ހުރިހާ ޚިޔާލެއް އެއް ބޯޑަކަށް: އެޕަލްގެ ފްރީފޯމް!

ޢާއިޝަތު ޝައިހާ 17 ޑިސެމްބަރު 2022

އައިއޯއެސް 16، އައިޕެޑްއޯއެސް 16 ނުވަޔަ މެކްއޯއެސް ވެންޓިއުރާ ބޭނުންކުރާ ފަރާތްތަކަށް، އެޕަލް އިން ހުރިހާ އެއްޗެއްގައި އާއިލާއާއި ރަށްޓެހިންނަށް ކޮލަބްރޭޓް ކުރަން އެދޭ ތަން މިހާރު ވާނީ ފާހަގަ ކުރެވިފައެވެ. ތިމާ ބޭނުންކުރާ ސަފާރީ ޓެބެއް އެއް ވަގުތެއްގައި އެހެނިހެން އެތައް ބަޔަކަށް ބަލާލައި، ތަސްވީރު އަލްބަމްތައް އައިކްލައުޑް މެދުވެރިކޮށް ހިއްސާކޮށް، އަދި ކީނޯޓްއާއި ނަމްބާސް ފަދަ ޕްރޮޑަކްޓިވިޓީ އެޕްތައް މެދުވެރިކޮށް ޕްރޮޖެކްޓްތައް ތައްޔާރުކޮށްލެވޭނެއެވެ. މި ކޮލަބްރޭޝަން ޓޫލްތަކަށް މިހާރު އިތުރުވެގެން މި އަންނަނީ ފްރީފޯމްއެވެ. އެޕަލްގެ މުޅިން އާ ޑިޖިޓަލި ވައިޓްބޯޑް އެޕް އެވެ.

މި ވާޗުއަލް ވައިޓްބޯޑް އައިފޯން، އައިޕެޑް ނުވަތަ މެކް މެދުވެރިކޮށް ބޭނުންކޮށްލެވޭނެއެވެ. ހުސް ގަނޑެއް ފިލްމް ޕްރޮޖެކްޓެއްގެ ރޭވުމަކަށް، ކައިވެނީގެ ހަފްލާގެ ޚިޔާލަކަށް، ކުރިއަށް އޮތް ޗުއްޓީއަށް ދާނެ ތަނެއްގެ ރޭވުމަކަށް، ނުވަތަ އާ ގެއެއްގެ އެތެރޭގެ ފަރުމާގެ ކުރެހުމަކަށް ވަރަށް އަވަހަށް ބަދަލުކޮށްލެވޭނެއެވެ. ކުރެހުންތައް ކުރަހާ، ތަކެތި އިތުރުކޮށް، ފައިލްތަކާއި ވެބް ލިންކުތައް އިތުރުކޮށް، އަމިއްލަ ބޭނުންތަކަށް ރައްކާކޮށް ނޫނީ އެޕަލް ބޭނުން ކުރާ ފަރާތްތަކާ ހިއްސާ ކޮށްލެވޭނެއެވެ. އައިކްލައުޑްގައި ރައްކާކުރެވިފައި ވުމުން، ގެންނަ ބަދަލުތައް ވަގުތުން އެހެން ޑިވައިސްތަކުގައި ފެންނަން ހުންނާނެއެވެ.

ފްރީފޯމްއަކީ މިފަދަ ފުރަތަމަ އެޕްއެއް ނޫނެވެ. މިފަދަ އެތައް ވައިޓްބޯޑް އެޕްތައް މިހާރުވެސް ވުޖޫދުގައި ވި ނަމަވެސް، މިއީ އެޕަލްގައި މަސައްކަތް ކުރާ މަދު އެޕްތަކުގެ ތެރެއިން (ހަމައެކަނި އެޕްއަށް ނުވާނަމަ) ހަމައެކަނި އެޕްއެވެ. މީގައި ކްރޮސް-ޕްލެޓްފޯމް ސަޕޯޓެއް ނުވެއެވެ. މިއީ ހިލޭ ބޭނުންކޮށްލެވޭ، އޭގައި ވަކި ޚާއްސަ އަދި އާ ކަންތައްތަކެއް ނުހިމެނޭ، އެޕަލް އުފެއްދުމެއް ބޭނުންކުރާ ފަރާތްތަކަށް ނުހަނު ބޭނުންތެރި ޓޫލްއެކެވެ.

ފްރީފޯމް މަސައްކަތް ކުރަނީ ކިހިނެތް؟

ފްރީފޯމް ބޭނުންކުރުމަށްޓަކައި ތިމާ ބޭނުން ކުރާ އޮޕަރޭޓިންގ ނިޒާމުގައި އެންމެ ފަހުގެ ވައްތަރު ހުރި ކަން ކަށަވަރު ކުރަން ޖެހޭނެއެވެ. އެއީ އައިއޯއެސް 16.2، އައިޕެޑްއޯއެސް 16.2 އަދި މެކްއޯއެސް ވެންޓިއުރާ 13.1 އެވެ. އައިޕެޑް އަދި އައިފޯން ތަކުގައި ސެޓިންގްސް > ޖެނެރަލް > ސޮފްޓްވެއާ އަޕްޑޭޓް އަށް ދިޔުމުން އާ ވައްތަރުތައް އަޅާލުމަށް އިންނަ އޮޕްޝަނެއް ފެންނާނެއެވެ. މެކްގައި ނަމަ، ސިސްޓަމް ޕްރިފަރެންސެސް > ސޮފްޓްވެއާ އަޕްޑޭޓް > އަޕްޑޭޓް ނައު (ނޫނީ އަޕްގްރޭޑް ނައު) އެވެ. އާ ވައްތަރު އެޅުމާއި އެކު ފްރީފޯމް އެޕް އަމިއްލައަށް ފެންނަން ހުންނާނެއެވެ.

ބޯޑެއް ފައްޓާއިރު އެންމެ ފުރަތަމަ ފެނިގެން ދާނީ ހުސް ގަނޑެކެވެ. އެޕަލް އިން މިއަށް "ފްލެކްސިބަލް" ކިޔާއިރު، މީގެ މާނައަކީ ބޭނުން ވަގުތަކު ބޯޑުގެ ބޮޑުމިން ބަދަލުކޮށްލެވޭނެއެވެ. އެންމެ ދުރުމިނަކަށް 10 އިންސައްތަ އަދި އެންމެ ކައިރި މިންވަރަކަށް 400 އިންސައްތައަށް ބޯޑުގެ ބޮޑުމިން ބަދަލުކޮށްލެވޭނެއެވެ. މީގެ ސަބަބުން ބޯޑު ބޮޑުވާ ވަރަކަށް ކައިރިން ފަސޭހަ ކަމާއި އެކު ބޯޑުގައިވާ އެއްޗަކަށް ބަލައިލެވޭނެއެވެ. މި ބޯޑުގެ ރަނގަޅު އެއް ސިފައަކީ އެތައް ސަފްހާތަކެއް ސްކްރޮލް ކުރަން ނުވަތަ ފިއްތާކަށް ނުޖެހުމެވެ. މީގައި އެކުލެވިގެން ވަނީ ވަރަށް ޠަބީޢީ ސިފަތަކެކެވެ.

ކޮންމެ ބޯޑެއްގެ މަތީގައި 5 ޓޫލެއް ވެއެވެ. އެއީ ގަލަން، ފަންސުރު އަދި މާކަރު ފަދަ ޓޫލްތައް ބޭނުންކުރެވޭ މާކްއަޕް، ސްޓިކީ ނޯޓް ޓޫލް، އަދި ވަށް ބައްޓަމުން ފެށިގެން އެކި ވައްތަރުގެ ޖަނަވާރާއި، ކާބޯތަކެއްޗާއި ގަސްގަހާގެހީގެ ބައްޓަންތަކުގެ މައްޗަށް ހިމެނޭ ޝޭޕް ޓޫލްއެވެ. އަދި މިއާއި އެކު އަތުން ކުރަހައިގެން ލިޔުމުގެ ބަދަލުގައި ކީބޯޑުގައި ލިޔެގެން ބޭނުން ކުރެވޭ ޓެކްސްޓް ބޮކްސް އައިކަން އަކާއި، ފަސޭހަކަމާއި އެކި ތަސްވީރު އަލްބަމް ތަކުންނާއި ފައިލް އެޕްތަކުން (ނުވަތަ ލިޔުންތައް ސްކޭން ކުރުމަށާއި ވެބް ލިންކްތައް ލުމަށް) ތަކެތި ބޯޑަށް އެތެރެކުރުމަށް ބޭނުންކުރާ މީޑިޔާ ޓޫލްއެއް ވެސް މީގައި ހިމެނެއެވެ.

ކޮލަބްރޭޝަނަށް ބޯޑުތައް ހިއްސާކޮށްލުން ފަސޭހަ ވާން ޖެހެއެވެ. ހަގީގަތުގައި ކޮށްލަން ޖެހޭ ހަމައެކަނި ކަމަކީ، ފްރީފޯމްގައިވާ ޝެއާރ ބަޓަންއަށް ފިއްތާލުމަށްފަހު އެޕަލްގެ މެސެޖް އެޕް ނުވަތަ އީމެއިލް މެދުވެރިކޮށް ދައުވަތެއް ފޮނުވާލުމެވެ. ލިންކު ގްރޫޕް ޗެޓަކަށް ފޮނުވައިފި ނަމަ، އަމިއްލަ ޒާތުގައި އެ ޗެޓުގައި ހިމެނޭ ހުރިހާ އެންމެން ބޯޑަށް އިތުރުވެގެން ދާނެއެވެ. ބޯޑުގައި ހުންނަ ވަގުތު އެމީހެއްގެ އައިކަންއެއް ފެންނައިރު، ގޫގަލް ޑޮކްސް އެކޭ އެއްފަދައިން، ބޯޑުގައި މަސައްކަތް ކުރާ ފަރާތްތައް ވަގުތުން ފެންނާނެއެވެ. އަދި ހިއްސާކޮށްފައިވާ ބޯޑުން ފޭސްޓައިމް ކޮށް ގުޅާލަން ވެސް ގުޅޭނެއެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ކުރި ތަޖުރިބާތައް މިއާއި މުޅިން ތަފާތު ވެފައި އުނދަގުލެވެ. ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި، ބޯޑެއްގައި ކޮލަބްރޭޓް ކުރަން މަސައްކަތް ކުރަން އުޅުމުން އެއްވެސް ބަދަލެއް ވަގުތުން ފެނިފައި ނުވާ ކަމަށާއި، ބޯޑުން އައިކަންތައް ނުފެންނަ ކަމަށް ބުނެފައި ވެއެވެ. އޭގެ ބަދަލުގައި އެ ފަރާތްތަކަށް ފެނުނު މެސެޖަކީ "ފްރީފޯމްއަށް މަސައްކަތް ކުރަމުންދާ ކޮލާބްރޭޓަރުން ދެއްކުމަށް އަޕްގްރޭޑް ކޮށްފައިވާ އެކައުންޓް ސެކިއުރިޓީ ބޭނުން ވެއެވެ." އެ މެސެޖަށް ފިއްތުމުން، އައިޕެޑުގައި ޕާސްކޯޑެއް އިން ނަމަވެސް، އަނެއްކާ އެންޑް-ޓު-އެންޑް އެންކްރިޕްޝަންއަށް އައިޕެޑުގައި ޕާސްވޯޑެއް ޖެހުމަށް އައެވެ. ފްރީފޯމް އެޕް މެދުވެރިކޮށް އެތައް ފަހަރަކު ޕާސްވޯޑެއް ތައްޔާރު ކުރުމުން ވެސް، ދެން ލިބިގެންދަނީ ބޯޑު ނުހުޅުވޭކަން އަންގައިދޭ އެރަރ މެސެޖެކެވެ. މިއާއި އެކު އެއްވެސް ކޮލަބްރޭޝަން ސިފައެއް ބޭނުންކުރުމާ ގޮންޖެހުންތަކެއް ވަނީ ކުރިމަތިލާން ޖެހިފައެވެ. މި މައްސަލަ ހުރިހާ ފަރާތްތަކަށް މެދުވެރި ނުވުމަކީ އެކަށީގެންވާ ކަމެކެވެ.

ހިއްސާކޮށްފައިވާ ބޯޑަށް މީހަކު ގެނައި ވަކި ބަދަލެއް ބެލުމަށްޓަކައި ޖެހޭނީ ގްރޫޕް ޗެޓަށް ބަލައިލާށެވެ. މެސެޖްތަކުގެ ތްރެޑްތަކުގެ މަތިން މި ބަދަލުތައް ފެންނަން ހުންނާނެއެވެ. ތަރުތީބަށް ބަލާ ނަމަ މިކަން ކުޑަކޮށް އާދަޔާ ޚިލާފު ކަމަކަށް ވެދާނެއެވެ.

ކޮންމެއަކަސް، އެޕަލްގެ މި އާ އެޕްއަކީ އޭގައި ވަކި ޚާއްޞަ ކަންތައްތަކެއް ހިމެނިފައި ނުވާ އެޕްއަކަށް ވިޔަސް، މި ޑިޖިޓަލް ވައިޓްބޯޑަކީ އެޕަލް ޑިވައިސް ބޭނުންކުރާ ފަރާތްތަކަށް ފަސޭހަތަކެއް ލިބިގެންދާނޭ ބޭނުންތެރި އެޕްއެކެވެ.


ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.