ޓެކްނޮލޮޖީ އަކީ އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގެ މުހިންމު ބައެއްގެ ގޮތުގައި މިއަދު ވެފައިވާ ވަސީލަތަކަށްވާއިރު، ފޯނުގެ ބްލޫޓޫތަކީ މި މުހިންމު ވަސީލަތުގައި ބޮޑު ދައުރެއް އަދާކުރާ ފީޗާއެކެވެ. ކޮންމެ ވަގުތަކު ވެސް ބްލޫޓޫތު އޮންކޮށްލަން ޖެހިދާނެއެވެ. ނުވަތަ ބްލޫޓޫތް އޮންކޮށްފައި ގިނަ އިރުތަކެއް ވަންދެން ބަހައްޓަންވެސް ޖެހިދެއެވެ. މިއީ ގިނަމީހުން މާބޮޑު ވިސްނުމަކާ ނުލައި ޢާއްމުކޮށް ކުރަމުން އަންނަ ކަމެއްކަމުގައި މިވަނީ ފާހަގަވެފައެވެ. އެކަމަކު ފޯނުގެ ބްލޫޓޫތު އޮންކޮށްފައި ބެހެއްޓުމަކީ ހީކުރާ ވަރަށް ވުރެ ބޮޑު ނުރައްކަލެއް ، ތިބާއަށާއި، ތިބާގެންގުޅޭ ޑިވައިސްއަށް ކުރިމަތިވެދާނެ ކަމެއްކަން އެނގޭ ހެއްޔެވެ؟
ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ފޯނުގެ ބްލޫޓޫތު އޮންކޮށްފައި ބެހެއްޓުމުން ސައިބާ އެޓޭކްތަކުގެ ނުރައްކާ ބޮޑެވެ. ހަގީގަތުގައި ސައިބާ ސެކިއުރިޓީ ގެ ތަޖުރިބާކާރުން ވަނީ ބްލޫޓޫތު އަކީ މޮބައިލް ޑިވައިސްތަކަށް އެންމެ ބޮޑު ސެކިއުރިޓީ ރިސްކެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ. ހެކަރުން ބްލޫޓޫތު ބޭނުންކޮށްގެން ޑިވައިސް އަށް އެކްސެސް ހޯދުމާއި ޒާތީ މައުލޫމާތު ވަގަށް ނެގުމުގެ އިތުރުން އެ ޑިވައިސް ރިމޯޓްކޮށް ވެސް ކޮންޓްރޯލް ކުރެވޭނެ އެވެ.
ބްލޫޓޫތުއާ ގުޅުންހުރި ސައިބާ ހަމަލާތަކުގެ ތެރެއިން އެންމެ އާންމު އެއް ހަމަލާއަކީ ބްލޫޖެކިން އެވެ. މި ހަމަލާގެ ސަބަބުން ހަމަލާދޭ މީހާއަށް ބްލޫޓޫތު މެދުވެރިކޮށް ބޭނުން ނުވާ މެސެޖްތަކާއި ފޮޓޯނުވަތަ ވީޑިއޯތައް ޑިވައިސްއަށް ފޮނުވުމުގެ ފުރުސަތު ލިބިގެންދެއެވެ. ބްލޫޖެކިން އަކީ ކޮންމެހެން ގެއްލުން ހުރި އެއްޗެއް ނޫން ނަމަވެސް މިއީ ޑިވައިސްގެ ސެކިއުރިޓީ އަށް ބުރޫ އަރާފައިވާ ކަމުގެ އަލާމާތެކެވެ. ބައެއް ހާލަތްތަކުގައި ބްލޫޖެކިން ބޭނުންކޮށްގެން ޑިވައިސް އާއި އަމިއްލަ މައުލޫމާތު އެއްކުރުމަށް ވެސް ބޭނުން ކުރެވިދާނެއެވެ. އަދި ބްލޫޖެކިން މެދުވެރިކޮށް ހޯދާ ޒާތީ މައުލޫމާތުތައް ނަހަމަގޮތުގައި ނަހަމަ ކަންކަމަށް ބޭނުން ކުރެވިދާނެ އެވެ.
ބްލޫޓޫތު އާ ގުޅުން ހުރި އަނެއް ބާވަތަކީ ބްލޫސްނާފިން އެވެ. މި ހަމަލާގެ ސަބަބުން ހަމަލާދޭ މީހާއަށް ތިބާގެ ޑިވައިސްގެ ޑޭޓާތައް ކަމަށްވާ ކޮންޓެކްޓްސް، ފޮޓޯ އަދި މެސެޖްތަކަށް ނޭނގި ނުވަތަ ރުހުމަކާ ނުލައި އެކްސެސް ވެވޭނެ އެވެ. ހާއްސަކޮށް މިބާވަތުގެ ހަމަލާއަކީ ގިނަ ދުވަސްތަކެއް ވަންދެން ސަމާލުކަން ނުލިބި، ހަމަލާދޭ މީހާ އަށް ފެނުމުގެ ކުރިން ގިނަ އަދަދެއްގެ ނާޒުކު މައުލޫމާތު އެއްކުރުމުގެ ފުރުސަތު ފަހިކޮށްދޭ ހަމަލާއެކެވެ.
ބްލޫޓޫތުއާ ގުޅުންހުރި އެންމެ ނުރައްކާތެރި ހަމަލާއަށް ކިޔަނީ ބްލޫބޯން ކަމަށް ވެދާނެއެވެ. މި ހަމަލާގެ ސަބަބުން ހަމަލާދޭ މީހާއަށް ތިބާގެ ފަރާތުން އަޅަންޖެހޭ އެއްވެސް ފިޔަވަޅެއް ނާޅައި ރިމޯޓްކޮށް ތިބާގެ ޑިވައިސް ކޮންޓްރޯލް ކުރެވޭނެއެވެ. ހަމަލާދޭ މީހާ ކޮންޓްރޯލް ވުމުން، ތިބާގެ އަމިއްލަ މައުލޫމާތަށް ވަނުމާއި، މެލްވެއާ އިންސްޓޯލްކުރުމާއި، އެހެން ޑިވައިސްތަކަށް ހަމަލާ ފެތުރުމަށް ޑިވައިސް ބޭނުންކޮށްގެން ވެސް އެމީހުން ބޭނުންވާ ކޮންމެ ކަމެއް ގާތްގަނޑަކަށް ކުރެވިދާނެ އެވެ.
އެހެންވީމާ، ބްލޫޓޫތުއާ ގުޅުންހުރި މި ސައިބަރ ހަމަލާތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯވެސް ބަލައިލަން އެބަޖެހެއެވެ. އެންމެ ފުރަތަމަ ބްލޫޓޫތު ބޭނުން ނުކުރާއިރު ނިއްވާލާށެވެ. މިކަމުގެ ސަބަބުން ހަމަލާތަކަށް ނުރައްކާވުން ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. ބްލޫޓޫތު ބޭނުންކުރަން ޖެހިއްޖެ ނަމަ ހަމައެކަނި އިތުބާރު ކުރެވޭ ޑިވައިސްތަކާ އެކު ޑިވައިސް ޕެއާ ކޮށްލާށެވެ، އަދި ނޭނގޭ ވަސީލަތަކުން ބްލޫޓޫތު ކަނެކްޝަނެއް ބަލައިނުގަންނާށެވެ.
އަދި ޑިވައިސްގެ ސޮފްޓްވެއާ އަކީ އަޕްޓު ޑޭޓް ސޮފްޓްވެއާއެއްކަން ވެސް ކަށަވަރު ކުރަން ޖެހެ އެވެ. ގިނަ ސޮފްޓްވެއާ އަޕްޑޭޓްތަކުގެ ތެރޭގައި ސައިބާ ހަމަލާތަކުން ޑިވައިސް ސަލާމަތްކޮށްދޭނެ ސެކިއުރިޓީ ޕެޗްތައް ހިމެނެ އެވެ. މީގެ އިތުރުން އެންޓިވައިރަސް ނުވަތަ އެންޓި މެލްވެއާ ސޮފްޓްވެއާ ފަދަ ސެކިއުރިޓީ ސޮފްޓްވެއާ ބޭނުންކޮށްގެން ރައްކާތެރިކަމުގެ އިތުރު ފަށަލައެއް އެޅުމަށް ވިސްނާށެވެ.
އަދި ހަމައެހެންމެ ބްލޫޓޫތުއާ ގުޅުންހުރި ހަމަލާއެއްގެ ނިޝާންތަކަށް ހޭލުންތެރިވުމަކީވެސް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ޑިވައިސްގައި އާދަޔާ ހިލާފު އެއްވެސް ހަރަކާތެއް ހިނގާތަން ފެނިއްޖެނަމަ، މެސެޖްތައް ނުވަތަ ފައިލްތައް އެއްވެސް ތަނަކުން ނުފެންނަނަމަ، ނުވަތަ ޑިވައިސް އާދަޔާ ޚިލާފަށް އަމަލުކުރާތަން ފެނިއްޖެނަމަ، ޑިވައިސް ކޮމްޕްރޮމައިޒްވެފައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ. މިހާލަތުގައި ޑިވައިސް އާއި އަމިއްލަ މައުލޫމާތު ރައްކާތެރިކުރުމަށް ވަގުތުން ފިޔަވަޅު އެޅުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.
ފޯނުގެ ބްލޫޓޫތު އޮންކޮށް އަބަދު ނުވަތަ ގިނައިރު ބެހެއްޓުމަކީ ކުޑަ ކަމެއް ކަމަށް ހީވިޔަސް، ހަގީގަތުގައި ސައިބާ ހަމަލާތަކުގެ ނުރައްކާ ކުރިމަތިވެދާނެ ކަމެކެވެ. ބްލޫޓޫތު ބޭނުން ނުކުރާ އިރު ނިއްވާލުމާއި ޑިވައިސްގެ ސޮފްޓްވެއާ އަޕްޑޭޓްކޮށް ބެހެއްޓުމާއި ހަމަލާއެއްގެ ނިޝާންތައް އެނގުމުން ބްލޫޓޫތު ވަގުތުން އޮފް ކޮށްލެވިދާނެ އެވެ. މިއީ ބްލޫޓޫތުގެ ސެކިއުރިޓީ ސީރިއަސްކޮށް ނަގައި އަމިއްލަ ނަފްސާއި އަމިއްލަ މައުލޫމާތު ރައްކާތެރިކުރަންވީ ވަގުތެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.