އެމެރިކާއިން ޖައްވުގައި މުވާސަލާތީ ވިއުގައެއް ގާއިމުކުރަނީ

އިސްމާއިލް އަލީ 15 ނޮވެމްބަރު 2022

ޖައްވުގައި މުވާސަލާތީ ވިއުގައެއް ގާއިމުކުރުމަށްޓަކައި ކޮމާޝަލް އަދި އަސްކަރީ ސެޓެލައިޓް ހިމެނޭ ވިއުގައެއް އުފެއްދުމުގެ އެއްބަސްވުމެއްގައި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސްއިން 4 ކުންފުންޏަކާއެކު ސޮއެކޮށްފިއެވެ. މި ވިއުގައިގެ މައިގަނޑު މަގްސަދަކީ އަސްކަރީ އަދި ކޮމާޝަލް ސެޓްލައިޓް މެދުވެރިކޮށް އެމެރިކާގެ އަސްކަރިއްޔާއަށް ރައްކާތެރި ނުވަތަ ސެކިއާ މުވާސަލާތީ ނިޒާމެއް ގާއިމުކުރުމެވެ. ޑިޕާޓްމަންޓް އޮފް ޑިފެންސްގެ އިނޮވޭޝަން ޔުނިޓުން ހާމަކޮށްފައިވާ ގޮތުގައި އެއިދާރާއިން ހައިބްރިޑް ސްޕޭސް އާކިޓެކްޗާގެ ނަންދީފައިވާ މި މަޝްރޫއުގެ މަސައްކަތްތަށް ހަވާލުކޮށްފައިވަނީ އެމޭޒަން ވެބް ސާވިސަސް، ކުއިޕާ ގަވަންމަންޓް ސޮލިއުޝަންސް، މައިކްރޯސޮފްޓް އެޝުއާ ސްޕޭސް އަދި ސްޕައިޑާއޯކް މިޝަން ސިސްޓަމްސް ކުންފުންޏާއެވެ.

މިމަޝްރޫއު އެންމެ ފުރަތަމަ އެއިދާރާއިން އިއުލާންކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގައިއެވެ. އޭރު އެއިދާރާއިން ވަނީ އެލިރިއާ، އަންޑްރިލް، އެޓްލަސް، އަދި އެންވެއިލް އާއެއްކޮށް މަޝްރޫއުގެ މަސައްކަތްތަށް ކުރިއަށް ގެންދިއުމަށް އެއްބަސްވެފައިއެވެ. ޑިފެންސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި އަލަށް ސޮއެކުރެވުނު އެއްބަސްވުންތަކާއެކު އެއިދާރާއިން ގާއިމުކުރުމަށް މަސައްކަތްކުރާ މުވާސަލާތީ ވިއުގައިގެ ސްޕީޑް، ލޭޓެންސީ އަދި އިންޓައޮޕަރަބިލިޓީ ވަރުގަދަކުރުމަށް އެހީތެރި ވާނެ ޑިޖިޓަލް ހާޑްވެއާ އަދި އިންފޮމޭޝަން ސިސްޓަމްސް އެއިދާރާއަށް ލިބިގެންދާނެއެވެ.

ޑިފެންސް ޑިޕާޓްމަންޓްގެ ޑިފެންސް އިނޮވޭޝަން ޔުނިޓަކީ އެމެރިކާގެ އަސްކަރިއްޔާއަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ހެޔޮގޮތުގައި ބޭނުންކުރުމުގެ މަގު ފަހިކޮށްދިނުމަށް އެގައުމުން އުފައްދާފައިވާ އިދާރާއެކެވެ. މި މަޝްރޫއުގެ ތެރެއިން ޑިފެންސް އިނޮވޭޝަން ޔުނިޓާއި އެމެރިކާގެ ސްޕޭސް ފޯސް އަދި އެއާފޯސްގެ ރިސާޗް ލެބޯޓްރީގެ ސްޕޭސް ވެހިކަލް ޑައިރެކްޓޮރޭޓްއާއި ގުޅިގެން ޖައްވީ މުވާސަލާތީ ނެޓްވޯކެއް އުފެއްދުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާކަމަށް ޑިފެންސް ޑިޕާޓްމަންޓުން ވަނީ ހާމަކޮށްފައިއެވެ.

މައިކްރޯސޮފްޓުގެ ސްޓްރެޓީޖިކް މިޝަންސް އެންޑް ޓެކްނޮލޮޖީޒްގެ ނައިބު ރައީސް ހާމަކޮށްފައިވާ ގޮތުގައި މިމަޝްރޫއުއަކީ ޖައްވުގައި އިންޓަރނެޓްގެ ހިދުމަތް ފޯރުކޮށްދޭނެ ނިޒާމެއް އުފެއްދުމަށް ޑިފެންސް ޑިޕާޓްމަންޓުން ކުރާ މަސައްކަތެއް ކަމަށާއި އަދި މިއީ ޤައުމީ ސަލާމަތަށް ބޭނުންވާ އިންފޮމޭޝަން އެޑްވާންޓޭޖް ޤާއިމުކުރުމަށް އެ ޑިޕާޓްމަންޓުން ކަނޑައަޅާފައިވާ އަމާޒަށް އެހީތެރިވެދޭނެ ކަމެއް ކަމަށެވެ. މީގެ އިތުރުން އޭނާ ފާހަގަކޮށްފައިވާ ގޮތުގައި ތަފާތުއެކި ވިޔަފާރި ކުންފުނިތަކާއިއެކު މަސައްކަތްކުރުމުން މިމަޝްރޫއުގެ ދަށުން އުފައްދާ ވިއުގަ އިތުރަށް ފުރިހަމަވެ ފުޅާވެގެންދާނެއެވެ.

ޑިފެންސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި މިހަރު މަޝަރޫއުގެ ދަށުން ކުރިއަށްދަނީ ކްލައުޑް ހިދުމަތްތަކާއި އިންޓަނެޓް ހިދުމަތްތަށް ކޮމާޝަލް ސެޓްލައިޓްތަކާ ގުޅުވާލުމުގެ މަސައްކަތެވެ. އެއިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މިއީ މިމަޝްރޫއުގެ ދެވަނަ މަރުހަލާއެވެ. އެއިދާރާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މިއީ އިންޓަނެޓް ދުނިޔެއިން ބޭރަށް ނުވަތަ އޮފް ޕްލެނެޓަށް ބަދަލުކުރަންވީ ވަގުތެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.