ސައިބަރ ކުށް ހިމަނާ، 3 ގާނޫނެއް އިސްލާހުކުރަނީ

ހިންދު ޢަލީ 28 ނޮވެމްބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސައިބަރސްޕޭސްގައި ހިންގާ ހުއްދަނޫން އަމަލުތައް އެއީ ކުށް ކަމުގައި ކަނޑައެޅުމަށާއި އެކުށްތަކާގުޅޭ އިޖުރާއީ އުސޫލުތައް ކަނޑައެޅުމަށް 3 ޤާނޫނަކަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

އެއިދާރާއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވާގޮތުން ސައިބަރ މާހައުލުގައި ހިންގާ ނޭދެވޭ އަމަލުތައް ހިމަނާ އިސްލާހުކުރުމަށް ހުށަހަޅާފައިވަނީ، ތިރީގައިވާ 3 ގާނޫނެވެ.

1. ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު (ގާނޫނު ނަންބަރު: 9/2014)

2. ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު: 2/1015)

3. ޖިނާއީ އިޖުރާއަތުގެ ގާނޫނު (ގާނޫނު ނަންބަރު: 12/2016)

އެޓަރނީ ޖެނެރަލް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި 3 ގާނޫނު އިސްލާހުކުރުމަށް ހުށަހަޅާ ސަބަބުތަކަކީ، ސައިބަރ މާހައުލުގައި ކުރާ ކުށްތައް ދިވެހިރާއްޖޭގައި އިތުރުވަމުންދާތީއާއި، އެފަދަ ކުށްތައްކުރާ ފަރާތްތަކުން ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އެކުށްތައް ފުޅާކުރަމުން ގެންދާތީ، އެކަންތައް ކުށުގެ ގޮތުގައި ކަނޑައެޅުމަށާއި، ކުށަށް އަދަބުދިނުމަށް މަގުފަހިވާނޭ އުސޫލުތަކާއި އިޖުރާއަތްތައް އެކުލަވާލުމަށެވެ.


1. ގާނޫނުލްއުގޫބާތު

ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހަޅަނީ، ސައިބަރ މާހައުލުގައި ކުރާ ކުށުގެ ބައެއް އަމަލުތަކަކީ ކުށްކަމަށް ކަނޑައެޅުމާށައި އެކުށްތަކުގެ އަދަބު ކަނޑައެޅުމަށެވެ. މިގޮތުން ތިރީގައިވާ އަމަލުތަކަކީ ކުށްކަމުގައި ކަނޑައަޅާ، އަދަބު ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ.

- ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން

- އިތުރު ކުށެއް ކުރުމަށް މަގުފަހިކުރުމުގެ ނިޔަތުގައި ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން

- ހުއްދަނެތި ކޮމްޕިއުޓަރ ޑޭޓާ އިންޓަރސެޕްޓް ކުރުން

- ހުއްދަނެތި ކޮމްޕިއުޓަރ ޑޭޓާއަށް އިންޓަފިއަރ ކުރުން

- ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އިންޓަފިއަރ ކުރުން

- ނަހަމަގޮތުގައި ޑިވައިސްތައް ބޭނުންކުރުން

- ސައިބާ މާހައުލުގައި ހިންގާ އަނިޔާގެ އަމަލުތައް (ކޮމްޕިއުޓަރު ސިސްޓަމް މެދުވެރިކޮށް ކުޑަކުދިންގެ އޮރިޔާން ކާޑު ޝާއިއުކުރުން، ނުވަތަ ޝާއިއުކުރުމުގެ ބޭނުމުގައި އެފަދަ ތަކެތި އުފެއްދުން، ނުވަތަ ރައްކާ ކޮށްފައި ބެހެއްޓުން)

- ކޮމްޕިއުޓަރާއި ގުޅުންހުރި އޮޅުވާލުމުގެ އަމަލުތައް

- ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް


2. ޖިނާއީ މައްސަލަތަކުގެ ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނު

މިގާނޫނު އިސްހާލުކުރަން ހުށަހަޅަނީ، ސައިބަރ ކްރައިމް އަދި އެނޫންވެސް ކޮމްޕިޔުޓަރ ސިސްޓަމް މެދުވެރިކޮށް ކުރާ ކުށުގެ އަމަލުތަކާއި، އިލެކްޓްރޯނިކް ހެކި އެކުލެވިގެންވާ ކުށްތައް ހުއްޓުވައި ފިޔަވަޅު އެޅުމުގައި އެހެން ގައުމުތަކާއެކު ގާނޫނީ އެހީ ބަދަލުކުރުމާ ގުޅޭގޮތުން ކަނޑައަޅަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުމުގެ ބޭނުމުގައިކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ފާހަގަކުރެއެވެ.

މިގޮތުން މިގާނޫނުގެ ދަށުން ތިރީގައިވާ ކަންކަމާއި ގުޅޭ އުސޫލުތަކާއި އިޖުރާއަތްތައް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ.

- އިލެކްޓްރޯނިކް ހެކި ހޯދުމާއި ގުޅޭގޮތުންނާއި، ކޮމްޕިއުޓަރ ސިސްޓަމްގައި ރައްކާކޮށްފައި ހުންނަ ޑޭޓާ އަވަސްގޮތެއްގައި ޕްރިޒަރވްކުރުމާއި ޕްރިޒަރވްކޮށްފައިވާ ޓްރެފިކް ޑޭޓާ އަވަސް ގޮތެއްގައި ހާމަކުރުމާއި ގުޅޭގޮތުންނާއި، ރައްކާކޮށްފައިވާ ކޮމްޕިއުޓަރ ޑޭޓާއަށް އެކްސެސްވުމާއި ގުޅޭގޮތުން އެހީތެރިކަން ބަދަލުކުރުމާއި ގުޅޭގޮތުންނާއި، ޓްރެފިކް ޑޭޓާ ރިއަލް-ޓައިމްގައި ނެގުމަށްޓަކައި އެހީތެރިކަން ބަދަލުކުރުމާއި ގުޅޭގޮތުންނާއި، ކޮންޓެކްޓް ޑޭޓާ އިންޓަރސެޕްޓް ކުރުމާއި ގުޅޭގޮތުން ގާނޫނީ އެހީތެރިކަން ބަދަލުކުރުން ފަދަ ކަންކަމާއި ގުޅޭ އުސޫލުތައް

- ކޮމްޕިއުޓަރ ސިސްޓަމް ނުވަތަ ކޮމްޕިއުޓަރ ޑޭޓާއާއިގުޅޭ ކުށްތައް ނުވަތަ އިލެކްޓްރޯނިކް ހެކި ހޯދަންޖެހޭ ފަދަ ކުށްތަކާއި ގުޅިގެން ހިންގާ ޖިނާއީ ތަހުގީގުތަކާއި ޝަރީއަތްތަކަށް ބޭނުންވާ އެހީތެރިކަން ރާއްޖެއިން ބޭރު ގައުމުތަކަށް އަދި ބޭރު ގައުމުތަކުން ރާއްޖެއަށް ހޯދުމަށްޓަކައި 24/7 ނެޓްވޯކެއް ގާއިމްކުރުމާއި ގުޅޭ އުސޫލުތައް


3. ޖިނާއީ އިޖުރާއަތުގެ ގާނޫނު

މިގާނޫނު އިސްހާލުކުރަން ހުށަހަޅަނީ، ސައިބަރ ކްރައިމް އަދި އެނޫންވެސް ކޮމްޕިޔުޓަރ ސިސްޓަމް މެދުވެރިކޮށް ކުރާ ކުށުގެ އަމަލުތަކާއި، އިލެކްޓްރޯނިކް ހެކި އެކުލެވިގެންވާ ކުށްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިދޭންޖެހޭ ބާރުތައް ލިއްބައިދީ އެފަދަ ކުށްތައް ތަހްގީގުކޮށް ދައުވާ އުފުލުމުގައި އަމަލު ކުރަންޖެހޭ އިޖުރާއީ އުސޫލުތައް ކަނޑައެޅުމުގެ ބޭނުމުގައިކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ވިދާޅުވެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހުގެނައުމަށް ތިރީގައިވާ ކަންކަން ހުށަހަޅާފައިވެއެވެ.

- ޒާތީ މުއާމަލާތްތައް އިންޓަރސެޕްޓް ކުރުމުގައި މިހާރު އަމަލުކުރާ އުސޫލުތަކަށް ބައެއް ބަދަލުތައް ގެނައުމަށް ހުށަހެޅުން

- ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބެންޖެހޭ ބާރުތައް ލިބުމަށްޓަކައި ކަނޑައަޅަން ޖެހޭ އިޖުރާއަތްތައް ކަނޑައެޅުން


މިއިސްލާހުގެ ދަށުން އަންނަނިވި އިޖުރާއަތްތައް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ.

- ސަރވިސް ފޯރުކޮށްދޭ ފަރާތްތަކުން ސަބްސްކްރައިބަރުންގެ މައުލޫމާތު އަދި ކޮމިއުނިކޭޝަންސް ޑޭޓާ ރައްކާކުރުމާއި ގުޅޭ އިޖުރާއަތު

- ރައްކާކޮށްފައިވާ ކޮމްޕިއުޓަރު ޑޭޓާ އަވަސް ގޮތެއްގައި ޕްރިޒަރވް ކުރުމަށާއި ޓްރެފިކް ޓޭޑާ ވަކި މިންވަރަކަށް ހާމަކުރުމަށް އެންގުމާގުޅޭ އިޖުރާއަތު

- ކޮމްޕިއުޓަރު ޑޭޓާއާއި ސަބްސްކްރައިބަރުންގެ މައުލޫމާތު ހޯދުމަށް ޕްރޮޑަކްޝަން އަމުރު ހޯދުމާއި އެ އަމުރު ތަންފީޒު ކުރުމުގެ އިޖުރާއަތު

- ރައްކާކޮށްފައިވާ ކޮމްޕިއުޓަރ ޑޭޓާ ބަލާ ފާސްކުރުމާއި އެ ޑޭޓާ ހިފެހެއްޓުމާއި ގުޅޭ އިޖުރާއަތު

- ޓްރެފިކް ޑޭޓާ ރިއަލް-ޓައިމްގައި ނެގުމަށް ކޯޓު އަމުރު ހޯދުމާއި އެ އަމުރު ތަންފީޒު ކުރުމުގެ އިޖުރާއަތު


ސައިބާ މާހައުލުގައި ހިންގާ ކުށްތަކަކީ މިހާތަނަށް ދިވެހިރާއްޖޭގައި ކުށުގެ ގޮތުގައި ކަނޑައެޅިފައިވާ ކަންކަމެއް ނޫނެވެ. މިފަދަ އަމަލުތައް އިތުރުވެގެންދާ ހަލުމިނާއެކު ގާނޫނުތަކުގައި މިބަދަލުތައް ފެނިގެން ދިޔުމަކީ މުހިއްމުކަމެކެވެ. މިފަދައިން ގާނޫނުތައް އިސްލާހުވެގެން ދިޔުމަކީ، މިފަދަ ކުށްތައް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކަށް އެހީތެރިވެދޭނެ އަދި އާންމު ރައްޔިތުންގެ ރައްކާތެރިކަމަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅެކެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.