ބިންގް އޭ.އައި އާންމުން ޓެސްޓުކުރުމަށް ހުޅުވާލަނީ

މައިކްރޮސޮފްޓުން އެކުންފުނީގެ ސާޗް އިންޖިން ބިންގް އޭ.އައިގެ ޕްރީވިއު ވާޝަން އާންމުންނަށް ޓެސްޓު ކުރުމަށް ހުޅުވާލައިފިއެވެ.

މި ޕްލެޓްފޯމް ޓެސްޓު ކުރުމަށް ބިންގްއަށް އެޖް ބްރައުޒާގައި ނުވަތަ މޮބައިލް އެޕްގައި ލޮގިންވެ ޗެޓްބޮޓް ބޭނުންކުރެވޭނެއެވެ.

މައިކްރޮސޮފްޓުން އޯޕަންއޭ.އައި އާއި އެކުންފުނީގެ މި ދުވަސްކޮޅު އުފައްދާ އުފެއްދުންތައް ދައްކާލުމަށް އިތުރު އެހެނިހެން ފީޗާތައްވެސް ޢިއުލާން ކޮށްފައިވެއެވެ.

ލިޔުންތައް އެކިވައްތަރުގެ ޗާޓުތަކަށް ބަދަލުކޮށް ތަފާތު އެކި ޑިޒައިންތަކުގެ ގްރާފްތައް ދެއްކުން މިއީވެސް އެކުންފުނިން އާންމުކޮށްފައިވާ ފީޗާއެކެވެ.

ބިންގް ގެ އިމޭޖް ކްރިއޭޓާރ އަކީ މިކަމަށް ހާއްސަ ކުރެވިފައިވާ ޓޫލްއެކެވެ. މި ޓޫލްގެ އެހީގައި އޭ.އައި އިން ފޮޓޯ ޖެނެރޭޓް ކުރެވޭނެއެވެ. އަދި މިއީ 100 ބަހުރުވަ ދެނެގަންނަ ޓޫލްއެއްކަންވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ.

ހަމަ މި ޓޫލްގެ ތެރެއަށް އެކުންފުނިން މަލްޓި-މޮޑަލް ސަޕޯޓް ލުމަށް ހަމަޖެހިފައިވާކަން ހާމަކޮށްފައިވެއެވެ. މިއީ މިސާލަކަށް ބިންގް ބޭނުންކޮށްގެން އެ މާހައުލާއި ގުޅޭ ބެހެއްޓޭ ފަދަ ފަރުނީޗަރ ސާޗްކޮށް ދެއްކުން ފަދަ ކަންތައް ކުރުމެވެ.

މީގެ އިތުރުން ބިންގް ޗެޓްގައި ދެއްކޭ ވާހަކަތައް ރައްކާކޮށް ކުރިން ދައްކާފައިހުރި ވާހަކަތައް ބެހެއްޓުމަކީވެސް ކުރެވިގެންދާނެކަމެކެވެ. ކުރީގެ ޗެޓްތައް ސާޗްކޮށް ފަސޭހައިން ހޯދާ ބެލޭނެ ގޮތް ހެދުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އެކުންފުނިން ހާމަކުރެއެވެ.

މުސްތަޤުބަލުގައި މައިކްރޮސޮފްޓް ބިންގް އަކީ ވަރަށް ބޭނުންތެރި ޕްލެޓްފޯމަކަށްވެ، މިހާރު މައިކްރޮސޮފްޓުގެ ޕްރޮޑަކްޓިވިޓީ ޓޫލްސްތައް ބޭނުންކުރާ ލެވެލްއަށް ބިންގްވެސް ބޭނުން ކުރެވޭނެ ކަމުގެ ފޮނި އުއްމީދު ގިނަ ބަޔަކު ކުރެއެވެ. މިއީ ބިންގްގެ އެހީގައި ޕީ.ޑީ.އެފް ލިޔެކިއުންތައް ބަލައި ހުލާސާކޮށް އަދި އެނޫންވެސް ލިޔެކިއުންތަކާއި ވެބްސައިޓުތައްވެސް މިގޮތައް ހުލާސާކުރުން ބިންގްގެ ތެރެއިން ވެގެންދާނެކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

ތާޑް-ޕާޓީ ޕްލަގްއިންތަކަށް ބަލާއިރު އެކުންފުނިން ތައްޔާރުވަމުންދަނީ އޯޕަންޓޭބަލް މެދުވެރިކޮށް ރިޒަވޭޝަންތައް އެޖް އިންޓަގްރޭޓްވެ ކުރެވިގެންދިއުން، ބޮޑެތި އުނދަގޫ ހިސާބުތައް ވުލްފްރޭމް އަލްފާ ޕްލަގްއިންއިން ކުރެވިގެންދިއުން ހިމެނެއެވެ.

މިފަދަ ޕްލަގްއިންތަކެއް އަންނަން އުޅޭއިރު ޑޭޓާ ޕްރައިވެސީއަށް ސުވާލު އުފެދިފައި އޮތް ނަމަވެސް، ޔަޤީންވަނީ މިއީ ގިނަ ބަޔަކު ބޭނުންކުރާނެ ޕްލަގްއިންތަކަށް ވެގެންދާނެކަމެވެ.

އެޖްގެ ޑިޒައިނަށްވެސް ބަދަލުތަކެއް ގެންނާނެކަމަށް މައިކްރޮސޮފްޓުން ބުނެފައިވަނީ "ސެމީ ޓްރާންސްޕޭރަންޓް" އިލެމެންޓް ޑިޒައިންތައް ގެނެވިގެންދާނެކަމެވެ. އެޖްގެ ބިލްޓްއިން ޗެޓް އިން ކުރިއަށް އޮތްތާނގައި އަހަރެމެން ސާޗް ކުރާ ފިލްމެއް ބަލާލެވޭނެ ސިނަމާތައްވެސް ދައްކައި ދިރާސާކުރަމުންދާ ވެބްސައިޓްތަކާއި ބެހޭ މަޢުލޫމާތުވެސް ބަލާލެވޭނެއެވެ.

މިމަހުގެ ތެރޭގައި ޤަބޫލުކުރެވެނީ މައިކްރޮސޮފްޓުން އޭ.އައި، އަދި އެޖްއާއި ބެހޭ އިތުރު ޢިއުލާންތައްކޮށް ބިލްޑް ކޮންފެރެންސަށް ތައްޔާރުވަމުންދާނެކަމުގައެވެ.


ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.