސް ފަދަ ކަންކަމުގެ އަގު ފުދޭވަރަކަށް ބޮޑުވެފައިވާ ދަނޑިވަޅެކެވެ. އެޕަލް އިން މި ހަރަދުތައް ފޫބައްދަން ޖެހެނީ އެ ކުންފުނީގެ ޑިވައިސްތަކުގެ އަގުތައް ބޮޑުކޮށްގެންނެވެ. އެގޮތުން އައިފޯން 14 ސީރީޒްގެ އަގުތައްވެސް އައިފޯން 13 މޮޑެލްތަކަށް ވުރެ އެތައްގުނައެއް ބޮޑުވެފައިވާކަން ފާހަގަ ކުރެވޭނެ އެވެ.

ފަހަރެއްގައި މަރާމާތު އަގުތައް ބޮޑުވުމަކީ ވަގުތީ ކަމެއް، ކަމުގައިވެސް ވެދާނެއެވެ. އަދި ކުރިއަށް އޮތް އަހަރު އައިފޯން 15 ނެރޭނެކަން ޔަޤީންވާއިރު، އައިފޯން 15 ގެ މަރާމާތުގެ އަގުތައް 69 ޑޮލަރު ނުވަތަ 69 ޕައުންޑްގެ އަގަށް އަނބުރާ ދާތަން ފެނުމަކީވެސް އެކަށީގެންވާ ކަމެކެވެ.

އެކަމަކު މިވަގުތު އަޅުގަނޑުމެން ގެ އިލްތިމާސަކީ އައިފޯން ގެންގުޅޭ ފަރާތްތަކުން ފަރުވާތެރިކަމާއެކު ބަލައިގެން ފޯން ގެންގުޅުމެވެ. މަރާމާތަކަށް ނުގޮސް ފޯން ގިނަދުވަހު ގެންގުޅުމަށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.