މީހުންގެ ޙިޔާލުތައް ކޮމްޕިއުޓަރަށް އެނގިދާނެތަ؟ ފުރަތަމަ ނަަޒަރުގައި މިއީ ސައިންސް ފިކްޝަނުގެ ވާހަކައެއް ކަމަށް ހިތަށް އަރައިފާނެވެ. ނަމަވެސް ޔުނިވާސިޓީ އޮފް ޓެކްސަސްގެ އައު ހޯދުންތަކުގެ އެހީގައި މިހާރުމިކަންތައް މިވަނީ ހަޤީޤަތަކަށް ވެފައެވެ. ނޭޗަރ ގައި ޝާއިރުކޮށްފައިވާ ފަހުގެ ހޯދުންތައް ބުނާގޮތުން މިއައު އިއުޖާދުކުރެވިފައިވާ ނިިޒާމުން ސިކުނޑީގެ ސިގްނަލްްތައް ބަހަށް ތަރުޖަމާ ކުރެވޭނެވެ. މި އައު ނިޒާމު މެދުވެރިކޮ ހިޔާލުތަކުގެ މާނަ ސިކުނޑީގެ ސްކޭންތަކުން އޭ.އައި މެދުވެރިކޮށް ހޯދިދާނެވެ. މި ނިޒާމު އިއުޖާދު ކުރެއްވި ސައިންސްވެރިން ބުނާގޮތުން މި ޓެކުނޮލަޖީ މެދުވެރިކޮށް ސްޓްރޯކު ފަދަ ސިއްހީ ބަޔެއް ހާލަތްތަކުގައި ބަލިމީހާއާ ވާހަކަ ދެއްކުން ދަތިވާފަދަ ހާލަތްތައް ދިމާވެފައިވާ ފަރާތްތަކަށް މުސްތަޤުބަލުގައި މުއާމަލާތުކުރުމަށް އިތުރުފަސޭހަކަމެއް ލިބިދާނެވެ.
މި ޓެކުނޮލަޖީ މަސައްކަތްކުރަނީ ދެބައިންނެވެ. އެންމެ ފުރަތަމައިނުން މި ޓެކުނޮލަޖީ ޖެހޭނީ އެ މީހެއްގެ ސިކުނޑީގެ ޕެޓާނުތައް ދަސްކުރާށެވެ. މިކަންކުރުމަށް މި ދިރާސާގައި ބައިވެރިވި ފަރާތްތަކުންގެ ސިކުނޑީގެ ސިގްނަލްތައް ވާހަކައެއް އަޑުއަހާގަޑީގައި އެވާހަކައާއި އެއްކޮށް GPT1 އޭ.އައި އަށް ދަސްކޮށްދިނީއެވެ. GPT1 އަކީ މިވަގުތު މަޝްހޫރުވެފައިވާ Chat-GPT ހެދުމުގައި ބޭނުންކުރި މޮޑަލުގެ ޕްރީކާސާއެކެވެ. މި އޭ.އައި ސިކުނޑީގެ ސިގްނަލްތައް MRI އެއްގެ ޒަރިއްޔާއިން ބެލުމަށްފަހު، އެފަރާތްތަކުގެ ފަހުގެ ސްކޭންތައް ބޭނުންކޮއްގެން އެފަރާތްތަކުގެ ހިޔާލުތައް އަންދާޒާކުރެވެއެވެ. މިވަގުތު މި ޓެކުނޮލަޖީ މެދުވެރިކޮށް ސިކުނޑީގެ ސިގްނަލުތައް ބަހުންބަހަކަށް ތަރުޖަމާއެއް ނުކުރެވެއެވެ. ނަމަވެސް ވިސްނާ ހިޔާލުތަކުގެ މާނަ ގަބޫލުކުރަން ދަތި މިންވަރަކަށް އަސްލާއިއެއްގޮތް ކުރެއެވެ.
ކުރީގެ ދިރާސާތަކުން ވަނީ ސިކުނޑީގެ ސިގްނަލް މެދުވެރިކޮށް ލޮލުން ފެންނަ މަންޒަރުތައް އަޖައިބުވަނިވި ވަރަކަށް އަސްލާއި އެއްގޮތްވާ ވަރަށް ދިމާކޮށްފައެވެ. މި ދިރާސާއަކީ ބޮލައް އެއްޗެއް ނުލައްވާ ސިކުނޑީގެ ސިގްނަލުތައް ވާހަކައަށް ބަދަލުކުރި ފުރަތަމަ ފަހަރެވެ. މުސްތަގުބަލުގައި މި ޓެކުނޮލަޖީ މިއަށްވުރެ ބޮޑަށް ކުރިއަރައިގެން ދިއުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. މި ފަދަ ޓެކްނޮލަޖީ ތަކުގެ ސަބަބުން ވާހަކަދެއްކުމަށް ދަތިވާފަދަ ހާލަތްތައްޖެހިފައިވާ ފަރާތްތަކަށް މުއާމަލާތުކުރުމުގެ ނިޒާމެއް މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ.
މިވަގުތު މިޓެކުނޮލަޖީ ބޭނުންކުރެވެނީ އެފާރަތެއްގެ ސިކުނޑީގެ ސިގްނަލުތަކަށް އެ އޭ.އައި އަހުލުވެރިކޮށްގެންނެވެ. އަދި އެ ފަރާތެއްގެ އެއްބާރުންލުމާއި އެކުގައެވެ. ނަމަވެސް މިކަމާއި ބެހޭ މާހިރުން ގަބޫލުކުރާގޮތުގައި މިކަންކަމަކީ މުސްތަގުބަލުގައި މިޓެކުނޮލަޖީ ހުއްޓުވޭނެ އެއްޗެއް ނޫނެވެ. ދުރު މުސްތަގުބަލުގައި މިފަދަ ޓެކުނޮލަޖީތަކުގެ ޒަރިއްޔާއިން މީހުންގެ ހުއްދައާއި ނުލާ އެމީހުންގެ ހިޔާލުތައް އެނގި އަދި ބަދަލުކުރުމުގެ ބާރު ޓެކުނޮލަޖީ އަށް ލިބުމުގެ ބިރު ވަނީ މިކަމާއި ބެހޭ މާހިރުން ހާމަކުރައްވާފައެވެ. މި ޓެކުނޮލަޖީތައް މިވަރަށް ތަރައްގީ ވުމުގެ ކުރިއަށް މިކަންތައް ބަލަހަށްޓާނެ ޤަވާއިދެއް ހެދުމަށް ޔުނިވާސިޓީ އޮފް އޮކްސްފާޑުގެ ސައިންޓިސްޓުންވަނީ ގޮވާލާފައެވެ. އިންސާނުންގެ ހިޔާލުތަކުގެ މިނިވަންކަމާއި، އެހެންފަރާތްތަކުގެ ނުފޫޒުން ސިކުނޑީގައިވާ ހިޔާލުތައް ރައްކާތެރިވުމުގެ މިނިވަންކަން ރައްކާތެރިކުރުމަށް އެފަރާތް ތަކުންވަނީގޮވާލާފައެވެ. މިކަން ކައިރި މުސްތަގުބަލުގައި ވުންއެކަށީންގެނެއްނުވެއެވެ. ނަމަވެސް މުސްތަގުބަލުގައި ވާނެކަމަށް ޓެކުނަލަޖީ އެހިސާބަށް ތަރައްގީވުމަށް ތައްޔާރުވުމަކީ ބުއްދިވެރިކަމެކެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.