އެމެރިކާގެ ބޯޑާ އޮފިޝަލުން އެއްކުރާ ޑޭޓާ 15 އަހަރަށް ރައްކާކުރޭ!

އިސްމާއިލް އަލީ 22 ސެޕްޓެމްބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަންއިން އެގައުމުގެ ރައްޔިތުންގެ ފޯނުތަކުގެ ޑޭޓާ އަތުލައި 15 އަހަރަށް ރައްކާކުރަން ފަށައިފިއެވެ. އެގޮތުން އެއިދާރާއިން ވައިގެ ބަދަރުތަކުގައި ބަލައި ފާސްކުރާ ފޯނުތަކާއި، ޓެބްލެޓް އަދި ލެޕްޓޮޕްފަދަ ޑިވައިސްތަކުގައި ހުންނަ ޑޭޓާ އެތައްހާސް ސަރުކާރު މުވައްޒަފުންނަށް އެކްސެސްވެވޭ ގޮތަށް ހުންނަ ޑޭޓާބޭސްއެއްގައި ރައްކާކުރަމުންދާކަމަށް އެއިދާރާގެ އޮފިޝަލުން ވަނީ އެމެރިކާގެ ކޮންގްރެސްގައި ހާމަކޮށްފައިއެވެ. އެގޮތުން އެފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި އަހަރެއްގެ މައްޗަށް މިޑޭޓާބޭސްއަށް 10،000 އެއްހާ ޑިވައިސްގެ މައުލޫމާތު އިތުރުކުރެވެއެވެ.

މިޑޭޓާބޭސް އަކީ ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަންގެ 2700 އަށްވުރެ ގިނަ އޮފިސަރުންނަށް ކޯޓުއަމުރަކާ ނުލައި އެކްސެސްވެވޭ ޑޭޓާބޭސްއެކެވެ. މީގެ އިތުރުން އެއޮފިސަރުން މިޑޭޓާބޭސް ބޭނުންކުރާ ސަބަބެއްވެސް ރިކޯޑްކުރަން ނުޖެހޭކަން ވަނީ ހާމަވެފައިއެވެ. މިކަން ހާމަވެފައިވަނީ އެމެރިކާގެ ސެނެޓް މެމްބަރަކު އެއިދާރާއަށް ފޮނުވި ސިޓީއަކުންނެވެ. މިސިޓީއިން އިތުރަށް ހާމަވެފައިވާ ގޮތުގައި ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަން އިން މިޑޭޓާބޭސްގައި 15 އަހަރަށް މައުލޫމާތު ރައްކާކުރެއެވެ.

މި ސިޓީގައި އޭނާ ވަނީ އެއިދާރާގެ ވެރިންނަށް އެމެރިކާ ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރިވުމަށް ހަނދާންކޮށްދީފައިއެވެ. މީގެ އިތުރުން އެއިދާރާއިން ބަލާފާސްކުރަނީ ކުށަކަށް ޝައްކުކުރެވޭ ނުވަތަ ނުރައްކަލެއް ދިމާވެދާނެ ބައެއްގެ ޑިވައިސްތަށްކަން ކަށަވަރުކުރުމަށްވެސް މިސިޓީގައި ވަނީ ގޮވާލާފައިއެވެ. މިސިޓީއިން ހާމަވެފައިވާ ގޮތުގައި ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަންއިން ފޯނުތަކުގައި ހުންނަ ޒާތީ މައުލޫމާތުކަމަށްވާ މެސެޖްތަކާއި، ކޯލް ރިކޯޑްތައް، ފޯނު ނަންބަރުތައް އަދި ފޮޓޯވެސް ނަގައި ރައްކާކުރެއެވެ.

އާންމުކޮށް ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން ފޯނުތަކާއި މިފަދަ ޒާތީ ޑީވައިސްތަކުގައި ހުންނަ މައުލޫމާތަށް އެކްސެސްވުމަށް ބޭނުންވާނަމަ ކޯޓު އަމުރެއް ބޭނުންވެއެވެ. ނަމަވެސް އެމެރިކާގެ ބޯޑަރު ބަލަހައްޓާ ފަރާތްތަކަށް މިފަދަ އަމުރެއް ނެތިވެސް މިފަދަ ޑިވައިސްތައް ބަލައި ފާސްކުރެވެއެވެ. ކަންމިހެން އޮތްއިރު އެމެރިކާގެ ބޯޑަރު އޮފިޝަލުން ދަތުރުވެރިންނަށް އެމީހުންގެ ޑިވައިސްތައް ބަލާފާސްކުރުމުގެ ކުރިން މިމައުލޫމާތު ނުދޭކަންވެސް ވަނީ ހާމަވެފައިއެވެ. މީގެ އިތުރުން ދަތުރުވެރިން އެމީހުންގެ ޑިވައިސްތައް ހުޅުވައިދޭން ދެކޮޅު ހަދައިފިނަމަ ބޯޑަރު އޮފިޝަލުންނަށް އެޑިވައިސްތައް ފަސްދުވަހަށް ހިފެހެއްޓެއެވެ.

އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަންއިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި އެއިދާރާގެ އޮފިސަރުންނަށް އަންގާފައިވަނީ ދަތުރުވެރިންގެ ފޯނުތައް މަތިމަތިން ބެލުމަށްފަހު ޝައްކުކުރެވޭ ކަމެއް ފެންނަނަމަ އިތުރަށް ބެލެމަށެވެ. އެގޮތުން އެއިދާރާގެ އޮފިސަރުންނަށް ޑިވައިސްތަކުގައި ހުންނަ މައުލޫމާތު ކޮޕީކޮށް ރައްކާކުރެވޭނީ މިގޮތަށް ބަލައިފާސްކުރުމުގެ ތެރޭގައި ގައުމީސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ފެނިއްޖެނަމައެވެ. މިގޮތަށް އެއްކުރެވޭ މައުލޫމާތަކީ ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަންގެ 60،000 މުވައްޒަފުންގެތެރެއިން 5 އިންސައްތަ މުވައްޒަފުންނަށް އެކްސެސްވެވޭ މައުލޫމާތުކަމަށް އެއިދާރާއިން ވަނީ ހާމަކޮށްފައިއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.