ދުނިޔޭގެ ފުރަތަމަ ޖައްވީ ފެކްޓްރީ ޤާއިމް ކޮށްފި

އަޙްމަދު ދާއޫދު 19 ޖޫން 2023

ތަޖުރިބާކާރު ކުންފުންޏެއް ކަމަށްވާ ވާޑާ ސްޕޭސް އިންޑަސްޓްރީޒް އާއި ސްޕޭސް އެކްސް ގުޅިގެން އުފައްދާފައިވާ ކެލިފޯނިއާގެ ސްޕޭސް އެކްސްގެ ސްޓާޓްއަޕަކުން އެ ކުންފުނީގެ ފުރަތަމަ ސެޓެލައިޓް ޑަބްލިއު ސީރީޒް 1 ކާމިޔާބުކަމާއެކު އޯބިޓްގައި ބަހައްޓާފައިވާ ކަން އިއުލާނުކޮށްފައިވާއިރު، މިއީ ދުނިޔޭގެ ފުރަތަމަ ޖައްވީ ފެކްޓްރީ ކަމުގައި ވާޑާ ސްޕޭސް އިން ބުނެފިއެވެ.

އެ ކުންފުނީގެ އަމާޒަކީ ބިމުގައި ނުއުފެއްދޭ ނުވަތަ މައިކްރޯގްރެވިޓީ ހާލަތުގައި ހަލުވިކޮށް އަދި ފެންވަރު ރަނގަޅު މެޓީރިއަލްތަކެއް ޖައްވުގައި އުފެއްދުމުގެ މަސައްކަތް ފެށުމެވެ.

ސްޕޭސް އެކްސްގެ ޓްރާންސްޕޯޓާ-8 މިޝަންގައި މި ސެޓެލައިޓް އޯބިޓަށް އުފުލާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވާޑާސްޕޭސްއިން ކުރި ޓުވީޓެއްގައި ބުނީ ދުނިޔޭގެ ފުރަތަމަ ސްޕޭސް ފެކްޓްރީގެ ސޯލާ ޕެނަލްތަކުން އިރު ފެނި، އެ ތަން ޑި-ޓަމްބްލްވާން ފަށާފައިވާ ކަމަށެވެ.

ވާޑާއިން ކާމިޔާބު ކަމާއެކު ލޯންޗްކުރި ޑަބްލިއު ސީރީޒް 1 ސެޓެލައިޓަކީ އަންނަ އަހަރު މާސްގެ ދެ މިޝަނަކަށް ނާސާ އިން ވެސް ކޮންޓްރެކްޓްކޮށްފައިވާ ސެޓެލައިޓް ސޮލިއުޝަނެއް ކަމަށްވާ ރޮކެޓް ލެބްގެ ފޯޓޯން ޕްލެޓްފޯމްތަކުގެ ތެރޭގައި ބަހައްޓާފައިވާ ސެޓެލައިޓެކެވެ.

ވާޑާގެ ސެޓެލައިޓް ލޯންޗަކީ އެ ކުންފުނީގެ ސެޓެލައިޓް ސޮލިއުޝަން ބޭނުންކޮށްގެން ޖައްވުގައި ފާމަސޫޓިކަލްސް އުފައްދައިދެވިދާނެތޯ ބެލުމަށް އެ ކުންފުނިން ކުރިއަށް ގެންދާ ޓެސްޓް ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދާ ޓެސްޓެކެވެ.

މި ކުންފުންޏަކީ ސްޕޭސް އެކްސްގެ ކުރީގެ އެވިއޮނިކްސް އިންޖިނިއަރު ވިލް ބްރޫއީ އާއި ޕީޓާ ތިއެލްގެ ފައުންޑާސް ފަންޑުގެ ޑެލިއަން އަސްޕަރޫހޯވް އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނީގެ އަމާޒަކީ ޖައްވަށް ބޭނުންވާ ބައެއް އުފެއްދުންތައް މާސްކޮށް އުފެއްދުމުގެ މަގު ފަހިކޮށްދިނުމެވެ. މިކަމަށް މަގުފަހިވެގެންދާނީ ސްޕޭސް އެކްސް އާއި ރޮކެޓް ލެބް ފަދަ ޕްރައިވެޓް ލޯންޗްގެ ހިދުމަތްދޭ ކުންފުނިތަކުގެ ސަބަބުން ފަހަކަށް އައިސް ޖައްވަށް ވަދެވޭ މިންވަރު އިތުރުވުމުންނެވެ.

"މިއަށްވުރެ ބާރުގަދަ ފައިބަރ އޮޕްޓިކް ކޭބަލްތަކުން ފެށިގެން، ފުރާނަ ސަލާމަތްކޮށްދޭ ބޭސް އުފެއްދުމާއި ހަމައަށް، މިއަދު ބިމުގައި ބޭނުންކުރާ އުފެއްދުންތަކުގެ ދުނިޔެއެއް އެބައޮތް، އެއީ ހަމައެކަނި ޖައްވުގައި އުފެއްދޭނެ އުފެއްދުންތަކެއް،" ވާޑާގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

ވާޑާގެ މަސައްކަތް ބިނާވެފައި ވަނީ ޖައްވުގައި އުފެދޭ ޕްރޮޓީން ކްރިސްޓަލްތަކުން ބިމުގައި އުފެދޭ ޕްރޮޓީން ކްރިސްޓަލްތަކަށް ވުރެ ފުރިހަމަ ސްޓްރަކްޗާތަކެއް އުފައްދައި، އުފެދުމުގެ މަރުހަލާއަށް ގްރެވިޓީގެ ސަބަބުން ނޭދެވޭ އަސަރުކުރާކަން ސައިންޓިފިކް ދިރާސާތަކުގެ މައްޗަށެވެ.

އެއް މިސާލަކީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނުގައި ފާމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ މާކް އިން ކުރި ދިރާސާތަކުން ކަމަށް ސީއެންއެންގެ ރިޕޯޓަކުން ވަނީ ދައްކައިފަ އެވެ. އެ ދިރާސާއިން އެނގުނު ގޮތުގައި ކެންސަރުގެ ބޭހެއް ކަމަށްވާ ކީޓްރޫޑާގައި ބޭނުންކުރާ އެކްޓިވް އިންގްރިޑިއަންޓް ޕެމްބްރޯލިޒޫމަބްގެ ސްޓޭބަލް ވާޝަނެއް މައިކްރޯގްރެވިޓީގައި އުފައްދައިދެވިދާނެ އެވެ.

ވާޑާގެ ފުރަތަމަ މިޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ އެޗްއައިވީއަށް ފަރުވާ ދިނުމަށް ބޭނުންކުރާ އާދަޔާ ޚިލާފު ބޭހެއް ނަމަވެސް ދާދި ފަހުން ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ބޭނުންކުރި އެންޓިވައިރަލް ބޭހެއް ކަމަށްވާ ޕެކްސްލޮވިޑްގައި ރިޓޮނަވިރު ގެ އިން-ސްޕޭސް ޑިވެލޮޕްމަންޓާ ބެހޭ ގޮތުން ދިރާސާ ކުރުމަށެވެ.

ވާޑާ ސްޕޭސްއިން ވަނީ ހައިޕަސޮނިކް ޓެސްޓުތައް ހެދުމަށް އެމެރިކާގެ ވައިގެ އަސްކަރިއްޔާއާއެކު ވަކިވަކިން އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފަ އެވެ. އެ ކުންފުނީގެ ޓެސްޓް ރިގް ދުނިޔޭގެ ޖައްވަށް އަލުން ވަންނައިރު މެކް-25 ގެ ބާރު މިނުގައި ދަތުރުކުރާނެ އެވެ.

އެމެރިކާގެ އެއާފޯސް ސްޓްރެޓްފީގެ ރީ-އެންޓްރީ ވެހިކަލް ހައިޕަސޮނިކް ޓެސްޓްބެޑެއްގެ ގޮތުގައި ބޭނުންކުރުމަށް 60 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއް ހޯދާފައިވާކަން އެ ކުންފުނިން އިއުލާންކުރީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.