2022 ވަނަ އަހަރުގެ އެންމެ ވަލްނަރެބަލް ބްރައުޒާރ އަކީ ކްރޯމް

ފާޠިމަތު އައިން ލަބީޤް 09 އޮކްޓޯބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ބްރައުޒާރތަކަކީ މޮބައިލް ފޯންތަކާއި ޓެބްލެޓް ނުވަތަ ލެޕްޓޮޕްތަކުގައި ވަރަށް މުހިންމު އެޕްތަކެކެވެ. އިންޓަރނެޓް މެދުވެރިކޮށް މުހިންމު މައުލޫމާތު ލިބޭގޮތް ހަދައިދޭ ވަރަށް ގިނަ ބްރައުޒާރތައް ހުރެއެވެ. ނަމަވެސް މީގެ ގިނަ ބްރައުޒާރތަކަށްވަނީ ވަލްނަރެބިލިޓީ މައްސަލަތައް ޖެހިފައެވެ. އެޓްލަސް އިން ކުރި ދިރާސާއަކުން ދައްކާގޮތުގައި 2022 ވަނަ އަހަރު އެންމެ ވަލްނަރެބަލް ބްރައުޒާރ އަކީ ގޫގުލް ކްރޯމްއެވެ. ރިޕޯޓުގައިވާގޮތުން ކްރޯމްއިން ވަނީ މިއަހަރު 303 ވަލްނަރެބިލިޓީތައް ރެކޯޑްކޮށްފައެވެ.

އެޓްލަސްއިން ނެރުނު ރިޕޯޓުގެ ދެވަނައިގައި އޮތީ 117 ވަލްނަރަބިލިޓީއާއިއެކު މޮޒިއްލާ ފަޔަރފޮކްސްއެވެ. އަދި 103 ވަލްނަރެބިލިޓީއާއިއެކު ލިސްޓުގެ ތިންވަނައިގައި ހިމެނުނީ މައިކްރޯސޮފްޓް އެޖްއެވެ. ރަސްމީކޮށް ބްރައުޒާރ ތައާރަފްކުރި ތާރީހުން ފެށިގެން މިއަހަރުގެ މިހާތަނަށް ބަލާއިރުވެސް އެންމެ ގިނަ ވަލްނަރެބިލިޓީތަކާ ކުރިމަތިލާންޖެހިފައިވަނީ ގޫގުލް ކްރޯމެއެވެ. އެއީ 3159 ވަލްނަރެބިލިޓީސްއެވެ. ސަފާރީ، ފަޔަރ ފޮކްސް އަދި އޮޕެރާ ފަދަ ބްރައުޒާރތައް ކްރޯމްއަށް ވުރެ ގިނަ ދުވަސްވެފައިވީ ނަމަވެސް ޖުމްލަކޮށް ބަލާއިރު އެ ބްރައުޒާރތަކުގެ ވަލްނަރެބިލީޓީ މާ މަދެވެ.

ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި ގަވައިދުން ބްރައުޒާރ އަޕްޑޭޓްކުރުމަކީ މުހިންމުކަމެކެވެ. ޑިވެލޮޕަރުން އަޕްޑޭޓްތައް ތައާރަފްކުރަނީ ކުރީގެ އަޕްޑޭޓްތައް ވަލްނަރެބަލްވުމުގެ ނުރައްކާ ބޮޑުކަން އެނގޭތީއެވެ. ޔޫޒަރުން ގަވައިދުން ބްރައުޒާރ އަޕްޑޭޓް ކުރާނަމަ އެ ފަރާތްތަކުގެ ޑާޓާ ރައްކާކުރެވުމުގެ ފުރުސަތު ބޮޑެވެ. ގިނަފަހަރު މަލްވެއަރ ފެތުރުމަށް ހެކްކުރާ މީހުން ބޭނުންކުރަނީ އީމެއިލް އެވެ. އެހެންކަމުން އީމެއިލް ތަކުގައިވާ ލިންކްތަކަށް ދިޔުމުގެ ކުރިން އެއީ ސްޕޭމް އީމެއިލްއެއްތޯ ބަލާ ޗެކްކުރާށެވެ.

ފާޠިމަތު އައިން ލަބީޤް

ފާޠިމަތު އައިން ލަބީޤް

ފްރީލޭންސް ލިޔުންތެރިޔެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.