ނޮވެލް އާޓިފިޝަލް އިންޓެލިޖެންސް ސިސްޓަމެއް ކަމަށްވާ ސެމެންޓިކް ޑިކޯޑާއަކީ ސިކުނޑީގެ ހަރަކާތްތައް މެދުނުކެނޑި ލިޔުމަށް ތަރުޖަމާކުރެވިދާނެ ނިޒާމެކެވެ.
މި ނިޒާމުގެ ސަބަބުން ސްޓްރޯކް ފަދަ ހާލަތްތަކުގެ ސަބަބުން ވާހަކަ ނުދެއްކޭ މީހުންނަށް މުވާސަލާތީ ނިޒާމަށް އިންގިލާބީ ބަދަލެއް އަންނާނެކަން ރިޕޯޓުތަކުން ފާހަގަވެއެވެ.
މި ނޮން-އިންވޭސިވް އެޕްރޯޗްގައި އެފް.އެމް.އާރު.އައި ސްކޭނަރ ޑޭޓާ ބޭނުންކޮށްގެން އެއްވެސް ސާޖިކަލް އިމްޕްލާންޓެއް ބޭނުންނުކޮށް ޚިޔާލުތައް ލިޔުމަށް ބަދަލުކުރެއެވެ. މިއީ އަދި އެހާ ޔަޤީންކަމާއެކު އެންމެ ރަނގަޅަށް ކުރެވޭކަމެއް ނޫނެވެ. ނަމަވެސް މި އޭ.އައި ސިސްޓަމުން މީހާގެ ވިސްނުމުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކާމިޔާބުކަމާއެކު ނަގައިދެއެވެ.
- މި ސިމެންޓިކް އޭ.އައި ޑިކޯޑާ ޑެވެލޮޕް ކުރީ އޮސްޓިންގެ ޔުނިވާސިޓީ އޮފް ޓެކްސަސްގެ ދިރާސާކުރާ މީހުންތަކެކެވެ.
- މިއީ ޓްރާންސްފޯމާ މޮޑެލްއެއް ގޮތައް މަސައްކަތްކުރާ މޮޑެލްއެކެވެ. އަދި ހަމައެއާއެކު މިއީ އޯޕަންއޭއައިގެ ޗެޓް-ޖީޕީޓީ އާއި ގޫގަލްގެ ބާޑްއާއި އެއްވައްތަރު އޭ.އައި އެކެވެ.
- ފަންކްޝަނަލް ނިއާ-އިންފްރާރެޑް ސްޕެކްޓްރޯސްކޯޕީ (އެފް.އެން.އައި.އާރު.އެސް) ފަދަ އިތުރު ޕޯޓަބަލް ބްރެއިން އިމޭޖިން ސިސްޓަމްތަކާއި އެކު މި ސިސްޓަމް ބޭނުން ކުރުމުގެ ފުރުސަތު އެބައޮތެވެ.
ރިޕޯޓުތަކުން ފާހަގަވާ ގޮތުގައި މިއީ ނަފްސާނީ ސިއްޙަތު ރަނގަޅު ނަމަވެސް އަނގައިން ވާހަކަ ނުދެއްކޭ މީހުންނަށް ބޭނުންކުރެވިދާނެ ޓޫލްއެކެވެ. ނޭޗާ ނިއުރޯސައިންސްގައި ޕަބްލިޝް ކުރެވުނު ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ ޖެރީ ޓެންގް ( ކޮމްޕިއުޓާ ސައިންސް ކިޔަވަމުންގެންދާ ޑޮކްޓަރީ ދަރިވަރެއް) އާއި އެލެކްސް ހުތު (ނިއުރޯސައިންސް އަދި ކޮމްޕިއުޓާ ސައިންސްގެ އެސިސްޓަންޓް ޕްރޮފެސާއެއް) އެވެ.
އެހެން ބަސްތައް ޑިކޯޑު ކުރާ ސިސްޓަމްތައް މިހާރު ޑިވޮލޮޕް ކުރަމުންދާއިރު، ފާހަގަކޮށްލެވެނީ މި ސިސްޓަމަކީ ބޭނުންކުރާ މީހާ އެއްވެސް ސާޖިކަލް އިމްޕްލާންޓެއް ބޭނުން ނުކޮށް ބޭނުންކޮށްލެވޭ ސިސްޓަމެކެވެ.
މި ދިރާސާގައި ސިނކުޑީގައި ހިނގާ ކަންތައްތައް ބަލަނީ އެފްއެމްއާރުއައި ސްކޭނާއެއް ބޭނުންކޮށްގެންނެވެ. މިއީ ޑީކޯޑާގެ އެތަކެއް ޓްރެއިނިންތަކެއް ކުރިއަށް ގެންދިއުމަށްފަހުއެވެ.
އޭގެ ފަހުން ދިރާސާގެ ބައިވެރިން އެމީހުންގެ ހިޔާލުތަކާއި ވިސްނުންތައް ޑީކޯޑު ކުރަން ބޭނުންނަމަ އެމީހުންނަށް އޭގެ ވާހަކަތައް އަޑު އެހުމުގެ ފުރުސަތު ލިބެއެވެ.
މި ދިރާސާގެ ނަތީޖާއަކީ ސީދާ ބަހުން ބަހަށް ޑީކޯޑުކޮށް ތަރުޖަމާ ކުރެވިފައިވާ އެއްޗެއް ނޫނެވެ. އެކަމަކުވެސް، މި ދިރާސާކުރި މީހުން ދިރާސާ ބިނާކޮށްފައިވަނީ އިންސާނުންގެ ވިސްނުމުގެ މަރުހަލާގެ މައްޗަށެވެ.
މިއީ އަދި އެހާ ބޭނުން ހިފޭނެ ޓެކްނޮލޮޖީއެއް ގޮތުގައި މި ދިރާސާ ހިންގި މީހުންނަށް ފާހަގަ ކުރެވިފައި ނެތެވެ. އެހެނީ ޑިކޯޑާ ޓްރެއިން ކުރެވިފައިވާ ދިރާސާގެ ބައިވެރިންގެ ހިޔާލުތައް ޑިކޯޑު ކުރުމަށް ޑިކޯޑާ އެހާ ރަނގަޅު ނަތީޖާއެއް ނުދައްކާއިރު، ޑިކޯޑާ ޓްރެއިން ނުވެތިބި މީހުންގެ ހިޔާލުތައް ހަމަ އެއްވެސް ވަރަކަށް ތަރުޖަމާ ކުރެވިފައިވަނީ ރަނގަޅަށް ނޫންކަން ފާހަގަވާތީއެވެ.
މި ސިސްޓަމަކީ އެއްވެސް ގޮތަކަށް ލެބޯޓަރީއިން ބޭރުގައި ބޭނުންކުރެވޭ ފެންވަރަށް ޓްރެއިން ކުރެވި، ފަރުމާ ކުރެވިފައިވާ ސިސްޓަމެއް ނޫންކަންވެސް ސައިންސްވެރިން ފާހަގަ ކުރެއެވެ. މިއީ މި ސިސްޓަމް ވަރަށް ބޮޑަށް އެފް.އެމް.އާރު.އައި މެޝިނަށް ބަރޯސާވާތީވެސް މެއެވެ.
ނަމަވެސް މި ދިރާސާ ކުރާ މީހުން ގަބޫލު ކުރަނީ މަސައްކަތްތައް އެހެން ސްކޭނަރަކަށް ބަދަލުކޮށް ރަނގަޅު ސިކުނޑީގެ ސްކޭންކުރާ މެޝިނެއް ބޭނުންކުރުމުން ނަތީޖާތައް މިހާރަށް ވުރެން ރަނގަޅުވުން އެކަށީގެން ވެއެވެ. މިސާލަކަށް ފަންކްޝަނަލް ނިއާ-އިންފްރާރެޑް ސްޕެކްޓްރޯސްކޮޕީ (އެފް.އެން.އައި.އާރު.އެސް) މެށިނެއް ބޭނުން ކުރެވިދާނެކަމަށް އެމީހުން ޤަބޫލުކުރެއެވެ.
އެލެކްސެންޑާ ހުތު އާއި ޖެރީ ޓެންގް އެމީހުންގެ މި ދިރާސާއަށް ޕީ.ސީ.ޓީ ޕެޓަންޓް އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ.
މިފަދަ ދިރާސާތަކުގެ ނަތީޖާތަކުން ފާހަގަކުރެވެނީ އާޓިފިޝަލް އިންޓަލިޖަންސަކީ ވަރަށް ބާރަށް ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއެއް ކަމުގައި ވިޔަސް، އެކި ތަފާތު މެޝިނަރީތަކާއި އެހެނިހެން ތަކެތީގެ އެހީގައި އިތުރަށް ދިރާސާކުރުމުގެ ފުރުސަތު އެންމެނަށްވެސް އޮތްކަމެވެ. އަދި މި ޓެކްނޮލޮޖީގެ އެހީގައި އަހަރެމެންނަށް ކުރެވިދާނެ ކަންތައްތައް އެކި ދާއިރާތަކުގައި ހުރުމުން މިއީ އިންސާނުންނަށް ވަރަށް މުހިންމު ޓެކްނޮލޮޖީއެއް ކަމެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.