އިންޑިއާގައި އައިފޯން އުފައްދާ ފުރަތަމަ ލޯކަލް ކުންފުންޏަކަށް ވުމުގެ އެއްބަސްވުން ޓާޓާ ގްރޫޕުން އެޕަލްއާއި އެކު ހެދުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވެއްޖެކަމަށް ބުލޫމްބާގް އިން ބުނެފިއެވެ.
އިންޑިއާގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ ޓާޓާ ގްރޫޕުން އެޕަލް އިންކްގެ ސަޕްލަޔަރުގެ ފެކްޓްރީއެއް އޮގަސްޓް މަހުގެ ތެރޭގައި ހޯދުމުގެ އެއްބަސްވުމާ ގާތްވެފައިވާ އިރު، މިއީ އިންޑިއާގެ ކުންފުންޏަކުން އައިފޯންތަކުގެ އެސެމްބްލީއަށް ބަދަލުވާ ފުރަތަމަ ފަހަރު ކަމަށް ބްލޫމްބާގްގެ ރިޕޯޓްގައި ބުނެފައިވެއެވެ.
އެޕަލްއާއި އެކު ޓާޓާ އިން ވެފައިވާ އެއްބަސްވުމުގެ ދަށުން އައިފޯން އެސެމްބްލް ކުރާނީ ކަރްނާޓަކާ ސްޓޭޓްގެ ދެކުނުގެ ވިސްޓްރޯން ކޯޕް ފެކްޓްރީ ގައެވެ.
އެޕަލްއާއި އެކު ޓާޓާއިން ވެފައިވާ އެއްބަސްވުން ކުރިއަށް ގެންދިއުމަށް ވިސްޓްރޯން އިންޑިއާ ފެކްޓްރީ ޓާޓާއިން ވަނީ ގަނެފައެވެ. އެ ފެކްޓްރީގެ އަގު 600 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާނެ ކަމަށް ބެލެވެއެވެ. ފެސިލިޓީގައި 10،000 އަށް ވުރެ ގިނަ މަސައްކަތްތެރިން މަސައްކަތް ކުރާއިރު، އެންމެ ފަހުގެ އައިފޯން 14 މޮޑެލް އެސެމްބްލް ކުރެ އެވެ.
ދައުލަތުގެ އެހީތެރިކަން ލިބޭ މާލީ އިނާޔަތްތައް ހޯދުމަށް ވިސްޓްރޯން އިން ވަނީ 2024 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް މާލީ އަހަރު އެ ފެކްޓްރީން މަދުވެގެން 1.8 ބިލިއަން ޑޮލަރުގެ އައިފޯންތައް ފޮނުވަން ވައުދުވެފަ އެވެ. އަދި އަންނަ އަހަރުގެ ނިޔަލަށް ޕްލާންޓުގެ މުވައްޒަފުން ތިންގުނައަށް އިތުރު ކުރުމަށް ވެސް ވަނީ ރާވާފަ އެވެ. އެ ވައުދުތަކަށް ޓާޓާ އިން އިހްތިރާމް ކުރަން ނިންމާފައި ވަނީ ވިސްޓްރޯން އިންޑިއާގައި އައިފޯން ވިޔަފާރިން ވަކިވުމުންނެވެ.
އިންޑިއާގައި އައިފޯނު އުފެއްދުމުގެ މަސައްކަތް އިތުރަށް ހަރުދަނާވުމުން އެޕަލްގެ ޕްރޮޑަކްޓް ބޭސް ޗައިނާއިން ބޭރުން ޑައިވާސިފައިކޮށް ޗައިނާއަށް ބަރޯސާނުވެ އެޕަލްގެ ޕްރޮޑަކްޓްތައް އުފެއްދުމަށް ކުރާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.
ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ވިސްޓްރޯން އިން އިންޑިއާއިން ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގެ އައިފޯނު އެކްސްޕޯޓްކޮށްފައިވާއިރު، އެޕަލްގެ އެހެން މުހިންމު ޓައިވާން ސަޕްލަޔަރުން ކަމަށްވާ ފޮކްސްކޮން ޓެކްނޮލޮޖީ ގްރޫޕާއި ޕެގަޓްރޮން ކޯޕް ވެސް ވަނީ ލޯކަލް ކޮށް އުފެއްދުންތައް އިތުރުކޮށްފަ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އުފެއްދުންތެރިކަމާއި ވަޒީފާ ފުޅާކުރުމަށް ފައިދާހުރި މާލީ އިނާޔަތްތަކާއެކު ސަރުކާރުގެ ޕްރޮގްރާމްތައް އުފައްދަވާފައިވާ ފަހުން އިންޑިއާއިން ވަނީ އެތެރޭގެ އުފެއްދުންތެރިކަމުގެ ދާއިރާއިން ކުރިއެރުންތަކެއް ހޯދާފައެވެ.
ކޮވިޑް-19 ގެ ލޮކްޑައުންއާއި ވޮޝިންޓަނާއި ބެއިޖިންއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވުމާ ގުޅިގެން އެޕަލް އިން ވަނީ ޗައިނާއާ ދުރަށް ދިއުމުގެ މަސައްކަތް ތައް އިތުރުކޮށްފަ އެވެ.
ދުނިޔޭގެ ފެކްޓްރީއެއްގެ ގޮތުގައި ޗައިނާގެ ދަރަޖަ އަށް ގޮންޖަހަން މޯދީ ކުރައްވަމުން ގެންދަވާ މަސައްކަތަށް، ޓާޓާ ކުންފުނީގެ މި އެއްބަސްވުމުގެ ދަށުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ އެހެން އިލެކްޓްރޯނިކްސް ބްރޭންޑްތަކުން ޗައިނާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އިންޑިއާގައި އުފެއްދުންތެރިކަމާ މެދު ވިސްނައިދިނުމަށް މަގުފަހިވެގެންދާނެއެވެ.
އުމުރުން 155 އަހަރުވީ ޓާޓާ ގުރޫޕުން ލޮނުން ފެށިގެން ޓެކްގެ ހިދުމަތްތަކާ ހަމައަށް ވިޔަފާރި ކުރެއެވެ. ފާއިތުވި އަހަރުތަކުގައި އެ ގްރޫޕުން ވަނީ އާ ދެ ސިނާޢަތެއް ކަމަށްވާ އިލެކްޓްރޯނިކްސް އުފެއްދުމާއި އީ-ކޮމާސްގެ ތެރެއަށް ވަނުމަށް މަސައްކަތްކޮށްފަ އެވެ.
ޓެމިލް ނާޑޫ ސްޓޭޓްގެ އެތައް ސަތޭކަ އޭކަރުގެ ބިމެއްގައި ފެތުރިފައިވާ އެ ޑިވައިސްގެ ފެކްޓްރީގައި މިހާރުވެސް އައިފޯން ޗެސިސް ނުވަތަ ޑިވައިސްގެ މެޓަލް ބެކްބޯން އުފައްދައެވެ. ޓާޓާގެ ޗެއާމަން އެން ޗަންދުރަސޭކަރަން މީގެ ކުރިން ވިދާޅުވެފައި ވަނީ ޗިޕް އުފެއްދުމުގެ އުންމީދުތަކަށް ވެސް ޓާޓާ އިން ހިތްވަރު ދޭ ކަމަށެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.