އެޑޯބީ ފަޔަރފްލައި ވަރަށް ސަޅި

އަޝްނާ ރަޝީދު 01 ޖޫން 2023

ޖެނެރޭޓިވް އޭ.އައި އަކީ ފަހަކަށް އައިސް މަގުބޫލުކަން އިތުރުވެފައިވާ އެއްޗެކެވެ. ޑަލް-އީ، ސްޓޭބަލް ޑިފިއުޝަން އާއި މިޑްޖާނީ ފަދަ ޓެކްސްޓް އިން އިމޭޖް ޖެނެރޭޓުކުރާ އޭ.އައި ވަނީ ފަންނާނުން ނޫން މީހުންނަށް ވެސް ތަފާތު ތަސްވީރުތަކާއި އާޓް ވޯކްތައް އުފެއްދުމުގެ ފުރުސަތު ހުޅުވައިދީފައެވެ.

މިގޮތުން ޓެކްނޮލޮޖީއަށް އައިސްފައިވާ ކުރިއެރުމާއެކު، ބޭނުންކުރާ މީހުންނަށް ވެސް ފަސޭހަކަމާއެކު އޭ.އައި ބޭނުންކުށްގެން ތަސްވީރު ހެދުންވަނީ ވަރަށް ބޮޑުތަން ފަސޭހަވެފައެވެ. ބޭނުންވާ ތަސްވީރެއް ނުވަތަ މަންޒަރެއް ލިޔުމުން އެއާއި ގުޅޭ ތަސްވީރެއް އޭ.އައި ޖެނަރޭޓުކުރެއެވެ.

ފުރަތަމަ ނަޒަރުގައި، މިއީ ފޮޓޯޝޮޕްކަހަލަ ޒަމާންވީ އިމޭޖް މެނިޕިއުލޭޝަން ޕްރޮގްރާމްތަކާއި އެޕްތަކުގެ ވަރަށް ބޮޑު ނުރައްކަލެކެވެ. ނަމަވެސް އެޑޯބީގެ ފަހުން ނެރުނު "ފަޔަރފްލައި"ގެ ނަން ދީފައިވާ އޭ.އައި މިކަންމިއީ ހަގީގަތާ ވަރަށް ދުރު ކަމެއް ކަން ދައްކައިދީފިއެވެ. ފޮޓޯޝޮޕް ފަދަ އެޑޯބީގެ އެހެން މަޝްހޫރު އެޕްލިކޭޝަންތަކުން ވެސް ބޭނުންކުރެވޭ މި އޭ.އައި އެހެން ޖެނެރޭޓިވް "ޓެކްސްޓް ޓު އިމޭޖް" އޭ.އައި ތަކަށްވުރެ އެތަކެއް އިތުރު ފަސޭހަކަމެއް ގެނެސްދެއެވެ.

އެޑޯބީ ފަޔަރފްލައި

ފަޔަރފްލައިއަށް ކުރެވެނީ ކޮންކަމެއް؟

ފަޔަރފްލައި އަކީ ހަމައެކަނި ލިޔުން ބޭނުންކޮށްގެން ތަސްވީރު އުފެއްދުމަށް (ޓެކްސްޓު އިމޭޖް ޖެނެރޭޝަން) ވުރެ ގިނަ ކަންތައްތަކެއް ކުރުމުގެ ގާބިލުކަން ހުރި އެއްޗެކެވެ. އެޑޯބީ ބުނާގޮތުން މި އޭ.އައިގެ މައިގަނޑު އެއްމަޤުޞަދަކީ ފަންނާނުންނަށް ތަސްވީރުތަކާއި، އިލަސްޓްރޭޝަންތަކާއި، އަދި ކުރިއަށް އޮތްތަނުގައި، ވީޑިއޯތައް ގުޅިގެން އުފެއްދުމުގެ ފުރުސަތު ލިބިދިނުމެވެ. މި ގޮތުން، ޓެކްސްޓް-ޓު-އިމޭޖް ޖެނެރޭޝަން، ޖެނެރޭޓިވް ފިލް، ޓެކްސްޓް އިފެކްޓްސް އަދި ޖެނެރޭޓިވް ރީކަލަރ އަކީ މިވަގުތު މި އޭ.އައި ބޭނުންކޮށްގެން ލިބެން ހުރި ބައެއް ފީޗަރތަކެކެވެ. އަދި މީގެ އިތުރުން ބައިވަރު އެހެން ފީޗާރުތަކެއް ކުރިއަށް އޮތްތަނުގައި ނެރެން ނިންމާފައި އޮތްކަން އެޑޯބީ ވަނީ ހާންމަކުރައްވާފައެވެ. މި އޭ.އައި ވަނީ ފޮޓޯޝޮޕާއި އިލުސްޓްރޭޓާރ ފަދަ އެޑޯބީގެ މަޝްހޫރު ބައެއް އެޕްލިކޭށަންް ތަކުން ފެންނަމުންނެވެ.

މިގޮތުން މީސްމީޑިޔާގައި އެންމެ މަޝްހޫރުވެފައިވާ އެއް ފީޗަރަކީ ޖެނަރޭޓީވް ފިލްގެ އެކްސްޓެންޑް އިމޭޖް ފީޗަރެވެ. މި ފީޗާރ ބޭނުންކޮށްގެން އެތައް ބަޔަކުވަނީ މަޝްހޫރު ތަސްވީރުތަކަީ އަލްބަމް އާޓާއި މީމްތަކުގައި ނުފެންނަ ބައި ޖެނަރޭޓުކޮށްފައެވެ. މިކަމާއި ގުޅޭގޮތުން މީސްމީޑީޔާއިން ރަނގަޅު ނަތީޖާތަކާއި ނުރަނގަޅު ނަތީޖާތަކެއް ވެސް ފެނިފައިވެއެވެ.

އަދިވެސް ބައެއް ފަހަރު ނަތީޖާތައް ތަންކޮޅެއް އާދަޔާ ހިލާފުވީ ނަމަވެސް، މިކަމުގެ ސަބަބުން އަވަސް އަދި ހައިރާން ކުރުވަނިވި ނަތީޖާތަކެއް ހޯދުމަށް އެހީތެރިވެދީފައިވެއެވެ.

މިއީ ފަޔަރފްލައިއަށް ކުރެވޭނެ ހުރިހާ ކަމެއް ނޫނެވެ. މީގެ އިތުރުން، ފަޔަރފްލައިއަށް ތަސްވީރުތަކުގައި އޭ.އައި މެދުވެރިކޮށް ބަދަލުތަކެއްވެސް ގެނެވެއެވެ. މިގޮތުން، ބަދަލުކުރަން ބނުންވާ ތަނެއް އިޝާރާތްކުރައްވާފައި ލާންބޭނުންވާ އެއްޗެއް ނުވަތަ ގެންނަނަ ބޭނުންވާ ބަދަލެއް ޓެކްސްޓް ޕްރޮމްޕްޓަކުން އޭ.އައިއަށް ކިޔާދިނުމުން އެއާއިގުޅޭ ތަސްވީރުތަކެއް އާ.އައި ޖެނަރޭޓުކުރާނެވެ. މީގެ އިިތުރުން، ޓެކްސްޓް އިފެކްޓްސް މެދުވެރިކޮށް ބަހެއް، ލަފުޒެއް ނުވަތަ އަކުރެއްގެ ތެރޭގައި ބޭނުން ޕްރޮމްޕްޓަކާއި ގުޅޭ އިލުސްޓްރޭޝަންތަކެއް ލާފައިވެސް ޖެނަރޭޓުކުރެއެވެ. މި ދެ ފީޗަރު މެދުވެރިކޯށް ކްރިއޭޓިވް ޕްރޮފެޝަނަލްސް އަދި އެމެޗަރުންނަށް ވެސް ރީތި ގްރެފިކްސް އަވަހަށް ފުރިހަމަ ކުރެވޭނެއެވެ.

މިފަދަ އެހެން އޭ.އައިތަކާ ހިލާފަށް، އެޑޯބީއިން އެމީހުންގެ އޭ.އައި މޮޑެލް ތަމްރީނު ކުރުމަށް ބޭނުން ކުރަނީ އެމީހުންގެ އަމިއްލަ ލައިބްރަރީއެކެވެ. މިކަމުގެ ސަބަބުން، އެމީހުން މިހާރު ވާދަވެރި ގިނަ އޭ.އައި ތަކަށް ކުރިމަތިވެފައިވާ ކޮޕީރައިޓް މައްސަލަތައް ބައިޕާސްކުރެއެވެ.

ފަޔަރފްލައި ފަދަ އޭ.އައި ޓޫލްސް އިންސާނުންގެ ބަދަލުގައި މުސްތަޤުބަލުގައި ކްރިއޭޓިވް އިންޑަސްޓްރީގައި ފެންނާނެތޯ؟

މިކަމުގެ ޖަވާބަކީ ފަސޭހައިން ދެވޭނެ ޖަވާބެއް ނޫނެވެ. ފަޔަރފްލައި ފަދަ ޓޫލްތަކުގެ ސަބަބުން އަޖައިބު ކުރުވަނިވި ގްރެފިކްސް އުފެއްދުން ފަސޭހަވެގެންދާއިރު، އެއީ އަލަށް މިކަން ކުރާ ފަރާތްތަކަށް ފަސޭހަވެގެންދާނެ ކަމެކެވެ. ނަމަވެސް މިފަދަ ބޭނުމަކަށް ބޭނުންކުރާ މަޝްހޫރު އެހެން އޭ.އައިތަކާ ހިލާފަށް، ފަޔަރފްލައި އިން އާޓިސްޓުންނާއި ގުޅިގެން މަސައްކަތް ކުރަނީ އެމީހުންގެ ވޯކްފްލޯ ފަސޭހަކޮށްދީ ނަތީޖާ ރަނގަޅު ކުރުމަށް އެހީތެރިވެދިނުމަށެވެ. ފަޔަރފްލައި އިން ދައްކާ ގޮތުގައި ފަންނާނުންނާއި އުފެއްދުންތެރިންގެ ހައްގުތަކަށް އިހުތިރާމް ކުރާ އެތިކަލް އިމޭޖް ޖެނެރޭޝަން އޭ.އައި މޮޑެލްއެއް އޮތުމަކީ ކުރެވިދާނެ ކަމެކެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.