އިންޑިއާއިން މާސްއަށް ފޮނުވި އުޅަނދު 8 އަހަރަށްފަހު ބިމަށް

އަޙްމަދު ދާއޫދު 07 އޮކްޓޯބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

6 މަސް ދުވަހުގެ މުއްދަތަކަށް ފަރުމާކޮށް، އިންޑިއާއިން މާސްއަށް ފޮނުވާފައިވާ އިންޑިއާގެ "މާސް އޯބިޓަރ މިޝަން" 8 އަހަރަށްފަހު އެނބުރި ބިމަށް އަތުވެއްޖެއެވެ.

އިންޑިއާގެ ޖައްވީ ދިރާސާކުރާ ޖަމިއްޔާއިން މި ހަފްތާގައި އެ މަޝްރޫޢު ނިމުންކަން އިއުލާންކޮށްފައިވާއިރު، އެމަޝްރޫޢުއަކީ 2013 ވަނައަހަރު މާސްއަށް އިންޑިއާއިން ފޮނުވި އުޅަނދެކެވެ.

2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ލޯންޗުކުރި މާސް އޯބިޓާރ މިޝަން (އެމް އޯ އެމް) ޖައްވީ އުޅަނދަށް މާސްގެ އޯބިޓަށް ވަދެވިފައިވަނީ އޭގެ ގާތްގަނޑަކަށް 10 މަސް ފަހުންނެވެ.

އިންޑިއާއިން އެމްއޯއެމް ތަރައްގީކުރީ ގާތްގަނޑަކަށް 75 މިލިއަން ޑޮލަރު ހޭދަކޮށްގެންނެވެ. ހަމަ އެ ދުވަސްވަރު ލޯންޗުކުރި ނާސާގެ 671 މިލިއަން ޑޮލަރުގެ މާސް އެޓްމޮސްފިއާ އެންޑް ވޮލަޓައިލް އިވޮލޫޝަން މިޝަން ނުވަތަ މޭވެންއަށް ކުރި ޚަރަދާ އަޅާބަލާއިރު މިއީ ވަރަށް ކުޑަ މިންވަރެކެވެ. މާވެންވެސް ޖައްވުގައި އުޅޭތާ އަށް އަހަރާއި 10 ދުވަސް ވެފައިވާ ކަމަށް ނާސާއިން ބުނެއެވެ.

އިންޑިއާގެ ފުރަތަމަ އިންޓަޕްލެނެޓަރީ މިޝަން ކަމަށްވާ އެމްއޯއެމް އިން މަދުވެގެން ހަ މަސް ދުވަހުގެ މުއްދަތަށް މާސް ވަށައިގެން ދަތުރުކުރަން ނިންމާފައި ވަނީ އިރުގެ ހަކަތައިން ބޭނުންކުރާ ފަސް އިންސްޓްރޫމެންޓުން ސައިންޓިފިކް ޑޭޓާ އެއްކުރުމަށެވެ.

މާސްގެ ޖައްވުގައި އެ އުޅަނދު ހޭދަކުރި އަށް އަހަރު ދުވަހުގެ ތެރޭގައި، ބައެއް މުއައްސަސާތަކުގެ ސައިންސްވެރިން ވަނީ އެ ޕްލެނެޓްގެ ބިމުގެ ސިފަތަކާއި، މޯފްލޮޖީއާއި، ޖައްވާއި، އެކްޒޯސްފިއާއާ ބެހޭ މައުލޫމާތު އެއްކޮށްފައެވެ.

މާސް އޯބިޓަރ މިޝަންގެ ސްކީމެޓިކް

ދުނިޔޭގެ ފެންވަރުގައި އެމްއޯއެމްގެ ޑޭޓާއަށް ވަރަށް ބޮޑު ޑިމާންޑެއް އޮތް ކަމަށް އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން އިން ބުނާއިރު، ޑޭޓާ ޑައުންލޯޑް ކުރުމަށް 7،200 ޔޫޒަރުން ރަޖިސްޓްރީކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 400 ޔޫޒަރަކީ 50 ގައުމަކުން އިންޓަނޭޝަނަލް ޔޫޒަރުން ކަމަށް އެ އޮގަނައިޒޭޝަނުން ބުނެއެވެ.

އަދި މާސްގެ އޯބިޓަރުގައި ހިރަފުހުގެ ތޫފާނެއް އުފެދިފައިވާތީ ފެނިފައިވާއިރު، އެކަމުގެ ސަބަބުން ސައިންސްވެރިންނަށް މާސްގައިހުރި ޑަސްޓް ނުވަތަ ހިރަފުހާ ބެހޭ ވަރަށް ގިނަ ހޯދުންތައް ހޯދުމަށްވެސް އެހީތެރިކަން ލިބިފައިވާކަމަށް އިންޑިއާގެ ޖައްވީ އިދާރާއިން ބުނެއެވެ.

މާސްގެ ގުދުރަތީ ސެޓެލައިޓްތަކުގެ ތެރެއިން އެއް ސެޓެލައިޓް ކަމަށްވާ ޑެއިމޯސްގެ ދުރު ފަރާތް ފުރަތަމަ ފަހަރަށް ފޮޓޯ ނަގާފައިވާއިރު، އެފޮޓޯތަކަކީ މާސްގައި ހިނގާ ބިންހެލުންތައް ދިރާސާ ކުރުމަށް ސައިންސްވެރިންނަށް އެހީތެރިވެދިން ކަމެއްކަމަށް ވެސް ބުނެއެވެ.

2022 ވަނަ އަހަރުގެ އޭޕްރީލް މަހު ހިފި ދިގު ކޭތައެއްގެ ސަބަބުން އޯބިޓަރުގެ މުއާމަލާތް ދުނިޔޭގެ ސްޓޭޝަނާ ގެއްލުނު އިރު، އިންޑިއާގެ ޖައްވީ އިދާރާއިން ވަނީ އެ އުޅަނދު ނޮން ރިކަވަރޭބަލް ކަމަށް އިއުލާންކޮށް އެ އުޅަނދު ގެއްލިފައިވާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް އޭގެ ދުވަސްތަކެއް ފަހުން އުޅަނދުގެ ކޮންޓްރޯލް ވަނީ ސައިންސްވެރިން ނަގާފައެވެ.

އިންޑިއާގެ ޖައްވީ އިދާރާގެ ކާމިޔާބު މި މިޝަނަކީ "ޕްލެނެޓަރީ އެކްސްޕްލޯރޭޝަންގެ ތާރީހުގައި ފާހަގަކޮށްލެވޭ ޓެކްނޮލޮޖީ އަދި ސައިންޓިފިކް ކާމިޔާބީއެއްގެ ގޮތުގައި" ފާހަގަކުރާ ކަމެއް ކަމަށް އެ އިދާރާއިން ބުނެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.