"އަވަރ އޮފް ކޯޑް" ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފި

ހިންދު ޢަލީ 12 ޑިސެމްބަރު 2022

2022 ވަނަ އަހަރުގެ 'އަވަރ އޮފް ކޯޑް' ޕްރޮގްރާމްގައި ބައިވެރިވުމަށް އާންމުކޮށް ހުޅުވާލައިފިއެވެ. އަވަރ އޮފް ކޯޑަކީ ޑިސެމްބަރު މަހުގެ 2 ވަނަ ހަފްތާ، ބައިނަލްއަގްވާމީ ކޮމްޕިއުޓަރ ސައިންސް ހަފްތާ ގޮތުގައި ހާއްސަކޮށް ފާހަގަކުރާ ޕްރޮގްރާމެކެވެ. މިއީ ކޮމްޕިޔުޓަރ ސައިންސްގައި ބައިވެރިވާ ފަރާތްތައް އިތުރުކުރުމުގެ މަގުސަދުގައި ބާއްވާ، ކޯޑިން ދަސްކޮށްދޭ 1 ގަޑިއިރުގެ ޕްރޮގްރާމެކެވެ.


ރާއްޖޭގައި މިއަހަރުވެސް ހުރިހާ ރަށްތަކެއްގައި އެއްފަހަރާ މިޕްރޮގްރާމް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަވަރ އޮފް ކޯޑް ޕްރޮގްރާމް މިއަހަރު ކުރިއަށް ދާނީ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އޮންލައިންކޮށެވެ. މިއީ ރާއްޖޭގައި ކޮންމެ އަހަރަކުވެސް ކޮމްޕިއުޓަރ ސައިންސް ހަފްތާ ފާހަގަކުރުމުގެ ގޮތުން ވިމެން އިން ޓެކް މޯލްޑިވްސް އިން އިސްނަގައިގެން ބާއްވާ ޕްރޮގްރާމެކެވެ. މިއަހަރުގެ ޕްރޮގްރާމްގެ އެކްސްކްލޫސިވް ޕާޓްނަރަކީ ދިރާގެވެ. މިޕްރޮގްރާމަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން އެންޑޯސްކުރެވިގެން ކުރިއަށްދާ ޕްރޮގްރާމެކެވެ.

އަވަރ އޮފް ކޯޑަކީ ބައިނަލް އަގްވާމީ ފެންވަރުގައި ހުރިހާ އުމުރު ފުރަޔަކަށް ހުޅުވާލައިގެން 180 އަށް ވުރެ ގިނަ ޤައުމު ގައި އެތަށް މިލިއަން ދަރިވަރުން އެއް ގަޑި އިރަށް ކޮމްޕިއުޓަރ ޕްރޮގްރާމިންގ އަށް އަހުލުވެރި ކުރުވާ ޕްރޮގްރާމް އެކެވެ. މިޕްރޮގްރާމް އެންމެ ފުރަތަމަ ތައާރަފްކުރީ ކޯޑް.އޯގްގެ ފަރާތުންނެވެ. ރާއްޖޭގައި މިޕްރޮގްރާމް ރޭވުމުގައި ހަރަކާތްތެރިވާ ވިމެން އިން ޓެކް މޯލްޑިވްސްއަކީ ކޯޑް.އޯގްގެ އިންޓަރނޭޝަނަލް ޕާޓްނަރއެކެވެ. 2019، 2020 އަދި 2021 ގައި ވެސް ވިމެން އިން ޓެކް މޯލްޑިވްސް އިން ފުޅާގޮތެއްގައި މިހަރަކާތް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގިއެވެ. ޖުމްލަކޮށް މިހާތަނަށް 10،000 އަށް ވުރެ ގިނަ ބައިވެރިން ރާއްޖޭއިން މިޕްރޮގްރާމްގައި ވަނީ ބައިވެރިވެފައެވެ.

މިޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ވިމެން އިން ޓެކް މޯލްޑިވްސްގެ ވެބްސައިޓްގައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވޭނެއެވެ. 24 ޑިސެމްބަރުގައި އޮންލައިންކޮށް ބޭއްވުމަށް ހަމަޖެހިފައިވާ އޮންލައިން އިވެންޓުގައ އުމުރުފުރައިގެ ދަރިވަރުންނާއި ބޮޑެތި މީހުންނަށްވެސް ބައިވެރި ވެވޭނެއެވެ. މި އިވެންޓުގައި އޮންލައިން މީޓިންގްގައި ބައިވެރިވާ ފަރާތްތަށް އަވަރ އޮފް ކޯޑުގެ ހަރަކާތްތައް ފުރިހަމަ ކުރާނެއެވެ.ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް އިރުޝާދުދީ އެހީތެރިވުމުގެ ގޮތުން ވިމެން އިން ޓެކްގެ މެންބަރުންނާއި ދިރާގުގެ މުވައްޒަފުން އަދި ސްކޫލްތަކުގެ ޓީޗަރުން މެންޓަރސްގެ ގޮތުގައި ހަރަކާތްތެރިވާނެއެވެ.

މިފަދަ އެކި އިވެންޓްތައް 10 ޑިސެމްބަރ 2022 އިން ފެށިގެން އެކި ދުވަސްމަތިން އެކި ސްކޫލްތަކާއި، އެހެނިހެން އިންސްޓިޓިއުޓްތަކުގައި ކުރިޔަށް ގެންދަމުންނެވެ. އެގޮތުން މިހާތަނަށް މާލެއާއި ރަށްރަށުގެ 6 ސްކޫލެއްގައި އަވަރ އޮފް ކޯޑް ކުރިއަށް ގެންގޮސްފިއެވެ. އޭގެތެރޭގައި ކަލާފާނު ސްކޫލް، އިމާދުއްދީން ސްކޫލް، ހިރިޔާ ސްކޫލް، ބ. ގޮއިދޫ ސްކޫލް، ރ. ހުޅުދުއްފާރު ސްކޫލް އަދި ޏ. ފުވައްމުލަކު ސްކޫލް ހިމެނެއެވެ.


މިއީ ހުރިހާ އުމުރުފުރައެއްގެ ދަރިވަރުނަށް ކޯޑިންގ ތަޢާރަފްކޮށް ކޮމްޕިއުޓަރ ސައިންސް އަށް ޝައުގުވެރިކުރުވުމަށް ލިބޭ ވަރަށް ރަގަޅު ފުރުސަތެކެވެ. ކޮމްޕިއުޓަރ ސައިންސް ދަސްކުރުމަކީ އުފެއްދުންތެރިކަމާއި މައްސަލަތަކަށް ހައްލު ހޯދުމުގެ ގާބިލްކަމާއި ހުނަރު އިތުރުވެގެން ދާނެ ކަމެކެވެ. ޅަފަތުގައި ދަސްކުރަން ފެށުމަކީ 21 ވަނަ ގަރުނުގައި ކޮންމެ ރޮގަކުންވެސް ކުރިޔަށް ދިޔުމާއި ކާމިޔާބީ ހާސިލް ކުރުމަށް އެޅޭ ބިންގަލަކެވެ.

ގުޅުން ހުރި ލިޔުން:

2021 އިވެންޓު: "އަވަރ އޮފް ކޯޑް" މުޅި ރާއްޖޭއަށް ހުޅުވާލައިގެން ބާއްވަނީ

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.