ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައި ވެސް ޓެކްނޮލޮޖީ ދާއިރާއަކީ އަންހެން ކުދިން މަދު ދާއިރާއެކެވެ. މިދާއިރާގައި އަންހެނުންގެ ރޯލަކީވެސް މުހިއްމު ރޯލެއް ކަން ދެކިގެން ރާއްޖޭގައިވެސް އެކިއެކި ގޮތްގޮތުން މިކަމުގެ ހޭލުންތެރިކަން އިތުރުކުރުމަށާއި އަންހެން ކުދިން މިދާއިރާއަށް ނެރެން މަދަނީ ޖަމްއިއްޔާތަކާއި އެހެނިހެން އިދާރާތަކުން ގިނަ މަސައްކަތްތަކެއް ކުރެއެވެ. މިފަދަ އެކިއެކި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް މާލެއާއި ރާއްޖޭގެ އެހެން ރަށްތަކުން އަންހެން ކުދިންގެ ވަރަށް ބޮޑު ތަރުހީބު ލިބެއެވެ. އެއް ޕްރޮގްރާމްގައި ބައިވަރިވާ ކުދިން ފަހުން އިތުރު ޕްރޮގްރާމްތަކުގެ މައުލޫމާއު ހޯދާ ދާއިރާއިން ކުރިއަށް ދިއުމަށް ހުރި އިތުރު ފުރުސަތު ހޯދުމަށް މަސައްކަތްކުރެއެވެ.
މިއަދަކީ މިދާއިރާގެ އަންހެން ކުދިންނަށް ހާއްސަދުވަހަކަށް ވާތީ މިއީ ދާއިރާއިން ކުރިއަށް ދިޔުމުގެ ޝައުގުވެރިކަން ފާޅުކުރާ ނޯޔާގެ ވާހަކަ ހިއްސާކޮށްލުމަށް އެންމެ މުނާސަބު ވަގުތެވެ.
ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 7 ގައި ތައުލީމް ހާސިލްކުރާ، އާމިނަތު ނޯޔާ ސަމީހް އަކީ ޓެކްނޮލޮޖީއަށް ޝައުގުވެރިކަން ހުންނަ އަދި މުސްތަގްބަލުގައި އައިސީޓީ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުއްޖެކެވެ. މިދާއިރާގެ އެކިއެކި ފުރުސަތުތައް ހޯދުމަށް އަބަދުވެސް ނޯޔާ މަސައްކަތްކުރެއެވެ.
ހުސްވަގުތު ތަކުގައި ފޮތް ކިޔުމަށާއި ބެޑްމިންޓަން ކުޅުމަށް ޝައުގުވެރިވާ ނޯޔާ ފާހަގަ ކުރިގޮތުގައި ސްކޫލްގައި ކިޔަވާ މާއްދާތަކުގެ ތެރެއިން އޭނާ އެންމެ ކިޔަވާ ހިތްވަނީ ސައިންސެވެ. ނޯޔާގެ އާއިލާގައި ހިމެނެނީ މަންމަ އާއި ބައްޕަ އަދި ފިރިހެން ކޮއްކޮއެކެވެ. މަންމަ މަސައްކަތް ކުރަނީ އުރީދޫ މޯލްޑިވްސްގައެވެ. އަދި ބައްޕަ އަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އައިސީޓީ އިންފްރާސްޓަރކްޗަރ އެންޑް ސެކިޔުރިޓީ ޑިޕާޓްމަންޓްގެ އިސްވެރިޔެކެވެ.
ނޯޔާ ބުނި ގޮތުގައި ކޯޑިންގއާއި ޕްރޮގްރާމިންގއަށް އެންމެ ފުރަތަމަ ޝައުގުވެރިކަން އުފެދުނީ ބައްޕަގެ ފަރާތުންނެވެ. ނޯޔާ އެންމެ އިންސްޕަޔަރ ވަނީ ވެސް ބައްޕަގެ ފަރާތުންނެވެ. ބައްޕައަކީ މިދާއިރާގައި ބުރަކޮށް މަސައްކަތް ކުރާ މީހަކަށް ވެފައި އަބަދުވެސް ނޯޔާ ބޭނުން ދާއިރާއަކުން ކުރިއަށް ދިޔުމަށް ބާރުއަޅާ އެހީތެރިވެދޭކަމަށް ނޯޔާ ބުންޏެވެ.
ނޯޔާ އެންމެ ފަހުރުވެރިވަނީ ސްކޫލްގައި ލިބޭ ކާމިޔާބީތަކާ މެދުގައެވެ. އެއީ ކުރާ ބުރަ މަސައްކަތްތަކުން ރަނގަޅު ނަތީޖާ ލިބި ސްކޫލުން އެކަންތައް ފާހަގަކުރާތީއެވެ.
އެކި ފަރާތްތަކުން ހިންގާ އައިސީޓީއާއި ގުޅުން ހުރި އެކި ހަރަކާތްތަކުގައި ނޯޔާ ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ވިމެން އިން ޓެކް މޯލްޑިވްސްއިން ހިންގި ގާރލްސް އިން ޑޭޓާ ޕްރޮގްރާމާއި ގަރލް ޕަވަރޑް ޕްރޮގްރާމް ނޯޔާ ހާއްސަކޮށް ފާހަގަކުރިއެވެ. ގަރލް ޕަވަރޑް ޕްރޮގްރާމަކީ އަންހެން ކުދިންނަށް އަމާޒުކޮށް ހިންގި ބްލޮކް ކޯޑިންއާއި ބޭސިކް ޖާވާސްކްރިޕްޓް ދަސްކޮށްދިނުމަށް ބޭއްވުނު ޕްރޮގްރާމެކެވެ. ގާރލްސް އިން ޑޭޓާ ޕްރޮގްރާމަކީ މިއަދުގެ ޑޭޓާ އިންޓެންސިވް ދުނިޔޭގައި ޑޭޓާ ސައިންސަށް ބޭނުންކުރާ ޓެކްނޮލޮޖީ އާއި އެކަމާއި ގުޅުންހުރި ހުނަރުތައް ދަސްކޮށްދޭ ޕްރޮގްރާމެކެވެ.
ނޯޔާ ފާހަގަ ކުރިގޮތުގައި މިޕްރޮގްރާމްގައި ޑޭޓާ ސައިންސްގެ މުހިއްމުކަމާއި ޕައިތަން ޕްރޮގްރާމިންގ އަދި ޖާވާސްކްރިޕްޓް ބޭނުންކޮށްގެން ޑޭޓާ އެނަލައިސް ކުރުމުގެ ހުނަރު ދަސްވިއެވެ. އަދި މި 2 ޕްރޮގްރާމަކީ ވެސް ވަރަށް ޝައުގުވެރިވި ޕްރޮގްރާމްތަކެއް ކަމަށާއި އަދި އެހުނަރުތައް އިތުރުކުރުމަށް ބޭނުންވާކަން އޭނާ ފަހަގަކުރިއެވެ. އަދި ސްކޫލްގައި ހިންގާ ސްޓެމް ދާއިރާގެ ޕްރޮގްރާމްއަކާއި އައިސީޓީއަށް ހާއްސަވާ އެކި ހަރަކާތްތަކުގައި އޭނާވަނީ ބައިވެރިވެފައެވެ.
މީގެ އިތުރުން ނޯޔާ ވަނީ 2022 ގެ ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަހުގެ 10 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޔުނިސެޕް ސައުތު އޭޝިޔާ ޖަމްއިއްޔާއިން ނޭޕާލްގައި ބޭއްވި އިވެންޓްގައި ރާއްޖޭ ތަމްސީލުކޮށްފައެވެ. ސައުތު އޭޝިޔާ ސަރަހައްދުގެ އެކި ގައުމުތަކުން ފުރާވަރުގެ އަންހެން ކުދިން ބައިވެރިވި މިހަރަކާތުގައި ނޯޔާ ވަނީ އަންހެން ކުދިންގެ ޑިޖިޓަލް ހުނަރުތައް އިތުރުކުރުމާއި އޭގެ ބޭނުންތެރިކަމާއި މުހިއްމުކަމުގެ މައްޗަށް ވާހަކަ ދައްކާ، އަންނަން އޮތް ޖީލުގެ އަންހެން ކުދިންނަށް ޑިޖިޓަލް ހުނަރުތައް ދަސްކޮށްދިނުމުގެ ގޮތުން އެކި އެކި ޕްރޮގްރާމްތައް ހިންގުމަށް ބާރުއަޅާ ބައިނަލްއަގްވާމީ ޖަމާއަތްތަކަށާއި ރާއްޖޭގެ ސަރުކާރަށާއި ސްކޫލްތަކަށް ގޮވާލާފައެވެ.
ކިޔަވާ ނިމިގެން އައިސީޓީ ދާއިރާއިން ކުރިއަށް ދިޔުމަށް ބޭނުންވާ ކަމަށާއި މިދާއިރާގައި ކުރެވިދާނެ ވަރަށް ގިނަ ބާވަތުގެ މަސައްކަތްތައް އިހްތިޔާރު ކުރެވިދާނެކަމަށް އޭނާ ދެކެއެވެ. އެންމެ ޝައުގުވެރިކަން ހުރީ ގޭމް ޑިވެލޮޕްމަންޓް އަދި ސޮފްޓްވެއަރ ޑިޒައިން ކުރުމަށް ކަމަށް ނޯޔާ ބުންޏެވެ. އެއީ އަމިއްލަ އިނޮވޭޓިވް ޑިޒައިންތަކަށް އެޕްތަކާއި، ގޭމްތަކާއި، ވެބްސައިޓްތައް ތައްޔާރުކޮށްލެވޭނެތީ ކަމަށް އޭނާ ފާހަގަކުރިއެވެ.
ނޯޔާ ގަބޫލުކުރާ ގޮތުގައި ސްކޫލްތަކުން ޓެކްނޮލޮޖީ ނުވަތަ ކޮމްޕިއުޓަރ ސައިންސް ދަސްކުރަން ބޭނުންވާ އަންހެން ކުދިންނަށް ސްޓެމް އަދި އައިސީޓީ މާއްދާތައް ދަސްކުރުމުމުގެ ފުރުސަތު ފަހިކޮށްދިނުން މުހިއްމެވެ. އެގޮތުން މި މާއްދާތަކާއި ގުޅޭ ވޯކްޝޮޕްތަކާއި އެކްސްޕޯ ފަދަ ހަރަކާތްތައް އިންޓަރ-ސްކޫލް ލެވެލްގައި ހިންގިދާނެއެވެ. އަދި ބައިނަލްއަގްވީ ލެވެލްގައި ހުރި އެފަދަ ޕްރޮގްރާމްތަކުގައި ސްކޫލްތަކުގެ ދަރިވަރުންނަށް ހުރި ފުރުސަތުތައް ހޯދިދާނެއެވެ.
ޓެކް އަކީ މިޒަމާނުގައި އާންމު ދިރިއުޅުުމުގެ ގިނަ ކަންކަން ފަސޭހަ އަދި އަވަސްކޮށްދޭ ކަމަކަށްވާތީ އޭގެ ފުރިހަމަ ބޭނުން ކުރަން ދަސްކުރުމަކީ މުހިއްމުކަމެއްކަމުގައި ނޯޔާ ދެކެއެވެ. މިހާރުވެސް މުވާސަލާތުކުރުމަށާއި ކިޔެވުމަށާއި މުނިފޫހިފިލުވުމުގެ ބޭނުންތަކުގައި ގިނަ މީހުން އެކި ޓެކްނޮލޮޖީ ބޭނުންކުރާކަމަށާއި ޓެކްނޮލޮޖީގެ ފައިދާ އެންމެ ބޮޑަށް ހިފޭނޭ ގޮތްތައް ދަސްކުރުމާއި ޓެކްގެ އުފެއްދުންތައް ތައްޔާރުކުރަން ދަސްކުރުން ވެސް މުހިއްމުކަމަށެވެ.
ޓެކްނޮލޮޖީ މެދުވެރިވެ މުސްތަގުބަލުގައި ރާއްޖޭއަށް ފައިދާ ހުރި ގިނަ ކަންތައްތަކެއް ކުރެވިދާނެކަމަށް ނޯޔާ ތަސައްވަރުކުރެއެވެ. ދަތުރުފަތުރު ކުރުމުގެ ނިޒާމާއި ޓުއަރިޒަމް ސިނާއަތަކީ އޭއައި، މެޝިން ލަރނިންގ، ވަރޗުއަލް ރިއަލިޓީ ފަދަ ފަހުގެ އިނޮވޭޓިވް ޓެކްނޮލޮޖީގެ އެހީގައި މިހާރަށް ވުރެ ކުރިއެރުވިދާނެ ކަންތައްތައް ކަމަށް ނޯޔާ ދެކެއެވެ. އޭނާ ގަބޫލު ކުރާގޮތުގައި ޓެކްނޮލޮޖީ ދާއިރާއަކީ މުސްތަގްބަލެވެ.
އަންހެން ކުއްޖަކަށް ވީތީ މިދާއިރާގައި ނުވަތަ އެހެން ދާއިރާ އެއްގައިވެސް ވަކި ނުކުރެވޭނެ ކަމެއް ނެތްކަމަށް ނޯޔާ ބުންނެވެ. އޭނާ ދެކޭ ގޮތުގައި އަންހެން ކުދިންނަށް ވެސް އެފުރުސަތު ހޯދާ ދެވިއްޖެނަމަ ވަކި ތަފާތެއް ނުވާނެއެވެ. އަދި މިދާއިރާއިން ކުރިއަށް ދާން އެހެން ކުދިންނަށް ވެސް އޭނާ ހިތްވަރުދެއެވެ.
މުސްތަގްބަލް ފެންނަނީ ކިހިނެއްތޯ އަދި ކުރިޔަށް ކުރަން ބޭނުންވާ ކަންތައްތަކާ މެދު ސުވާލު ކޮށްލުމުން ނޯޔާ ފާހަގަ ކުރީ، މަލާލާ ޔޫސުފްޒައި އާއި ބައްދަލުވެ އޭނާ އިންސްޕަޔަރވާ ކަންތައްތައް ދެނެގަންނަން ބޭނުންވާކަމަށާއި، އައިސީޓީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާކަމަށާއި ސޮފްޓްވެއަރ ޑިވެލޮޕަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ބޭނުންކަމަށެވެ.
މުސްތަގްބަލުގައި އަހަރުމެންވެސް ދެކެން ބާނުންވަނީ ނޯޔާ ފަދަ ގިނަ އަންހެން ކުދިންތަކެއް ހިމެނޭ ޓެކް ދާއިރާއެއް ފެނިގެން ދިޔުމެވެ. އަންހެނުންގެ ހިޔާލުވެސް ހިމެނިގެން އުފެއްދޭ ގިނަ އުފެއްދުންތަކެއް ހިމެނި، ޓެކް ދާއިރާގެ ކުރިމަގު އުޖާލާކޮށް ފެނުމެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް