މަސައްކަތުގެ މާހައުލަށް މައިކްރޮސޮފްޓު 365 ކޯޕައިލެޓް

ޝުޖާޢަތު ރަޝީދު 30 އޭޕްރީލު 2023

މައިކްރޮސޮފްޓް 365 އަކީ އަހަރެމެން ދިވެހީންގެ ތެރެއަށްވެސް މިހާރު އާ ޕްލެޓްފޯމަކަށް ނުވާނެކަން ޔަޤީނެވެ.

މިއީ ވަރަށް ގިނަ މަސައްކަތުގެ މާހައުލުތަކުގައްޔާއި އިސްކޫލްތަކުގައި އަދި ސަރުކާރުގެ އިދާރާތަކުގައިވެސް ބޭނުންކުރަމުން އަންނަ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުގެ މަޤުބޫލް ޓޫލްތަކުގެ ތެރޭގައި މައިކްރޮސޮފްޓް ވޯޑް، ޕަވާޕޮއިންޓް، އެކްސެލް، އައުޓްލޫކް އަދި ޓީމްސް ހިމެނެއެވެ.

އާޓިފިޝަލް އިންޓަލިޖަންސްގެ ތެރެއަށް ވަދެ، އެތަކެއް ފީޗާތަކެއް މައިކްރޮސޮފްޓުން އެމީހުންގެ ޓޫލްސްތަކުގެ ތެރޭގައި ހިމަނާފައިވެއެވެ. މިގޮތުން މިހާރު ފާހަގަކޮށްލެވޭ އެންމެ މަޤުބޫލު އެއް ފީޗާއަކީ އެ ކުންފުނީގެ އާޓިފިޝަލް އިންޓަލިޖަންސް އެސިސްޓަންޓް ފީޗާއެއް ކަމުގައިވާ "މައިކްރޮޮސޮފްޓް 365 ކޯޕައިލެޓް" އެވެ.

މިއީ މާޗް 16، 2023 ގައި މައިކްރޮސޮފްޓުން އިއުލާންކުރި ފީޗާއެކެވެ. މި އޭ.އައި ފީޗާއަކީ ދުނިޔޭގެ މިހާރު އެންމެ މަޤުބޫލު އޭއައި ކުންފުންޔެއް ކަމުގައިވާ އޯޕަން އޭ.އައިގެ ޖީޕީޓީ-4 އެއްގެ "ލާޖް ލެންގުއޭޖް މޮޑެލް (އެލް.އެލް.އެމް)" ބޭނުންކޮށް މައިކްރޮސޮފްޓުގެ އަމިއްލަ އޭ.ޕީ.އައި ޕްލެޓްފޯމް މައިކްރޮސޮފްޓް ގްރާފް ބޭނުންކޮށްގެން ތައްޔާރު ކުރެވިފައިވާ އެސިސްޓަންޓެކެވެ.

މި އޭ.އައި އެސިސްޓަންޓުގެ މަސައްކަތަކީ މައިކްރޮސޮފްޓް 365 ޓޫލްތައް ބޭނުންކުރާ މީހުން ކޮމްޕިއުޓަރު މެދުވެރިކޮށް ލިޔާ ލިޔުންތައް އެކި ކަހަލަ ކޮންޓެންޓަށް މި އެޕްތަކުގައި ބަަދަލުކުރުމެވެ.

މިސާލަކަށް ޕަވާޕޮއިންޓް ސްލައިޑެއް ތައްޔާރުކުރުމަށް ލިޔެފައިވާ ބޮޑެތި ލިޔުންތައް ޙުލާސާކޮށް ޕްރެސެންޓޭޝަނަކަށް ބޭނުންކުރެވޭ ގޮތައް ކުރުކޮށްދެއެވެ. އަދި މީގެއިތުރުން، ތަންކޮޅެއް ދިގުކޮށް ތައްޔާރުކޮށްފައި ހުންނަ ސްލައިޑްތައް ކުރުކޮށްދިނުމަށްވެސް މި އޭ.އައި އެސިސްޓަންޓް އެހީވެދެއެވެ.

މި އޭ.އައި ފީޗާ ތައްޔާރުކުރެވިފައިވަނީ މައިކްރޮސޮފްޓް 365 އަށް އިތުރު ފީޗާއެއް ގޮތުގައެވެ. އަދި މާކެޓްކުރެވެމުންދަނީ ވިޔަފާރީގެ އުފެއްދުންތެރިކަމަށް އަހަންމިއްޔަތުކަން ދީގެންނެވެ.

ކޯޕައިލެޓް ބޭނުންކުރާ މީހުންނަށް މައިކްރޮސޮފްޓުން ބާރު އަޅަނީ މަޢުލޫމާތު އެއްކުރުން ފަދަ ބުރަ މަސައްކަތްތައް ޗެޓްބޮޓް ބޭނުންކޮށްގެން ކުރުވުމަށްފަހު، މަސައްކަތް ކުރާ މީހާގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް އެހެނިހެން ކަންތައްތަކަށް އަހަންމިއްޔަތުދީ މަސައްކަތް ކުރުމުގެ މަޤްސަދުގައެވެ.

މި އޭ.އައި ޓޫލް ވެގެންދާނީ މަސައްކަތުގެ މާހައުލަށް ވަރަށް ބޭނުންތެރި ޓޫލްއަކަށެވެ. އެއީ ގިނަ ލިޔެކިއުންތަކާއި ރިޕޯޓުތައް، މީޓިން ނޯޓްސް އަދި ސްލައިޑްސް ފަދަ ތަކެތި ތައްޔާރުކުރުމަކީ މިހާރު އަހަރެމެން ގިނަ ވަގުތު ހޭދަ ކުރާ މަސައްކަތްތަކެވެ.

މި މަސައްކަތްތައް ނިންމުމަށް އެހީއެއްގެ ގޮތުގައި އިންޓަނެޓް މެދުވެރިކޮށް ދިރާސާކޮށް، މަޢުލޫމާތާއި ފޮޓޯ، އެނިމޭޝަން އަދި އެހެނިހެން މީޑިއާ ހޯދުމަށްވެސް ވަރަށް ގިނަ ވަގުތު އަހަރެމެން ހޭދަކުރަމުއެވެ.

އެހެންކަމުން މިފަދަ އޭ.އައި އެސިސްޓަންޓުތަކުގެ އެހީ ބޭނުންކޮށް ރަނގަޅަށް ލިޔެކިއުންތައް އަވަހަށް ތައްޔާރުވެގެންދިއުމަކީ އަހަރެމެންގެ މަސައްކަތްތަކަށް ލުޔަކަށް ވެގެންދާނެކަމެއްކަން ޔަޤީނެވެ.




ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.