ޑްރައިވަރަކާ ނުލައި ޓެކްސީ ކުރުމުގެ ޚިދުމަތް ޗައިނާގައި

އަޙްމަދު ދާއޫދު 10 ނޮވެމްބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޑްރައިވަރަކާ ނުލައި ޓެކްސީ ކުރުމުގެ ޚިދުމަތް، ކާރު އުފެއްދުމުގައި މަޝްހޫރު ކުންފުނި ނިސާން އިން ޗައިނާގައި ތަޢާރަފްކޮށްފިއެވެ.

ނިސާން އިން މިޚިދުމަތް ތަޢާރަފްކުރީ ޗައިނާގެ ޝަންހާއީގައި މިމަހުގެ 5 ން 10 ށް މިހާރު ކުރިއަށް ގެންދާ ފަސް ވަނަ ޗައިނާ އިންޓަނޭޝަނަލް އިމްޕޯޓް އެކްސްޕޯ (ސީއައިއައިއީ) ގައެވެ.

ނިސާން (ޗައިނާ) އިންވެސްޓްމަންޓް ކޮމްޕެނީ ލިމިޓެޑުން މިދިޔަ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު "ނިސާން ޓްރެވަލް ސަރވިސަސް ކޮމްޕެނީ ލިމިޓެޑް" ގެ ނަމުގައި އިޢުލާންކުރި މި ހިދުމަތަކީ ޗައިނާގެ މޮބިލިޓީ ގެ ހިދުމަތަށް ހާއްސަ ސަމާލުކަމެއް ދޭ ހިދުމަތެކެވެ. އަދި މިއީ ޗައިނާގައި ނިސާންގެ ވިޔަފާރި ފުޅާކޮށް ކުރިއެރުވުމުގެ މަސައްކަތުގެ ތެރެއިން އަލަށްފެށި ޚިދުމަތެކެވެ.

ނިސާން އިން ބުނި ގޮތުގައި އެ ކުންފުނީގެ ޓްރެވަލް ސާވިސަސް ކޮމްޕެނީ ލިމިޓެޑްގެ ހެޑްކުއާޓަރު ހުންނަނީ ޝަންހާއީގެ ހުޅަނގުގެ ހިސާބުގެ އަވަށެއްކަމުގައިވާ ސޫޒޫގަ ކަމަށާއި، މިހެޑްކްއާރުން މޮބައިލް ޓްރެވަލްގެ ހިދުމަތާއި އޮޓޯ ޓެކްސީ ޚިދުމަތް ޝަންހާއީގައި ހިންގުމުގެ ވައުދު އެ ކުންފުނީގައި އެބައޮތް ކަމަށެވެ. މިޚިދުމަތް ނިސާން އިން ޗައިނާގައި ފެށިއިރު، މިއީ ޑްރައިވަރަކާއި ނުލައި ޗައިނާގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ ފުރަތަމަ ކުންފުނި ނޫންކަން ފާހަގަކޮށްލަންޖެހެއެވެ.

ނިސާންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2021 ވަނަ އަހަރު އެކަނިވެސް އެ ކުންފުނިން ޗައިނާގައި 1.38 މިލިއަނަށް ވުރެ ގިނަ ވެހިކަލް ވަނީ ވިއްކާފައެވެ. އޭގެ ތެރޭގައި އިމްޕޯޓް ކާރާއި ޕެސެންޖަރ ކާރުގެ އިތުރުން ލުއި ކޮމާޝަލް ވެހިކަލްތައް ހިމެނެއެވެ.

އޮޓޯ ޑްރައިވިން ކުންފުންޏެއް ކަމަށްވާ ވީރައިޑްގެ ތަފާސް ހިސާބުތަކަށް ބަލާއިރު ސުޒޫ ޕްރޮޖެކްޓަށް އޮޓޯ ޑްރައިވިން ސަޕޯޓް ދޭނީ ވީރައިޑުންނެވެ. 2017 ވަނަ އަހަރު އުފެދުނު އެ ކުންފުންޏަކީ އެލް4 ލެވެލްގެ އޮޓޯ ޑްރައިވިން ޓެކްނޮލޮޖީ ކުންފުންޏެކެވެ. އެއީ އޮޓޯ ކާރު ޓެކްނޮލޮޖީ ތަރައްގީ ކުރުމަށް ހާއްސަ ކޮށްފައިވާ ބައެކެވެ. އެ ޖަމިއްޔާއިން ވަނީ ދުނިޔޭގެ 25 ސިޓީއެއްގައި އޮޓޮނޮމަސް ޑްރައިވިން އާރް އެންޑް ޑީ އާއި ޓެސްޓު ކުރުމާއި އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފަ އެވެ.

ޗައިނާގައި ނިސާންއިން މިޚިދުމަތް ތަޢާރަފް ކޮށްފައިވާއިރު، ޗައިނާގެ ކަމާބެހޭ އިދާރާތަކުން ވަނީ ޑްރައިވަރަކުނެތި އަމިއްލައަށް ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ޝަރުތުތަކާ ބެހޭ ޤަވާޢިދެއް އެކަށައެޅުމުގެ މަސައްކަތްތަކެއްވެސް ފަށާފައެވެ. އެގޮތުން ޗައިނާގައި ޑްރައިވަރަކާ ނުލައި ދަތުރުފަތުރުގެ ހިދުމަތުގެ މިންގަނޑެއް ކަނޑައެޅުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. ވަކިން ހާއްސަކޮށް މި މަސައްކަތްތަކަކީ އޮޓޯ ވެހިކަލް ނުވަތަ ސެލްފް ޑްރައިވިން ވެހިކަލްތަކަށް ކުރާ މަސައްކަތްތަކެކެވެ.

ޗައިނާގެ މިނިސްޓްރީ އޮފް އިންޑަސްޓްރީ އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީއާއި، މިނިސްޓްރީ އޮފް ޕަބްލިކް ސެކިއުރިޓީއާ ގުޅިގެން މަސައްކަތް ކުރާއިރު މިދެމުއައްސަސާ ގުޅިގެން މިހާރު އޮތީ ސެލްފް ޑްރައިވިން ވެހިކަލް ޓެސްޓު ހެދުމުގެ ޑްރާފްޓެއްވެސް އެކުލަވާލައިފައެވެ.

އެ ޑްރާފްޓްލިޔެ މިހާރުވަނީ ޢާއްމުންނަށް ޚިޔާލު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލައިފައެވެ. ޗައިނާ ސަރުކާޜުން އެދެނީ އާންމުންގެ ފަރާތުން ބިނާކުރަނިވި ޚިޔާލު ވީހާވެސް ގިނައިން ދިނުމަށެވެ. އެނގިފައިވާ ގޮތުގައި މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ޑްރާފްޓެއް އެކުލަވާލި ފުރަތަމަ ފަހަރެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.