ބުލެޓް ޕްލޭނިންގް އެޕް: ތާވަލުކުރުމަށް ރާއްޖޭގެ އުފެއްދުމެއް

އަޙްމަދު ދާއޫދު 30 އޮކްޓޯބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ބުލެޓް ޖަރނަލިންގ އޭ ބުނުމުން ބައެއް މީހުންނަށް އަދި އޮޅުން ނުފިލައިފާނެއެވެ. ޖުމުލަ ގޮތެއްގައި ބުނާނަމަ ބުލެޓް ޖާނަލް އަކީ ޕާސަނަލް އޯގަނައިޒޭޝަންގެ އުސޫލެކެވެ. މި ނިޒާމުން ޝެޑިއުލްކުރުމާއި، ހަނދާންކޮށްދިނުމާއި، ޓު-ޑޫ ލިސްޓްތަކާއި، ބްރޭންސްޓޯމިންގ އަދި އޯގަނައިޒޭޝަނަލް އެހެނިހެން މަސައްކަތްތައް އެއް ނޯޓްފޮތަކަށް ތަރުތީބު ކޮށްދީ އިންތިޒާމުކޮށްދެއެވެ.

ބުލެޓް ޖަރނަލިންގެ ތެރޭގައި އުޅެމުންގޮސް މިފަދަ ކަމަކަށް އެންމެ އެކަށީގެންވާ ހުރިހާ ކަމެއް ކުރެވޭ އެޕެއް ނުފެނުމުން "ބުލެޓް ޕްލޭނިންގް"މިއެޕްގެ ޚިޔާލު މީގެ އެތައް އަހަރެއް ކުރިން އުފެދިގެން އައިސް 2021 ވަނައަހަރު މިފަދަ އެޕެއް ފުރަތަމަ ފަހަރަށް މި އެޕްގެ ފައުންޑަރ ޒާހީ ސައީދު ލޯންޗުކުރިއެވެ. އޭގެ ފަހުން އަނެއްކާވެސް މިވަނީ މުޅިއެޕް އެއްކޮށް އަލުން ފަރުމާކޮށް މުޅިން އެ އެޕް ބަަދަލުކޮށް 2022 ވަނަ އަހަރު ލޯންޗުކުރިއެވެ. ކޮންމެ މަހަކު، ހަފުތާއަކު އަދި ކޮންމެ ދުވަހަކު ރިފްލެކްޝަން އަދި ސެޓަޕް ޓައިމްސްގެ ޕްރެކްޓިސް މެދުވެރިކޮށް، މި އެޕްލިކޭޝަނުން ޕްލޭންކުރުމާއި، ހަނދާންކުރުމާއި، ހުވަފެން ފެނުމާއި، ގޯލް ސެޓިން އަދި ބްރޭންސްޓޯމް ކުރުމަށް ބާރުއަޅައެވެ. ޖަވާބުދާރީވުމުގެ ޖާގަ ފަހިކޮށްދީ، ދިރިއުޅުމުގެ ބޮޑު ވާހަކައަށް އިތުރުކުރާ ހުރިހާ "ކުދި" ކަންކަން ކެޓަލޮގް ކޮށްދެ އެވެ.

މި ޚާއްޞަ އެޕްލިކޭޝަނުން މައިގަނޑު ގޮތެއްގައި ކޮށްދޭކަމަކީ ތިބާގެ ދުވަހުގެ އެންމެހައި ހަރަކާތްތައް ނުވަތަ ތާވަލް އެއް ޕްލެޓްފޯމަކުން ވަރަށް ފަސޭހަ އާދައިގެ ގޮތަކަށް ޔޫޒަރ ފްރެންޑްލީ އުޞޫލަކުން ތަރުތީބުކޮށްދީ ރެކޯޑްސް ބަލަހައްޓައިދީ ޓްރެކް ކޮށްދިނުމެވެ.

ބުލެޓް ޕްލޭނިންގް އެޕުން ހައްލުކުރަނީ ކޮން މައްސަލައެއް:

ބުލެޓް ޕްލޭނިންގް އެޕުން މީހާގެ ޚިޔާލުތަކާއި ޕްލޭންތައް ރިކޯޑުކުރަން ޕްލެޓްފޯރމެއްގޮތަށް ޖާގަދެއެވެ. މިހެން ހެދުމުން ކުރަން ބޭނުންވާ ކަންކަން ފަސޭހައިން ރަގަޅަށް ތަރުތީބުކޮށް މީހާގެ އަމަލުތައް ޕްލޭންއާއި އެއްގޮތަށް ކުރިޔަށް ގެންދިޔުމަށް އެހީވެދެއެވެ.


އެޕް ޚާއްސަކުރެވިފައިވަނީ ކޮންބަޔަކަށް:

މިއެޕް ޚާއްސަކޮށްފައިވަނީ ބޫޖޯ ނުވަތަ ބުލެޓް ޖާނަލިންގް ކޮމިއުނިޓީއަށެވެ. އިންސްޓަގްރާމްގައި ބުލެޓްޖާނަލިންގް ހޭޝްޓެގް ބޭނުންކޮށްފިނަމަ 9 މިލިއަންއަށްވުރެ ގިނަ ޕޯސްޓްސްތައް ފެނޭ، އެހެންވީމައި މުޅިދުނިޔޭގައިވެސް މިކަމަށް ބޮޑު ކޮމިއުނިޓީއެއް އެބައޮތްކަމަށް ޒާހީ ގަބޫލުކުރެއެވެ

ބުލެޓް އެޕް އެއް ނެރެން ވިސްނީ ކީއްވެ:

"ބުލެޓް ޖާނަލް ކުރާތާ މިހާރު 7 އަހަރަށްވެސް ގިނަ ދުވެސްވެއްޖެ. ޓްރެޑިޝަނަލް ބުލެޓް ޖާނިލަޒަމްގައި އިންނަނީ ފޮތެއްގައި ބޭނުން ގޮތަކަށް ޓެމްޕްލޭޓް ހަދައިގެން ރިކޯޑުކޮށްގެން، މިއީ ވަރަށް އާޓިސްޓިކް ކްރިއޭޓިވް މީހުން ކުރާކަމެއްގެ ގޮތުގައި އިންނަކަމެއް، އަދި މީގައި ޕްރެކްޓިކަލް ސައިޑެއްވެސް އިނދޭ"

މިކަމަށް ރަނގަޅު އެޕްލިކޭޝަންތައް ހޯދަމުން ދިޔައިރު ފެންނަނީ އެކި ކަންކަމަށް އެކި އެޕްކަމަށާއި އަދި މި އެޕްތަކުން ޓްރެޑިޝަނަލަ ބުލެޓް ޖާނަލިންގްގައި އިންނަ ފީލްއެއް ނާންނަކަމަށް ޒާހީ ބުންޏެވެ. އެހެންވީމަ ދެން ވިސްނީ ޒާހީއަކީ މިފަދައެއް އެޕް އެއްނެރޭނެ މީހަކަށް ވުމަށެވެ.

ބުލެޓް ޕްލޭނިންގ އެޕްގެ ފައުންޑަރ ޒާހީ ސައީދު.


އެޕް އުފެއްދުމާއި ބޮޑެތި ގޮންޖެހުންތައް:

ޒާހީއަކީ ގްރެފިކް ޑިޒައިނަރަކަށްވުމުން ބޮލުތެރޭގައި އިން އެޕްގެ ޚިޔާލު އައިޕެޑުގައި ކުރެހިއެވެ. އަދި އެޕް ގެ ޑިޒައިން ކުރުމަށް ފިގްމާ ދަސްކޮށްގެން އެޕްގެ ސްކްރީންތަކާއި ބޭނުންވާގޮތް ޑިޒައިންކުރިއެވެ. ޔޫއައި ޑިޒައިންކުރުމާއި އެޕް ޑިވެލޮޕްކުރުމުގެ ހުނަރު ނެތުމުން އެބޭނުންވާ ކޮންސެޕްޓައް އެއްޗެއް ޑިވެލޮޕްކޮށްދޭނެ ރަނގަޅު ޑިވެލޮޕަރ ހޯދުމަކީ ޒާހީގެ އެންމެ ބޮޑު ޗެލެންޖެވެ. ޑިވެލޮޕަރއެއްގެ އެހީގައި އެޕް ނިންމައި އެޕް ލޯންޗުކުރިފަހުން އެޕް އެހާ ޔޫޒަރ ފްރެންޑްލީ ނުވުމާއި ސްޓްރަކްޗަރގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަ ވިއެވެ. އެހެންކަމުން އޭގެ 1 އަހަރު ފަހުން މުޅިން އާޓީމަކާއި އެކު އެޕްއަށް ބޮޑެތި ބަދަލުތައް ގެނެސް ލޯންޗުކުރިއެވެ.

އެޕް ލޯންޗްކުރިފަހުން މަޝްހޫރު އެކި ޕްލެޓްފޯރމުތަކުގައި އެޕް މާރކެޓްކުރުމަކީ އުނދަގޫކަމެއްގެ ގޮތުގައި ޒާހީ ފާހަގަކުރެއެވެ. އެހެން ޕްރޮޑަކްޓިވިޓީ އެޕްތަކާއި އެކި ރީޖަންތަކަށް ޚާއްސަކޮށް މާރކެޓު ކުރުމަކީ އަލަށް ފަށައިގަންނަ އެޕް ތަކަށް ބޮޑު ބަޖެޓެއް ބޭނުންވާކަމަކެވެ. މިހާ ތަނަށް މި އެޕް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޑައުންލޯޑުކޮށްފައިވާ 9 ހާހެއްހާ މީހުންނަކީ ކުޑަ ދުވަސްކޮޅަކަށް އެކި ރީޖަން ތަކުގައި މާކެޓްކުރުމުގެ ނަތީޖާ އެވެ.

އެހީތެރިންނާއި ޓީމް:

މި އެޕްގެ ފައުންޑަރ ޒާހީ ސައީދު ފާހަގަ ކުރެއްވި ގޮތުގައި އެޕްގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި އޭނާގެ ކުރީގެ ވިޔަފާރި ޕާރޓްނަރު އަދި މިހާރުގެ އެންމެ ގާތް ރަހުމަތްތެރިޔާގެ އެހީތެރިކަން ވަރަށްބޮޑަށް ލިބުނެވެ. ޒާހީ ބުނީ އެޕްގެ މަސައްކަތް ކުރިއަށް ގެންދިޔައީ މާގިނަބަޔަކު މިކަމުގައި ޝާމިލް ކޮށްގެން ނޫންކަމުގައެވެ. މިއެޕް ތައްޔާރުކުރުމުގެ ޓީމުގައި ހިމެނެނީ ޒާހީގެ އިތުރުން ރާއްޖޭގެ ޑިވެލޮޕަރއަކާއި ރާއްޖެއިންބޭރު ޑިވެލޮޕަރއެކެވެ.

އެޕް ކުރިއެރުވުމާއި އުފެއްދުމަށް ކުރި އެންމެ އާދަޔާ ޚިލާފު ކަންކަން:

މިއެޕް ފަރުމާކުރެވިފައިވަނީ ގިނަ ބައެއްގެ ޚިޔާލުހޯދައިގެންނެވެ. ބޫޖޯ ކޮމިއުނިޓީގައި އުޅޭ މީހުން ހޯދައި ފޭސްބުކްއިން ނުވެސް ދަންނަ މީހުންނަށް މެސެޖުކޮށް އެމީހުންގެ ޚިޔާލުހޯދިއެވެ. ޒާހީ ބުނިގޮތުގައި ދުނިޔޭގެ ކަންކޮޅުތަކުން ލިބުނު ފީޑްބެކްއިން އެހެންމީހުންގެ ކުރިއެރުމަށް އެހީތެރިވާން ތައްޔާރުމިންވަރު އެނގުމުން ހައިރާންވިކަމަށެވެ. އަދި އެޕްގެ ފަސޭހަކަމަކީ ބޫޖޯ ކޮމިއުނިޓީގެ ފީޑްބެކްކަމަށް ޒާހީ ގަބޫލުކުރެއެވެ.


އެޕްގެ މުހިންމު ބައިތަކާއި މަސައްކަތްކުރާގޮތް

މި ޚާއްޞަ އެޕްލިކޭޝަނުން މައިގަނޑު ގޮތެއްގައި ކޮށްދޭކަމަކީ ތިބާގެ ދުވަހުގެ އެންމެހައި ހަރަކާތްތައް ނުވަތަ ތާވަލް އެއް ޕްލެޓްފޯމަކުން ވަރަށް ފަސޭހަ އާދައިގެ ގޮތަކަށް ޔޫޒަރ ފްރެންޑްލީ އުޞޫލަކުން ތަރުތީބުކޮށްދީ ރެކޯޑްސް ބަލަހައްޓައިދީ ޓްރެކް ކޮށްދިނުމެވެ.

ގޫގަލް ސްޓޯރުންނާއި، އެޕަލް ސްޓޯރުންވެސް މި އެޕް ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ. އަދި އެޕްގެ ހުރިހާ ފީޗާރސް ތަކެއް ބޭނުން ކުރުމަށް ޕްރިމިއަމް ސަބްސްކްރިޕްޝަން 4.99 ޑޮލަރަށް ގަންނަން ލިބޭނެއެވެ. މި އެޕްގެ އެންމެބޮޑު އެއް ފަސޭހައަކީ ބުލެޓް ޖަރނަލިންގެ މާބޮޑު މަސައްކަތެއް ނުކޮށް، ނުވަތަ މާގިނަ ޑިޒައިން ތަކަކާއި، ލިޔެކިޔުންތަކެއް ފުރިހަމަނުކޮށް، ޔޫޒަރ ޓްރެކް ކުރަން ބޭނުންވާ ހުރިހާ ކަމެއް އެއް ޓެމްޕްލޭޓަކުން ބަލައިލެވޭގޮތަށް ހުރުމެވެ. އެގޮތުން އެޕްގައި ހިމެނޭ ޓްރެކަރުތަކަކީ ހެބިޓް ޓްރެކަރ، މޫޑް ޓްރެކަރ، ސްޕެންޑިންގ ޓްރެކަރ، އަދި މީލް ޓްރެކަރ އެވެ. މި ހުރިހާ ޓްރެކަރެއް މައި ހޯމް ސްކްރީނުން ފެނިގެންދާއިރު، ކޮންމެ ދުވަހަކު ހުރިހާ އެއްޗެއް ލޮގް ކުރުމަށް އުނދަގުލެއް ނެތި ގޮތެއް ލިބިގެންދެއެވެ.

މިއެޕްގެ އެކިއެކި ފީޗާތަކަށް ބަލައިލާއިރު މައިގަނޑު ހިމެނެނީ ދެ ކެޓަގަރީއެކެވެ. ކެލެންޑަރާއި، ނޯޓް ނެގުމެވެ. ކަލަންޑަރަށް ޖެހޭނީ އެމީހެއްގެ ޓާސްކްތައް އެންޓަރކުރާށެވެ. ނޯޓްނެގުމުގައި އެއްވެސް ކަމަކާ ގުޅިގެން އެއްޗެއް ނޯޓްކޮށްލަން ޖެހިއްޖެނަމަ އޭގައި ލިޔެލުމެވެ. ތިރީގައި މިވަނީ އެޕްގެ ބައެއް ފީޗާތަކާއި، އެފީޗާތަކުން ކޮށްދޭ ބައެއް ކަންކަމެވެ.

މިސާލަކަށް ދުވަހުން ދުވަހަށް ކިކް އޮފް ކުރަން ޖެހޭ އާދަތަކާއި، ދުވަހުގެ މޫޑާއި، ދުވަހުގެ ޚަރަދާއި، ކެއުން ލޮގިން ކުރުމަކީ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ މީހަކަށްވިޔަސް ޢާއްމުކޮށް ކުރިއަށް ގެންދަންޖެހޭނެ އެކްޓިވިޓީތަކެވެ. މި ހަރަކާތްތައް ހޯމް ސްކްރީންގައި ކެޓަގަރައިޒްކޮށް ފަސޭހައިން ފެންނަން ހުނައިރު، މިއިންކޮންމެ ކަމެއްވެސް ޓްރެކް ކޮށްލުމަށް އެންމެ ދެ ފިޔަވަޅަށް ވުރެ ގިނައިން އިތުރު އެއްވެސް ކަމެއް މިއެޕްގައި ކުރާކަށް ނުޖެހޭނެއެވެ.


ކަލަންޑަރު:

ކަލަންޑަރ ފީޗާގައި ދުވަހުން ދުވަހަށް ހިނގާ ކަންތައްތަކާއި، މަސައްކަތްތަކާއި، ހަނދާންކޮށްދިނުންތައް ލޮގްކޮށް ޓްރެކް ކުރުމަށް ފަސޭހަ ގޮތްތަކެއް މިއެޕްގައި ލިބިގެންދެއެވެ.މަހުގެ މަސައްކަތާއި ހާދިސާތައް ވަކި ތަރުތީބަކުން އަތުރާލުމުގެ ފުރުޞަތު ލިބިގެންދާއިރު، އެކަމުގެ ސަބަބުން މަސައްކަތްތަކަށް އިސްކަންދީ، ފުރިހަމަކޮށް، އެކަންކަން ފައިދާހުރި ގޮތެއްގައި ފޮލޯއަޕް ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

ނޯޓް ނެގުން:

ދިރިއުޅުމުގެ އެކި ދާއިރާތަކަށް ކޮންމެ ތަނަކުން ވެސް ވަދެވޭނެ ޑިޖިޓަލް ނޯޓްފޮތްތައް އުފެއްދެއްނޭއެވެ. އަދި ތިމާގެ ޚިޔާލާއި ވިސްނުންތަކާއި، ނޯޓްތަކަށް ޕީޑީއެފް އާއި ތަސްވީރުތައް އިތުރުކޮށް، ނޯޓްފޮތްތައް އެހެން މީހުންނާ ހިއްސާކުރަން ބޭނުންނަމަ އެކަންވެސް ކުރެވޭނެއެވެ. މި ކޮލަބަރޭޓިވް ނޯޓް ނެގުމުގެ ފަންކްޝަންގެ ސަބަބުން ނޯޓްތައް ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާއިރު، ގްރޫޕްތަކުގައި މަސައްކަތް ކުރުމަށް ޖާގަ ލިބިގެންދެއެވެ.

ކުރިންވެސް ބޭނުންކުރި ޢާއްމުކޮށްހުންނަ މިފަދަ ބުލެޓްޖާނަލް ތަކެކޭ އެއްގޮތަށް މި އެޕްގައިވެސް އަހަރީ އަދި މަހުން މަހަށް ޚާއްޞަ ކުރެވިފައިވާ ވަކި ބައިތަކެއް ހުރެއެވެ.

އަހަރީ ބައިތައް:

ވިޝަން ބޯޑު

ސައިކޮލޮޖިސްޓުން ވިދާޅުވާގޮތުންނަމަ ވިޝުއަލައިޒޭޝަން އަކީ ސިކުނޑީގެ އެންމެ ވަރުގަދަ އެއް ކަސްރަތެވެ. މި އެޕްގައި ހިމެނޭ ވިޝަންބޯޑު ފަންކްޝަނަކީ ޔޫޒަރ އުފައްދަން ބޭނުންވާ ހުރިހާ އެއްޗެއް ވިޝުއަލައިޒްކޮށް ދައްކާލުމަށްޓަކައި ހިމަނާފައިވާ ޚާއްޞަ ފީޗާއެކެވެ. މިފީޗާރަގައި ފަރުމާކޮށްފައިވަނީ ޔޫޒަރުންގެ ތަސައްވުރާއި ، ޚާއްޞަ ފޮޓޯތައް އިތުރުކުރުމުގެ ފުރުސަތު ލިބޭ ގޮތަށެވެ.


ލަނޑުދަނޑިތައް:

މި ވަކި ބައިގައި ޔޫޒަރަށް އެމީހުންގެ އަހަރީ ލަނޑުދަނޑިތައް ލިޔެ، އެކްޝަން ޕްލޭނެއް ކެޓަގަރީކޮށް ސްޓްރެޓެޖީ ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

ބަކެޓް ލިސްޓް:

މިއީވެސް ޚާޢްޞަ ފީޗާއެކެވެ. އަހަރު ނިމުމުގެ ކުރިން ކުރަން ބޭނުންވާ ކަންތައްތަކުގެ ޗެކްލިސްޓެއް މިބައިގައި ލިޔެލާށެވެ.

ފިއުޗަރ ލޮގް؛

މިބައިގައި ކުރިއަށް ރޭވިފައިހުރި މުހިންމު ކަންތައްތައް ނޯޓްކޮށް، ކުރިއަށް އޮތް މަސްތަކަށް ޚާއްޞަ މުހިންމު ތާރީޚުތަކާއި ލަނޑުދަނޑިތައް ވަކިން، ރީތި ވިޝުއަލްއެއްގައި ފާހަގަކޮށްލާށެވެ.


ޓްރެވަލް ލޮގް؛

ކޮންމެ ދަތުރަކަށް ވަކި ބޯޑެއް އުފައްދާށެވެ. ދަތުރުގެ ގެލެރީއެއް ހަދައި، ނޯޓްތައް އިތުރުކޮށް، ދަތުރުގެ ތެރެއިން އެންމެ ގަޔާވާ ހަނދާންތައް މިބައިގައި ލިޔެލާށެވެ.

މަސް ދުވަހުގެ ފީޗާސް:

މަހުގެ އޯވަރވިއު: ދުވަހުގެ ކަލަންޑަރަށް މެޕްކޮށްފައިވާ ހުރިހާ އިވެންޓްތަކާއި ޓާސްކްތައް މިތަނުން ފެނިގެންދާނީ މަހުގެ ހާދިސާތަކުގެ އޯވަރވިއުއެއް މަންތްލީ އޯވަރވިއުއިން ލިބިގެންދާ ގޮތުންނެވެ.

ހެބިޓް ޓްރެކަރ: މި ބައިގައި ތިބާގެ އާދަ ޓްރެކިންގގެ ޕްރޮގްރެސް ރިޕޯޓެއް ލިބިގެންދެއެވެ.

މޫޑް ޓްރެކަރ:މިއީ ވަރަށް ސަޅި ފީޗަރއެކެވެ. މިފީޗާގައި މުޅި މަސް ދުވަހު ތިމާގެ މޫޑު ބަޔާންކުރާ ޗާޓެއް ދައްކައެވެ.

ސްޕެންޑިންގ ޓްރެކަރ: މިއި ތިބާ ޚަރަދުކުރާ ފައިސާގެ މިންވަރު ދުވަހުން ދުވަހަށް ނުވަތަ މަހުންމަހަށް ދައްކައިދޭ ޚާއްޞަ ފީޗާރއެކެވެ. މި ބައިގައި ތިބާ ފައިސާ ހޭދަކޮށްފައިވާ ގޮތުގެ ފުރިހަމަ ތަފްސީލެއް ލިބިގެންދެއެވެ.

މީލް ޓްރެކަރ: ދުވާލަކު ކެއުމަށް ލޮގްކޮށްފައިވާ ހުރިހާ ކެއުމެއް މިތަނުން ފެނިގެންދާއިރު، މުޅި މަސް ދުވަހު ކެއި އެއްޗެއްގެ ފުރިހަމަ ތަސްވީރެއް ލިބިގެންދެއެވެ.

މަސްލަހަތުތައް:ވަކި ބައިތަކެއްގައި އެ މަހު ބަލާފައިވާ ސީރީޒްތަކާއި ފިލްމުތަކާއި، ދިމާވި މީހުންނާއި، ދިޔަ ތަންތަން ޓްރެކްކޮށް، ކިޔާފައިވާ ހުރިހާ ފޮތެއްގެ ލޮގެއް މިފީޗާއިން ބަލަހައްޓައިދޭނެއެވެ.

މަހުން މަހަށް ރިވިއުކުރުން:ނިމިގެން ދިޔަމަސް ހިނގައިދިޔަ ގޮތުގެ ޚުލާސާއެއް މިބައިގައި ލިޔެލާށެވެ. ކާމިޔާބީތަކާއި، ލިބިފައިވާ ފިލާވަޅުތަކާއި، ކުރިއަށް އޮތްތަނުގައި ރާވާފައިވާ ކަންކަން ލިޔެވޭނެ ވަކި ބައިތަކެއް ހުރެއެވެ. މިތަނުން ވެސް މަހުގެ އެންމެ ކަމުދާ ހަނދާން ތަމްސީލުކުރާ ފޮޓޯއެއް ހޮވޭނެއެވެ.

ޒާހީ ފާހަގަ ކުރިގޮތުގައި މިފަދަ މަސައްކަތަކުން ލިބޭ އެންމެބޮޑު އެއް ހިތްހަމަޖެހުމަކީ މި އެޕް ބަލައިގަންނަ މީހުން ގިނަވަމުން ދިޔުމާއި، ލިބޭ ޕޮޒިޓިވް ކޮމެންޓްތަކެވެ. އަދި ކުރިމަގުގައި ދެކެން ބޭނުންވަނީ ކޮންކަމެއްތޯ އަހާލުމުން ޒާހީ ބުނީ އޭނާގެ މިއެޕްލިކޭޝަން ރާއްޖެއާއި، ދުނިޔޭގެ ފެންވަރުގައި ފާހަގަވެ ގިނަބަޔަކު އެޕްޑައުންލޯޑްކޮށް ބޭނުންކުރާ މިންވަރު އިތުރުވެގެން ދިއުމެވެ.

މިއީ މިހާރުވެސް ސްޓޯރުތަކުން ލިބެން ހުރި މިފަދަ އެޕްތަކަށްވުރެ އެތައް ގޮތަކުން މާހިތްގައިމު އެޕަކަށް ވާއިރު، ކުރިމަގުގައި މިއެޕަށް އިތުރުކުރާނެ އަޕްޑޭޓްސްގެ ތެރޭގައި ގޫގުލް ކަލަންޑަރުފަދަ ކްލައުޑް އެޕްލިކޭޝަންތަކަށް ސިންކްވާނެ ގޮތް ހެދުމާއި، ކޮލަބަރޭޓް ކޮށް އެޕް ބޭނުން ކުރެވޭނެގޮތް ހެދުން ހިމެނެއެވެ. މިކަން ތަޖުރިބާ ކޮށްލުމަށް ތިރީގައިވާ ލިންކުން މިއެޕް ޑައުންލޯޑް ކޮށްލައްވާށެވެ.

އެންޑްރޮއިޑް

އެޕަލް

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.