ޖީމެއިލް އިން ވެރިފައިޑް ބްލޫ ޗެކްމާކް ތަޢާރަފް ކޮށްފި

އަޙްމަދު ދާއޫދު 21 ޖޫން 2023

ޖީމެއިލް އިން ސްކޭމްކުރާ މީހުންގެ ކިބައިން ރައްކާތެރިކުރުމަށް ބްލޫ ވެރިފައިޑް ޗެކްމާކްތަކެއް ތައާރަފުކޮށްފިއެވެ.

އީމެއިލް ސެކިއުރިޓީ އިތުރުކޮށް، ސްކޭމަރުންގެ ކިބައިން ޔޫޒަރުން ރައްކާތެރި ކުރުމުގެ ގޮތުން ގޫގުލް އިން ޖީމެއިލްގައި އިތުރުކުރި މި އާ އައިޑެންޓިޓީ ސިސްޓަމްގެ ސަބަބުން އީމެއިލް ފޮނުވާ މީހެއްގެ އީމެއިލް އެޑްރެސްގެ ކައިރީގައި ބްލޫ ޗެކްމާކެއް މިހާރު ހުންނާނެއެވެ.

ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ފެންނަ ވެރިފިކޭޝަން ބެޖްތަކާ އެއްގޮތް މި ބްލޫ ޗެކްމާކްގެ މަގުސަދަކީ ފޮނުވާ ފަރާތަކީ ގާނޫނީ ވިޔަފާރިއެއްތޯ ނުވަތަ ސްކޭމަރެއް ކަމަށް ކަނޑައެޅުމެވެ.

ޖީމެއިލް އަށް ބްލޫ ވެރިފައިޑް ބެޖްތައް ތައާރަފް ކުރުމުގެ މަސައްކަތް މިހާރު ފަށާފައި ވާއިރު، މި ޚިދުމަތް ލިބޭނީ ހަމައެކަނި ޕޭއިޑް ގޫގުލް ވޯކްސްޕޭސް ބޭނުންކުރާ ފަރާތްތަކަށާއި ގޫގުލް އެކައުންޓް ހޯލްޑަރުންނަށެވެ.

މި އީމެއިލް ޗެކްމާކް ސިސްޓަމަކީ މީގެ ދެ އަހަރު ކުރިން ތައާރަފްކުރި ގޫގުލްގެ ބްރޭންޑް އިންޑިކޭޓަރސް ފޯ މެސެޖް އައިޑެންޓިފިކޭޝަން (ބީއެމްއައި) އިނިޝިއޭޓިވްގެ ބައެކެވެ.

އީމެއިލް ފޮނުވާ ފަރާތްތަކަށް ޖެނެރިކް ޕްރޮފައިލް އަވަޓަރުތަކަށް ބަރޯސާވުމުގެ ބަދަލުގައި މިހާރު ގޫގުލް އިން ބުނަނީ ވިޔަފާރިތަކާއި ޖަމިއްޔާތަކުން އެމީހުންގެ އައިޑެންޓިޓީ ޔަގީންކޮށް، އެމީހުންގެ ބްރޭންޑް ލޯގޯ ތަމްސީލުކުރާ ހާއްސަ ޕްރޮފައިލް ޕިކްޗާއެއް ފޯރުކޮށްދިނުމަށެވެ.

މި ވެރިފިކޭޝަން ޕްރޮސެސްގެ މަގުސަދަކީ އީމެއިލް ލިބޭއިރު ބޭންކިން އިންސްޓިޓިއުޝަން ނުވަތަ އެކަޑަމިކް އޯގަނައިޒޭޝަންތައް ފަދަ އިތުބާރު ހުރި ފަރާތްތައް ފަސޭހައިން ދެނެގަނެވޭނެ ގޮތް ހެދުމެވެ.

ގޫގުލް އިން ބުނީ ބިމީ ވެރިފިކޭޝަން މިހާރު ހަދާފައިވާ ކުންފުނިތަކަށް ވަރަށް އަވަހަށް ބްލޫ ބެޖް ލިބޭނެ ކަމަށެވެ.

އީމެއިލް ސްކޭމްތަކާއި ފިޝިން ހަމަލާތަކުގެ ސަބަބުން އަހަރަކު އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ ބޮޑު މާލީ ގެއްލުންތަކެއް ޢާއްމު ފަރުދުންގެ އިތުރުން ބޮޑެތި ވިޔަފާރިތަކަށާއި، ކުންފުނިތަކަށް ލިބެމުންދާއިރު، ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ފަދަ މަޝްހޫރު ޖަމިއްޔާތައް ވެސް ވަނީ އީމެއިލް ހެކްތަކުގެ ޝިކާރައަކަށް ވެފައެވެ.

2021 ވަނަ އަހަރު އެފްބީއައި އިން ވަނީ ހެކަރުން އީމެއިލް ސާވަރުތަކަށް ކޮމްޕްރޮމައިޒްކޮށް، ފައިސާ ފޭރުމުގެ މަކަރުވެރި ސްޕޭމް ކެމްޕޭންތައް ފަށާފައިވާ ކަމަށް ގަބޫލުކޮށްފައެވެ.

ޖީމެއިލް މިޚިދުމަތް ތަޢާރަފް ކުރުމާއި ގުޅިގެން ޓެސްލާގެ ސީއީއޯ އަދި މިހާރު ޓްވިޓާގެ ވެރިޔާ އެލޮން މާސްކް އަށް މިކަންވީ ވަރަށް މަޖާކަމަކަށެވެ. އޭނާ ވަނީ މިކަމަށް ޖޯކް ޖައްސަވާ ޓްވީޓް ކުރައްވާފައެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި މާސްކްގެ މި ޖޯކް ޖެއްސެވުމަކީ ޓްވިޓާއިން ފެށިކަމެއް ގޫގުލްއިން ކޮޕީކުރުން ކަމުގައި އޭނާ ޤަބޫލުކުރެއްވުމެވެ.

މާސްކްގެ މިލްކުވެރިކަމުގައި ޓްވިޓާއިން ވަނީ ވަކިން ފާހަގަކޮށްލެވޭ ބްލޫ ޗެކްމާކެއް ކަމަށްވާ ސައްހަކަމާއި އިތުބާރު ތަމްސީލުކުރާ ނިޝާނެއް ކަމަށްވާ ވެރިފައިޑް އެކައުންޓްތަކުގެ ޓްރެންޑް މަޝްހޫރުކޮށް ކޮންމެ މަހަކަށް 8 ޑޮލަރުގެ ރޭޓުން ޓްވިޓާގައި ޗެކް މާކް ވިއްކަން ފަށާފައެވެ.

ޖީމެއިލްގައި ބްލޫ ޗެކްމާކް ސިސްޓަމް ތައާރަފް ކުރުމަކީ އީމެއިލް ސެކިއުރިޓީއަށް ލިބުނު ކުރިއެރުމެއް ނަމަވެސް، ސްކޭމްތަކާއި ފިޝިން މަސައްކަތްތަކުން ރައްކާތެރިވުމަށް ސަމާލުކަންދީ އިތުރު ފިޔަވަޅުތައް އެޅުމަކީ އަދިވެސް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.