މޯލްޑިވްސް ފައިނޭންސް ފޯރަމް - ފިންޓެކް އާއި އޭއައިއަށް

ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް ތަރައްގީ ކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން މަލީ ދާއިރާގެ އިސްފަރާތްތަކާއެކު މަޝްވަރާ ކުރުމުގެ މަގުސަދުގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓުރޭޝަން އިން އިންތިޒާމު ކޮށްގެން ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމް އަންނަ ހަފްތާގައި ބާއްވަން ނިންމައިފި އެވެ.

ކޮންމެ އަހަރަކު ބާއްވަމުން އަންނަ މޯލްޑިވްސް ފައިނޭންސް ފޯރަމްގެ 10 ވަނަ އެޑިޝަން އޮންނާނީ މި މަހުގެ 29 ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގައެވެ. މިއަހަރުގެ ފޯރަމަކީ ފިންޓެކް އާއި އޭއައި ގެ އިންޓަރސެކްޝަން ދެނެގަތުމަށް ހާއްސަކޮށްފައިވާ ފޯރަމެއް ކަމަށްވާއިރު، މި ޓެކްނޮލޮޖީތަކުން މާލީ ދާއިރާގައި ހުރި ގޮންޖެހުންތަކާއި ފުރުސަތުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން ވަނީ ހަމަޖެހިފައެވެ.

މި ފޯރަމްގައި މާލީ ދާއިރާގެ މާހިރުންނާއި މިދާއިރާގެ މީހުންނާއި ގުޅުންހުރި ފަރާތްތަކަށް މައުލޫމާތު ބަދަލުކުރުމާއި ތަޖުރިބާ ހިއްސާކުރުމާއި ފިންޓެކް އަދި އޭއައިގެ އެހީގައި މާލީ ހިދުމަތްތައް ކުރިއެރުވުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެ ޕްލެޓްފޯމެއް ލިބިގެންދާނެ އެވެ. ރާއްޖޭގައި ފިންޓެކް އަދި އޭއައިގެ ދާއިރާގައި މަސައްކަތް ކުރާ ޕްރޮފެޝަނަލުންނަށް ވެސް އެ މީހުންގެ އުފެއްދުންތައް ދައްކާލުމުގެ ފުރުސަތު މި ފޯރަމްގައި ލިބިގެންދާނެއެވެ.

ފިންޓެކް އާއި އޭއައި ގުޅޭ ގޮތުން ދުނިޔޭގެ މާލީ ދާއިރާ ބަދަލުވަމުން އަންނައިރު، ސަގާފީ މާލީ ހިދުމަތްތަކަށް ބުރޫއަރައި، އެ ހިދުމަތްތައް ކޮންސިއުމަރުންނަށް ފަސޭހަ، އަވަސް، އަދި ޔޫޒަރ ފްރެންޑްލީ ކޮށްދެ އެވެ.

މި އިނޮވޭޝަންގެ ސަބަބުން އިންވެސްޓްމަންޓާއި، ރިސްކް މެނޭޖްމަންޓާއި، ރެގިއުލޭޓަރީ ކޮމްޕްލައިންސް ރަނގަޅު ކުރުމުގެ ފުރުސަތުތައް ލިބުނު ނަމަވެސް، ޕްރައިވެސީ، ސެކިއުރިޓީ، އަދި އޭއައި އިން ތަފާތުކުރުންތަކާއި މެދު ކަންބޮޑުވުންތައް ވެސް އުފެދެ އެވެ.

ފިންޓެކް އަދި އޭއައިގެ އަސަރު ދެނެގަތުމަކީ ފައިނޭންސްގެ ދާއިރާގެ ޕްރޮފެޝަނަލުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުންނަށް ވަރަށް މުހިންމު ކަމެކެވެ. މި އިންޓަސެކްޝަން ހޯދުމަކީ، ފައިނޭންސްގެ މުސްތަޤްބަލަށް ތައްޔާރުވެ، ފައިދާތައް ޙަޤީޤަތަކަށް ހެދުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށްވާއިރު، މިއީ ގޮންޖެހުންތަކާއި އަޚްލާޤީ ކަންބޮޑުވުންތައް ވެސް ޙައްލުކުރެވޭނެ ކަމެކެވެ. މީގެ ތެރޭގައި ބަދަލުވަމުން އަންނަ މާހައުލެއްގައި ސަގާފީ މާލީ އިދާރާތަކުގެ ދައުރާއި ފައިނޭންސްގައި އޭއައި ބޭނުންކުރުމާ ގުޅޭ އަޚްލާޤާއި ޕްރައިވެސީގެ ކަންބޮޑުވުންތައް ފަދަ މުހިންމު ސުވާލުތަކަށް ޖަވާބުދިނުން ހިމެނެއެވެ. ފިންޓެކް އަދި އެއައި ބޭނުންކުރުމުން ޕާސަނަލައިޒްޑް ފައިނޭންޝަލް އެޑްވައިސް، ފްރޯޑް ޑިޓެކްޝަން، އަދި ޕްރިވެންޝަން އުފެދި، މުއާމަލާތްތަކުގެ ސްޕީޑާއި ޞައްޙަކަން އިތުރުވެ، މާލީ ހިދުމަތްތައް ފަސޭހައިން ލިބޭނެ އާ އުފެއްދުންތަކާއި ހިދުމަތްތައް އުފެދިގެންދާނެއެވެ.

މުޅި ދުނިޔޭގައި ލިބިފައިވާ ތަޖުރިބާތަކަށް ބަލާއިރު، ފިންޓެކް އާއި އޭއައި އިން ދަނީ މާލީ މާކެޓްތަކަށް އިތުރު ވަސީލަތްތައް ނެރެދޭކަން ސާބިތުވަމުންނެވެ. މިސާލަކަށް ކެޕްޖެމިނީ 2020 އިން ބުނާ ގޮތުގައި ޑިޖިޓަލް ޕޭމަންޓް ވޮލިއުމްތައް ޖުމްލަކޮށް އަހަރަކު ގާތްގަނޑަކަށް 11 ޕަސެންޓް ކުރިއަރަމުން އަންނައިރު، އުފެދިފައިވާ މާކެޓްތަކުގައި މި ރޭޓްތައް އެއަށްވުރެ މަތިވާ ކަމަށް ފައިނޭންސް ފޯރަމްގެ ވެބްސައިޓްގައި ވެއެވެ. މޯބައިލް-ނެޓްވޯކް އޮޕަރޭޓަރުން ފަދަ ބޭންކު ނޫން ފަރާތްތަކުން ދޫކުރާ އީ-މަނީގެ ސަބަބުން އެތައް މިލިއަން ޔޫޒަރުންނަށް ފޯނުން އަގު ރައްކާކޮށް މުއާމަލާތްތައް ކުރެވޭނެ އެވެ.

މީގެ އިތުރުން ޑިޖިޓަލް އައިޑީ ގިނަ ފިންޓެކް މޮޑެލްތަކުގެ މުހިންމު ބަޔަކަށް ވެގެންދާއިރު، ޑިޖިޓަލް އައިޑީ ފޯރުކޮށްދިނުމާއި ސައްހަ ކުރުމަށް މަގުފަހިވާ މާކެޓް އިންފްރާސްޓްރަކްޗަރތައް އުފެދެމުންދެއެވެ. މީގެ އިތުރުން ސިންގަޕޫރުގެ އެސްޖީއެފްއިންޑެކްސް އާއި އިންޑިއާގެ ޑޭޓާ އެމްޕަވަރމަންޓް އެންޑް ޕްރޮޓެކްޝަން އާކިޓެކްޗާ ފަދަ އޯޕަން ބޭންކިން އަދި އޮޕަން ފައިނޭންސް ފްރޭމްވޯކްތައް ފުޅާވަމުންދާ ވަރަކަށް ޑޭޓާ އެކްސްޗޭންޖް ޕްލެޓްފޯމްތައް ފެންނަމުންދެއެވެ.

މިއަހަރުގެ ފައިނޭންސް ފޯރަމްގެ ސެޝަންތައް


މި އަހަރުގެ ފޯރަމަށް ހުށަހަޅާފައިވާ ޝިއާރަކީ "ދަ ފިއުޗާ އޮފް ފައިނޭންސް އެކްސްޕްލޯރިން ދަ އިންޓަރސެކްޝަން އޮފް ފިންޓެކް އެންޑް އޭއައި" އެވެ. މި ޝިއާރަކީ ފިންޓެކް އާއި އޭއައި އިން ފައިނޭންސްގެ މުސްތަގުބަލް ބައްޓަން ކުރަމުންދާ ގޮތާ ބެހޭ ގޮތުން މަޝްވަރާކޮށް، ރާއްޖޭގެ މާލީ ދާއިރާގައި އެ ފަރާތްތަކަށް އަދާކުރެވިދާނެ ދައުރު ދެނެގަތުމުގެ މަގްސަދުގަ ކަނޑައެޅިގެންދިޔަ ޝިއާރެކެވެ.

މިއީ ބައިނަލްއަގްވާމީ އަދި ލޯކަލް ފިންޓެކްގެ ތަޖުރިބާކާރުންނާއި މޯލްޑިވްސް ފައިނޭންސް އެންޑް ޓެކްނޮލޮޖީ އިންޑަސްޓްރީގެ އިސްވެރިން ބައިވެރިވާ ބޮޑު ހަރަކާތަކަށް މި ފޯރަމް ވާނެ ކަމަށް ބެލެވެ އެވެ. އެގޮތުން މި ފޯރަމުގައި ރާއްޖޭގެ މާލީ ދާއިރާގައި ހަރަކާތްތެރިވާ އިސްފަރާތްތަކާއި، ވިޔަފާރި، އިގްތިސާދު، އިލްމީ، ސިޔާސީ، އަދި އިޖުތިމާއީ ދާއިރާގެ ފުންނާބު އުސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މި ފޯރަމްގައި ވަހާކަ ދައްކަވާނީ މިނިސްޓަރ އޮފް އެންވައިރެމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އަލްފާޟިލާ އައިޝަތު ޝައުނާ އާއި، ޕެންޝަން އޮފީހުގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަލްފާޟިލާ ސުޖާތާ ހަލީމެވެ. އޭގެ އިތުރުން އެކްސްޕާޓް ސްޕީކަރުންގެ ގޮތުގައި އައިސީޓީ އެގްޒެކެޓިވް އަދި ފްރީލާންސް ކޮންސަލްޓަންޓެއް ކަމަށްވާ ސްވެން ހަޓްސޭ އާއި، އެކި ދާއިރާތަކުން ފުޅާ ދާއިރާއެއްގައި ތަޖުރިބާ ލިބިފައިވާ މިނިވަން މާސްޓާ ކޮންސަލްޓަންޓެއް ކަމަށްވާ އެނެކޭ ބެޓެން އާއި، އަދި މިނިސްޓަރ އޮފް ސްޓޭޓް ފޯ އެންވައިރެމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އަލްފާޟިލް މުޙައްމަދު ޝަރީފް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި މީގެ އިތުރުންވެސް ރާއްޖޭގައި ހިންގާ ބޭންކް ތަކުގެ އެގްޒެކްޓިވް ފެންވަރުގެ 4 ބޭފުޅަކާއި، ފައިނޭންޝަލް އަދި ޓެކްނޮލޮޖީ ދާއިރާގައި ރާއްޖޭގައި ހަރަކާތްތެރިވާ ފުންނާބު އުސް 3 ބޭފުޅަކުވެސް ޕެނަލިސްޓުންގެ ގޮތުގައި މިފޯރަމްގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މާލީ ދާއިރާ ތަރައްގީ ކުރުމަށް ޓަކައި ޕެންޝަން ފަންޑުގެ މުހިއްމު ކަމާއި ބުރަދަން، އިންޑަސްޓްރީގެ އެންމެހާ ބައިވެރިންނަށް ހާމަކޮށްދިނުމާއި، އުފެއްދުންތެރި ވިސްނުންތަކާއި، ދިރާސާކުރުމާއި، މާލީ ކަންކަމާ ބެހޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުވުމުގެ މަގުސަދުގައި ބޭއްވޭ މި ފޯރަމް ކުރިއަށްދާނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ހެނދުނުގެ ދަންފަޅި ފެށޭނީ 9:45 ގައެވެ. މެންދުރު ފަހުގެ ދަންފަޅި ފަށަން ހަމަޖެހިފައިވާ 13:30 ގައެވެ.

2012 ވަނަ އަހަރު ފެށި މޯލްޑިވްސް ފައިނޭންސް ފޯރަމަކީ ރާއްޖޭގެ މާލީ ދާއިރާ ކުރިއެރުވުމާ ގުޅޭ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލުބަދަލު ކުރުމަށް ސްޓޭކްހޯލްޑަރުންނާއި ތަޖުރިބާކާރުންނަށް ޕްލެޓްފޯމެއް ފަހިކޮށްދިނުމުގެ ގޮތުން ޕެންޝަން އޮފީހުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ހަރަކާތެކެވެ.

ޕެންޝަން އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ ފައިނޭންސް ފޯރަމަކީ ރާއްޖޭގެ މާލީ ދާއިރާއަށް ހާއްސަކޮށްގެން ބާއްވާ ހަމައެކަނި އަދި އެންމެ ދުވަސްވީ ފޯރަމެވެ. މި ފޯރަމަކީ ރާއްޖޭގެ މާލީ ދާއިރާއަށާއި ބައިނަލްއަގްވާމީ މާލީ މާހައުލަށް އަންނަ ބަދަލުތަކާ ގުޅޭ ވަކި މައުޟޫތަކަށް ޕްރެޒެންޓޭޝަންތަކާއި ޕެނަލް ޑިސްކަޝަންތަކާއި ތަޖުރިބާ ހިއްސާކުރުމުގެ ސެޝަންތަކާއި ކަމާ ގުޅޭ ހިދުމަތްތަކާއި ވަސީލަތްތަކުގެ ޑެމޮންސްޓްރޭޝަންތައް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ފޯރަމެކެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމަކީ ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ވިއުގަ ހަރުދަނާކޮށް، ވަރުގަދަ ކުރުމަށް ޕެންޝަން އޮފީހުން ކުރަމުންދާ މަސައްކަތުގެ އިތުރުން، އެ އޮފީހަކީ ރާއްޖޭގައި ފައިސާގެ އެންމެ ބޮޑު ފަންޑު މެނޭޖުކުރާ އިދާރާއަށްވުމާ އެކު، ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން، އެ އޮފީހުން އިސްނަގައިގެން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ފޯރަމެކެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.