މައިކްރޮސޮފްޓަށް ބަދަލުވުމަށް ޔޫ.ކޭގެ ކެބިނެޓް ތައްޔާރުވަނީ

ޝުޖާޢަތު ރަޝީދު 29 އޭޕްރީލު 2023

ޔޫ.ކޭ (ޔުނައިޓެޑް ކިންގްޑަމް) ގެ ކެބިނެޓް އޮފީހުން ގޫގަލް ވޯކްސްޕޭސް ދޫކޮށް މައިކްރޮސޮފްޓް 365 އަށް ބަދަލުވުމަށް މަސައްކަތް ފަށައިފިއެވެ.

މިއީ އެ ޤަޢުމުގެ ސެންޓްރަލް ސަރުކާރުންވެސް މައިކްރޮސޮފްޓް 365 ބޭނުން ކުރަމުންގެންދާތީ ގެންނަ ބަދަލެކެވެ. މި ބަދަލާއިއެކު އެ ޤަޢުމުން ތާޑް ޕާޓީ ޕްރޮޖެކްޓަށްކުރާ ހަރަދު 15 މިލިއަން ޕައުންޑު ސަލާމަތްވެގެންދާނެ ކަމަށް އެކި ރިޕޯޓުތަކުން ހާމަވެއެވެ.

މި ބަދަލު މިގެންނަނީ ޔޫ.ކޭގެ އައުޓްސޯސިން ޕާޓްނާއެއް ކަމުގައިވާ ކެޕިޓާއަށް ސައިބާ އެޓޭކެއް މިމަހު ކުރީކޮޅު އެ ސަރުކާރުގެ ޚިދުމަތްތަކަށް ބުރޫއަރާގޮތަށް ދީފައިވަނިކޮންނެވެ.

ފްރެންޗް އައި.ޓީ ބޮޑު ފާމެއް ކަމުގައިވާ ކެޕްޖެމިނީއަށް މި ޕްރޮޖެކްޓުގައި މަސައްކަތް ކުރުމަށް 12 މިލިއަންއާއި 15 މިލިއަން ޕައުންޑާއި ގާތްކުރާ އަދަދެއްގެ ޑީލްއެއް ވަނީ އެވޯޑްކޮށްފައެވެ.

މި ޕްރޮޖެކްޓުގެ ދަށުން، ގޫގަލް ޕްލެޓްފޯމުން މައިކްރޮސޮފްޓް އޮފީސް ޕްލެޓްފޯމަށް ސްޓްރެޓެޖީތައް ކަނޑައަޅައި ޕޮލިސީތައް ތަންފީޒު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ގާތްގަނޑަކަށް 15،000 ޔޫޒާގެ ޑޭޓާ ޓްރާންސްފާކުރުން ހަމަޖެހިފައިވެއެވެ. މީގެތެރޭގައި މިނިސްޓަރުންނާއި ސީނިއާ ސިވިލް ސާވަންޓުން ހިމެނެއެވެ.

މިޕްރޮޖެކްޓުގެ ކޮންޓްރެކްޓް ލިޔުންތަކުގައި އެ ޤަޢުމުން ހާމަކޮށްފައިވަނީ މި ބަދަލަކީ "ޤަޢުމުގެ ސެންޓްރަލް ސަރުކާރާއި އެލައިންވުމަށާއި ކޮލަބޮރޭޝަންގެ ފުރުސަތު ފުޅާކުރުމަށް" ގެނެވޭ ބަދަލެއްކަމުގައެވެ.

އެ ޑިޕާޓްމަންޓުގެ އިންހައުސް ޓެކްނޮލޮޖީ ޓީމާއި ކެޕްޖެމިނީއަށް މިކަން ޗެލެންޖަކަށްވިކަމުގައިވިޔަސް، މި ބަދަލާއިއެކު "އައިޓީ އިންފްރާސްޓްރަކްޗަރ ފުޓްޕްރިންޓުގެ ސައިޒް/ކޮމްޕްލެކްސް ކުޑަކުރެވި، މިހުރިހާ ކަމެއްވެސް ނޭޓިވް ކްލައުޑް ސާވިސްއެއްގެ އެހީގައި ކުރެވިގެން" ދާނެއެވެ.

މިކަމަކީ އެ ޤަޢުމުގެ ނެޝަނަލް ސައިބާ ސެކިއުރިޓީ ސެންޓާ (އެން.ސީ.އެސް.ސީ) އާއި ގަވަންމަންޓް ސެކިއުރިޓީ ގްރޫޕް (ޖީ.އެސް.ޖީ) ގައިޑްލައިނާއި އަރާހަމަކުރުމަށް ކުރެވިގެންދާ ކަމެއްވެސްމެއެވެ.

މައިކްރޮސޮފްޓް ޕްލެޓްފޯމަށް ބަދަލުވުމުން ކެބިނެޓް އޮފީހުގެ އައި.ޓީ އިންފްރާސްޓްރަކްޗަރ ޓީމުން އެހެނިހެން މުހިންމު ޓާސްކުތައް ކުރުމަށް ވަގުތު ހުސްކުރެވި، ޕެޗިންގެ މަސައްކަތްތައް މަދުވެގެންދާނެކަމަށްވެސް އެ އޮފީހުން ހާމަކޮށްފައިވެއެވެ.

މި ޕްލެޓްފޯމްވެގެންދާނީ "ޔޫޒާ ސެންޓްރިކް، ބޭނުންކުރަން ފަސޭހަ، ބިޒްނަސް ޔޫޒާގެ ބޭނުންތައް ފުއްދައިދޭ" ޕްލެޓްފޯމެއްކަމުގައި އެ އޮފީހުން ޤަބޫލުކުރެއެވެ.

މައިކްރޮސޮފްޓް 365 ގައްޔާއި ގޫގަލް ވޯކްސްޕޭސްގައި ގާތްގަނޑަކަށް އެއް ޓޫލްސްތަކެއް ހުރިކަމުގައިވިޔަސް އަދިވެސް ގިނަބަޔަކަށް ފަސޭހައީ މައިކްރޮސޮފްޓް އޮފީސް (ވޯޑް، ޕަވާޕޮއިންޓް، އެކްސެލް، ވަންނޯޓް، އައުޓްލޫކް) ފަދަ ޓޫލްސްތައް ބޭނުންކުރުމެވެ.


ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.