އޮސްޓްރޭލިޔާގެ އޮޕްޓަސްއަށް ވަރުގަދަ ސައިބާ ހަމަލާއެއް

ހިންދު ޢަލީ 28 ސެޕްޓެމްބަރު 2022

އޮސްޓްރޭލިޔާގެ ދެވަނައަށް އެންމެ ބޮޑު ޓެލެކޮމް ހިދުމަތް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ އޮޕްޓަސްއަށް ވަރުގަދަ ސައިބާ ހަމަލާއެއް އައި ހަބަރު އަޑު އިވިގެން ދިޔައީ މިދިޔަ ހަފްތާގައެވެ. ހަފްތާ ނިމެން ގާތްވެފައިވަނިކޮށް އޮޕްޓަސް އިން ވަނީ އެކުންފުނީގެ ކަސްޓަމަރުންގެ ޑޭޓާއަށް އަމާޒުކޮށްގެން ސައިބަރ އެޓޭކެއް އައިސްފައިވާ ކަމަށް އިއުލާންކޮށްފައެވެ. ކުންފުނީގެ ސީއީއޯ ކެލީ ބެޔަރ ރޯސްމެރިން ބުނިގޮތުގައި ހަމަލާގެ މަޢުލޫމާތު އެންމެ ފުރަތަމަ ލިބުނީ 22 ސެޕްޓެމްބަރ 2022 ވީ ބުރާސްފަތި ދުވަހު ކަމަށާއި، އަދި އެކުންފުނިން 24 ގަޑިއިރުގެ ތެރޭގައި ކަސްޓަމަރުންނަށް އެކަން އަންގާފައިވާނޭ ކަމަށްވެސް އޭނާ ބުންޏެވެ.

މިހަމަލާއަށް ފަހު އެކުންފުނިން ކަމާ ބެހޭ އެހެން އިދާރާތަކާއި ގުޅިގެން އެކަން ތަހުގީގު ކުރަމުންދާ ކަމަށްވެސް އޭނާ މައުލޫމާތު ދިނެވެ. މިހާދިސާގެ މައުލޫމާތު ހަމަ އެނގުމާއެކު އޮޕްޓަސް އިން ވަގުތުން ހަމަލާ ހުއްޓުވާފައިވާ ކަމަށާއި އޮސްޓްރޭލިއާގެ ސައިބަރ ސެކިއުރިޓީ ސެންޓަރާއި ގުޅިގެން ކަސްޓަމަރުންނަށް ކުރިމަތިވާ ނުރައްކަލެއް ކުޑަކުރުމަށް މަސައްކަތްކުރަން ފެށިކަމަށްވެސް އޭނާ ބުންޏެވެ. އަދި އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިހާއި އޮފީސް އޮފް ދަ އޮސްޓްރޭލިއަން އިންފޮމޭޝަން ކޮމިޝަނަރާއި މުހިއްމު ރެގިއުލޭޓަރުންނަށް ވެސް ހަމަލާގެ މަޢުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށްވެސް ބުންޏެވެ.


އެހެން ނަމަވެސް މިކަމާއި ގުޅިގެން ޖެހިގެން އައި ހޮނިހިރު ދުވަހުގެ ހެނދުނު އޮންލައިން ޑޭޓާ މާކެޓެއްގައި ޖަހާފައިވާ ޕޯސްޓެއް ފެނިގެން ދިޔައެވެ. އެޕޯސްޓް ލިޔެފައިވާ ފަރާތުން ބުނެފައިވަނީ އޮޕްޓަސްގެ ސައިބާ ހަމަލާއަށްފަހު އެކުންފުނީގެ ކަސްޓަރަމަރުންގެ ޒާތީ މަޢުލޫމާތު އޭނާ އަތުގައި އެބަހުރި ކަމަށެވެ. އަދި އޮޕްޓަސްއިން އޭނާ އަތުން އެމަޢުލޫމާތު ހޯދުމަށް 1 މިލިއަން މޮނެރޯ ކްރިޕްޓޯކަރަންސީގެ ރެންސަމް ޑިމާންޑެއްވެސް ކޮށްފައިވެއެވެ.

އަދި އޭނާ އަތުގައި އެމަޢުލޫމާތު ހުރިކަމުގެ ހެއްކެއްގެ ގޮތުން 10،000 މީހުންގެ ޑޭޓާ ސާމްޕަލް އެއްވެސް ޕޯސްޓާއެކު ހިއްސާ ކުރި އެވެ. މިޕޯސްޓް އާންމު ވުމަށްފަހު ސައިބަރ ސެކިއުރިޓީ ރިސާޗުކުރާ ފަރާތްތަކުން ބުނެފައިވަނީ ލީކުކޮށްލާފައިވާ މަޢުލޫމާތުތަކަކީ ހަމަ ރަނގަޅު މަޢުލޫމާތުކަން އެހިސާބުން ޗެކްކޮށް ކަށަވަރު ކުރެވުނުކަމަށެވެ. ލީކުކޮށްލާފައިވާ މަޢުލޫމާތުގެ ތެރޭގައި ކަސްޓަމަރުންގެ ނަމާއި، އުފަން ތާރީޚާއި، ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް، ޑްރަވިންގ ލައިސަންސް ނަންބަރާއި، މެޑިކެއަރ ނަންބަރުތަކާއި ޕާސްޕޯޓް ނަންބަރު ވެސް ހިމެނެއެވެ.

މިހާ ހިސާބުން އޮޕްޓަސްއިން ކަސްޓަމަރުންނަށް އިތުރަށް މަޢުލޫމާތު ހިއްސާކުރަމުން ދިޔައެވެ. ލީކުވެފައިވާ މީހުންނަށް އަމާލުކޮށް ވަކިން އެހެނިހެން ހަމަލާތަށް އައިސްދާނެކަމަށް މަޢުލޫމާތުދީ އެކަމަށް ސަމާލުވުމަށް އެންގިއެވެ. ކުންފުނީގެ ކަސްޓަމަރުންނަށް އަމާޒުކޮށް ފިޝިން ހަމަލާތައް ކުރިމަތިވަމުން ދާކަމަށާއި، ފޯނުންނާއި އީމެއިލުން ލިބޭ ލިންކުތަކަށް ސަމާލުވުމަށާއި ރައްކާތެރިވުމަށް ކުންފުނިން އިޢުލާނުކުރިއެވެ.

މިހާ ހިސާބުންވެސް އޮޕްޓަސްއިން ކަސްޓަމަރުންނަށް ޔަގީންކަން ދެމުން ދިޔައީ ޕޭމަންޓް ނުވަތަ ފައިސާ ދެއްކުމާއި ބެހޭ މަޢުލޫމާތާއި، ބިލްތަކާއި، އެސްއެމްއެސް އަދި ވޮއިސްކޯލުތަކާއި އެކައުންޓް ޕާސްވޯޑުތައް ލީކުނުވާކަމަށެވެ. އަދި އެމަޢުލޫމާތުތައް ރައްކާތެރިކުރުމަށް އެކުންފުނިން އެތަކެއް ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށެވެ.

ހަމަލާއާއެކު ލީކުވި މައުލޫމާތާއި ގުޅިގެން ދިމާވަމުންދާ އިތުރު އެތައް މައްސަލަތަކަކާއި އޮޕްޓަސްއަށް އިން މިހާރު ވަނީ ޒިންމާ ނަގަން ޖެހިފައެވެ.


އޮޕްޓަސްއަށް ލިބެމުންދާ ފާޑުކިޔުންތައް

މިހަމަލާއަށް ފަހު އޮސްޓްރޭލިޔާގެ ސަރުކާރުގެ އެކި އިދާރާތަކުންނާއި ކަސްޓަމަރުންގެ ފަރާތުން އެތަށް ފާޑުކިޔުމެއް އޮޕްޓަސްއަށް އަމާޒުވަމުން އެބަދެއެވެ. އޮސްޓްރޭލިޔާގެ ހޯމް އެފެއަރސް އަދި ސައިބަރ ސެކިޔުރިޓީ މިނިސްޓްރީއިން ބުނިގޮތުގައި އޮޕްޓަސްއިން ހެކަރު އައިސް ހެކު ކުރަންދެން 'ކުޑަދޮރުތައް ހުޅުވައިގެން' ތިބީއެވެ. އެންމެ އާދާއިގެ ހެކިން ހަމަލާއަކުން ރައްކާތެރި ވެވޭނެ ފިޔަވަޅު އޮޕްޓަސްއިން އަޅާފައި ނުވާކަމަށް ތުހުމަތުކުރެއެވެ. އަދި ހަމަލާގެ މަޢުލޫމާތު ކަސްޓަމަރުންނަށް ހިއްސާކުރުންވެސް ލަސްވެގެން ދިޔަކަމަށް ގިނަ ކަސްޓަމަރުންގެ ޝަކުވާވެސް ލިބެމުން ދެއެވެ.


ކަސްޓަމަރުންގެ އައިޑެންޓިޓީ ޑޮކިޔުމަންޓްތައް އައު ކުރުމަށް ހިނގާނެ ހަރަދާއި އެކުންފުނިން ހަވާލުވާންޖެހުން

އޮސްޓްރޭލިޔާގެ ބައެއް ސްޓޭޓްތަކުން ދަނީ މިހަމަލާއާއި ގުޅިގެން މަޢުލޫމާތު ލީކުވީ ފަރާތްތަކުގެ ޑްރައިވިންގ ލައިސަންސްތަކާއި ޕާސްޕޯޓްތައް އައު ކުރުމަށް މީހުންނަށް ގޮވާލަމުންނެވެ. ޑްރައިވިންގ ލައިސަންސް އަދި ޕާސްޕޯޓް ނަންބަރުތައް ބަދަލުކޮށް ޑޮކިޔުމަންޓް އައު ކުރުމަށް ހިނގާ ހަރަދުތަކުގެ ޒިންމާ އޮޕްޓަސްއިން ނަގަންޖެހޭގޮތަށް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތް ކުރެވޭކަމަށް މަޢުލޫމާތު ލިބެއެވެ. މިކަމުގެ ސަބަބުން އެތައް މިލިއަން ޑޮލަރެއްގެ ހަރަދު ޓެލްކޯއިން އުފުލާނެ ކަމަށް ބެލެވެ އެވެ. ނިއުސައުތު ވޭލްސް، ވިކްޓޯރިއާ، ކުއީންސްލެންޑް އަދި ސައުތު އޮސްޓްރޭލިޔާއިން މިހާރު މިހަމަލާގެ ޝިކާރައަށް ވެފައިވާ ފަރާތްތަކަށް އެކަން ސާބިތުކޮށްދެވޭނެ ފަރާތްތަކަށް މިކަމުގައި ލުއިގޮތްތަކެއް ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި މިހާރު ލީކުކޮށްލާފައިވާ 10،000 މީހުންގެ ޒާތީ ޑޮކިޔުމަންޓްތައް އަވަސްކޮށް އައު ކުރަން ގޮވާލައެވެ.



މަޢުލޫމާތު ލީކުވެފައިވާ ބައެއް ކަސްޓަމަރުންނަށް ދިމާވާ މައްސަލަތައް

އައިޑެންޓިޓީ ޑޮކިޔުމަންޓައް އައު ކުރުމަށް ވުރެ އިތުރުން ކަސްޓަމަރުންނަށް އެހެނިހެން އުނދޫގަތަކާއި މައްސަލަތަކާމެދު މިހާރު ވަނީ ވިސްނަން ޖެހިފައެވެ. މިކަމާއި ގުޅިގެން މީހުންގެ އައިޑެންޓިޓީ ވަގަށް ނެގުމުގެ މައްސަލަތައް ކުރިމަތި ވެދާނެކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ. އަދި ނާޒުކު ހާލަތުގައި ތިބި ބައެއް ފަރާތްތަކަށް އިތުރު ދަތިތަކާ ކުރިމަތިވާނެކަމަށް ބެލެވެއެވެ. މިސާލަކަށް ޑޮމެސްޓިކް ވައިލެންސް ހާލަތްތަކުގައި ތިބި މީހުންނާއި، އެސައިލަމް ހޯދާ ފަރާތްތަކާއި، މިފަދަ އެހެން ބިރުވެރި ކަންތައްތަކާއި ކުރިމަތިލާން ޖެހިފައިވާ މީހުން ހިމެނެއެވެ. ބަލި ކުއްޖަކު ބަލަންޖެހިފައިވާ މަންމައަކަށް މިކަމާއި ގުޅިގެން ކުރިމަތިލާން ޖެހިފައިވާ ދަތިކަމެއް މިހާ އަވަހަށްވެސް ހަބަރުތަކުން ފެނިފައިވެއެވެ.


ހެކަރު މައާފަށް އެދުން

މިހަމަލާއާއި ގުޅިގެން އެންމެ ފަހުން ލިބިފައިވާ ހަބަރުތަކަށް ބަލާލައިފިނަމަ ހެކްކުރި އަދި ޑޭޓާ ލީކުކުރި މީހާ، މައުލޫމާތު ލީކު ކުރިކަމަށްޓަކައި މާއާފަށް އެދުނު ހަބަރު ފާހަގަކޮށްލެވެއެވެ. ބެލެވޭ ގޮތުގައި އޭނާ ވަނީ ލީކުކޮށްލި މައުލޫމާތު ހުރި ޑޭޓާބޭސް މިހާރު ހޮސްޓްކޮށްފައިވާ ތަނުން ނަގާފައެވެ. ބްރީޗްފޯރަމްސްގައި 'އޮޕްޓަސްޑޭޓާ'ގެ ނަމުގައި ހަރަކާތްތެރިވާ ފަރާތުން ވަނީ އެހަމަލާގެ ޒިންމާ ނަގާފައެވެ. އަދި ވަގަށްނަގާފައިވާ ޑޭޓާގެ ހަމައެކަނި ކޮޕީ އޭނާ ޑިލީޓްކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އޭނާ ބުނެފައިވަނީ "މާ ގިނަ ލޯތަކެއް. އަހަރުމެން ޑޭޓާއެއް އެއްވެސް ފަރާތަކަށް ނުވިއްކާނަން. އަހަރުމެން ބޭނުންވިޔަސް ނުވިއްކޭނެ: ޑްރައިވްގައި އިން ހަމައެކަނި ކޮޕީ ޑީލީޓްކޮށްލައިފިން" މިހެންނެވެ. އަދި އޭނާ ލީކުކޮށްލާފައިވާ 10،000 މީހުންގެ މަޢުލޫމާތު ލީކުކުރެވުނީތީ މާފަށްވެސް އެދިފައިވެއެވެ.

މި ޕޯސްޓް ކޮށްފައި މިވަނީ އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުން އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިސް (އޭއެފްޕީ)ގެ އޮޕަރޭޝަނަށް އެހީތެރިވަމުންދާ ކަމަށް އޮސްޓްރޭލިޔާގެ އެޓާނީ ޖެނެރަލް މާކް ޑްރެއިފަސް ކަށަވަރުކޮށްދިންތާ ގަޑިއެއްހާއިރު ފަހުންނެވެ. އޭއެފްޕީއިން މައުލޫމާތު ދިންގޮތުގައި މިހަމަލާގެ ފަހަތުގައި ތިބި ކުށްވެރިން ދެނެގަތުމަށާއި އޮސްޓްރޭލިއާގެ ރައްޔިތުން އައިޑެންޓިޓީ ފްރޯޑް އިން ރައްކާތެރި ކުރުމަށް އެހީތެރިވުމަށް 'އޮޕަރޭޝަން ހަރިކޭން' ނަމުގައި މަސައްކަތްތަކެއް ކުރެވެމުން އެބަދެއެވެ.

މިހާހިސާބަށް ލިބިފައިވާ މަޢުލޫމާތަށް ބިނާކޮށް ހަމަލާގައި އަސަރުކޮށްފައިވާ ކަސްޓަމަރުންގެ އަދަދުތައް:

- 9.7 މިލިއަން ކަސްޓަމަރުންގެ މައުލޫމާތު ލީކުވެފައިވާކަމަށް ލަފާކުރެވޭ.

- 10،000 ކަސްޓަމަރުންގެ މަޢުލޫމާތު ހެކަރު އާންމުކުރި.

- 14،900 ކަސްޓަމަރުންގެ އެކްޓިވް މެޑިކެއަރ މައުލޫމާތު ލީކުވެފައިވާކަމަށް ލަފާކުރެވޭ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.