ލޮކްހީޑްގެ ލޭޒާ ބޭސްޑް ހަތިޔާރު ޓެސްޓްކޮށްފި

އިސްމާއިލް އަލީ 12 ފެބްރުއަރީ 2023

ސްޓްރައިކަރ ކޮމްބެޓް ވެހިކަލް އާއެކު ބޭނުންކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ 50 ކިލޯވޮޓްގެ ޓެކްޓިކަލް ލޭޒާ ޕަވާޑް ހަތިޔާރެއް ކާމިޔާބު ކަމާއެކު ޓެސްޓްކޮށްފައިވާކަމަށް ލޮކްހީޑް މާޓިން ކުންފުނިން ހާމަކޮށްފިއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ހަނގުރާމައިގެ މައިދާންތަކަށް އައި ބަދަލުތަކާއެކު ލޭޒާ ޕަވާޑް ހަތިޔާރުތަކަކީ މިހާރު ގިނަ ގައުމުތަކަކުން ހާއްސަ އިސްކަމެއް ދީގެން ހޯދަން ބޭނުންވާ ހަތިޔާރުތަކެކެވެ. މީގެ މައިގަނޑު ސަބަބަކީ މިހާރު ގިނަފަހަރަށް ދުށްމަނުން ކުރިއަރާފައިވާ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ އަގު ބޮޑު ހަތިޔާރުތަށް ހޯދުމުގެ ބަދަލުގައި އަގުހެޔޮކޮށް ލިބެން ހުންނަ ޑްރޯންތަކަށް ބަރޯސާ ވާތީއެވެ.

މީގެ އެންމެ ފަހުގެ މިސާލަކީ މިހާރު ރަޝިއާ އާއި ޔޫކްރެއިން އާދެމެދު ހިނގަމުންދާ ހަނގުރާމައެވެ. އެގޮތުން ޓޭންކްތަކާއި މަތިންދާބޯޓު ބޭނުންކޮށްގެން ޔޫކްރެއިންގެ މުހިންމު އަމާޒުތަކަށް އެތަކެއް މަސްތަކެއް ވަންދެން ހަމަލާ ދިނުމަށްފަހު ރަޝިއާއިން މިހާރު ވަނީ މިއަމާޒުތަކަށް ހަމަލާދިނުމަށް އީރާނުން އުފައްދާފައިވާ ޑްރޯންތަށް ބޭނުންކުރަން ފަށާފައިއެވެ. މިހަނގުރާމާގައި އެމެރިކާގެ އެންމެ ކުރިއަރާފައިވާ ވައިގެ ދިފާއި ނިޒާމުތަށް އެގައުމުން ޔޫކްރެއިންއަށް ހަދިޔާކޮށްފައިވިޔަސް ރަޝިއާގެ ހަމަލާތަކަށް ގެނައި މި ބަދަލާއެކު މިސައިލް ބޭނުންކުރާ މި ވައިގެ ދިފާއި ނިޒާމުތަށް ބޭނުންކުރުމަކީ ދިގުމުއްދަތަކަށް މާލީގޮތުން އެކަށީގެންވާ ނިޒާމެއްތޯ ސުވާލު ވަނީ އުފެދިފައިއެވެ.

ލޭޒާ ޕަވާޑް ނުވަތަ ލޭޒާ ބޭސްޑް ހަތިޔާރަކީ ޑްރޯން ފަދަ ޕައިލެޓެއް ނެތި ދުއްވާ ވައިގެ އުޅަދުފަހަރުތަކާ ދެކޮޅަށް ބޭނުންކުރެވޭ ހަރުދަނާ ވަސީލަތެކެވެ. މީގެ އިތުރުން މިފަދަ ހަތިޔާރުތަކުގެ ބާރު އިތުރަށް ވަރުގަދަކޮށްގެން ބޮޑެތި ވައިގެ އުޅަދުފަހަރުތަކާ ދެކޮޅަށްވެސް ލޭޒާ ޕަވާޑް ނުވަތަ ލޭޒާ ބޭސްޑް ހަތިޔާރަ ކާމިޔާބު ކަމާއެކު ބޭނުންކުރެވިދާނެއެވެ. އެގޮތުން އެމެރިކާގެ އަސްކަރިއްޔާއިން ވަނީ 50 ކިލޯވަޓްގެ ލޭޒާ ޕަވާޑް ނުވަތަ ލޭޒާ ބޭސްޑް ހަތިޔާރު ބޭނުންކުރަން ފަށާފައިއެވެ. އަދި އެގައުމުން މިހާރު ދަނީ 300 ކިލޯވަޓްގެ މިފަދަ ހަތިޔާރުވެސް އުފައްދައި ބޭނުންކުރަން ވިސްނަމުންނެވެ.

އެއްގަމާއި ކަނޑުގައި އޮޕަރޭޓް ކުރުމުގެ ގާބިލުކަމުގެ އިތުރަށް މިފަދަ ހިތަޔާރުގެ އެންމެ ބޮޑު ފާއިދާއަކީ އެޔަށް ހަކަތަ ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތް ރައްކާތެރިކުރެވޭހާ ހިނދަކު ހުއްޓުމެއްނެތި މިފަދަ ހަތިޔާރު ބޭނުންކުރެވޭކަމެވެ. މީގެ ސަބަބުން މިފަދަ ހަތިޔާރު ވާދަވެރިކަން ބޮޑު ނުރައްކާތެރި ސަރަހައްދުތަކުގައި އަދި ދުރު ހިސާބުތަކުގައި ބެހެއްޓުމުގެ ފުރުސަތު ފަހިވެގެންދެއެވެ.

ލޮކްހީޑް މާޓިން ކުންފުނިން ކާމިޔާބު ކަމާއެކު ޓެސްޓްކޮށްފައިވާ ޑެއިމޮސް ސިސްޓަމަކީ އެމެރިކާގެ އަސްކަރިއްޔާއިން މިހާރު ބޭނުންކުރަމުންދާ ސްޓްރައިކަރ ކޮމްބެޓް ވެހިކަލްތަކުގައި ބޭނުންކުރުމުގެ ގާބިލްކަން ލިބިފައިވާ 50 ކިލޯވޮޓްގެ ލޭޒާ ބޭސްޑް ހަތިޔާރެކެވެ. މިހަތިޔާރަކީ ޕައިލެޓުންނާއި ނުލައި ދުއްވާ ވައިގެ އުޅަދުތަކާއި، ހެލިކޮޕްޓަރާއި، ރޮކެޓް ފަދަ ވަސީލަތްތަކާއި ދެކޮޅަށް ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާ އެއްޗެކެވެ. މިއީ އެމެރިކާގެ އަސްކަރިއްޔާގެ ޑައިރެކްޓެޑް އެނާޖީ މެނޫވާ-ޝޯޓް ރޭންޖްޑް އެއާ ޑިފެންސް މިޝަންގެ ބައެއްގެ ގޮތުގައި ފަރުމާކޮށްފައިވާ އުފެއްދުމެކެވެ.

ދާދިފަހުން ނިމިފައިވާ މި އުފެއްދުމުގެ ފުރަތަމަ ޓެސްޓްތަކުން ވަނީ މި ލޭޒާގެ އޮޕްޓިކަލް ޕާފޯމަންސް މިއުފެއްދުމުގެ ޑިޒައިނާއި އެއްގޮތަށް މަސައްކަތްކުރާކަން ކަށަވަރުކޮށްދީފައިއެވެ. ލޮކްހީޑް މާޓިން ކުންފުނިން ހާމަކުރާ ގޮތުގައި މި އުފެއްދުމުގައި ބޭނުންކުރާ ސްޕެކްޓްރަލް ބީމް ކޮމްބިނޭޝަން އާކިޓެކްޗާއަކީ އަގުހެޔޮ އަދި މި ހަތިޔާރު ފޮނުވާ ލޭޒާ ބީމްގެ ކޮލެޓީ ޔަގީންކޮށްދޭނެ ޓެކްނޮލޮޖީއެކެވެ.

މިދިޔަ އަހަރު އެ ކުންފުނިން ވަނީ ލެޔާޑް ލޭޒާ ޑިފެންސް (އެލްއެލްޑީ) ގެ ގާބިލްކަން ދައްކައި، ދެ ސަރޮގޭޓް މިސައިލް މިޓެކްނޮލޮޖީ ބޭނުންކޮށްގެން ވައްޓާލާފައިއެވެ. އެއެލްޑީ އާއި ޑެއިމޮސް އަކީ ވަރަށް ގިނަ އެއްގޮތް ސިފަތަކެއް އެކުލެވިގެންވާ ދެނިޒާމެވެ. އެގޮތުން މިދެ ނިޒާމުގައިވެސް ވައިގެމަގުން ދިމާވާ ނުރައްކާތަކާއި ކުރިމަތިލުމަށް ބޭނުންވާނީ އެންމެ އޮޕަރޭޓަރެކެވެ. އަދި މި ދެ ނިޒާމަކީވެސް ތަފާތު މަންސަތަކަށް ފަސޭހައިން އިންޓަގްރޭޓް ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ އުފެއްފުންތަކެކެވެ.

ލޮކްހީޑް މާޓިން ކުންފުނިން އާންމުކޮށްފައިވާ ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން ދަނީ މިއަހަރު އިތުރަށް ޑެއިމޮސް ޓެސްޓް ޕްރޮގްރާމް އިތުރަށް ފުޅާކުރަން މަސައްކަތްކުރަމުންނެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން ސްޓްރައިކަރ ކޮމްބެޓް ވެހިކަލްތަކަށް އެލްއެލްޑީ ގާބިލުކަން އިތުރުކުރުމުގެ ފުރުސަތު އޮތްކަމަށްވެސް އެކުންފުނިން ވަނީ ހާމަކޮށްފައިއެވެ.


އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.