ޓެކްސަސްގެ ސޯޝަލް މީޑިއާ ގާނޫނަށް ކޯޓުން ތާއީދުކޮށްފި

އިސްމާއިލް އަލީ 21 ސެޕްޓެމްބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެމެރިކާގެ ފެޑެރަލް އެޕީލްސް ކޯޓުން ޓެކްސަސްގެ ސޯޝަލް މީޑިއާ ސެންސަރު ކުރުމާގުޅޭ ގާނޫނަށް ތާއިދުކޮށްފިއެވެ. މިގާނޫނުގެ ދަށުން 50 މިލިއަނަށް ވުރެ ގިނަ ފަރާތްތަކުން ބޭނުންކުރާ ސޯޝަލް މީޑިއާ މަންސަތަކަށް އެތަކެތި ބޭނުންކުރާ ފަރާތްތަކުގެ ހިޔާލު ފާޅުކުރުމުން އެފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ މަނާކަމެކެވެ. ޓެކްސަސްގެ ގަވަރުނަރު އަދި ރިޕަބްލިކަން ޕާޓީން ދެކޭގޮތުގައި މިގާނޫނުގެ ސަބަބުން ސޯޝަލް މީޑިއާ ކުންފުނިތަކަށް ކޮންޒަވޭޓިވް ވިސްނުން ހުއްޓުވުމަށް އެކުންފުނިތަކުން ކުރަމުންދާ މަސައްކަތްތަށް މަޑުޖައްސާލަން ޖެހޭނެއެވެ. އެހެންނަމަވެސް އެކުންފުނިތަކުން ހާމަކުރާ ގޮތުގައި މި ގާނޫނުގެ ސަބަބުން ނާޒީ ޖަރުމަނަށާއި ނަސްލީ ތަފާތުކުރުންތަކަށާއި އަދި ރަޝިއާއިން ޔޫކްރޭނުގައި ހިންގަމުންދާ ހަމަނުޖެހުންތަކަށް ތާއީދުކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިއެވެ.

އެމެރިކާގެ ފެޑެރަލް އެޕީލްސް ކޯޓުގައި މިގާނޫނުގެ މައްސަލަ ބެއްލެވި ފަނޑިޔާރުންވަނީ ސޯޝަލް މީޑިއާ ކުންފުނިތަކަށް ފާޑުކިޔުމަށްފަހު އެކުންފުނިތަކަކީ ނޫސްތަކެއް ނޫންކަމަށް ފާހަނގަކޮށްފައިއެވެ. އަދި އެކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި ސޯޝަލް މީޑިއާ ކުންފުނިތަކަށް އެގައުމުގެ ގާނޫނުއަސާސީއާ ދެކޮޅަށް މީހުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމުގެ ފުރުސަތު ދެވޭކަށް ނެތެވެ. މީގެ އިތުރުން މިމައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަށް ދަށު ކޯޓުތަކަށް ދިއުމަށްވެސް އެ ފަނޑިޔާރުންގެ ހުކުމްގައި ވަނީ ބަޔާންކޮށްފައިއެވެ.

ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓަ އަދި އެހެނިހެން ކުންފުނިތަކުގެ ފަރާތުން މި މައްސަލާގައި ވަކާލާތުކުރި ނެޓްޗޮއިސް ގްރޫޕުން ހާމަކޮށްފައިވާ ގޮތުގައި މި ނިންމުމަކީ އެމެރިކާގެ ގާނޫނުއަސާސީގެ ފަސްޓް އެމެންޑްމަންޓްއިން ކަށަވަރުކޮށްދޭ ހައްގުތަށް ހަނިވާ ގޮތަށް ނިންމާފައިވާ ނިންމުމެކެވެ. އެގޮތުން އެގްރޫޕުން ހާމަކޮށްފައިވާ ގޮތުގައި އިންޓަނެޓްގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފޭނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އޮންލައިން ސޭފްޓީއަށްވެސް އަހަންމިއްޔަތުކަން ދީގެންނެވެ.

ފެޑެރަލް އެޕީލްސް ކޯޓުން ޓެކްސަސްގެ މިގާނޫނަށް ތާއީދުކޮށް ހުކުމް ކޮށްފައިވާއިރު މިހުކްމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ އެގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކޯޓަށް އައްޔަންކޮށްފައިވާ ފަނޑިޔާރެކެވެ.

ޓެކްސަސްގެ ގަވަރުނަރު އެޗްބީ20 ގެ ނަމުން މަޝްހޫރުވެފައިވާ މި ގާނޫނު ތަސްދީގުކޮށްފައިވަނީ މީގެ އަހަރެއްހާ ދުވަސްކުރިންނެވެ. މިގާނޫނަކީ ރިޕަބްލިކްން ޕާޓީގެ ފިކުރު ސެންސަރުކުރުމަށް ކުރާ މަސައްކަތްތަށް ހުއްޓުވުމަށްކަމަށް ބުނެ އެޕާޓީން ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ.

މިގާނޫނަށް ފާޑުކިޔާ ފަރާތްތަކުން ހާމަކުރާ ގޮތުގައި މިގާނޫނުގެ ސަބަބުން ސޯޝަލް މީޑިއާ ކުންފުނިތަކުގެ ޔުޒާ ގައިޑްލައިންތަކާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް އެކުންފުނިތަކަށް ފިޔަވަޅު އެޅުމުގެ ބާރު ގެއްލި ސޯޝަލް މީޑިއާގައި ހަމަނުޖެހުން ހިނގުމަށް މަގުފަހިވާނެއެވެ. މީގެ އިތުރުން މިގާނޫގެ ސަބަބުން ޓެކްސަސްގެ ރަށްވެހިންނަށް އެމީހުންގެ ޕޯސްޓްތަށް ސެންސަރުކުރާކަމަށް ބުނެ މިކުންފުނިތަކާ ދެކޮޅަށް ދައުވާ ކުރުމުގެ ފުރުސަތުވެސް ހުޅުވިގެންދާނެއެވެ.

ގިނަ ފަރާތްތަކުން މިހާރު ދަނީ ސޯޝަލް މީޑިއާ ކުންފުނިތަކަށް އެކުންފުނިތަކުގެ މަންސަތަކުގައި ދެކެވޭ ވާހަކަތަށް މިހާރަށްވުރެ ބޮޑަށް މޮޑަރޭޓްކޮށް މީހުންނަށް ގެއްލުންދޭން ނުވަތަ ބިރުދެއްކުމަށް ކުރެވޭ ޕޯސްޓްތަށް ނެގުމަށް ބާރުއަޅަމުންނެވެ. ނަމަވެސް މިގާނޫނަކީ ސީދާ މިފަދަކަންކަން ހުއްޓުވުމާ ދެކޮޅަށް ފަރުމާކުރެވިފައިވާ ގާނޫނެކެވެ.

ފްލޮރިޑާގައިވެސް މިފަދަ ގާނޫނެއް ތަސްދީގުކުރުމާއެކު ކޯޓު މަރުހަލާއިން އެގައުމުގެ 11 ވަނަ ޔޫއެސް ސާކިޓް ކޯޓް އޮފް އެޕީލްސްއިން ވަނީ އެގާނޫނަށް އަމަލުކުރުން ހުއްޓުވާފައިއެވެ. ނެޓްޗޮއިސް ވަނީ އެގްރޫޕުގެ ބާޔާނުގައި މިކަންވެސް ފާހަގަކޮށްފައިއެވެ. ނަމަވެސް ޓެކްސަސްގެ މިގާނޫނުގެ މައްސަލަ ބެއްލެވި ފަނޑިޔާރުން ވަނީ މި ދެ ސްޓޭޓްގެ ގާނޫނުތަކަކީ ތަފާތު ގާނޫނުތަކެއްކަމަށް ބުނެ މި މައްސަލާގައި 11 ވަނަ ޔޫއެސް ސާކިޓް ކޯޓް އޮފް އެޕީލްސްގެ ހުކުމަށް ރިއާޔަތް ނުކުރާނެކަމަށް ނިންމާފައިއެވެ.

މި ދެކޯޓުގެ ނިންމުން ތަފާތުވުމުން ނެޓްފޯސްއިން ހާމަކޮށްފައިވާ ގޮތުގައި އެ ގްރޫޕުން އުންމީދުކުރަނީ އެމެރިކާގެ ސުޕްރީމް ކޯޓުން މިގާނޫނަށް އަމަލުކުރުން ހުއްޓުވާނެކަމަށެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.