ބިލިއަކަނަށް ވުރެ ގިނަ ޒުވާނުންނާއި ފުރާވަރުގެ ކުދިންނަށް ބީރުވުމުގެ ނުރައްކާ އެބައޮތްކަމަށް އޯޕަން އެކްސެސް ޖަރނަލް، ބީއެމްޖޭ ގްލޯބަލް ހެލްތްއިން ޝާއިއުކޮށްފައިވާ ދިރާސާއިން ދައްކައިފިއެވެ. ދިރާސާ ބުނާގޮތުގައި މިފަރާތްތަކަށް ބީރުވުމުގެ ނުރައްކާ ކުރިމަތިވަނީ ހެޑްފޯނު ބޭނުންކުރުމާއި، އިއަރބަޑް ބޭނުންކުރުމާއި އަދި އަޑުގަދަކޮށް މިޔުޒިކް ކުޅޭ އިވެންޓްތަކަށް ދިޔުމުގެ ސަބަބުންނެވެ.
މިދިރާސާ ކުރި ފަރާތުން ލަފާދެނީ ގައުމުތަކުގެ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ރައްކާތެރިކޮށް އަޑުއެހުމާއި ގުޅޭ އުސޫލުތަކެއް އެކުލަވާލުމެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ލަފާކުރާ ގޮތުގައި މިހާރު ދުނިޔޭގެ 430 މިލިއަނަށް ވުރެ ގިނަ މީހުންނަކީ އަޑުއިވުމުގެ ހިއްސު ދަށްވެ ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ. މީގެ ތެރޭގައި އެންމެ ގިނައީ ޒުވާނުންނެވެ. އެއީ ޒުވާނުންގެ މެދުގައި މޯބައިލް ފޯނާއި، ހެޑްފޯނާއި، އިއަރބަޑްސް ފަދަ ޑިވައިސްތައް ގިނައިން ބޭނުންކުރުމާއި، އަޑުގަދަކޮށް މިޔުޒިކް ޖަހާ ކޮންސަރޓް ފަދަ އިވެންޓްތަކަށް ދިޔުން ފަދަ ކަންކަމަށް ބޮޑަށް ޝައުގުވެރިކަން ހުންނާތީއެވެ.
ޑިޖިޓަލް ޑިވައިސްތައް ބޭނުންކުރާ ޒުވާނުން ގިނައިން މިޔުޒިކާއި ލަވަ އަޑުއަހަނީ ވަރަށް އަޑުގަދަކޮށް ކަމުގައި ޕަބްލިޝްކުރެވިފައިވާ ގިނަ ދިރާސާތަކުން ދައްކައެވެ. އެވްރެޖްކޮށް ޒުވާނުން މިޔުޒިކް އަޑުއަހަނީ 105 ޑެސިބެލް ލެވެލްގައެވެ. އަދި މުނިފޫހިފިލުވުމަށް މިޔުޒިކް ޖަހާ އިވެންޓްތަކުގައި އަޑުހުންނަނީ 104 އާއި 112 ޑެސިބަލްއާއި ދެމެދުގައެވެ. އަޑުހުންނަންޖެހޭ ލެވެލްތަކުގެ ތެރެއިން ރައްކާތެރިކަމަށް ކަޑައެޅިފައިވާ ލެވެލްއަކީ ބޮޑެތި މީހުންނަށް 80 ޑެސިބެލްއެވެ. އަދި ކުޑަކުދިންނަށް 75 ޑެސިބެލްއެވެ.
މިދިރާސާގެ ބޭނުމަކީ ފުރާވަރުގެ ކުދިންނާއި ޒުވާނުންގެ ތެރޭގައި މިއާދަ އަށަގެންފައިވާ މިންވަރު ދެނެގަތުމާއި، މިދިރާސާއަށް ބިނާކޮށް ދުނިޔޭގެ ލެވެލްގައި އަޑުއިވުން ދަށްވުމުގެ ނުރައްކާ ކުރިމަތިވެދާނެ މީހުންގެ އަދަދެއް ތަސައްވުރު ކުރުމެވެ. އަދި މިދިރާސާ ބޭނުންކޮށްގެން އިންސާނުންގެ އަޑުއިވުމުގެ ސިއްހަތުގެ ދާއިރާއިން ޑޭޓާގެ މައްޗަށް ބިނާކޮށް އުސޫލުތަކަކާއި ގަވާއިދުތަކެއް އެކުލަވާލުމަށް މަސައްކަތްކުރުމެވެ.
މިދިރާސާއަށް މަޢުލޫމާތު އެއްކުރުމަށްޓަކައި އިނގިރޭސި، ފްރެންޗް އަދި ސްޕެނިޝް ބަހުން ލިޔެފައިވާ ކަމާބެހޭ އެތަކެއް ދިރާސާއެއް ސްޓަޑީކުރިއެވެ. 12 އަހަރާއި 34 އަހަރާއި ދެމެދުގެ މީހުންގެ މިޔުޒިކް އަޑުއެހުމުގެ އާދަތައް ހުންނަ ގޮތް ބަލާ، އަޑުއަހާ ވޮލިއުމް އަދި އަޑުއެހުމުގައި ހޭދަކުރާ ދިގުމިނާއި ބެހޭ ޑޭޓާ އެއްކުރިއެވެ.
ޖުމްލަ 35 ޑޭޓާސެޓެއް ހިމެނޭ، 33 ސްޓަޑީއެއް މިދިރާސާގައި ހިމެނުނެވެ. އޭގެ ތެރޭގައި ޖުމްލަ 19،046 ފަރާތެއްގެ ޑޭޓާ އެއްކުރެވިފައިވެއެވެ. 35 ޑޭޓާ ސެޓްގެ ތެރޭގައި 17 ޑޭޓާސެޓަކީ އަޑުއެހުމަށް ބޭނުންކުރާ ޓެކްނޮލޮޖިކަލް ޑިވައިސްތައް ބޭނުންކުރާގޮތް ދެނެގަންނަ ކޮށްފައިވާ ޑޭޓާސެޓެވެ. އަދި 18 ޑޭޓާސެޓެއް ފޯކަސްކޮށްފައިވަނީ އިވެންޓްތަކުގެ މިޔުޒިކާއި ހުންނަ ލެވެލްއާއި ބެހޭ މަޢުލޫމާތު އެއްކުރުމަށެވެ.
ދިރާސާއިން އިތުރަށް ދައްކާގޮތުގައި މުޅިދުނިޔޭގައި 2022 ވަނަ އަހަރުގެ ނިޔަލަށް 12 އަހަރާއި 34 އަހަރުގެ އާބާދީގެ 2.8 ބިލިއަން މީހުންނަށް ބީރުވުމުގެ ނުރައްކާ އެބައޮތެވެ.
އަދި މިހާރު ހުރި ޑޭޓާއިން ދައްކާ ގޮތުގައި ޑިޖިޓަލް ޑިވައިސް ބޭނުންކުރުމާއި މުނިފޫހިފިލުމުގެ އިވެންޓްތަކުގައި އަޑުގަދަކޮށް މިޔުޒިކް އަޑުއެހުމާއި ގުޅިގެން ފުރާވަރު އުމުރުގެ އާބާދީގެ %24 އަދި ޒުވާނުންގެ އާބާދީގެ %48 މީހުންގެ އަޑުއެހުމުގެ ހިއްސަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އެބައޮތެވެ. މިއަދަދުތަކަށް ބިނާކޮށް ދިރާސާކުރި ފަރާތުން ލަފާކުރަނީ 0.67 އާއި 1.35 ބިލިއަން ފުރާވަރުގެ ކުދިންނާއި ޒުވާނުންނަށް އަޑުއިވުން ދަށްވުމުގެ ނުރައްކާ ކުރިމަތިވެފައިވާކަމަށެވެ.
މިދިރާސާގައި ހުރި ލިމިޓޭޝަންގެ ގޮތުގައި ދިރާސާކުރި ފަރާތުން ފާހަގަ ކޮށްފައިވަނީ، ދިރާސާގެ ނަތީޖާ ނެރުމުގައި މުނިފޫހިފިލުމުގެ އިވެންޓްތަކުގައި ވަކި ހާއްސަކަމަށް ބިނާވެފައި ނެތުމާއި ދިރާސާކުރި ހުރިހާ ސްޓަޑީތަކުގައި ވަކި އެއްގޮތް މިންގަނޑެއް ނެތުމެވެ. އެކި ދިރާސާތަކުގައި ބަލާފައިވަނީ އެކި މިންގަޑަށެވެ.
މީގެ އިތުރުން ދިރާސާގެ ނަތީޖާ އަންދާޒާކުރުމުގައި ބައެއް ކަންތައްތަކަށް ބަލާފައި ނުވެއެވެ. މިސާލަކަށް ދިރާސާގެ ބައިވެރިންގެ އާބާދީގެ އެކި ފަންތިތަކަށް ބަލާފައި ނުވުމާއި އަދި އަޑު ލެވެލް ރައްކާތެރި މިންވަރެއްގައި ގެންގުޅުމަށް ދިރާސާގައި ހިމެނިފައިވާ ބައެއް ގައުމުތަކުގައި އެކުލަވާލާފައިވާ އުސޫލުތަކަށް އައިސްފައިވާ ބަދަލުތަކަށް ބަލާލާފައިނުވެއެވެ.
އެހެން ނަމަވެސް ދިރާސާގެ ނަތީޖާތަކުން ހަމަގައިމުވެސް އެއްކަމަކަށް އެއްބަސްވެވޭކަމަށް ދައްކައެވެ. ދުނިޔޭގެ އާބާދީގެ ބޮޑުބައެއްގެ އަޑުއިވުމުގެ ހިއްސަށް ކުރާ ނޭދެވޭ އަސަރު ހުއްޓުވުމަށް، ވަރަށް އަވަސް މުސްތަގްބަލެއްގައި ރައްކާތެރި އަޑުއެހުމުގެ އުސޫލުތައް އެކުލަވާލާ ކުރިއަރުވަން އެބަޖެހޭކަމެވެ. ސަރުކާރުތަކާއި ކަމާގުޅޭ ސިނާއަތްތަކާއި މަދަނީ ޖަމިއްޔާތަކުން އަވަސް ފުރުސަތެއްގައި މިކަމަށް އިތުރު އަހައްމިއްޔަތުކަމެއް ދޭނެ އެބަޖެހެއެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް