ގޫގަލްއިން އޮޅުމަކުން މީހަކަށް 250,000 އެމެރިކާ ޑޮލަރު ދީފި

އަޙްމަދު ދާއޫދު 19 ސެޕްޓެމްބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ގޫގަލް އިން އޮޅުމަކުން ބްލޮގަރަކަށް 250,000 ޑޮލަރު ޓްރާންސްފާކޮށްފިއެވެ.

ގޫގަލް އިން އޮޅިގެން ޑޮލަރު ފޮނުވި ބްލޮގަރ އަދި ސެކިއުރިޓީ އިންޖިނިއަރ ބުނާ ގޮތުގައި އެ ފައިސާތައް އޭނާގެ އެކައުންޓަށް ޖަމާވުމުން އެކަމުގެ ތަފްޞީލެއް ލިބޭތޯ ގޫގުލްގެ ފަރާތުން ޖަވާބަކަށް އެދި ގާތްގަނޑަކަށް މަހެއްހާ ދުވަސް މަޑުކުރި އެވެ.

ސޭމް ކަރީ ނަމަކަށް ކިޔާ އެ ބްލޮގަރ ބުދަ ދުވަހު ކުރި ޓްވީޓެއްގައި ބުނީ ޓެކް ޖަޔަންޓުން އޭނާއަށް ސްކްރީންޝޮޓަކާ އެކު "ރެންޑަމްކޮށް" 249،999 ޑޮލަރު ޓްރާންސްފާ ކޮށްފައިވާ ކަމަށެވެ.

"އަނބުރާ ހޯދަން ބޭނުން ނުވާނަމަ އޯކޭ ،" ކަމަށްވެސް ކަރީ ކުރި ޓްވީޓްގައި ބުނެފައިވެއެވެ. އަދި އެފައިސާ ލިބުނުތާ ތިން ހަފްތާއަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި ގޫގުލްއާ ގުޅުމުން ސަޕޯޓް ޓިކެޓެއް ދިން ކަމަށެވެ.

ކަރީ ބުނީ އެ ފައިސާގައި އޭނާ ނުޖެހޭ ކަމަށާއި އެ ފައިސާ ޚަރަދުނުކޮށް ބެހެއްޓީ ގޫގުލް އިން އެފައިސާ އަނބުރާ ހޯދުމަށް އެދޭނެ ވަގުތަކަށް ކަމަށެވެ. އެ ފައިސާއިން ޓެކްސް ނުދައްކައި، އެހެން އެކައުންޓަކަށް ޓްރާންސްފާ ކުރަން ޖެހިދާނެ ކަމަށް އެންޕީއާރު ނިއުސްއަށް މައުލޫމާތު ދެމުން އޭނާ ބުނެފައި އެވެ.

ކުންފުނިތަކުގެ ސޮފްޓްވެއާގައި ހުރި ވަލްނަރެބިލިޓީތައް ހޯދުމުގެ މަސައްކަތް ކޮށްގެން ރަނގަޅު އާމްދަނީއެއް ހޯދަމުން އަންނަ ސެކިއުރިޓީ އިންޖިނިއަރު ކަރީ އެންޕީއާރު ނިއުސްއަށް ބުނީ އޭނާ ގޫގުލް ހިމެނޭ ގޮތަށް އެކިއެކި ކުންފުނިތަކަށް "ބަގް ބައުންޓީ ހަންޓިން"ގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

ނަމަވެސް ގޫގުލްއަށް އޭނާ ކުރެއްވި މަސައްކަތްތަކާއި އެ ޓްރާންސްފާއާ ގުޅުމެއް އޮތްކަމަކަށް އޭނާނުބުނެއެވެ. ބުރާސްފަތި ދުވަހުގެ ނިޔަލަށް އަދިވެސް އެ ފައިސާ އޭނާގެ އަތުގައި ހުރީ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

"އަޅުގަނޑުމެންގެ ޓީމުން ދާދި ފަހުން ގޯސް ފަރާތަކަށް ފައިސާ ދެއްކީ މީހަކަށް ހެދުނު ގޯހެއްގެ ސަބަބުން،" ގޫގުލްގެ ތަރުޖަމާނަކު އެންޕީއާރަށް ދިން ބަޔާނެއްގައި ބުންޏެވެ. "އަޅުގަނޑުމެންނަށް އެކަން ހިއްސާކުރި ފަރާތަށް އެކަމުގެ އަގުވަޒަން ކުރަން، އަދި މަސައްކަތް ކުރަމުން މިދަނީ އެކަން އިސްލާހު ކުރުމަށް." ތަރުޖަމާނު ވިދާޅުވިއެވެ.

އޭގެ އިތުރުން ގޫގުލްގެ ތަރުޖަމާނު އެންޕީއާރަށް ވިދާޅުވީ އެ ފައިސާ އަނބުރާ ހޯދުމަށް ރާވާފައިވާ ކަމަށާއި، ކުންފުނީގެ ފަރާތުން އެކަން ކުރިއަށް ގެންދާކަމަށެވެ.

ކްރިޕްޓޯކަރަންސީ އެކްސްޗޭންޖެއް ކަމަށްވާ ކްރިޕްޓޯ ޑޮޓްކޮމް އިންވެސް މިފަދަ ހާދިސާއެއް މިދިޔަ މަހު ރިޕޯޓްކޮށްފައިވާއިރު، އެކުންފުނިންވަނީ އޮޅިގެން މީހަކަށް 100 ޑޮލަރުގެ ބަދަލުގައި 10 މިލިއަނަށް ވުރެ ގިނަ ޑޮލަރު ޓްރާންސްފާ ކޮށްފައެވެ.

ނަމަވެސް އެ ގޯސް އެ ކުންފުންޏަށް ހަތް މަސް ދުވަސް ފަހުން ފާހަގަވީއިރު، އެ އެފައިސާ ލިބުނު މީހާ ވަނީ އެފައިސާ އިން ބޮޑެތި ޚަރަދުތަކެއް ހޭދަކޮށްފައި ނުވަތަ އެހެން އެކައުންޓް ތަކަށް ބަދަލުކޮށްފަ އެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.