އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އޭޖެންސީއިން (އެންއެސްއޭ) ޗައިނާގެ ޔުނިވާސިޓީއެއް ހެކްކޮށް އެޔުނިވާސިޓީގެ ޑޭޓާ ވަގަށް ނަގާފައިވާ ކަމަށް އެގައުމުން ތުހުމަތުކޮށްފިއެވެ. އެގޮތުން ޗައިނާއިން ހާމަކޮށްފައިވާ ގޮތުގައި އެންއެސްއޭއިން ވަނީ ކުރިއަރާފައިވާ އެތަކެއް ޓޫލްސްތަކެއް ބޭނުންކޮށްގެން އެޔުނިވާސީޓީގެ ޑޭޓާބޭސްތައް ހެކްކޮށްފައެވެ. އެގައުމުން ހާމަކޮށްފައިވާ ގޮތުގައި މިހަމަލާ އަމާޒުވެފައިވަނީ އެގައުމުގެ ނޯތްވެސްޓަން ޕޮލިޓެކްނިކަލް ޔުނިވާސިޓީއަށެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި މި ޔުނިވާސިޓީއަކީ ޗައިނާގެ އަސްކަރީ ޔުނިވާސިޓީއެކެވެ. އެގޮތުން މިޔުނިވާސިޓީން ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީއާ ގާތްގުޅުމެއް ބާއްވާކަމަށާއި އަދި މިޔުނިވާސިޓީން އަސްކަރީ ދިރާސާތައްވެސް ކުރިއަށްގެންދާކަމަށް އެއިދާރާއިން ވަނީ ހާމަކޮށްފައިއެވެ. އެހެންކަމުން މިޔުނިވާސިޓީއަށް އަމާޒުކޮށް އެމެރިކާއިން ސައިބާ ހަމަލާއެއް ދިނުމަކީ އެކަށީގެންވާ ކަމެކެވެ.
ޗައިނާގެ ނޭޝަނަލް ކޮމްޕިއުޓާ ވައިރަސް އިމަޖެންސީ ރެސްޕޮންސް ސެންޓަރުން އާންމުކޮށްފައިވާ ރިޕޯޓެއްގައި ވަނީ އެންއެސްއޭއިން މި ޔުނިވާސިޓީއަށް ހަމަލާދިންކަމަށް ތުހުމަތުކޮށްފައިއެވެ. އެގޮތުން އެއިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މިހަމަލާގެ ފަހަތުގައި ތިބީ އެންއެސްއޭއިން މިފަދަ ހަމަލާތަށް ދިނުމަށް އުފައްދާފައިވާ ސިއްރު ގްރޫޕެކެވެ. ޓެއިލާޑް އެކްސެސް އޮޕަރޭޝަންސް ގްރޫޕުގެ ނަން ދީފައިވާ މި ގްރޫޕަކީ މިފަދަ ހަމަލާތަކަށް ހާއްސަ ގްރޫޕެކެވެ. މިގްރޫޕްގެ މައުލޫމާތު ހާމަވެފައިވަނީ 2013 ވަނަ އަހަރުގައިއެވެ. އޭރު ހާމަވެފައިވާ މައުލޫމާތުން އެނގޭގޮތުގައި މިގްރޫޕަކީ އެމެރިކާ ސަރުކާރަށް އިންޓެލިޖެންސް މައުލޫމާތު އެއްކޮށްދިނުމުގައި ހަރަކާތްތެރިވާ ގްރޫޕެކެވެ.
ނޯތްވެސްޓަން ޔުނިވާސިޓީގެ ޑޭޓާބޭސްތަކަށް ހަމަލާދިނުމަށް 41 ތަފާތު ހެކިން ޓޫލް ބޭނުންކޮށްފައިވާ ކަމަށް ޗައިނާއިން ވަނީ ހާމަކޮށްފައިއެވެ. އެގޮތުން ސަކްޝަންޗާގެ ނަން ދެވިފައިވާ ޓޫލްއެއް މެދުވެރިކޮށް ލޮގިން މައުލޫމާތު ހައިޖެކްކޮށްފައިވާކަމަށްވެސް އެގައުމުން ވަނީ ހާމަކޮށްފައިއެވެ. މީގެ އިތުރުން އެންއެސްއޭގެ ހެކަރުންގެ ގްރޫޕަކުން އާންމުކޮށް ބޭނުންކުރާ ލިނަކްސް ބެކްޑޯއެއްވެސް މިހަމަލާދިނުމުގައި ބޭނުންކޮށްފައިވާކަމަށް ޗައިނާގެ ރިޕޯޓްތަކުން ބުނެއެވެ. ޗައިނާގެ ނޭޝަނަލް ކޮމްޕިއުޓާ ވައިރަސް އިމަޖެންސީ ރެސްޕޮންސް ސެންޓަރުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މިޓޫލްތަކުގެ އަސަރު އެގައުމުގެ އެހެން ނެޓްވޯކްތަކުންވެސް ވަނީ ފެނިފައިއެވެ. އެއިދާރާއިން ތުހުމަތުކުރާ ގޮތުގައި އެންއެސްއޭއިން ވަނީ 10،000 އަށްވުރެ ގިނަ ސައިބާ ހަމަލާ އެގައުމާ ދެކޮޅަށް އަމާޒުކޮށްފައިއެވެ.
މީގެ އިތުރުން އެއިދާރާގެ ރިޕޯޓާ ހަވާލާދީ ޗައިނާގެ ފޮރިން މިނިސްޓްރީގެ އެމެރިކާ އެފެއާޒްގެ ޑިރެކްޓާ ޖެނެރަލް ޔަންގް ޓާއޯ ވަނީ ޑިޕްލޮމެޓިކް ޗެނަލްތަކުން ރަސްމީކޮށް މައްސަލަހުށަހަޅާފައިއެވެ. އެގޮތުން އޭނާ ހާމަކޮށްފައިވާ ގޮތުގައި އެންއެސްއޭއިން ވަނީ އެގައުމުގެ އިދާރާތަކުގެ ހައްސާސް މައުލޫމާތު ވަގަށް ނަގައި ޗައިނާގެ ގައުމީ ސަލާމަތަށް ނުރައްކާކޮށްފައިއެވެ. އަދި މިފަދަ އަމަލުތަށް ހުއްޓާލުމަށްވެސް އޭނާ ވަނީ ގޮވާލާފައިއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި