އީލޮން މަސްކްގެ ސެޓެލައިޓް އިންޓަނެޓް ޚިދުމަތް ދިނުމަށް ބޭނުންކުރަމުންދާ ސްޓާލިންކް ސެޓެލައިޓްތަކާ ބެހޭ ގޮތުން ޗައިނާގެ އަސްކަރިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އީލޮން މަސްކްގެ ސެޓެލައިޓް ނިޒާމަކީ ދުނިޔެއާ ގާތުން، ލޯ-އާތު އޯބިޓް (އެލްއީއޯ)ގައި ދައުރުވާ ސެޓެލައިޓްތަކަކަށް ވާތީ ޗައިނާގެ އަސްކަރިއްޔާއިން ޒަމާނުއްސުރެ އެކަމާ ކަންބޮޑުވެއެވެ.
ޗައިނާ އަސްކަރިއްޔާއިން ތުހުމަތު ކުރާގޮތުގައި އެ ސެޓެލައިޓް ނިޒާމަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މައުލޫމާތު ހޯދަން ޖާސޫސް ކުރުމުގެ ގާބިލްކަން ލިބިފައިވާ ނިޒާމެކެވެ.
ޗައިނާގެ އަސްކަރިއްޔާގެ ރަސްމީ ނޫހުން މިދިޔަ މެއި މަހު ވަނީ، ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ނިޒާމާ ގުޅިގެން ކުރިމަތިވާ ނުރައްކާތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެމެރިކާގެ އަސްކަރިއްޔާއަށް އެ ނިޒާމުގެ އެހީގައި ޖާސޫސް ކުރުމުގެ ފުރުސަތު އޮވެދާނެކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.
ޗައިނާއިން މިފަދަ ތުހުމަތުތަކެއް ކުރިނަމަވެސް ސްޕޭސްއެކްސްއިން ނިންމާފައި ވަނީ ސްޓާލިންކުން މިހާތަނަށް ޖައްވަށް ފޮނުވާފައިވާ 12،000 ސެޓެލައިޓްގެ އަދަދު 42،000 އަށް އިތުރުކުރުމަށެވެ.
މި ޕްރޮގްރާމް ކޮންޓްރޯލް ނުކުރެވި ފުޅާވުމާއި އަސްކަރީ ބޭނުންތަކަށް ބޭނުން ކުރުމުގެ ޝައުގުވެރިކަން ބައިނަލްއަގްވާމީ މުޖުތަމައު ހައި އެލާޓަށް ލާން ޖެހޭނެ،" ޗައިނާ މިލިޓަރީ އޮންލައިންގައި ލިޔެފައިވާ ލިޔުމުގައި އޮފިޝަލް ބުނެފައިވެއެވެ. އެ ނޫސް ވެބްސައިޓަކީ ރައީސް ޝީ ޖިންޕިންގް އިސްކޮށް ހުންނަވާ ޗައިނާގެ އެންމެ މަތީ ގައުމީ ދިފާއީ ޖަމިއްޔާ ސެންޓްރަލް މިލިޓަރީ ކޮމިޝަން (ސީއެމްސީ) އާ ގުޅިފައިވާ ވެބްސައިޓެކެވެ.
ކޮމިއުނިކޭޝަން އަށް އެހީތެރިވުމުގެ އިތުރުން، ސްޓާލިންކް އަށް ޔޫއޭވީ [އިންމަންޑް އެރިއަލް ވެހިކަލްސް] އާއި މުއާމަލާތް ކުރެވޭނެ ކަމަށާއި ރަޝިޔާއާ ދެކޮޅަށް ޔޫކްރޭނުން ކުރާ އަސްކަރީ އޮޕަރޭޝަންތަކުގައި ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން، ވެސް މުހިންމު ދައުރެއް އަދާކޮށްފައި އޮވެދާނެކަމަށް ޗައިނާއިން ނެރެފައިވާ ލިޔުމުގައި ބުންޏެވެ.
ޗައިނާ މިލިޓަރީ އޮންލައިން ކޮމެންޓަރީގައި 2019 ވަނަ އަހަރުން ފެށިގެން އެމެރިކާގެ އަސްކަރިއްޔާއަށް ސްޓާލިންކުން އެއްބާރުލުން ދިން ކަމުގެ އެތައް ހެއްކެއް ވެސް ލިސްޓްކޮށްފައިވާއިރު، އޭގެ ތެރޭގައި އެމެރިކާގެ ވައިގެ ސިފައިން (ޔޫއެސްއޭއެފް) އިން މާޗް 31 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ކާމިޔާބު ޑޭޓާ ޓްރާންސްމިޝަން ޓެސްޓް ހިމެނެއެވެ.
އަސްކަރީ ތަޖުރިބާކާރުންނާ ހަވާލާދީ ޗައިނާ މިލިޓަރީ އޮންލައިން ލިޔުމުގައި ވެސް ދައުލަތްތަކުގެ ސައިބަރ ސްޕޭސް ސޮވަރިންއަށް ނުރައްކާވާ ދެވަނަ އަދި މިނިވަން އިންޓަނެޓެއް ސްޓާލިންކުން އުފެއްދިދާނެ ކަމުގެ ފުރުސަތު ވެސް އޮތްކަމަށް ފާހަގަކޮށްފައިވެއެވެ.
މެއި މަހު ޝާއިއުކުރި ޗައިނާގެ އެހެން އަސްކަރީ ރިޕޯޓެއްގައި ސްޓާލިންކް ކޮމިއުނިކޭޝަން ނެޓްވޯކް ހަލާކު ކޮށްލެވޭވަރުގެ ގާބިލްކަން ތަރައްގީ ކުރުމަށް ގޮވާލާފައިވާއިރު، އެ ނެޓްވޯކުން ޗައިނާގެ ގައުމީ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކާތައް އެރިޕޯޓްގައިވެސް ފާހަގަކޮށްފައިވެއެވެ.
އެންޓި ސެޓެލައިޓް މިސައިލް ފަދަ ކޮންވެންޝަނަލް ކައުންޓަރ ފިޔަވަޅުތަކުން އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނެވޭނެ ކަމަށް ޗައިނާގެ އަސްކަރިއްޔާއިން ދެކޭކަމަށްވަނީ ފާހަގަކޮށްފައެވެ. އަދި އަގުހެޔޮ މަދު ސެޓެލައިޓްތަކެއް ހަލާކު ކޮށްލުމަކުން ސްޓާލިންކްގެ އޮޕަރޭޝަންތަކަށް މާބޮޑު އަސަރެއް ނުކުރާނެތީ، ޗައިނާގެ އަސްކަރީ ދިރާސާވެރިން އަންނަނީ ހަމަލާ ދިނުމަށް ހުށަހަޅަމުންނެވެ. އެކަމަކު އެހުށަހެޅުމުގައި އަސްކަރިއްޔާގެ ވެރިން އަމާޒު ހިފާފައިވަނީ އީލޮން މަސްކްގެ މުޅި އެ ނިޒާމް ހަލާކު ކޮށްލުމުގެ ބަދަލުގައި ކަނޑައެޅޭ ވަކިޓާގެޓް ތަކަކަށް ހަމަލާދިނުމަށެވެ.
ޗައިނާގެ ސައިންސްވެރިންނާއި، އަސްކަރިއްޔާ ގުޅިގެން އަޅަން ނިންމާފައިވާ މިފިޔަވަޅުގައި ބޮޑަށް ވިސްނަމުންދަނީ ހަލާކު ކޮށްލެވޭ ސެޓެލައިޓްތަކުގެ ކުނިތައް ނުވަތަ ހަލާކޮށްލެވޭ ބައިތައް ޖައްވުގައި ހުރެގެން ހަމަ އެ އޯބިޓްގައި ހުންނަ އެހެން ސެޓެލައިޓްތަކަށް ޖެހި އިތުރު މައްސަލަތަކެއް އުފެދި ދާނެތީ އެކަމަށް ހައްލެއް ހޯދުމަށްކަމަށްވެސް އެރިޕޯޓްގައި ބުނެފައިވެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.