އިންތިހާބުތަކަށް އޭއައިގެ ނުރައްކާ އިންތިހާއަށް އެބައޮތް

މިފަހަކަށް އައިސް ބޮޑެތި ޢާޢްމު އިންތިޚާބުތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނަހަމަގޮތުގައި ބޭނުން ކުރަމުން އަންނަ ކަމަށާއި، އިންތިހާބުގެ ނަޒާހަތްތެރިކަމަށް ނުފޫޒު ފޯރުވުމަށް އޭއައި ބޭނުންކުރުމަކީ ކަންބޮޑުވާން ޖެހޭ ވަރަށް ބޮޑު ދާއިރާއެއް ކަމަށް ޗެޓްޖީޕީޓީގެ ފަހަތުގައި ވާ ސްޓާޓްއަޕް، އޯޕަންއޭއައިގެ ސީއީއޯ އޯލްޓްމަން ވިދާޅުވެއްޖެ އެވެ.

"އެކަމާ ވަރަށް ކަންބޮޑުވޭ،" އޯލްޓްމަން ވިދާޅުވިއެވެ. ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިހާބާއި އޭއައިއާ ބެހޭ ގޮތުން ސީއީއޯ ސޭމް އޮލްޓްމަން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އޭއައި ބޭނުން ކުރުމުގެ އުސޫލާއި ގައިޑްލައިން ތައް ނެތުމުގެ ސަބަބުން ދިމާވެދާނެ ބޮޑެތި ގޮންޖެހުން ތަކާބެހޭގޮތުން ދުނިޔޭގެ ފެންވަރުގައި ބޮޑެތި ޓެކްމާހިރުންވަނީ ވާހަކަ ދައްކަވާފައެވެ.

އެތައް މަހެއްވަންދެން ބޮޑެތި އަދި ކުދި ކުންފުނިތަކުން ދަނީ ގިނަ ގުނަ އޭއައި މާކެޓަށް ގެނައުމަށް ވާދަވެރި މާހައުލެއްގައި، ނިމުމެއް ނެތް ޑޭޓާތަކާއި އެތައް ބިލިއަން ޑޮލަރެއް މި ޗެލެންޖަށް ޚަރަދު ކުރަމުންނެވެ. މި ޓެކްނޮލޮޖީގެ ސަބަބުން އިޖުތިމާއީ ގޮތުން ލިބޭ ގެއްލުންތައް އިތުރުވާނެ ކަމަށްބުނެ ފާޑުކިޔުންތެރިން ބިރުގަންނައިރު، އޭގެ ތެރޭގައި ފިތުނަފަސާދަ އާއި ދޮގު މައުލޫމާތު ހިމެނޭ އިރު އަނެއް ބަޔަކު އިންޒާރު ދެނީ އޭއައިގެ ސަބަބުން އިންސާނިއްޔަތު ވެސް ނިމުމަކަށް އަންނާނެ ކަމަށެވެ.

ސެނެޓަރު މާޒީ ހިރޯނޯ ވަނީ 2024 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު، ދޮގު މައުލޫމާތު ފެތުރުމުގެ ނުރައްކާ އޮތްކަން ފާހަގަކުރައްވާފައެވެ. "މިސާލަކަށް އިންތިހާބާ ގުޅޭ ގޮތުން އަޅުގަނޑަށް ފެނުނީ ކުރީގެ ރައީސް ޓްރަމްޕް އެންވައިޕީޑީން ހައްޔަރުކުރާ ފޮޓޯއެއް، އެ ފޮޓޯ ވައިރަލްވީ،" އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެ ތަސްވީރަކީ ގެއްލުން ހުރި ފޮޓޯއެއް ކަމަށް ދެކޭނެތޯ އޮލްޓްމަންއަށް ޕްރެޝަރު ކުރައްވަމުން އެކަމަނާ ވިދާޅުވިއެވެ.

ޖަވާބުގައި އޮލްޓްމަން ވިދާޅުވީ ހަގީގަތުގެ ބަދަލުގައި ތަސްވީރެއް އުފެދޭއިރު ކްރިއޭޓަރުން ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

ފުރަތަމަ ފަހަރަށް ކޮންގްރެސްގެ ކުރިމަތީގައި ވާހަކަ ދައްކަވަމުން އޮލްޓްމަން ލަފާ ދެއްވީ، އާންމުގޮތެއްގައި އެމެރިކާއިން އޭއައި މޮޑެލްތައް އުފެއްދުމަށް ލައިސަންސް ދިނުމާއި ޓެސްޓު ކުރުމުގެ ޝަރުތުތަކާ މެދު ވިސްނަން ޖެހޭ ކަމަށެވެ.

ލައިސަންސް ދޭން ޖެހޭނީ ކޮން އޭއައިއަކަށްތޯ ސުވާލު ކުރުމުން އޮލްޓްމަން ބުނީ މީހެއްގެ ގަބޫލުކުރުންތަކަށް ހިތްވަރު ދޭ ނުވަތަ އޮޅުވާލެވޭ މޮޑެލްއަކަށް ވާނީ "ބޮޑު ތްރެޝްހޯލްޑެއް" ގެ މިސާލެއް ކަމަށެވެ.

އަދި އޭއައި ޓްރެއިނިންއަށް އެ މީހުންގެ ޑޭޓާ ބޭނުން ނުވާ ކަމަށް ބުނުމުގެ އިހްތިޔާރު ކުންފުނިތަކަށް އޮންނަން ޖެހޭ ކަމަށާއި އެއީ ކެޕިޓަލް ހިލްގައި ދެކެވޭ އެއް ވިސްނުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ޕަބްލިކް ވެބްގައި ވާ މެޓީރިއަލްއަކީ އިންސާފުވެރި ގޭމަކަށް ވާނެ ކަމަށް އޮލްޓްމަން ވިދާޅުވި އެވެ.

ވައިޓް ހައުސްއިން ވަނީ އޯލްޓްމަން ގެ އިތުރުން ޓެކްނޮލޮޖީގެ އިސް ސީއީއޯތަކެއް އޭއައިއާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ބައްދަލުވުންތައް ބާއްވައިފަ އެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވެސް ގެންދަވަނީ ޓެކްނޮލޮޖީގެ ބޭނުން ނަހަމަ ގޮތުގައި ހިފުން މަދުކޮށް، އެ ޓެކްނޮލޮޖީގެ ފައިދާއާއި ގައުމީ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރުމަށް ފިޔަވަޅު އެޅުމަށް އެދެމުންނެވެ.

އޯޕަންއޭއައިގެ މުވައްޒަފަކު ދާދި ފަހުން އޭއައިއަށް އެމެރިކާގެ ލައިސަންސް ދޭ އެޖެންސީއެއް އުފައްދަން ހުށަހެޅުއްވި އިރު، އެ އެޖެންސީއަށް އޮފީސް ފޯ އޭއައި ސޭފްޓީ އެންޑް އިންފްރާސްޓްރަކްޗާ ސެކިއުރިޓީ ނުވަތަ އޯއޭސިސްގެ ނަން ދެވިދާނެ ކަމަށް ރޮއިޓާސް އިން ބުނެފި އެވެ.

އޯޕަންއޭއައިއަކީ މައިކްރޮސޮފްޓް ކޯޕް (އެމްއެސްއެފްޓީ) ގެ އެހީތެރިކަމާއެކު ހިންގާ ކުންފުންޏެކެވެ. އޯލްޓްމަން ގެންދަވަނީ އޭއައިގައި ބައިނަލްއަގްވާމީ އެއްބާރުލުމާއި ސޭފްޓީ ކޮމްޕްލަޔަންސް އަށް އިނާޔަތްތައް ދިނުމަށް ވެސް ގޮވާލަމުންނެވެ.

ކްރިސްޓީނާ މޮންޓްގޮމަރީ، އިންޓަނޭޝަނަލް ބިޒްނަސް މެޝިންސް ކޯޕަރޭޝަން (އައިބީއެމް) ޗީފް ޕްރައިވެސީ އެންޑް ޓްރަސްޓް އޮފިސަރު، އިޖުތިމާއީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބިދާނެ ދާއިރާތަކަށް ރެގިއުލޭޝަނަށް ސަމާލުކަން ދިނުމަށް ކޮންގްރެސްގެ ކިބައިން އެދިވަޑައިގަތެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.