އެޕަލްއާއި ގޫގަލްގެ ސިއްރު ޑީލް

މުހައްމަދު ސުނާދު 20 ފެބްރުއަރީ 2023

ބަލާބެލުމުގައި ފެނިގެންދަނީ މި ދެކުންފުންޏަކީ، ވިޔަފާރީގެ ދާއިރާގައި އެންމެ ވާދަވެރި ދެ ކުންފުނީގެ ގޮތުގައެވެ. ނަމަވެސް "ދަ ރެޖިސްޓަރ" އިން ނެރެފައިވާ ރިޕޯޓެއްގައި ބުނާ ގޮތުން، ގޫގަލްއަށް ލިބޭ އާމްދަނީގެ ބައެއް ދަނީ އެޕަލްއަށް ލިބެމުންނެވެ. ބްލޫމްބަރގް ފަދަ މަދު ނޫސްތަކަކުން ކުރިންވެސް މިވާހަކަ ދެކެވިފައިވީނަމަވެސް މިކަމުގެ ތަފްސީލު އަދިވެސް އިނގިފައެއް ނުވެއެވެ.

ގޫގަލްގެ ފަރާތުން އެޕަލްއަށް ލިބެމުންމިދާ ފައިސާއަކީ، އެޕަލްގެ އައިފޯންއާއި، އައިޕެޑް އަދި މެކްގެ ޑިފޯލްޓް ސަރޗް އިންޖީންއަކަށް ގޫގަލް ކްރޯމް ހަމަޖައްސާފައިވާތީ، ގޫގަލްގެ ސަރޗް ރެވެނިއުއިން އެޕަލްއަށް ލިބެމުންދާ ބަައެކެވެ. މިކަން ކަށަވަރުކޮށްދިނުމަށް އެޕަލް އަދި ގޫގަލްއައާއި ސުވާލުކޮށްލުމުން އެއްވެސް ކުންފުންޏެއްގެ ފަރާތުންވަނީ ޖަވާބެއް ލިބޭނެގޮތެއް ނުވެފައެވެ. އަދި މިކަމާއި ބެހޭގޮތުން މޮނޮއްޕޮލީ ރެގިއުލޭޓަރ ސީ.އެމް.އޭ އާއި ސުވާލުކޮށްލުމުންވެސް ބުނީ ކޮންފިޑެންޝަލް ކަމެއްވުމުން، އެކަމާއި ބެހޭގޮތުން އެއްވެސް އެއްޗެއް ނުބުނެވޭނެކަމަށެވެ. މިދިޔަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު މިކަމާއި ބެހޭގޮތުން ސީ.އެމް.އޭއިން ނެރުނު ރިޕޯޓްގައިވެސް މުހިންމު މައުލޫމާތު ހިމެނޭ ބައެއް ހިސާބު ވަނީ ދުއްވާލާފައެވެ. މީގެ މިސާލެއް ތިރީގައި އެވަނީއެވެ.

މީގައި [×] ޖަހާފައިވާ ތަނަކީ އެމީހުން ރިޑެކްޓްކޮށްލާފައިވާ ހިސާބެކެވެ. އެތަންކޮޅުގައިވާ މައުލޫމާތަކީ ގޫގަލް ކްރޯމްކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.

ނަމަވެސް ސުވާލަކީ މި ދެ ކުންފުނިން މިފަދަ ޑީލްއެއް ހަދަންޖެހުނު ސަބަބަކީ ކޮބައިބާވައެވެ؟ ގޫގަލްގެ ސަރޗް ބިޒްނަސްގެ ދެބައިކުޅަ އެއްބަޔަށްވުރެން ގިނައިން ހިނގާފައިވަނީ އެޕަލްގެ ޑިވައިސްތައް މެދުވެރިކޮށެވެ. އެހެންކަމުން ގޫގަލްއިން މިކަންތައް ސިފަކުރަނީ "ކޯޑް ރެޑް" ހާލަތެއްގެ ގޮތުގައެވެ. އަދި މި ޑީލް ހަދަން ޖެހުނު އެންމެ ބޮޑު ސަބަބަކީވެސް، އެޕަލްގެ ފަރާތުން އެމީހުންގެ ސަރޗް ބިޒްނަސްއަށް އައިސްދާނެ އެއްވެސް ވާދަވެރިކަމެއް ދުއްވާލުމަށެވެ. އެޕަލްއިން މި ޑީލް އާއި އެއްބަސްވީ، އެއްވެސް ހަރަދަކާއި ޗެލެންޖަކާއި ނުލާ ގޫގަލްގެ ފަރާތުން ޕްރޮފިޓް ލިބޭނެތީއެވެ.

ގޫގަލް އަދި އެޕަލްއާއި ދެކޮޅަށް ޕްރައިވެޓް އެންޓިޓްރަސްޓް ލޯ ސޫޓްއެއް ހުށަހަޅާފައިވާ ގާނޫނީ ވަކީލު، ޖޯސެފް އެމް އަލިއޯޓޯ ބުނާގޮތުގައި 1 ބިލިއަން ޑޮލަރުން ދޭންފެށި މި ޕޭމަންޓް، 2021 ނިމުނުއިރުވަނީ 15 ބިލިއަން ޑޮލަރަށް މަތިވެފައެވެ. މިކަމަކީ އެންޓިޓްރަސްޓް ލޯއާއި ހިލާފުކަމެއްކަމަށް އަލިއޯޓޯވަނީ ބުނެފައެވެ. މިކަމާއި ގުޅިގެން ސީ.އެމް.އޭ އާއި ޔޫއެސްގެ ޖަސްޓިސް ޑިޕަރޓްމެންޓް އަދި އެހެން 11 ސްޓޭޓްއަކުން ވަނީ، 20 އޮކްޓޯބަރ 2020 ގައި އެންޓިޓްރަސްޓް ކޮންޕްލެއިންޓެއް ކޮށްފައެވެ.

މި ކޮންޕްލެއިންޓާއި ގުޅިގެން އެޕަލްއަށްވަނީ ޕްރެޝަރ އައިސްފައެވެ. އެގޮތުން ސަފާރީ 16.4 ބޭޓާ ވަރޝަންގެ ވެބްކިޓްގައި، އެޕަލްއިންވަނީ ކުރިން ދުއްވާލައިފައިވާ ވަރަށްގިނަ ފީޗަރސްތަކެއް އަނބުރާ ގެނެސްފައެވެ. ޗެޓްޖީޕީޓީގެ ޕްރެޝަރ އައިފައިވާ މިހާލަތުގައި ގޫގަލްއިން މިކަމާއި ގުޅޭގޮތުން ކަންތައް ކުރާނެ ގޮތަކާއިމެދު ސުވާލު އުފެދެއެވެ. ނަމަވެސް ސަންޓާ ކްލެރާ ޔުނިވަރސިޓީގެ ލޯ ޕްރޮފެސަރއެއްކަމަށްވާ ޑޮނަލްޑް ޕޮލްޑެން ބުނާ ގޮތުގައި އެންޓިޓްރަސްޓްއާއި ބެހޭ ފިޔަވަޅުތައް މިދެކުންފުންޏަށްވެސް އަޅާނެއެވެ.

މުހައްމަދު ސުނާދު

މުހައްމަދު ސުނާދު

ޓެކް އެންތުސިއަސްޓެއްގެ ހައިސިއްޔަތުން ޓެކްނޮލޮޖީގެ ފަހުގެ ހަބަރުތަށް ގެނެސްދިނުމަށް ޓެކްނިއުސްއާއިއެކީ ކުރިއަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.