މަސައްކަތްތަކަށް ފަސޭހައަކަށް އަހަރެމެން ގެންގުޅޭ ސޮފްޓްވެއާ އަދި އެޕްތަކަކީ ވަރަށް މުހިންމު ތަކެއްޗެވެ.
މި ރިޕޯޓުގައި ފާހަގަކޮށްލާނީ އެންމެ ބޭނުންތެރި ކަމަށް ގިނަ ދިރާސާތަކުންނާއި ރިޕޯޓުތަކުން ދައްކާ އެޕްތަކެވެ.
ޑްރޮޕްބޮކްސް
މިއީ ކްލައުޑް ބޭސްޑް ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުގެ އެހީގައި އެކި ލިޔެކިޔުންތައް ހިއްސާކޮށްލެވޭނެއެވެ. މީގެ އިތުރުން އެމީހަކު ބޭނުންކުރާ އެކި ޑިވައިސްތަކުގައި ވަގުތުން ފައިލްތައް ސިންކުކޮށް އަބަދުވެސް އަޕްޑޭޓްކޮށް ބެހެއްޓޭނެއެވެ. މިއީ ވަރަށް ގިނަ މީހުން ބޭނުންކުރާ ޕްލެޓްފޯމެކެވެ.
ޑްރޮޕްލާ
ޑްރޮޕްލާ އަކީ ރިމޯޓްކޮށް ކޮލަބްރޭޓްވެ މުޢާމަލާތްކުރުމަށް އެހީވެދޭ އެޕެކެވެ. މި އެޕްގެ އެހީގައި މަސައްކަތުގެ މާހައުލުތަކުގައި އެކި ޓީމްތަކުގެ މެދުގައި ލިޔެކިޔުންތަކާއި ސްކްރީންޝޮޓްތައް ހިއްސާކޮށްލެވޭނެއެވެ. ޑްރޮޕްލާގެ މައިގަނޑު ފީޗާތަކުގެ ތެރޭގައި ހިމެނެނީ ސްކްރީން ރެކޯޑިންތަކާއި ޕްރީވިއުތައް، ކުރު ލިންކުތައް، މެޓަ ޓެގްތައް އަދި ޖިފް އިމޭޖްތައް އެކި މީހުންގެ މެދުގައި ހިއްސާކުރުމެވެ.
މި ކްލައުޑް ޕްލެޓްފޯމު މެދުވެރިކޮށް ހިއްސާކުރަން ބޭނުންވާ ލިޔެކިޔުންތަކާއި އެހެނިހެން ތަކެތީގެ ލިންކެއް ހިއްސާކުރަން ބޭނުންވާ ފަރާތަށް ދިނުމުން އެމީހަކަށް އެތަކެތި ބަލާލެވޭނެއެވެ. މިއީ ހިލޭވެސް ބޭނުންކޮށްލެވޭނެ އެޕެކެވެ. މި އެޕްގެ ޕްރޯ ވާޝަން ބޭނުންވާނަމަ ސަބްސްކްރައިބް ކުރެވޭނީ $8.29 އަށެވެ.
ކެންވާ
ކެންވާ އަކީ ކޮންމެ ތަނެއްގައި ހުރި ކަމުގައިވިޔަސް ފަސޭހަކަމާއެކު ރީތި ޓެމްޕްލޭޓްތައް ބޭނުންކޮށްގެން ފޯނު އެޕުން ނުވަތަ ބްރައުޒާއިން އެކި ޑޮކިއުމެންޓާއި ޑިޒައިން ހަދާލެވޭ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުގައި ހުންނަ ޓެމްޕްލޭޓްތަކުގެ ތެރޭގައި ބިޒްނަސް ޕްރޮޕޯސަލް، އެކި ކަހަލަ އިންފޯގްރަފިކް ތަފާސް ހިސާބުގެ ޗާޓްތައް ލެވޭގޮތަށާއި އެކި ވައްތަރުގެ ކާޑުތައް ހިމެނެއެވެ.
ކެންވާއިން ދީފައި ހުންނަ ޓެމްޕްލޭޓްތައް ބޭނުން ނުކޮށް އަމިއްލައަށް ޑިޒައިނަކަށްވެސް އެއްޗެހި ތައްޔާރު ކޮށްލެވޭނެއެވެ.
މިއީ ވަރަށް ގިނަ މީހުން މީސް މީޑިއާއަށް ޝެއާކުރަން ބޭނުންވާ ޕޯސްޓުތަކާއި އެކިކަހަލަ ގްރެފިކްސް ޑިޒައިނާއެކު ހުންނަ ލިޔެކިއުންތައް ތައްޔާރުކުރަން ފަސޭހަ އޮންލައިން އެޕްލިކޭޝަނެކެވެ.
ޓްރެލޯ
ޓްރެލޯއަކީ ކަންބަން ބޯޑް ސްޓައިލަށް އެކި ޓާސްކުތައް މެނޭޖްކުރުމަށް ބޯޑު ހަދައި ޓާސްކް މެނޭޖް ކުރެވޭ އެޕެކެވެ. މިއެޕް ބްރައުޒާގައި އަދި މޮބައިލް ފޯނުގައިވެސް ބޭނުންކޮށްލެވޭނެއެވެ.
މިއީ އެކި ކަހަލަ ޕްރޮޖެކްޓު ނުވަތަ މަސައްކަތުގެ ޓާސްކުތައް ޓީމެއް ތެރޭގައި ހިއްސާކޮށް ރިއަލްޓައިމްކޮށް އަޕްޑޭޓް ޕޯސްޓުކޮށް ބަލާލެވޭ އެޕެކެވެ.
މި އެޕުގައި ހިމަނާ ޓާސްކުތަކަށް އެކި މީހުން އެސައިންކޮށް އެ ޓާސްކުތަކަށް ޗެކްލިސްޓު ހަދައި ޑެޑްލައިން ތާރީޙެއްވެސް ދެވޭނެއެވެ. މީގެ އިތުރުން ފާހަގަކޮށްލެވެނީ މި އެޕުގައި ހަދާ ޓާސްކުތަކަށް ފޮޓޯއާއި އެކި ޑޮކިއުމެންޓުވެސް ލެވެއެވެ. މިއީ ޕްރޮޑަކްޓިވިޓީއާއި ކޮލަބޮރޭޝަނަށް ޓީމްތަކަށް ވަރަށް އެކަށޭނަ އެޕެއް ގޮތުގައި ފާހަގަ ކުރެވޭ އެޕެކެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.