އޮންލައިންކޮށް ކިޔެވުމަށް، ޖަވާބު އެކަޑަމީގެ ވެބްސައިޓް ސަޅި

ހިންދު ޢަލީ 07 ޑިސެމްބަރު 2022

ޖަވާބު އެކަޑަމީ ވެބްސައިޓަކީ ޖަވާބު ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެކިއެކި މައުލޫތަކަށް ތައްޔާރުކޮށްފައިވާ އެކި ކޯސްތައް ހިންގާ އޮންލައިން ޕްލެޓްފޯމެކެވެ. އޮންލައިންކޮށް ހިންގާ ކޯސްތަކުގައި ބައިވެރިވުމަށް ހުޅުވާލާ ޖަވާބު އެކެޑަމީ ވެބްސައިޓް އިތުރަށް ފުރިހަމަކޮށް މިހާރު ވަނީ ލޯންޗުކޮށްފައެވެ. އައު ވެބްސައިޓް ލޯންޗުކުރީ ޑިސެމްބަރ 2 ވަނަ ދުވަހު ހުޅުމާލޭ ސެންޓަރަލް ޕާކްގައި ބޭއްވުނު ސްމާޓްކޮމް ފެއަރގައެވެ.

ވެބްސައިޓާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޖަވާބުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ޖައިލަމް ވިދާޅުވީ މިވެބްސައިޓް އިފްތިތާހުކުރުމުގެ މަގްސަދަކީ އޮންލައިންކޮށް ކިޔަވައިދިނުން އައު ހަރުފަރަތަށް ގެންދިއުންކަމަށެވެ. އަދި މިވެބްސައިޓްގައި ހިމެނޭ އޮންލައިން ކޯސްތަކުގައި ކޮންމެ މީހަކަށްވެސް ރަޖިސްޓަރކޮށް ބައިވެރިވެވޭނެކަމަށެވެ.

ޖަވާބު އެކަޑަމީގެ ވެބްސައިޓް މެދުވެރިކޮށް އެމީހަކު ބޭނުންވާ އަމިއްލަ ސްޕީޑްގައި، ބޭނުންވާ ކޮންމެ ވަގުތެއްގައި ކޯސް އޮންލައިންކޮށް ހެދުމުގެ ފުރުސަތުތައް ލިބިގެންދާނެ ކަމަށް ޖައިލަމް ވިދާޅުވިއެވެ. "ބެޗް ފެށެންދެން މަޑުކުރާކަށް ނުޖެހި، ބޭނުން ކޮންމެ އިރަކު ކޮންމެ ތާކު، ކޮންމެ ވަގުތަކު އޮންލައިންކޮށް ކިޔެވޭނެ!" ޖައިލަމް ވިދާޅުވިއެވެ.

ޖަވާބު އެކަޑަމީގައި އެކިއެކި ހުނަރުތައް ދަސްކޮށްދޭ އެކި ކޯސްތައް ހިމެނިފައިވެއެވެ. މިވަގުތު އެކަޑަމީގެ ވެބްސައިޓްގައި ކޯޑިންގ ކޯހާއި، ފޮޓޯޝޮޕް ކޯހާއި، ވީޑިއޯގްރަފީ ކޯހާއި، މައިކޮރޯސޮފްޓް އޮފީސް ސޮފްޓްވެއަރއާއި ގުޅޭ ކޯހާއި، ވެބް ޑިވެލޮޕްމެންޓް ކޯހާއި މިފަދަ އިތުރު ކޯސްތައް ހިމެނެއެވެ.


ޖަވާބު އެކަޑަމީގެ ވެބްސައިޓްގައި ލިބެން ހުރި ކޯހެއްގައި ބައިވެރިވާން އެންމެ ފުރަތަމަ ޖެހޭނީ އެކައުންޓެއް ރެޖިސްޓަރ ކުރާށެވެ. އެކައުންޓެއް ހުޅުވުމަށް ނަމާއި، އައިޑީކާޑު ނަންބަރާއި ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ފަދަ ބައެއް މަޢުލޫމާތު ބޭނުންކޮށްގެން ރަޖިސްޓަރ ކުރައްވާނީއެވެ. މީގެ އިތުރުން ޖީމެއިލް އެކައުންޓް ނުވަތަ ފޭސްބުކް އެކައުންޓް މެދުވެރިކޮށްވެސް ރަޖިސްޓަރ ކުރެވިދާނެއެވެ.

ވެބްސައިޓްގައި ހިމެނޭ ކޮންމެ ކޯހަކަށް ވަކި ހާއްސާ ޕޭޖެއް ކަނޑައެޅިފައިވެއެވެ. އެކޯހާއި ބެހޭ މައުލޫމާތާއި ކޯހުގައި އެކުލެވޭ ބައިތަކުގެ މައުލޫމާތު މިޕޭޖުގައި ހިމަނާފައިވެއެވެ. ކޯހުގައި ކިޔަވައިދެއްވާނެ ފަރާތްތަކާއި ބެހޭ މަޢުލޫމާތު ވެސް މިބައިގައި ހިމެނެއެވެ.

އެއަށްފަހު ސައިޓުގައި ލިބެން ހުރި ކޯސްތަކުގެ ތެރެއިން ކޯހެއް އިޚްތިޔާރުކޮށް ކޯހުގައި ބައިވެރިވުމަށް ކަނޑައެޅިފައިވާ ރެޖިސްޓްރޭޝަން ފީ ދައްކާލަން ޖެހޭނެއެވެ. ފީ ދެއްކުމަށް ފަހު ފައިސާ ޓްރާންފަރކުރެއްވިކަމުގެ ލިޔުމެއް ސިސްޓަމް މެދުވެރިކޮށް ހުށަހަޅުމުން ކްލާހަށް އެންރޯލް ކުރެއްވުނީއެވެ. ދެން އަމިއްލައަށް ފަސޭހަ ސްޕީޑެއްގައި ކޯސް ފުރިހަމަ ކުރެއްވޭނެއެވެ. ކޯސް ފުރިހަމަ ކުރެއްވުމަށް ކޯހުގެ މެޓީރިއަލްގޮތުގައި ވީޑިއޯއާއި ޓިއުޓޯރިއަލް ފަދަ ތަކެތި ހިމެނިފައިވާނެއެވެ. އަދި ބައެއް ކޯހުގައި ލައިވް ކްލާސްތައްވެސް ހިމެނެއެވެ. ފަހަރަކު މަރުހަލާއެއް ފުރިހަމަ ކުރައްވަމުން ގޮސް ކޯސް އެއްކޮށް ފުރިހަމަ ކުރެއްވޭނެއެވެ.


ވެބްސައިޓްގައި ހިމެނޭ ކޯސްތައް ހޯދުމަށް އެހީއަކަށް ކޯހުގެ ނަމުން ސަރޗްކުރުމާއި، ކޯހުގެ ދާއިރާއިން ނުވަތަ ކޯސް ނަގާއިދެއްވާ އިންސްޓްރަކްޓަރގެ ނަމުން ފިލްޓަރކުރުމުގެ ފީޗަރވެސް ވެބްސައިޓްގައި ހިމެނިފައިވެއެވެ.

އޭގެ އިތުރުން އެކަޑަމީގައި ރަޖިސްޓަރކޮށް ކިޔަވާ ފަރާތުގެ ޕްރޮފައިލްއާއި ޑޭޝްބޯޑެއްވެސް ލޮގިންކުރުމުން ވެބްސައިޓުން ފެނިގެންދެއެވެ. މިބައިތަކުގައި ހިމެނެނީ އެފަރާތަކުން ކިޔަވާ ކޯސްތަކާއި ގުޅޭ މަޢުލޫމާތެވެ. އޭގެ ތެރޭގައި އެކި އެކި ސްޓޭޓަސްގައި ހިމެނޭ، މިސާލަކަށް؛ މިހާރު ކުރިއަށްދާ ކޯސްތަކާއި، ކުރިއަށް އަންނަންހުރި ކޯސްތައްކާއި، ފުރިހަމަކޮށް ނިމިފައިވާ، ކޯސްތައް ވަކިވަކިންވެސް ބަލާލެވެއެވެ. އަދި ހަމަ އެފަދައިން ކިޔަވާ ކޯހަކާއި ގުޅިގެން ޝެޑިއުލް ކުރެވިފައިވާ އަދި ނިމިފައިވާ ލައިވް ކްލާސްތަކާއި ބެހޭ މަޢުލޫމާތުވެސް ބަލާލެވެއެވެ.

މީގެ އިތުރުން އޮންލައިންކޮށް ކޯސްތައް ނަންގަވާ ދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށްވެސް، ޖަވާބު އެކަޑަމީއާއި ޕާރޓްނަރވެ، މިޕްލެޓްފޯމް މެދުވެރިކޮށް ކޯސްތައް ނަގާދިނުމުގެ ފުރުސަތުވެސް އެބައޮތްކަމަށް ޖަވާބުން މަޢުލޫމާތު ދެއްވައެވެ. އޮންލައިންކޮށް ކްލާސް ނަންގަވާ ދެއްވާ ފަރާތްތަކަށާއި، އިންސްޓިޓިއުޓްތަކަށް މިއީ ވަރަށް ބޭނުންތެރި ފުރުސަތަކެވެ. މިހާރުވެސް ތައްޔާރުކުރައްވާފައި ހުރި ކޯސްތައް މިޕްލެޓްފޯމް ބޭނުންކޮށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލެވިދާނެއެވެ.

ޖަވާބު އެކަޑަމީއިން މައުލޫމާތު ދެއްވި ގޮތުގައި މިހާތަނަށް ޖުމްލަ 1700 އަށްވުރެ ގިނަ ދަރިވަރުންވަނީ ޖަވާބު އެކެޑަމީގެ އެކި ކޯސްތަކުގައި ބައިވެރި ވެފައެވެ. އައު ވެބްސައިޓް ލޯންޗްކުރެވިގެން ދިޔުމާއިއެކު އިތުރު ގިނަ ކޯސްތަކެއް ވެސް ހުޅުވާލެވޭނެކަމަށާއި ކޯސްތަކުގައި ފަސޭހައިން ބައިވެރިވެ ފުރިހަމަކުރުމުގެ ފުރުސަތު އިތުރަށް ހުޅުވިގެންދާނެއެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.