ޑިޖިޓަލް ލައިސަންސް ޕްލެޓްފޯމެއް ރާއްޖޭގައި ތަޢާރަފްކުރަނީ

ޝުޖާޢަތު ރަޝީދު 29 ޖެނުއަރީ 2023

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން މިނިސްޓްރީގެ ޙިދުމަތްއް ޑިޖިޓަލައިޒް ކުރެވިގެންދާނެކަމަށް މަޢުލޫމާތުދެއެވެ.

މިއީ ޑިޖިޓަލްކޮށް ލައިސަންސަށާއި ރެޖިސްޓްރީތަކަށް ފޯމް ހުށަހަޅައި ޙިދުމަތް ލިބިގަތުމަށް އާންމު ކުރެވިގެންދާނެ ޕްލެޓްފޯމެކެވެ.

މި ޕްލެޓްފޯމް ނެރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ޑޭޓާ މައިގްރޭޝަން މިހާރު ފަށާފައިވާކަމަށް މިނިސްޓްރީއިން ހާމަކުރެއެވެ. ޑޭޓާ މައިގްރޭޝަނަށް ނަގާ 7 ދުވަސް ތެރޭގައި މިނިސްޓްރީއިން މިހާރު ދޫކުރާ ފިޒިކަލް ލައިސަންސައް އެޕްލައި ކުރުމުގެ ޙިދުމަތްވަނީ ހުއްޓުމަކަށް ގެނެސްފައެވެ.

މީޑިއާއި މަޢުލޫމާތު ހިއްސާ ކުރަމުން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަހްމަދު ޝަހީމް އަދި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ހަމިއްޔާ ލަތީފް ވިދާޅުވެފައިވަނީ މި ޕްލެޓްފޯމް ނުވަތަ ސޮފްޓްވެއާގައި އެތަކެއް މޮޑިއުލްސްތަކެއް ވާކަމަށެވެ. މިއީ މިނިސްޓްރީއިން މިހާރު ބޭނުންކުރަމުންދާ 7 ސޮފްޓްވެއާ، 1 ސޮފްޓްވެއާއަށް ބަދަލުކުރެވޭވަރުގެ ސޮފްޓްވެއާއެއް ކަމުގައިވެސް ހާމަކޮށްފައިވެއެވެ.

އާންމުންނަށް މިނެރެވޭ ޕްލެޓްފޯމްގައި ޕޭޕަރުގައި ހަވާލުކުރާ ފޯމުގެ ބަދަލުގައި ޑިޖިޓަލް ފޯމެއް ތަޢާރަފްކުރެވި، ފޮޓޯވެސް އެޓޭޗްކުރެވޭ ގޮތައް ޑިޒައިން ކުރެވިފައިވާކަމަށް މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ.

މިބަދަލާއިއެކު ލައިސަންސްއަށް ހުށަހެޅުމަށް ޑިޖިޓަލް ފޯމް ލުމުން، ވެރިފިކޭޝަން ކުރަމުންދާނީ މިނިސްޓްރީގެ ބެކް އޮފީސް ސްޓާފުންނެވެ. އަދި މި ބަދަލު ފުރިހަމަވެގެންދާނީ ނެޝަނަލް ޑިޖިޓަލް އައިޑެންޓިޓީ ޙިދުމަތް ލިބެންފެށުމުންކަމަށްވެސް މިނިސްޓްރިއިން ހާމަކުރެެއެވެ. ނެޝަނަލް ޑިޖިޓަލް އައިޑެންޓިޓީ ޙިދުމަތް ލިބެން ފެށުމުން ލައިސަންސް ކާޑް ޕްރިންޓް ކުރުންވެސް މިނިސްޓްރީއިން ހުއްޓުމަކަށް ގެންނާނެއެވެ.

މިގެނެވޭ ބަދަލާއިއެކު މިނިސްޓްރީގެ ސްޓާފުންގެ މަސައްކަތައް ލުއި ލިބި އޮޕަރޭޝަންތައް އެފިޝަންޓްވެ، ޕޭޕަރު ބޭނުންކުރާ މިންވަރުވެސް މަދުވެގެންދާނެއެވެ.

ޑިޖިޓަލް ލައިސަންސް ކާޑް ފެންނާނީ ފޯނުގައި އިންނަ އެޕްލިކޭޝަންއަކުންކަމަށާއި އަދިވެސް ކާޑު ޕްރިންޓްކޮށްގެން ގެންގުޅެން ބޭނުންވާ މީހުންނަށް އެގޮތްވެސް ހަމަޖައްސަދޭނެކަމަށް މިނިސްޓްރީއިން ބުނެއެވެ.

މިހާރު ފިޒިކަލް ކާޑު އޮންނަ ނަމަ ކާޑުގެ މުއްދަތު ހަމަނުވާނަމަ ކާޑު ބޭނުން ކުރަމުންގެންދެވޭނެ ކަމުގައި މިނިސްޓްރީއިން މަޢުލޫމާތުދެއެވެ. ނަމަވެސް، ކާޑު ބަދަލުކުރުމަށް އެދޭނަމަ ޑިޖިޓަލް ލައިސަންސަށް އެޕްލައި ކުރެވޭނެއެވެ.

މިހާރުވެސް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 300 އާއި ގާތްކުރާ އަދަދަކަށް ލައިސަންސްގެ ޙިދުމަތައް ފޯމް ލިބި މި ފޯމްތައް ޕްރޮސަސް ކުރުމުގައި ވަރަށް ގިނަ ވަގުތު މުވައްޒިފުން ހޭދަ ކުރަމުންދެއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައިވެސް ހަމަ މި ޕްލެޓްފޯމް ބޭނުންކޮށްގެން ޑިޖިޓަލްކޮށް ލައިސަންސް ދޫކުރެވިގެންދާނެއެވެ.

މިހާރުވެސް އެވްރެޖްކޮށް 500 އާއި ގާތްކުރާ އަދަދަކަށް ކަސްޓަމަރުންނަށް މިނިސްޓްރީއިން ޚިދުމަތް ފޯރުކޮށްދެއެވެ.

ޑިޖިޓަލް ލައިސަންސް ކާޑް ބެލުމަށް ލޮގިންވާން ޖެހޭނީ އީފާސްގެ ލޮގިން ބޭނުންކޮށްގެންނެވެ.

ވެހިކަލްގެ އަހަރީ ފީ، ޖޫރިމަނާ އަދި އެހެނިހެން ފީ ދެއްކުމަށްޓަކައި މިހާރުވެސް ބޭނުން ކުރަމުންދަނީ މިނިސްޓްރީގެ ޕޭމަންޓް ޕްލެޓްފޯމެވެ. ނަމަވެސް އަދިވެސް ބައެއް ކައުންސިލްތަކުގެ އިންޓަގްރޭޝަން ސަވާރީ ޕޭގައި ނުވެ ހުރިކަމަށް މިނިސްޓްރީއިން ފާހަގަކުރިއެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.