ނޮވެމްބަރު މަހު 30 ވަނަ ދުވަހު އޯޕެން އޭއައި ކުންފުނިން ނެރުނު ޗެޓް ޖީޕީޓީ ވެގެން ދިޔައީ މިފަހުގެ ތާރީހެއްގައި ނެރުނު އެންމެ މަގުބޫލު އެއް އުފެއްދުމަށެވެ. ޗެޓް ޖީޕީޓީ ނެރުނުތާ 5 ދުވަސް ތެރޭވަނީ 1 މިލިއަން ޔޫޒަރސް ހަމަކޮށްފައެވެ. ލާޖް އެލެންގުއޭޖް މޮޑެލްއަށް ހަދާފައިވާ މި އުފެއްދުން ބޭނުންކޮށްގެން، އިންސާނުން ވާހަކަދައްކާ އުސޫލުން، ބޭނުން ކޮންމެ ކަމަކާއި ގުޅޭ ޖަވާބު ޖަވާބު ދިނުމުގެ ގާބިލުކަން ޗެޓް ޖީޕީޓީއަށް ލިބިފައިވެއެވެ. އެގޮތުން ތަފާތު ކަންތަކާއިބެހޭ އާޓިކަލް ލިޔުމާއި، ކޯޑް ލިޔުމާއި އަދި ބޮޑެތި ކަލްކިއުލޭޝަންސް ހެދުމަކީ އެކި އިންޑަސްޓްރީ ތަކުގައި މީހުން ޗެޓް ޖީޕީޓީ ބޭނުންކޮށް އުޅޭ އުސޫލުތަކެވެ.
މައިކްރޯސޮފްޓްގެ 10 ބިލިއަން ޑޮލަރުގެ ފަންޑިންގްނަކާއިއެކު ހިންގަމުންދާ މި ޕޮރޮޖެކްޓްވަނީ ގޫގްލް ސިއްސުވާލާފައެވެ. ޗެޓް ޖީޕީޓީގެ އީޖާދަށްފަހު ގޫގަލްއިންވަނީ އެ ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ، މިދިޔަ ޖެނުއަރީ މަހު ގޫގަލްއިންވަނީ އޭއައި ފޯކަސްކުރުމުގެ ގޮތުން 12000 އަށްވުރެން ގިނަ މުވައްޒިފުން ވަޒީފާއިން ވަކޮކޮށްފައެވެ. ގޫގަލްއިން ކުރިން ބުނެފައިވަނީ އެ ކުންފުނިން އޭއައި އަށް އިންވެސްޓްކުރި ނަމަވެސް އެ ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ވަރަށް ގިނަ ކަންތަކަށް ބެލުމަށްފަހު މަޑުމަޑުން ކަމަށެވެ. އެއީ ދޮގު މައުލޫމާތު ފެތުރުން ފަދަ ކަންތަކުން ކުންފުނީގެ ނަމަށް އެއްވެސް ހީނަރުކަމެއް އައިސްދާނެތީއެވެ. ނަމަވެސް ޗެޓް ޖީޕީޓީގެ ކާމިޔާބާއި އެކީގައި ގޫގަލްއިންވަނީ ކުރިން ބުނި އެއްވެސް އެއްޗަކަށް ފަރުވާލެއް ނުދީ މި އަހަރުތެރޭގައި އޭއައި ގުޅޭ 20 ޕްރޮޖެކްޓް ތައާރަފު ކުރާނެ ކަމަށް ބުނެފައެވެ. މިކަމަކީ ގޫގަލްގެ ފައުންޑަރ ކަމަށްވާ ލެރީ ޕޭޖް އާއި ސާގޭ ބްރިންގެ އިރުޝާދުގެ ދަށުން ނިންމި ނިންމުމެކެވެ.
ގޫގަލް އާއި އޯޕެން އޭއައި ގެ ޗެޓް ޖީޕީޓީގެ އޭއައި ހަނގުރާމައިގައި ފެބްރުއަރީ 7 ވަނަ ދުވަހު ގޫގަލްއިންވަނީ އެކުންފުނިން ޗެޓް ޖީޕީޓީއާއި ވާދަކުރާނެ ޕްރޮޑަކްޓް އިއުލާންކޮށްފައެވެ. "ބާޑް" ގެ ނަންދީފައިވާ މި އުފެއްދުން ފުރަތަމަ ހުޅުވާލައިފައިވަނީ 'ޓްރަސްޓެޑް ޓެސްޓަރސް" އަށެވެ. ނަމަވެސް ކުރިއަށް އަންނަ ދުވަސްތަކުގައި އާންމުންނަށް މި އުފެއްދުން ލިބޭނެކަމަށް ގޫގަލްގެ ސީއީއޯ ސުންދަރް ޕިޗާއީ ވަނީ ބުނެފައެވެ. ހަމަ އެހެންމެ ޕިޗާއީ ބުނެފައިވަނީ ބަރޑްއިން އެންމެ ބޮޑު ފޯކަސްއެއް ދޭނީ ހައި ކޮލެޓީ އަދި އެންމެ ފަހުގެ މައުލޫމާތު ހިމެނޭ ރެސްޕޮންސްތަކެއް ޖެނެރޭޓް ކުރުމަށެވެ. މިކަމަކީ ޗެޓް ޖީޕީޓީއިން އަދި އެންމެ ފުރިހަމައަށް ނުކުރެވޭކަމެކެވެ. ނަމަވެސް ގޫގްލްގެ ބަރޑް އެނައުންސްމެންޓްގެ ކުޑަ އިރުކޮޅެއް ފަހުން މައިކޮރޯސޮފްޓްއިންވަނީ ސްޕެޝަލް ނިއުސް އިވެންޓް އެއް އިއުލާންކޮށްފައެވެ. މި އިވެންޓްގެ އެންމެ ބޮޑު ފޯކަސް އަކީ ޗެޓް ޖީޕީޓީ ބިންގް ސަރޗް އިންޓަގްރޭޝަން ގެ ހަބަރެވެ. މިއާއިއެކު މީހުންގެ ސުވާލުތަކަށް ފުރިހަމަ ޖަވާބު ދިނުމުގެ ގާބިލްކަން މި ޗެޓްބޮޓްއިން ލިބިގެންދާނެއެވެ.
ޗެޓް ޖީޕީޓީއިން މަދު ދުވަސްކޮޅެއްގެ ތެރޭގައި މިވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުންޏަށް ގޮންޖާލާފައެވެ. ނަމަވެސް ސުވާލަކީ އޯޕެން އޭއައިއަށް މި ވާދަވެރިކަން ހިފަހައްޓާލެވިދާނެތޯއެވެ؟ ގޫގަލްއަކީ ވަރަށް ގިނަ ރިސޯސްތަކެއް އެމީހުންގެ އަތްމަތީގައިވާ ބައެކެވެ. އެހެންކަމުން ކުރިއަށް އޮތް ތާނގައި މި ހާލަތު ބަދަލުވެގެން ދިއުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. ނަމަވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި ގޫގަލްގެ ތެރޭގައި ގިނަ ސުވާލުތަކެއް އުފައްދާ ޗެޓް ޖީޕީޓީ ވަނީ އާންމުންގެ މަގުބޫލުކަން ހޯދާފައެވެ. އެހެންކަމުން ކުރިއަށް އޮތްތާނގައި ޗެޓް ޖީޕީޓީއިންވެސް ގިނަ އިނޮވޭޝަންސް އަންނާނެކަމީ ޝައްކެތްއޮތް ކަމެއް ނޫނެވެ. ކޮންމެ ހާލަތެއްގައިވިޔަސް އޭއައި ވެގެންދާނީ ކުރިއަށް އޮތް ތާނގައި ހުރިހާ އިންޑަސްޓީއެއް ބަދަލު ކޮށްލާނެ އެއްޗަކަށެވެ.
ޓެކް އެންތުސިއަސްޓެއްގެ ހައިސިއްޔަތުން ޓެކްނޮލޮޖީގެ ފަހުގެ ހަބަރުތަށް ގެނެސްދިނުމަށް ޓެކްނިއުސްއާއިއެކީ ކުރިއަށް