ފާރިސް މައުމޫންގެ ބްލޮކްޗެއިން މަންސަ "ވަން އައިލް ޑާއޯ"

އަޙްމަދު ދާއޫދު 05 މާރިޗު 2023

ޓެކްނޮލޮޖީއަކީ މިއަދު އަޅުގަނޑުމެންގެ ދިރިއުޅުމާއި، ވަށައިގެންވާ ހުރިހާ ކަމަކާއި، ގުޅި ލާމެހިފައިވާ މުހިންމު ވަސީލަތެކެވެ. އެގޮތުން ޓެކްނޮލޮޖީއާއި، ސިޔާސީ ކަންކަމާ ގުޅުވާލެވޭނީ ކިހާހިސާބަކުންތޯ ސިޔާސީ ބޭފުޅުންވެސް ދަނީ ފުޅާދާއިރާއެއްގައި ވިނަސްނަމުންނެވެ. އެކަމުގެ ސާފުހެކި މިއަދު މިވަނީ އަޅުގަނޑުމެންނަށް ފެނި ސާބިތުވެފައެވެ. ދުނިޔޭގެ ބައެއް ތަހުޒީބީ ޤައުމުތަކުގައިވެސް އެކަން ތަޖްރިބާ ކުރަމުން ދާ ފަދައިން ރާއްޖޭގައިވެސް ސިޔާސަތުތައް ކަނޑައެޅުމުގައި އާންމުންގެ ބައިވެރިވުމާއި ދެފުށް ފެންނާނެ ގޮތެއްގައި ކޮލޭބޮރޭޓިވް ކޮށް ކުރިއަށް ގެންދެވޭނެ ޑާއޯއޭ އެއް ފަށަން ތައްޔާރުވެއްޖެއެވެ.

ޑީސެންޓްރަލައިޒްޑް އޮޓޯނޮމަސް އޯގަނައިޒޭޝަން ނުވަތަ ޑާއޯ އަކީ ވެބް 3.0 ގެ އަސާސް ތަކުގެ މަތީގައި ސްމާޓް ކޮންޓްރެކްޓް ތަކެއްގެ ގޮތުގައި ކޯޑްކޮށްފައިވާ އުސޫލުތަކެއްގެ ތެރެއިން ހިނގާ އޮޓޮނޯމަސް ސިސްޓަމެކެވެ. އޭގެ މާނައަކީ އެއްބަޔަކު އަނެއްބަޔަކަށް އެއްވެސް ނުފޫޒެއްނެތި މިނިވަންކަމާއެކު ބިރެއްނެތި މިޕްލެޓްފޯމްގެތެރެއިން ޚިޔާލުބަދަލުކޮށް ވާހަކަ ދައްކާހެދޭނެއެވެ. އަދި ތިމާ ތާއީދުކުރާ ކޮޅަކަށް ވޯޓްދިނުމާއި، ނޫނެކޭ ބުނަންޖެހޭ ކަންކަމުގައި ނޫން ބަސްބުނުން ފަދަ ކަންކަމަށް ފަހި ދޮރުތަކެއް ހުޅުވިގެންދާނެފަދަ މަންސައެކެވެ. ޑާއޯ އޮޕަރޭޓް ކުރާނީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ދެފުށް ފެންނަ ގޮތަކަށެވެ. މިކަމުގެ ސަބަބުން ހުށަހަޅޭ ކޮންމެ މައްސަލައެއްގައިވެސް ވެސް ނިންމުންތައް ނިންމާ ޕްރޮސެސްގައި މިކަމުގައި ބައިވެރިވާ ހުރިހާ މެމްބަރުންގެ ބައިވެރިވުމާއި، ޚިޔާލާތު އެކުލެވިގެންދާނެއެވެ.

ދިވެހި އެންމެހައި ރައްޔިތުންނަށް އެ ޕްލެޓްފޯމެއްގައި ބައިވެރިވެ އެމީހެއްގެ ޚިޔާލު މިނިވަންކަމާއެކު އެއްވެސް ނުފޫޒެއްނެތި ފާޅުކުރުމުގެ ފުރުޞަތު ލިބައްބައިދޭ މި ޕްރޮޖެކްޓަކީ "ވަންއައިލް ޑާއޯ"އެވެ. މި ޑާއޯ އަކީ ސިޔާސަތުތައް ކަނޑައެޅުމުގެ މަރުހަލާގައި އާންމުންގެ ބައިވެރިވުން އިތުރު ކުރުމާއި ނިންމުންތަން ނިންމުމުގައި ކޮރަޕްޝަނަށް ފަހިވާގޮތަށް ދާ ކަންކަން ނިމުމަކަށް ގެނެސް ނިންމުންތައް ނިންމުމުގެ މަރުހަލާ ހާމަކަން ބޮޑުގޮތެއްގައި ކުރިއަށްގެންދިއުމަށާއި ގައުމަށް އެ އިރެއްގައި އެންމެ ބޭނުންވާ އަދި މުޖްތަމައަށް އެ ވަގުތެއްގައި އެންމެ ބޮޑަށް އަސަރުކުރުވާ މައްސަލަތަކަށް އެކަށީގެންވާ ސިޔާސަތުތައް އެކުލަވާލުމުގައި އާންމުންނާއި ސިޔާސަތުތައް އެކުލަވާލާ ފަރާތްތަކާއެކުގައި މަސައްކަތް ކުރެވޭނެ ޕްލެޓްފޯމެކެވެ.

މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ރައީސް، ފާރިސް މައުމޫން އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދާ ވަން އައިލް ޑާއޯއަކީ، އީޖާދީ އެކްސްޕެރިމެންޓެކެވެ. ޓެކްނިއުސް.އެމްވީ އަށް ދެއްވި ޚާއްޞާ އިންޓަވިއުއެއްގައި ފާރިސް ވިދާޅުވީ މިއީ ސިޔާސަތު ކަނޑައެޅުމުގެ މަރުހަލާގައި އާންމުންގެ ހިޔާލާއިއެކު މަސައްކަތް ކުރުމަށް ބާރުއަޅާ އައު ޑިމޮކްރެޓިކް ޕްރޮސެސްއެއް ކަމަށެވެ. އަދި ވަން އައިލްގެ ދަށުން ހާމަކަން ބޮޑު ނިޒާމެއް އުފައްދައި، މުހިންމު މަޝްވަރާތަކުގައި އެންމެން ބައިވެރިވުމަށް ފުރުސަތުދީ، މިޕްލެޓްފޯމްގެ ތެރެއިން އެފަރާތްތަކުގެ އަޑު އިވޭނެކަމުގެ ޔަޤީންކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ. މި ނިޒާމުގެ އަމާޒަކީ އެއްބާރުލުންދޭ ޑިމޮކްރަސީގެ ސަބަބުން ފައިދާހުރި އަދި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު ސިޔާސަތުތަކެއް ކަނޑައަޅައި، ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯދައިދީ މުޅި މުޖުތަމަޢަށް ފައިދާ ކުރާނެކަން އެކަށައަޅައި އެކަންކަން ހާސިލުކުރުން ކަމުގައި ފާރިސް ވިދާޅުވިއެވެ.

ބްލޮކްޗެއިން ޓެކްނޮލޮޖީގެ ބަރޯސާވާ މި ޑާއޯގެ ފައުންޑަރުންގެ ގޮތުގައި ތިބޭނީ އެކަމަށް ޝަޢުޤުވެރިކަން ހުރި ފަރާތްތަކެވެ. ފާރިސް ވިދާޅުވީ މި ޑާއޯގެ ފައުންޑަރުންނަށްވާން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ވަރަށް އަވަހަށް ހުޅުވާލައްވާނެކަމަށެވެ. އަދި ޑާއޯ ކުރިއަށް ގެންދިއުމަށްޓަކައި މެމްބަރުން އެއްބަސްވެ ތަންފީޒުކުރާ ގަވާއިދުތަކާއި ޕްރޮޓޮކޯލްތަކެއް ކަނޑައެޅުގެ މަސައްކަތްތައް މިހާރު ކުރައްވަމުން ގެންދަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިޑާއޯގެ އެންމެ ޚާއްޞަ އެއްސިފައަކީ ޑިމޮކްރެޓިކް އުޞޫލުން ނިންމާ ނިންމުންތައް ނިންމުމުގެ މަރުހަލާގައި ހުރިހާ މެންބަރުންނަށް ހާމަކަން ބޮޑުކޮށް، އެންމެންގެ އެއްބަސްވުމާއެކު ނޫނީ ކަންކަން ބަދަލްނުކުރެވޭނެއެވެ. ކޮންމެ ނިންމުމެއްވެސް ނިމިގެންދާނީ އެންމެންގެ ބައިވެރިވުމާއެކު ރައްކާތެރި ނިޒާމެއްގެ ތެރެއިން ޑިމޮކްރެޓިކް ހަމަތަކަށް ފެތޭގޮތަށެވެ. އަދި މި އެކްސްޕެރިމެންޓަކީ ވެރިންނާއި، އާއްމު ރައްޔިތު މީހާއާއި އެކުގައި ކޮލަބަރޭޓިވްކޮށް ޓެކްނޮލޮޖީގެ އެހީގައި މަސައްކަތް ކުރެވޭ ޒަމާނީ އީޖާދީ ނިޒާމެކެވެ.

މިކަމަށް ޚާއްޞަ ސޮފްޓްވެއާ ސޫޓެއްގެ އެހީގައި ކުރިއަށް ގެންދާ މި ނިޒާމުފަރުމާ ކޮށްފައިވަނީ މަޝްވަރާތައް ކުރިއެރުވުމާއި، އިތުބާރު ހުރި ޕްރޮކްސީ ރެޕްރެޒެންޓޭޓިވްސް އެއް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހެޅޭނެ ގޮތަށް ބްލޮކްޗެއިން ޓެކްނޮލޮޖީ މެދުވެރިކޮށް ހާމަކަންބޮޑު، ހަރުދަނާ ނިޒާމެއްގެ ދަށުން އެންމެންގެ ބައިވެރިވުން ކަށަވަރުކޮށްދޭނެގޮތަށެވެ.

މި ޑީސެންޓްރަލައިޒްޑް އޮޓޮނޯމަސް އޯގަނައިޒޭޝަން (ޑާއޯ) ގައި މަޝްވަރާކޮށް ސިޔާސަތުތައް ކަނޑައެޅިދާނެ ބައެއް ދާއިރާތައް ޓެކްނިއުސްއާއި ވާހަކަ ދައްކަވަމުން ފާރީސް ވިދާޅުވެދެއްވިއެވެ. އެގޮތުން އިންސާނީ ހައްގުތައް، އިގްތިސާދީ ތަފާތުކުރުން، މޫސުމަށް އަންނަ ބަދަލުތައް، ތައުލީމާއި، ސިއްހަތާއި، އިޖުތިމާއީ ރައްކާތެރިކަން ފަދަ ކަންކަން ޕްރޮމޯޓުކުރުމަށް ކަރުދާސް ހުށަހަޅާ ފުޅާދާއިރާއެއްގައި ވާހަކަ ދެއްކުމަށް ރާއްވަވާފައިވާކަމަށް ފާރިސް ވިދާޅުވިއެވެ.

ވަން އައިލް ޑާއޯ އިން ކުރިއަށް ގެންދާ މިއެކްސްޕެރިމެންޓްގައި ފާހަގަކޮށްލަންޖެހޭ ޓެކްނޮލޮޖީގެ ޚާއްޞަ އަނެއް ވަޞީލަތަކީ މިހާރު ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އޭއައި ޓެކްނޮލޮޖީއެވެ. އެގޮގުން މިޕްލެޓްފޯމްގައި އާންމުން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ޑޭޓާއާ އެކު ތަމްރީނުކޮށްފައިވާ އޭއައި ޕަވަރޑް ޗެޓްބޮޓެއް ތައާރަފް ކުރާނެ އެވެ. މި ޗެޓްބޮޓް ފަރުމާކޮށްފައިވަނީ ސިޔާސީ ފަރާތްތަކަށް އާންމު ޚިޔާލުތައް ވިސްނައިދިނުމާއި، އާންމު މައުޟޫއުތަކާއި މައްސަލަތައް ދެނެގަތުމާއި، ސިޔާސީ ނިންމުންތައް ނިންމުމުގައި މައުލޫމާތު ދިނުމަށް އެހީތެރިވެދޭ ވިސްނުންތައް ފޯރުކޮށްދިނުމަށެވެ.

މީގެ އިތުރުންވެސް މި ޕްރޮޖެކްޓްގައި، ޓެމްޕަރ ޕްރޫފް އަދި ޓްރާންސްޕޭރެންޓް ގޮތެއްގައި މުއާމަލާތްތައް ރެކޯޑްކުރާ ލާމަރުކަޒީ ޑިޖިޓަލް ލެޖަރެއެއް ކަމުގައިވާ ބްލޮކްޗެއިން ޓެކްނޮލޮޖީވެސް ބޭނުންކުރާއިރު، މި ޓެކްނޮލޮޖީގެ ސަބަބުން މެދުވެރިއަކާ ނުލައި އެއް ޑޭޓާބޭސްއެއް ހިއްސާކޮށް މުއާމަލާތްތައް ޔަގީންކުރުމުގެ ފުރުސަތު ގިނަ ފަރާތްތަކަކަށް އެއްފަހަރާ ލިބިގެންދެ އެވެ. ބްލޮކްޗެއިންއަކީ ހާމަކަން ބޮޑު، ރައްކާތެރިކަން ކަށަވަރުކޮށްދޭ ވަސީލަތެއް ކަމުން މިއީ ފައިނޭންސް، ހެލްތްކެއާ، އަދި ގަވަރނަންސް ހިމެނޭ ގޮތަށް އެކި ދާއިރާތަކުގައި އިންކްލޫސިވިޓީއާއި އިތުބާރު ކަށަވަރުކުރުމަށް ރަނގަޅު ވަސީލަތެކެވެ.

ބްލޮކްޗެއިންގެ ހާމަކަން ބޮޑުކަމުން ކޮންމެ ފަރާތަކަށް ވެސް އެއް މައުލޫމާތެއް ލިބޭނެ ކަމުގެ ޔަގީންކަން ލިބިގެންދެއެވެ. އަދި މީގައި ހިމެނޭ އެންމެންގެ އެއްބަސްވުމާއެކު ނޫނީ މީގައި ހުންނަ ޑޭޓާއަށް ބަދަލު ގެނެސް ނުވަތަ ޑިލީޓް ނުކުރެވޭނެ ކަމުގެ ޔަގީންކަން ލިބެ އެވެ. މި ސިފަތަކުގެ ސަބަބުން ބްލޮކްޗެއިން އަކީ ހާމަކަން ބޮޑު އަދި ހުރިހާ ފަރާތްތަކެއް ހިމެނޭ މުޖުތަމަޢެއް އުފެއްދުމަށް ބޭނުންކުރުމަށް ރަގަޅު ވަސީލަތެކެވެ.

މިޕްރޮގްރާމްގެ ފައުންޑަރ ފާރިސް ޓެކްނިއުސް އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުގައި ވިދާޅުވީ މިއީ އީއާރުސީ-20 ގަވަރނަންސް ޓޯކަންސް ބޭނުންކޮށްގެން މުޖުތަމައުގެ މެމްބަރުންނާއި ޖަމިއްޔާތަކާ ގުޅިގެން މަސައްކަތްކުރުމަށް ބާރުއަޅާ ނިޒާމެއް ކަމަށެވެ.

ވަން އައިލް މަޝްރޫއުގައި މަޝްވަރާތައް ފުރަތަމަ ކުރިއަށް ގެންދާނީ ޓެލެގްރާމް ފަދަ ޕްލެޓްފޯމްތަކުގައެވެ. މި މަޝްވަރާތަކަކީ ދިވެހީންނާއި، ބިދޭސީންނަށްވެސް ހުޅުވާލައިގެން ކުރިއަށް ގެންދާ މަޝްވަރާތަކަކަށްވާއިރު، ވީހާވެސް ގިނަބަޔަކަށް ފުރުޞަތު ހުޅުވާލުމަށް ވަނައިލް އިން ވަނީ ނިންމާފައެވެ. މި މަޝްރޫއުގައި ޝައުގުވެރިކަން ހުންނަ ވަކި ދާއިރާތަކާއި ގުޅުންހުރި ކޮންސެޕްޓްތަކުގެ ޢިލްމާއި ތަޖުރިބާ ލިބިފައިވާ ބޭރުގެ ތަޖުރިބާކާރުންގެ ޓެކްނިކަލް އިންޕުޓަށް މަރުޙަބާ ކިޔައެވެ. ނަމަވެސް ޕޮލިސީ ހިޔާލުތަކާއި، އިޖުތިމާޢީ މައްސަލަތަކާއި، ވޯޓުލުމަށް ޕްރޮޕޯސަލް ޙަވާލުކުރުމުގެ ހުއްދަ ލިބެނީ ހަމައެކަނި ދިވެހި ރައްޔިތުންނަށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.