ޓެކް ދާއިރާގެ އެންމެ މަތީ ފަންތީގެ ފަންނީ މީހުން ވަޒީފާއަށް ނެގުމަށާއި ވަޒީފާގައި ދެމިތިއްބުމަށް ކުންފުނިތަކުން ވިސްނަންވީ ހަމައެކަނި މުސާރަ ބޮޑުކުރުމަކަށް ނޫނެވެ.
ޓެކް ކުންފުނިތައް ހިންގުމަށާއި ކުރިއެރުވުމަށްޓަކައި ރަނގަޅު ފަންނީ މުވައްޒަފުން ވަރަށް ބޮޑަށް ބޭނުންވެއެވެ. މިހާރަކަށް އައިސް، މަސައްކަތަށް އެންމެ އެކަށީގެންވާ މުވައްޒަފުން ހޯދުމާއި، ވަޒީފާއަށް ވެއްދުމާއި، އަދި ހާއްސަކޮށް އެފަދަ މީހުން ކުންފުނީގެ ވަޒީފާގައި ބޭތިއްބުމަށް ދިމާވާ ދަތިކަމަކީ ކުންފުނިތަކަށް ދިމާވާ ބޮޑު ގޮންޖެހުމެކެވެ. ވަޒީފާދޭ ގިނަ ފަރާތްތަކަށް ހީވެފައި އޮންނަނީ މުވައްޒަފުން އެދެނީ ހަމައެކަނި ބޮޑު މުސާރަކަމަށެވެ. އެހެން ނަމަވެސް މިހާރު މިކަން ވަނީ ބަދަލުވެފައެވެ.
ރަނގަޅު މުވައްޒަފުން ހޯދުމާއި، ވަޒީފާގައި ދެމިތިބުމަށް މުސާރައިގެ އިތުރުން އެހެން ކަންތައްތަކަކަށްވެސް ވިސްނަން އެބަޖެހެއެވެ. އެފަދަ މުވައްޒަފުން މުސާރައިގެ އިތުރުން އިސްކަންދޭ އެހެން ކަންތައްތަކާއި މެދުވެސް ވިސްނަން އެބަޖެހެއެވެ.
ރަނގަޅު މުވައްޒަފުން ވަޒީފާއެއްގައި ތިބެން ނުވަތަ ކުރިއަށް ދާން އިޚްތިޔާރު ކުރަނީ ކޮން ސަބަބުތަކަކާއި ގުޅިގެންތޯ ބެލުމަށްޓަކައި ޓެކްނޮލޮޖީއާއި ގުޅޭ އެކި ކަންތައްތަކަށް ދިރާސާ ކުރާ ބެއިން އެންޑް ކޮންޕެނީއިން ވަނީ ބައިނަލްއަގްވާމީ ފެންވަރުގެ ޓެކްނޮލޮޖީ ކުންފުނިތަކުގެ ތެރެއިން 230 ކުންފުންޏާއި 500 ޓެކް މުވައްޒަފުންގެ ހިމަނައިގެން ދިރާސާއެއް ކޮށްފައެވެ.
މިދިރާސާއިން މައިގަނޑު 3 ކަމެއް ފާހަގަ ކުރެވިގެން ދިޔައެވެ.
ފުރަތަމަ ކަމަކަށް، ރަނގަޅު މުވައްޒަފުން ހޯދުމާއި އޭގެ އިތުރުން ވަޒީފާގައި ތިބި މުވައްޒަފުން އެހެން ދިމަދިމާލުން ވަޒީފާހޯދާ ވަޒީފާ ބަދަލުކުރުމަކީ ދިރާސާގައި ބައިވެރިވި ގިނަ ކުންފުނިތަކަށް ދިމާވާ ހަގީގީ މައްސަލައެކެވެ. ދިރާސާގެ ބައިވެރިވި %87 ކުންފުނިތަކަށް މިމައްސަލަ ކުރިމަތިވެއެވެ.
ދެވަނަ ކަމަކަށް، ވަޒީފާއެއްގައި ދެމިތިބުމަށް މުވައްޒަފުން ލިބޭ މުސާރައަށް ވުރެ އިތުރު އެތަށް ކަމަކަށް ވިސްނައެވެ.
އަދި ތިންވަނަ ކަމަކަށް ފާހަގަކުރެވުނީ މީހަކު ވަޒީފާއަށް ވަނުމަށް ވިސްނާ ސަބަބުތަކާއި ވަޒީފައިގައި ދިގުމުއްދަތަށް ދެމިހުރުމަށް ވިސްނާ ސަބަބުތަކުގެ މެދުގައި ވަރަށް ފަރަގުބޮޑުކަމެވެ.
އަބަދު އަބަދު އައު މުވައްޒަފުން ނެގުމަށް ވުރެ މިހާރު ވަޒީފާގައި ތިބި ރަނގަޅު މުވައްޒަފުން ވަޒީފާގައި ދެމިތިބެއްޖެނަމަ ކުންފުންޏަށް ބޮޑަށް ފައިދާވާނެކަމަށް ގިނަބަޔަކަށް އެއްބަސްވެވެއެވެ. ވަޒީފާދޭ ގިނަ ފަރާތްތަކުން ވިސްނާ ގޮތުގައި ރަނގަޅު މުވައްޒަފުން ވަޒީފާ ދޫކޮށްދަނީ މުސާރައިން ނުފުދިގެންނެވެ. މުވައްޒަފުންގެ ނަޒަރުން ވިސްނާލައިފިނަމަ ވަޒީފާއެއްގައި ހުރުމަށް ނުވަތަ ކެނޑިގެން ދިޔުމަށް މުސާރަކީ މުހިއްމު ފެކްޓަރއަކަށް ވިނަމަވެސް، އާންމުގޮތެއްގައި އެމީހުން އައު ވަޒީފާ ހޯދަން ފަށަނީ މުސާރަ ކުޑަވެގެންނެއް ނޫނެވެ. ދިރާސާގެ ގިނަ ބައިވެރިންގެ ޖަވާބުތަކުން ދައްކާގޮތުގައި އެކި އެކި ސަބަބުތަކާއި ގުޅިގެން، ކުރާ މަސައްކަތާމެދު ހިތްހަމަ ނުޖެހިގެން އައު ވަޒީފާއެއް ހޯދުމަށް އިހްތިޔާރު ކުރެއެވެ. އަދި އައު ވަޒީފާއެއް ހޯދާއިރު މިހާރު ލިބޭ މުސާރައަށް ވުރެ މުސާރަ ބޮޑު އައު ފުރުސަތެއް ލިބިއްޖެނަމަ ވަޒީފާ ބަދަލުކުރުމަށް އިތުރު ބާރަކަށްވެއެވެ. އެހެންނަމަވެސް މިހާރަށް ވުރެ ރަނގަޅު ފުރުސަތެއް ހޯދުމަށް މުވައްޒަފުންނަށް ފަށާ ސަބަބުތަކަކީ ކޮބާ ހެއްޔެވެ؟
ދިރާސާގެ ނަތީޖާ ދައްކާގޮތުގައި، ޓެކް މުވައްޒަފުން މަސައްކަތްކުރާ ކުންފުނި ދޫކޮށް އެހެން ދިމަދިމާލުން ވަޒީފާ ހޯދުމަށް އިހްތިޔާރުކޮށް ފަށާ މައިގަނޑު އެއް ސަބަބަކީ އެކުންފުންޏެއްގައި އުނގެނުމަށާއި ކުރިއެރުމަށް ފުރުސަތު ނެތުމެވެ. މިހާރު ހުރި ވަޒީފާގައި ހުރެއްޖެނަމަ ކުރިއެރުމެއް ލިބޭނެ މަގެއް ފެންނަން ނެތުމެވެ. އަދި އައު ކަމެއް ދަސްކުރުމުގެ ފުރުސަތުވެސް ނެތުމެވެ. އެއްކަމެއްކޮށްކޮށް ބަދަލެއްނެތި، އެވަޒީފާގައި ހުރެއްޖެނަމަ މުސްތަގްބަލުވެސް އެފަދަ ފޫހިގޮތަކަށް ފެންނަން ފެށުމުން، ވަޒީފާ ހޯދާ ވެބްސައިޓްތައް ހާވަން ފަށާކަމަށް ގިނަ ބައިވެރިންބުނެއެވެ.
ދެވަނައަށް އެންމެ އާންމު ސަބަބަކީ ވަޒީފާގައި ފްލެކްސިބިލިޓީ ނެތުމެވެ. ނުވަތަ މަސައްކަތް ކުރަންޖެހޭ ގޮތްތައް ހަރުކަށިވެފައި ބަދަލެއް ބަލައިނުގަތުމެވެ. ދިރާސާގެ ބައިވެރިންގެ ތެރެއިން %66 މީހުން ބުނާގޮތުގައި ހައިބްރިޑް މޯޑަށް، މާނައަކީ ރިމޯޓްކޮށް މަސައްކަތްކުރުމާއި އަދި އިން-އޮފީސް ނުވަތަ އޮފީހަކަށް ހާޒިރުވެ މަސައްކަތްކުރުމުގެ ފުރުސަތު އެއްވަރަކަށް ލިބޭ ވަޒީފާއެއްގައި ދެމިތިބުމުގެ ފުރުސަތު ބޮޑެވެ. އަދި %46 މީހުން ބުނިގޮތުގައި މިހާރު ލިބޭ ރިމޯޓްކޮށް މަސައްކަތް ކުރުމުގެ އޮޕްޝަން ގެއްލިއްޖެނަމަ އެހެން ވަޒީފާއެއް ހޯދުމުގެ ފުރުސަތު ބޮޑެވެ. އަދި %30 މީހުން ބުނާގޮތުގައި މަދުވެގެން ހަފްތާއަކު 4 ދުވަހު ރިމޯޓްކޮށް މަސައްކަތްކުރަން ފުރުސަތު ލިބޭ ނަމަ ވަޒީފާއެއްގައި ދެމިތިބުމުގެ ފުރުސަތު ބޮޑެވެ.
ފްލެކްސިބިލިޓީއޭ ބުނުމުގެ މާނައަކީ ހަމައެކަނި މަސައްކަތްކުރާ ތަން އެކަންޏެއް ނޫނެވެ. މަސައްކަތް ކުރާ ވަގުތާއި، އެކީގައި މަސައްކަތްކުރާ ޓީމާއި މަސައްކަތް ކުރާ ޕްރޮޖެކްޓްތައް ހިޔާރުކުރުމުގައި ޕްލެކްސިބިލިޓީ ލިބުންވެސް ބައެއް ފަރާތްތަކުން އެދެއެވެ. މިދެންނެވުނު ކަންތައްތަކަށް ފުރުސަތު ލިބޭ ވަޒީފާތަކުގައި މުވައްޒަފުން ދެމިތިބުމުގެ ފުރުސަތު ބޮޑެވެ. އައު ވަޒީފާ ހޯދުމުގައި އަދި އަލަށް ވަޒީފާއަށް ވަންނަ އިރުވެސް މުވައްޒަފުން ޕްލެކްސިބިލިޓީގެ މިފެކްޓަރތަކަށް ބަލާކަމަށް ދިރާސާގެ %40 ބައިވެރިން ބުނެއެވެ.
މުވައްޒަފުން ކުރާ މަސައްކަތްތައް ބަލައިނުގަތުމާއި، އެކަށީގެންވާ މިންވަރަށް މަސައްކަތުގެ އަގުވަޒަން ނުކުރުމަކީ އެހެން ދިމަދިމާލުން އައު ވަޒީފާ ހޯދުމަށް މުވައްޒަފުން ދީލާލާ ތިންވަނަ ސަބަބު ކަމުގައި ދިރާސާއިން ދައްކައެވެ. މިއީ ވަޒީފާދޭ ގިނަ ފަރާތްތަކުން މިހާރު ރަނގަޅު ކުރަމުން އަންނަ އޭރިޔާއެއްކަމަށް ވެސް މިދިރާސާގެ ވަޒީފާދޭ ފަރާތްތަކާއި ކުރެވުނު ސުވާލުތަކުގެ ނަތީޖާއިން ދައްކައެވެ.
މުވައްޒަފުންގެ ޕަރފޯމަންސްއަކީ މުވައްޒަފުންގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ކަމަކަށްވާތީ، ވަޒީފާދޭ ގިނަ ފަރާތްތަކުން މިހާރު މުވައްޒަފުންގެ ޕަރފޯމަންސް ރަނގަޅުކުރުވުމަށް އެތަށް އިންސެންޓިވްތަކެއް ދެއެވެ. ދިރާސާގައި ބައިވެރިވި ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން %70 ބުނަނީ، މުވައްޒަފުންގެ ފަރފޯމަންސަށް ބަލާ މުސާރައިގެ ކުރިއެރުން ދޭކަމަށެވެ. އަދި %47 ބުނި ގޮތުގައި މުވައްޒަފުންނަށް ޕަރފޯމަންސާއި ގުޅުވައިގެން ބޯނަސް ފައިސާ ދޭކަމަށެވެ. އަދި %33 އިން ބުނަނީ ހެލްތްކެއަރ ބެނެފިޓްސް ކަހަލަ އިތުރު އިންސެންޓިވް ހިމަނާކަމަށެވެ. އަދި %25 ބުނަނީ މުވައްޒަފުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް، މުވައްޒަފުންނަށް އެކި ބާވަތުގެ ޗުއްޓީވެސް ހަމަޖައްސައިދޭކަމަށެވެ.
ހުލާސާކޮށް ބުނާނަމަ، ވަޒީފާއެއްގައި ދެމިތިބުމަށް މުވައްޒަފުން ބޭނުންވަނީ ސަޕޯޓިވް މަސައްކަތު މާހައުލެކެވެ. އޭގެ ތެރޭގައި ހިމެނެނީ ވަޒީފާ ކުރިއެރުމުގެ ފުރުސަތު ލިބުމާއި، ފްލެކްސިބިލިޓީއާއި ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ބަލައިގަތުމެވެ. އެހެންނަމަވެސް އޭގެ އިތުރު އެހެން ކަންތައްތަކެއް ވެސް އެބަހުރިއެވެ.
ދިރާސާގައި އިތުރަށް ފާހަގަވި ބައެއް ކަންތައްތަކަކީ ޑައިވަރސިޓީ - ވަޒީފާގެ މާހައުލުގައި ގިނަ ބާވަތުގެ މީހުން ހިމެނުމާއި، އިންކްލޫސިވިޓީ - ވަޒީފާގެ މާހައުުލުގައި އެންމެނަށް އެއްވަރަށް ބައިވެރިވުމުގެ ފުރުސަތު ލިބުން ވެސް އެއީ މުވައްޒަފުން ވަޒީފާ ދެމިތިބުމަށް ބަލާ ކަންތަކުގެ ތެރޭގައި ހިމެނޭ ކަންތަކެވެ.
ވަޒީފާގެ ފުރުސަތު ހުޅުވާލާ ކުންފުނިތަކަށް ފާހަގަކުރެވުނު ގޮތުގައި މުވައްޒަފުން ހޯދުމަށް ހުޅުވާލާއިރު ވަކި ބާވަތެއްގެ މީހުން މިސާލަކަށް؛ ފިރިހެނުންނަށް، ނުވަތަ ވަކި ނަސްލެއް، ނުވަތަ ވަކި އުމުރެއްގެ މީހުންނަށް ހުޅުވާލުމުގެ ބަދަލުގައި ގިނަ ބާވަތުގެ މީހުންނަށް ކުރިމަތިލެވޭގޮތަށް ހުޅުވާލައިފިނަމަ، ރަނގަޅު މުވައްޒަފުން ލިބުމުގެ ފުރުސަތު އިތުރުވެއެވެ. އަދި އެކުންފުންޏެއްގައި ހުރިހާ ބާވަތެއްގެ މީހުންނަށް ވެސް ފުރުސަތު އޮންނަކަން ދައްކާދީފިނަމަ، އެކަންވަނީ ރަނގަޅު މުވައްޒަފުން ލިބުމަށް ލިބޭ އިތުރު ބާރަކަށެވެ.
އެއާއި ހިލާފަށް އިންކްލޫސިވިޓީ (ނުވަތަ އެންމެނަށް އެއްވަރަކަށް ފުރުސަތު ލިބުން) ބޮޑަށް މުހިއްމުވަނީ މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށެވެ. އިންކްލޫސިވިޓީގެ އިތުރުން ޓީމުގެ މެންބަރުންގެ މެދުގައި އޮންނަ ގުޅުމާއި، ފަސޭހައިން އެކަކު އަނެކަކަށް ގުޅާލެވުން ފަދަ ކަންތައްތަކަކީވެސް މުވައްޒަފުން ވަޒީފާގައި ދެމިތިބުމަށް ބަލާ ކަންތައްތަކެކެވެ.
އެންމެ ފަހު ކަމަކަށް ފާހަގަ ކުރެވެނީ މަސައްކަތް ކުރާ ގޮތެވެ. މަސައްކަތް ކުރުމުގައި ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރާ ކުންފުނިތަކަށް މުވައްޒަފުންގެ ޝައުގުވެރިކަން ބޮޑުކަމަށް ދިރާސާއިން ދައްކައެވެ. ދިރާސާގެ ބައިވެރިންގެ ތެރެއިން %80 މީހުން ބުނާގޮތުގައި މަސައްކަތް ކުރުމަށް ޒަމާނީ ޓެކްނޮލޮޖީއާއި، ޒަމާނީ ގޮތްތައް ބޭނުންކުރުން ވަރަށް މުހިއްމެވެ. މިސާލަކަށް މަސައްކަތް ކުރުމަށް ފަހުގެ އެޖައިލް މެތޮޑޮލޮޖީ ބޭނުންކުރާ ކުންފުނިތަކަށް (އެހެން ކުންފުނިތަކާ އަޅާބަލާއިރު) ރަނގަޅު މުވައްޒަފުން ލިބުމުގެ ފުރުސަތު %30 މަތިވެއެވެ. އަދި މަސައްކަތްތައް ޕްރޮޖެކްޓްތަކަށް ބިނާކުރުމަށް ވުރެ ޕްރޮޑަކްޓެއް އުފެއްދުމުގެ މައްޗަށް ބިނާކުރާ ކުންފުނިތަކަށް ރަނގަޅު މުވައްޒަފުން ލިބުމުގެ ފުރުސަތު %16 އިތުރުވެއެވެ.
ޓެކްނޮލޮޖީ ދާއިރާ ފަދަ އަވަސް އަވަހަށް ބަދަލުވާ ދާއިރާއެއްގައި ހަރަކާތްތެރިވާ ކުންފުނިތަކަށް މުވައްޒަފުން ހޯދުމުގައާއި ރަނގަޅު މުވައްޒަފުން ދެމިތިބޭނޭގޮތް ހެދުމަށް އެޅޭނީ ކޮން ފިޔަވަޅުތަކެއް ހެއްޔެވެ؟
ފުރަތަމަ ފިޔަވަޅަކީ، ކުންފުނިތަކުން ކަސްޓަމަރުންނަށް ދޭ ހިދުމަތްތަކާއި ލިބޭ ފައިދާއާއި ދެމެދު ވިސްނާ ފަދައިން، އަލަށް ވަޒީފާއަށް ނަގާ މުވައްޒަފުންނާއި މިހާރު ތިބި މުވައްޒަފުންނަށް ދޭނެ ހިދުމަތްތަކާއި އެމީހުންގެ ފަރާތުން ލިބޭނެ ފައިދާތަކަށް ވިސްނާ އެކަންތައްތައް ދެނެގަތުމެވެ. އޭގެތެރޭގައި ރަނގަޅު މުސާރައެއް ދިނުމަށް ވިސްނުމުގެ އިތުރުން، ފްލެކްސިބިލިޓީއާއި، ކުރިއެރުމުގެ ފުރުސަތުތަކާއި، އިންކްލޫސިވް ކަމާއި، ޒަމާނީ މަސައްކަތުގެ މާހައުލެއް ގާއިމްކޮށްދިނުން ހިމެނެއެވެ.
ދެވަނަ ކަމަކަށް މުވައްޒަފުން ބޭނުންވާ ކަންތައްތައް ފޯރުކޮށްދޭ ކުންފުންޏަކާއި އެފަދައިން ފޯރުކޮށްނުދޭ ކުންފުނިތަކުގެ މެދުގައިވާ ބޮޑު ފަރަގު ދެނެގަތުމެވެ. މުވައްޒަފުންނަށް ފްލެކްސިބިލިޓީ ދިނުމާއި، ޒަމާނީ ޓެކްނޮލޮޖީ ފޯރުކޮށްދިނުން ފަދަ ކަންތައްތަކުގެ ސަބަބުން ދިރާސާގައި ބައިވެރިވި މުވައްޒަފުންގެ ނަޒަރުގައި އެކުންފުންޏަކަށް އެތަށް ދަރަޖައެއް މައްޗަށް ޖެހެއެވެ. މުވައްޒަފުންނަށް ދެވޭ މިފަދަ އިންސެންޓިވްތައް ކުންފުނިތަކަށް ދެނެގަނެވިދާނެއެވެ. އަދި އެކަން މެނޭޖްކުރެވިދާނެ އެކި ގޮތްތައް ދަސްކުރަންވީއެވެ. މިސާލަކަށް ފްލެކްސިބިލިޓީ ދިނުމުގެ މާނައަކީ ހަމައެކަނި މުވައްޒަފުން ބޭނުން ވަގުތެއްގައި މަސައްކަތް ކުރުމެއް ނޫނެވެ. މުވައްޒަފުންގެ ފަންތިއާއި، މަސައްކަތްކުރާ ޓީމަށް ބިނާކޮށް މަސައްކަތް ކުރާ ތަނާއި، އެކީގައި މަސައްކަތްކުރާ ޓީމާއި، މަސައްކަތް ކުރާ ޕްރޮޖެކްޓްތައް އިހްތިޔާރު ކުރުން ފަދަ އިތުރު ސިފަސިފައިގައިވެސް މުވައްޒަފުންނަށް ފްލެކްސިބިލިޓީ ދެވިދާނެއެވެ.
އެންމެ ފަހު ކަމަކަށް، ކުންފުނިތަކަކީ ޑައިވަރސް އަދި އިންކްލޫސިވް ކުންފުނިތަކަކަށް ވުމަށް އިތުރު މަސައްކަތްކޮށް އިންވެސްޓް ކުރަން އެބަޖެހެއެވެ. ދިރާސާގެ ބައިވެރިންގެ ތެރެއިން މި 2 ކަންތައް ހިމެނޭ ކުންފުނިތަކަށް ރަނގަޅު މުވައްޒަފުން ލިބޭކަމީ މިކަން މަސައްކަތް ކުރާކަމުގެ ހެއްކެކެވެ. އަދި މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ރަނގަޅު ކުންފުނިތަކުގެ ވަޒީފާގައި މުވައްޒަފުން ދެމިތިބޭ މިންވަރު އިތުރުވާކަމީވެސް މިކަމަށް ލިބޭ ހެއްކެކެވެ.
ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ ހޯދާ ފަރާތްތަކުގެ މެދުގައި ދެކެވޭ ވާހަކަތައް ކުރިއާއި އަޅާބަލާފައި ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. ޓެކް ދާއިރާއަކީ ކުރިންވެސް މީހުން ހޯދަން އުނދަގޫ ދާއިރާއެކެވެ. ޕެންޑެމިކްގެ ސަބަބުން މިކަމުގެ ދަތިކަން އިތުރުވިއެވެ. އެހެން ކަމުން ލިބޭ ރަނގަޅު މުވައްޒަފުން ދެމިތިބޭނޭ ފަދަ މަސައްކަތުގެ މާހައުލެއް ގާއިމްކޮށްދިނުމަކީ ވަޒީފާދޭ ފަރާތްތަކަށް އެންމެ މުހިއްމު ވާންވީ އެއްކަންތަކެވެ. އެކަމަކު ވިސްނަވާށެވެ. މިކަން ކުރުމަށް ބަލަންޖެހެނީ ހަމައެކަނި މުސާރައަކަށް ނޫނެވެ. މުސާރައިގެ އިތުރުން ދެން ފާހަގަކުރެވުނު ކަންތައްތަކާމެދުވެސް ވިސްނަވާށެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް