ސްޕާކްހަބްގެ ހަޑްލް 2022 އިވެންޓް ބާއްވަނީ

ހިންދު ޢަލީ 20 ޑިސެމްބަރު 2022

ދިވެހި ސްޓާޓްއަޕްތައް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރާ ސްޕާކްހަބުން ކުރިއަށް އޮތް ހަފްތާބަންދުގައި ހަޑްލްގެ ނަމުގައި އިވެންޓެއް ބޭއްވުމަށް ތައްޔާރީތައް ވަމުން އެބަދެއެވެ. ހަޑްލްއަކީ ރާއްޖޭގައި މަސައްކަތްކުރަމުންދާ ދިވެހި ސްޓާރޓްއަޕްތަކުގެ މަސައްކަތް ފާހަގަކުރުމުގެ ގޮތުން ބާއްވާ އިވެންޓެކެވެ. މިއީ ހޮވާލެވޭ ސްޓާރޓްއަޕްތަކެއް އުފެދުނު ގޮތާއި، އުފެއްދި ފައުންޑަރުންގެ ތަޖުރިބާ އާއި އެފަރާތްތަކުގެ އުފެއްދުންތައް ފާހަގަކޮށް ހުށަހަޅާ ދޭން ހުޅުވާލެވޭ ފުރުސަތެކެވެ.

ޑިސެމްބަރ 23 ވާ ހުކުރުދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިއިވެންޓްގައި ބައިވެރިވުމަށް ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އިވެންޓްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަކޮށްފައިވާ ލިންކު ބޭނުންކުރައްވައިގެން ރަޖިސްޓަރވުމަށް ސްޕާކްހަބުން އެދެއެވެ. އަމިއްލަ ޕްރޮޑަކްޓެއް އުފައްދާ ތަރައްގީކުރުމަށް މަސައްކަތްކުރާ ފަރާތެއް ނުވަތަ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މިއިވެންޓްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނުވަތަ އެފަދަ ސްޓާޓްއަޕެއް ތަމްސީލުކުރައްވާ ނުވަތަ ސްޓާޓްއަޕެއްގައި މަސައްކަތްކުރާ ފަރާތްތަކަށް ވެސް އިވެންޓްގައި ބައިވެރިވެވިދާނެއެވެ.

މިފަދަ އިވެންޓެއް ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގައި އުފައްދާފައިވާ ސްޓާޓްއަޕްތައް އުފެދުނުގޮތާއި ތަޖުރިބާތައް ހިއްސާކުރުމަށް ބާރުއަޅާ އެފަދަ ސްޓާޓްއަޕްތަކަށް ހިތްވަރުދިނުމެވެ. އަދި އެސްޓާޓްއަޕްތަކަށް ބޭނުންވާނެ އިންވެސްޓްމަންޓާއި އިތުރު ފުރުސަތު ހޯދައިދިނުމެވެ. މީގެ އިތުރުން ސްޓާރޓްއަޕްތަކުގެ ތަޖުރިބާތައް އެހެން ފަރާތްތަކަށް ހިއްސާކޮށް އޭގެން ފިލާވަޅުތަކެއް ދަސްކޮށް އިތުރު އެހެން ފަރާތްތަކަކަށް މިފަދަ ސްޓާޓްއަޕްތައް އުފެއްދުމަށް ހިތްވަރުދިނުމެވެ.

މިއީ ސްޕާކްހަބުން ބާއްވާ ހަޑްލްގެ ދެވަނަ އިވެންޓެވެ. މީގެ ފުރަތަމަ އިވެންޓް ބޭއްވުނީ 2019 ވަނަ އަހަރުއެވެ. އެ އިވެންޓްގައި 4 ސްޓާޓްއަޕެެއްގެ ޕްރޮޑަކްޓްތައް ފީޗަރކޮށް، އޭގެ ތެރެއިން 1 ސްޓާޓްއަޕަކަށް ވަނީ އެފަރާތުގެ ޕްރޮޑަކްޓް ތަރައްގީކުރުމަށް ރާއްޖޭގެ ކުންފުންޏަކުން އިންވެސްޓްމެންޓްގެ ފުރުސަތު ވެސް ލިބިފައެވެ. ސްޕާކްހަބުން މަޢުލޫމާތު ދެއްވި ގޮތުގައި އަހަރަކު 4 ފަހަރު މިފަދަ ހަޑްލް އިވެންޓްތައް ބޭއްވުމަށް ރޭވިފައިވެއެވެ.

ކުރީ އިވެންޓެކޭ އެއްފަދައިން މިފަހަރުގެ އިވެންޓްގައިވެސް ހޮވާލެވިފައިވާ 3 ސްޓާޓްއަޕެއް ނުވަތަ ޕްރޮޑަކްޓެއް ފީޗަރ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ބުލެޓް ޕްލޭނިން އެޕާއި ޖޮބްސިކަލްއާއި ބްރައިޓްމައިންޑް ޓިއުޝަންގެ ފައުންޑަރުންނެވެ. މިފަރާތްތަކުގެ ވިޔަފާރިއާކި ޕްރޮޑަކްޓްތައް އުފެދިގެން އައިގޮތުގެ ވާހަކަތައް މިއިވެންޓްގައި ހިއްސާކުރާނެއެވެ.

ބުލެޓް ޕްލޭނިންގ އެޕަކީ ދިވެހި ޑިޒައިނަރ އަދި އިލަސްޓްރޭޓަރ ޒާހީ ސައީދުގެ އުފެއްދުމެކެވެ. ބުލެޓް ޕްލޭނިންގ އެޕަކީ ދާދި ފަހުން ރިލީޒްކުރެވުނު އެޕެކެވެ. މިއީ ޓުޑޫ ލިސްޓާއި ޓާސްކް ލިސްޓްގެ އިތުރުން ކޮންމެ ދުވަހަކު އާދަކޮށް ކުރާ ކަންތައްތަކާއި ކުރާ ޚަރަދުތައް ފަދަ އެކިއެކި ކަންކަން ޕްރޮޑަކްޓިވްކޮށް ޑިޖިޓަލްކޮށް މެނޭޖްކުރުމަށް ބޭނުންކުރެވޭ އެޕެކެވެ.


ޖޮބްސިކަލް އަކީ ދިވެހިންނަށް ވަޒީފާ ހޯދުމަށް އެހީތެރިވެދޭ އަދި ވަޒީފާދޭ ފަރާތްތައްވެސް އެންމެ ގިނައިން ބޭނުންކުރާ އެއް ޕްލެޓްފޯމެވެ. ހަޑްލް އިވެންޓްގައި ޖޮބްސިކަލްގެ ކޯފައުންޑަރ އަޙްމަދު ސާރިމް އެޕްރޮޑަކްޓާއި ބެހޭ މަޢުލޫމާތު ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.


ބްރައިޓްމައިންޑް ޓިއުޝަންގެ ކޯފައުންޑަރ އަކީ ޢަލީ އަފްލަހްއެވެ. އޭނާއަކީ 8 އަހަރަށް ވުރެ ގިނަ ދުވަހުގެ ކިޔަވާދިނުމުގެ ތަޖުރިބާ ހުރި ސައިންސް އަދި ހިސާބު ޓީޗަރެކެވެ. ބްރައިޓްމައިންޑްއަކީ ރާއްޖޭގައި އެކި ސަރަހައްދުތަކުގައި ކިޔަވާ އެކިއެކި ގްރޭޑްތަކުގެ ދަރިވަރުންނަށް، ރަނގަޅު ފެންވަރެއްގައި، އަދި ހެޔޮ އަގެއްގައި އެކި މާއްދާތަކުން ޓިއުޝަން ނަގާދިނުމަށް ބޭނުންކުރެވިދާނެ ޕްލެޓްފޯމެކެވެ. މިޕްލެޓްފޯމް މެދުވެރިކޮށް ދަރިވަރުންނާއި ތަޖުރިބާކާރު ޓީޗަރުންނާއި ގުޅުވައިދެއެވެ.


ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.