ވީޕީއެން އެޕްއެއް މެދުވެރިކޮށް ސްޕައިވެއާ ފަތުރަަން އުޅެފި

އިސްމާއިލް އަލީ 13 ނޮވެމްބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެޑްވެއާ އާއި އެހެނިހެން ނުރައްކާތެރި އެޕްލިކޭޝަންތަކަކީ މޮބައިލް ޑިވައިސްތައް ބޭނުންކުރާ މީހުންނަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލެވެ. ނަމަވެސް މީގެ މާނައަކީ ސައިބާއެޓޭކްތަށް ދޭ ފަރާތްތަށް މިއަށްވުރެ މޮޅު އަދި ނުރައްކާތެރި ގޮތްތަށް އީޖާދު ނުކުރާ ވާހަކައެއް ނޫނެވެ. އެގޮތުން މިފަހުން މިފަދަ ގްރޫޕަކުން ވަނީ އެންޑްރޮއިޑް ޑިވައިސްތަކަށް ސްޕައިވެއާ ފަތުރަން ސޭންޑްސްޓްރައިކް ނަމަކަށް ކިޔާ ވީޕީއެން އެޕްލިކޭޝަނެއްގައި ފޮރުވިފައިވާ ސްޕައިވެއާއެއް ބޭނުންކޮށްގެން މަސައްކަތްކޮށްފައިއެވެ.

އެގޮތުން މި މަލްވެއާ ފަރުމާކޮށްފައި ވަނީ މީގެ އަސަރުކޮށްފައިވާ ޑިވައިސްތަކުން ކޯލް ލޮގްތަކާއި ކޮންޓެކްޓް ލިސްޓުތަކާއި އެހެނިހެން ސެންސިޓިވް ޑޭޓާ ތައް ހޯދުމަށާއި ވަގަށް ނެގުމަށެވެ. މީގެ އިތުރުން މިމަލްވެއާ މެދުވެރިކޮށް ވަކިވަކި ފަރާތްތަކަށް ޓާގެޓްކޮށް އެފަރާތްތަށް ޓްރެކްކޮށް މޮނިޓާ ކުރެވޭނެ ކަމަށްވެސް ކެސްޕާސްކީއިން ނެރުނު ރިޕޯޓެއްގައި ވަނީ ހާމަކޮށްފައިއެވެ. ކެސްޕާސްކީއިން ހާމަކޮށްފައިވާ ގޮތުގައި އީރާނުގެ މައިނޯރިޓީ ގްރޫޕެއްކަމަށްވާ ބަހާއީންގެ ފޯނުތަކަށް ސޭންޑްސްޓްރައިކް ޑިޕްލޯއި ކުރުމަށް ބަޔަކު މަސައްކަތްކޮށްފައިވާކަން އެކުންފުންޏަށް ވަނީ ދެނެގަނެވިފައިއެވެ.

މި އެޕްލިކޭޝަން ފޯނުތަކަށް ޑައުންލޯޑްކުރުމަށް ހިތްވަރު ދިނުމުގެ މިއެޕްލިކޭޝަން އުފެއްދި ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ސޯޝަލް މީޑިއާގެ ބޭނުން ހިފާފައިއެވެ. އެގޮތުން 1000 އަށްވުރެ ގިނަ ފޮލޮވާޒް ތިބިކަމަށް ބުނާ ފޭސްބުކް އަދި އިންސްޓަގްރާމް އެކައުންޓްތަކުން ވަނީ މިއެޕްލިކޭޝަން އިޝްތިހާރުކޮށްފައިއެވެ. ކެސްޕާސްކީއިން ހާމަކޮށްފައިވާ ގޮތުގައި މި އެކައުންޓްތަށް ވަނީ ވަކި ދީނީ ގްރޫޕެއްގެ މީހުން ހިތް ލަންބުވާލުމަށްޓަކައި އެމީހުންނާ ގުޅޭ ތީމްތަކާއި ގްރެފިކްސްތަކުން ފުރާލާފައިއެވެ. މީގެ އިތުރުން މަނާކޮށްފައިވާ ދީނީ އެކިއެކި ތަކެތި ލިބޭ ވެބްސައިޓްތަކަށް ވަނުމަށް ހިލޭ ވީޕީއެންއެއް ފޯރުކޮށްދޭ ޓެލެގްރާމް ޗެނަލްއެއްގެ ލިންކްވެސް މި އެކައުންޓްތަކުން ވަނީ ޕޯސްޓްތަކުގައި ހިމަނާފައިއެވެ.

ކެސްޕާސްކީއިން ހާމަކޮށްފައިވާ ގޮތުގައި މިމަލްވެއާގެ ފަހަތުގައި ތިބި ފަރާތްތަކުން ވަނީ ސޭންޑްސްޓްރައިކް އެޕް ފުރިހަމައަށް މަސައްކަތްކުރާކަން ކަށަވަރުކުރުމަށްޓަކައި އެމީހުންގެ އަމިއްލަ ވީޕީއެން އިންފްރާސްޓްރަކްޗާއެއް ވެސް ގާއިމްކޮށްފައިއެވެ. ނަމަވެސް މި އެޕްލިކޭޝަން ޑައުންލޯޑްކޮށް ބޭނުންކުރާއިރު މިމަލްވެއާގެ އަސަރުކޮށްފައިވާ ޑިވައިސްގެ ވެރިފަރާތާ ގުޅިފައިވާ ސެންސިޓިވް ޑޭޓާތައް ހިމޭންކަމާއެކު އެއްކޮށް ބޭރުކުރެއެވެ.

ސޭންޑްސްޓްރައިކް އަކީ މޯބައިލް ސްޕައިވެއާ މެދުވެރިކޮށް ފަރުދުންގެ ޒާތީ މައުލޫމާތު ވަގަށް ނެގުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރުވި ބޮޅެކެވެ. މީގެއިތުރުން މިފަހުން މަޝްހޫރުވި އެންއެސްއޯ ގްރޫޕްގެ ޕެގަސަސް ސްޕައިވެއާ އަދި ހާމިޓް ފަދަ ސްޕައިވެއާ މެދުވެރިކޮށް ފަރުދުންގެ ޒާތީ މައުލޫމާތު ވަގަށް ނެގުންވަނީ ފުޅާވެފައިއެވެ. މީގެ އިތުރުން މިއަހަރު ޕްރޫފްޕޮއިންޓުން ކުރިއަށް ގެންދިޔަ ދިރާސާތަކުން ދައްކާ ގޮތުގައި މަލްވެއާ މެދުވެރިކޮށް ޔޫރަޕުގައި ކުށްތަކަށް އަރައިގަތުމަށް މަސައްކަތްކުރި އިންސަތަ ވަނީ 500 އިންސައްތަ މަތިވެފައިއެވެ. މިއީ 2021 ގައި މިފަދަ އަމަލުތަށް މަދުވުމަށްފަހު ކުއްލިއަކަށް ފެނިގެން ގޮސްފައިވާ އިތުރުވުމެކެވެ.

މީގެ އިތުރުން ދިރާސާތަކުން ދައްކާގޮތުގައި މިހާރު ފެންނަންހުރި ގިނަ މަލްވެއާތަކަކީ ޑިވައިސްތަކުގައި ރައްކާކުރެވިފައިވާ ފަރުދުންގެ ޒާތީމައުލޫމާތުގެ އިތުރަށް ފޯންކޯލް ރިކޯޑްކުރުމާއި، އަޑާއި ވީޑިއޯ ރިކޯޑްކުރުމާއި، ލޮކޭޝަން ޓްރެކްކުރުމާއި ޑިވައިސްގައި ހުންނަ މައުލޫމާތު ފޮހެލުމުގެ ގާބިލްކަންވެސް ލިބިފައިވާ އުފެއްދުންތަކެކެވެ. މިފަދަ މަލްވެއާތަށް ފެތުރުމަށް އާންމުކޮށް ބޭނުންކުރަނީ ގޫގަލް އަދި އެޕަލްގެ ރަސްމީ އެޕްސްޓޯތަކެވެ. ނަމަވެސް މިހާރު އެސްއެމްއެސް މެދުވެރިކޮށް ހިންގާ ފިޝިން ކެމްޕޭންތަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ހަރަކާތްތަށް މެދުވެރިކޮށް މަލްވެއާ ފެތުރުން ދަނީ އާންމުވަމުންނެވެ.

ޕްރޫފްޕޮއިންޓްގެ ދިރާސާތަކުން ދައްކާގޮތުގައި އާންމުކޮށް އެންމެ ގިނައިން މަލްވެއާގެ ނުރައްކާ އެންމެ ބޮޑީ އެންޑްރޮއިޑް ޑިވައިސްތަކަށެވެ. މީގެ މައިގަނޑު ސަބަބަކީ އައިއޯއެސްގައި އެޑިވައިސްތަށް ބޭނުންކުރާ ފަރާތްތަކުން ބޭނުންވާ އެޕްލިކޭޝަން އިންސްޓޯލްނުކުރެވޭތީއެވެ. މީގެ އިތުރުން ދިރާސާތަކުން ދައްކާގޮތުގައި މަލްވެއާގެ ނުރައްކާއޮތީ ވަކި ސަރަހައްދަކަށެއްނޫނެވެ. އެގޮތުން މިތަކެތީގެ ފަހަތުގައިވާ ފަރާތްތަކުން ވަނީ އެކި ބަސްބަހުން އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން މަލްވެއާ މެދުވެރިކޮށް އެކި ކެމްޕޭންތަށް ހިންގާފައިއެވެ.

ކެސްޕާސްކީއިން ހާމަކޮށްފައިވާ ގޮތުގައި 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި މޯބައިލް ޑިވައިސްތަކަށް އަމާޒުކޮށް ދިން 5.5 މިލިއަން މެލްވެއާ، އެޑްވެއާ އަދި ރިސްކްވެއާ ހަމަލާތައް އެކުންފުނިން ވަނީ ހުއްޓުވާފައިއެވެ. މީގެ ތެރެއިން 25 އިންސައްތަ އަށްވުރެ ގިނަ ހަމަލާތަކަކީ އެޑްވެއާ މެދުވެރިކޮށް ދީފައިވާ ހަމަލާތަކަށް ވުމުން މިހާރު މޯބައިލް ޑިވައިސްތަކަށް އޮތް އެންމެ ބޮޑު ނުރައްކަލެވެ. މީގެ އިތުރުން ފާހަގަކޮށްލެވޭ އެހެން ނުރައްކާތަކުގެ ތެރޭގައި މޮބައިލް ބޭންކިން ޓްރޯޖަން، މޮބައިލް ރެންސަމްވެއާ ޓޫލްސް، ސްޕައިވެއާ ލިންކް ސޭންޑްސްޓްރައިކް އަދި މެލްވެއާ ޑައުންލޯޑާޒް ހިމެނެއެވެ. ކެސްޕާސްކީއިން ހާމަކުރާގޮތުގައި މިފަދަ މަލްވެއާ ބޭނުންކުރާ ފަރާތްތަކުންވަނީ އެއްފަހަރާ އެކިގައުމުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ހަމަލާތަށް ދީފައިއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.