ވީނަސް – ދުނިޔޭގެ ޓޮކްސިކް ޓުވިން

"އާތްސް ޓްވިން" ގެ ނަން ލިބިފައިވާ ވީނަސް އަކީ ސޯލާ ސިސްޓަމްގައި އިރާއި ދެވަނައަށް އެންމެ ކައިރި އަދި ދުނިޔެއާއި އެންމެ ކައިރި ޕްލެނެޓެވެ. މިޕްލެނެޓްއަކީ، ބޮޑުމިނާ ޑެންސިޓީގެ ގޮތުން ދުނިޔެއާއި އެއްގޮތް ޕްލެނެޓެކެވެ. "އާތްސް ޓްވިން" ގެ ނަން މި ޕްލެނެޓްއަށް ދެވިފައިވާ މިހެންކަމުންނެވެ. ނަމަވެސް މިދެޕްލެނެޓްތަކުގެ މެދުގައިވާ އެއްގޮތް ކަންތައްތައް މިހިސާބުން ނިމުނީއެވެ. ވީނަސްގެ އެހެން ހުރިހާ ކަންކަން ދުނިޔެއާއި އަޅާކިޔާއިރު، އެޕްލެނެޓްއަށް "ޓޮކްސިކް ޓުވިން" ގެ ނަން ކިޔުން މާ އެކަށީގެންވެއެވެ.

ފުރަތަމަ ކަމަކަށް ބަލާއިރު، ވީނަސްގައިވާ ފެނުގެ އިންސައްތަ ވަރަށް މަދެވެ. އެތަނުގައިވާ ފެނުގެ މިންވަރުގައި ދުނިޔޭގެ މައިކްރޯބްސްގެ ތެރެއިން އެންމެ ގިނަ އިން ހަނަފަސްކަން ތަހައްމަލުކުރެވޭ މައިކްރޯބްސްއަށް ވެސް ދިރިނޫޅެވޭނެއެވެ.

ދެވަނަ ކަމަކީ އެޕްލެނެޓްގެ ހޫނުމިނެވެ. ވީނަސްއަކީ އަޅުގަނޑުމެން ދިރިއުޅެމުންދާ ސޯލާ ސިސްޓަމްގައި އިރު ފިޔަވައި ދެންވާ އެންމެ ހޫނުގަދަ އެއްޗެވެ. ދުނިޔޭގައި އެވްރެޖްގޮތެއްގައި ފިނިހޫނުމިން ހުންނަނީ 15 ޑިގްރީ ސެލްސިއަސްގަ އެވެ. އަދި މިހާތަނަށް ރިކޯޑްކުރެވިފައިވާ އެންމެ މަތީ ފިނިހޫނުމިނަކީ 57.6 ޑިގްރީ ސެލްސިއަސްއެވެ. މިއާއި އަޅާބަލާއިރު ވީނަސްގެ އާންމު ފިނިހޫނުމިނަކީ 475 ޑިގްރީ ސެލްސިއަސްއެވެ. މިއީ ހަމަ ޔަޤީނުންވެސް އިންސާނުންނަށް ދިރިއުޅެވޭނެ ހޫނުމިނެއްނޫނެވެ.

ވީނަސް މިހާ ހޫނުވެގެންދަނީ އެޕްލެނެޓްގެ ޖައްވުގައި އުފެދޭ "ގްރީންހައުސް އިފެކްޓް"ގެ ސަބަބުންނެވެ. ދުނިޔޭގައި "ގްރީންހައުސް އިފެކްޓް" އުފެދިގެންދަނީ ކާބަންޑައިއޮކްސައިޑް (ސީއޯ2) ގޭސް އިރުގެ އަލިކަން ދުނިޔޭގެ ޖައްވުގެ ތެރެއިން ދަތުރުކުރަމުންދާ ވަގުތު، ދައުރުވާ ހޫނުކަމުގެ ވަކި މިންވަރެއް ދުނިޔޭގެ ފަށަލައިގެ ތެރޭގައި ހިފެހެއްޓުމުގެ ސަބަބުންނެވެ. މީގެ ސަބަބުން ދުނިޔޭގެ ފަށަލަ އާންމުކޮށް ހުންނާނެވަރަށް ވުރެން އިތުރަށް ހޫނުވެގެންދެއެވެ. ވީނަސްގެ ޖައްވުގައި ސީއޯ2 ހުންނަ މިންވަރު ދުނިޔޭގެ ޖައްވަށްވުރެ 2000 ގުނަ އިތުރެވެ. އެހެންކަމުން ވީނަސްގެ ބޯ ޖައްވުގައި އުފެދޭ "ރަންވޭ ގްރީންހައުސް އިފެކްޓް" ގެ ސަބަބުން މި ޕްލެންޓް ދުނިޔެއަށްވުރެ ހޫނުކަން ބޮޑުވާކަމީ ހައިރާންކުރަނިވި ކަމެއް ނޫނެވެ. މި "ގްރީންހައުސް އިފެކްޓް" ނެތްނަމަ، އާންމުގޮތެއްގައި ވީނަސްގެ ހޫނުމިން ހުންނާނީ ގައިގަނޑަކަށް 85 ޑިގްރީ ސެލްސިއަސްގައެވެ. މިއާއިއެކު، ވީނަސް އަކީ ބިމަށްވުރެ އިރާއި ގާތް އެއްޗެއްކަން ވެސް ވިސްނަން ޖެހެއެވެ.

ވީނަސްގެ ޖައްވު އިންސާނުންނަށް ދިރިނޫޅެވޭ ވަރަށް ހޫނުގަދަ ވުމާއިއެކު، އެ ޖައްވުގައިވަނީ ވިހަ ގޭސްތަކެވެ. ވީނަސްވަނީ 28 މޭލާއި 43 މޭލާ ދެމެދުގެ އުސްމިނުގައި އުސްމިނުގައި ފެށޭ ސަލްފިއުރިކް އެސިޑްގެ ތުނި، ވިހަ ވިލާތަކުގެ ތެރޭގައި ދާއިމީގޮތެއްގައި ފޮރުވިފައެވެ. މި ވިލާތަކުން ދުވަނީ ހަލާކުވެފައިވާ ބިހުގެ ވަހެވެ. މީގެ އިތުރުން ވީނަސްގެ ވައިގެ ޕްރެޝަރު ދުނިޔެއަށްވުރެ 90 ގުނައަށްވުރެ މަތިއެވެ. މިއީ ދުނިޔޭގައި ކަނޑުގެ އެއް މޭލު އަޑީގައި އިޙްސާސުވާނޭ ވަރުގެ ޕްރެޝާއެކެވެ.

މިހިސާބުން "ޓޮކްސިކް" ގޮތުގައި ބެލެވޭނެ ތަފާތުތައް ނިމުނުކަމުގައިވީނަމަވެސް، ދުނިޔެއާއި ވަރަށް ބޮޑު އެއްތަފާތެއް އަދިއެބަވެއެވެ. ވީނަސް، އިރުގެ ނިޒާމުގެ އެހެން ގިނަ ޕްލެނެޓްތަކާ އަޅާބަލާއިރު، އޭގެ އެކްސިސްގައި ދައުރުކުރަމުންދަނީ ފަހަތަށްށެވެ. އެހެންކަމުން، ވީނަސްގައި، އިރު އަރާނީ ހުޅަނގުން އަދި އޮއްސޭނީ އިރުމަތިން – ދުނިޔޭގައި އަޅުގަނޑުމެން ތަޖުރިބާކުރާ ގޮތާ މުޅިން ޚިލާފަށެވެ. މީގެ އިތުރުން ވީނަސް އޭގެ އެކްސިސްގައި ދައުރުކުރަމުންދަނީ ދުނިޔެއާއި އަޅާ ބަލާއިރު ވަރަށް މަޑުމަޑުންނެވެ. ނަމަވެސް އެ އިރު ވަށައި ދަތުރުކުރަމުންދަނީ ދުނިޔެއަށްވުރެ ހަލުވިކަމާއެކުގައެވެ. މީގެ ނަތީޖާއަކީ މި ޕްލެންޓްގެ ދުވަސްތަކާއި އަހަރު ދުނިޔެއާއި އަޅާ ބަލައިފިނަމަ، މި ޕްލެންޓްގައި އުޅޭ މީހެއް ތަޖުރިބާކުރާ އެއްދުވަސް އެއްއަހަރަށްވުރެ ދިގުވެގެންދާނެއެވެ. އެހެނީ ވީނަސްގައި 1 ދުވަސް، ދުނިޔޭގެ 243 ދުވަހާ އެއްވަރެވެ. ނަމަވެސް އެއް އަހަރު ހޭދަވާން ނަގަނީ ހަމައެކަނި ގާތްގަނޑަކަށް 225 ވަރަކަށް ދުވަހެވެ.

މިހުރިހާކަމަކަށް ބަލައިލުމުން އެގެންއޮތީ ދުނިޔެއާއި އެއްގޮތް ބައެއް ކަންތައް ވީނަސްގައި ހުރިނަމަވެސް، އަދި ސޯލާ ސިސްޓަމްގައި ދުނިޔެއާއި އެންމެ ކައިރީގައި އޮތް ޕްލެނެޓަށް ވީކަމުގައިވިއަސް، ވީނަސްއަކީ ސޯލާ ސިސްޓަމް މިހާރު އޮތް ގޮތަށް ބަލާއިރު، އިންސާނުންނަށް ދިރިއުޅެވިދާނެ އަލްޓަނޭޓިވް ޕްލެނެޓެއްގެ ގޮތުގައި ބެލެވޭނެ ޕްލެނެޓްއެއް ނޫނެވެ.

މަރިޔަމް އިޝްރާޤް ވަޙީދު

މަރިޔަމް އިޝްރާޤް ވަޙީދު

ބަޔޯކެމިސްޓް، ސޯޝިއޯ އިކޮނޮމިކް ރިސާޗަރ، ފްރީލާންސް ރައިޓަރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.