ޒޫމްއިން އޭ.އައި ތަމްރީނުތަކަށް ކޯލްތައް ބޭނުން ނުކުރާނެ!

ޝުޖާޢަތު ރަޝީދު 13 އޯގަސްޓު 2023

ޒޫމްގެ ޔޫޒަރ އެގްރީމެންޓުގައި ކަސްޓަމަރުންގެ ވީޑިއޯގެ މުޢާމަލާތް އޭ.އައި ތަމްރީނުކުރުމަށް ބޭނުންކުރާނެ ކަމަށް ބުނެފައިވާ މާއްދާއާއި ބެހޭގޮތުން ގިނަ ބަޔަކު ސުވާލު އުފައްދައިފައިވާތީވެ މިއީ އެކުންފުނިން ނުކުރާ ކަމެއް ކަމުގައި ބުނެފިއެވެ.

ޒޫމްގެ ޔޫޒަރ އެގްރީމެންޓުގައި ސުވާލު އުފައްދާފައިވާ ސެކްޝަން 10.2 ވަނަ މާއްދާގައި ބުނެފައިވަނީ "ޒޫމްގެ މި އެގްރީމަންޓުގައި ހުއްދަ ދީފައިވާ މިންވަރަށް އަދި އެކަށައެޅިފައިވާ ގޮތުގެ މަތިން، ޒޫމްގެ އެކްސެސް، ޔޫސް، ކަލެކްޝަން، ޕްރޮޑަކްޓް، ޑިސްޓްރިބިއުޝަން، ޕްރޮސެސިން، ޝެއާ، މެއިންޓެނެންސް އަދި ސްޓޯރޭޖް ކުރުމަށް ބޭނުންކުރާ ޔޫޒާ އެއްބަސްވަމެވެ." އަދި މިއާއިއެކު، އެ މާއްދާގައި ދެން ބުނެފައިވަނީ "މެޝިން ލާނިން އާއި އާޓިފިޝަލް އިންޓަލިޖަންސްވެސް މިކަމުގައި ހިމެނެއެވެ. މިއީ ތަމްރީނު ކުރުމަށާއި އަލްގޯރިދަމްތަކާއި މޮޑެލް ޓިއުން ކުރުމަށްވެސް ބޭނުން ކުރެވޭނެ ޑޭޓާ" ކަމުގައެވެ.

ޔޫޒާ އެގްރީމެންޓުގެ މި މާއްދާ ފެނުމުން ގިނަބަޔަކު އެމީހުންގެ ނުރުހުން އޮންލައިންކޮށް ފާޅުކޮށް ޒޫމް ނޫން އެހެން ވީޑިއޯ ކޮންފެރެންސިން ޓޫލްއެއް ބޭނުން ކުރަން ފަށާނެ ކަމަށް ބުނެ އެ ކުންފުންޔަށް ވަނީ އިންޒާރު ދީފައެވެ.

މިކަމާއި ގުޅިގެން އެކުންފުނިން ނެރުނު ބްލޮގް ޕޯސްޓެއްގައި ޗީފް ޕްރޮޑަކްޓް އޮފިސަރ ސަމިތާ ހާޝިމް ބުނެފައިވަނީ އެމީހުންގެ އެގްރީމަންޓުގެ މި މާއްދާއަށް މިހާރު އިތުރު ޖުމްލައެއް ވާނީ ލެވިފައެވެ. އެއީ "ޒޫމް އިން އޯޑިއޯ، ވީޑިއޯ ނުވަތަ ކަސްޓަމަރުންގެ ޗެޓް އެއްވެސް އާޓިފިޝަލް އިންޓަލިޖަންސް މޮޑެލްއެއް ތަމްރީނު ކުރުމަށް ޔޫޒަރުންގެ އިޒުނައާއި ނުލައި ބޭނުން ނުކުރާނެއެވެ."

އަދި މި ބްލޮގް ޕޯސްޓުގައި ޒޫމްގެ ސްޕޯކްސްޕާސަން ސްޓޭޓްމަންޓެއް ނެރެ ހާމަކޮށްފައިވަނީ ޒޫމް ބޭނުންކުރާ ކަސްޓަމަރުންގެ އަތުގައި އޭ.އައި ފަދަ ޖެނެރޭޓިވް ފީޗާތައް އިނޭބަލްކުރުމުގެ ބާރު އޮންނާނެ ކަމަށެވެ. އަދި ޒޫމް ޕްރޮޑަކްޓު އިތުރަށް ރަނގަޅުކުރުމަށް ޑޭޓާ ފޯރުކޮށްދިނުމަކީ ކަސްޓަމަރުންގެ އަތް މަތީގައި އޮންނަ ނިންމުމެއް ކަމުގައިވެސް އޭނާ ހާމަކޮށްފައިވެއެވެ.

ނަމަވސް، އިންޓަލެކްޓުއަލް ޕްރޮޕަޓީ ލޯޔާއެއް ވަނީ މި ޖުމްލަ އިތުރު ކުރިކަމުގައިވިޔަސް މީގައި ކަސްޓަމަރުންގެ "ޓެލެމެންޓަރީ ޑޭޓާ"ގެ ވާހަކަ ނުހިމެނޭކަމަށް ބުނެފައެވެ. މިއީ ޒޫމް މެދުވެރިކޮށް ބާއްވާ އިވެންޓުތަކުގެ ގަޑިއާއި، ބޭނުންކުރާ ކްލައަންޓުގެ ވައްތަރު އަދި ބޭނުންކުރާ އޮޕަރޭޓިން ސިސްޓަމް ފަދަ ޑޭޓާއެވެ. މިޑޭޓާގެ ވައްތަރުތައް ޒޫމްގެ ވެބްސައިޓުގައި ލިސްޓުކޮށްފަައިވެސް ވެއެވެ.

އާޓިފިޝަލް އިންޓަލިޖަންސާއި މެޝިން ލާނިންގް ގިނަ ބަޔަކު ބޭނުން ކުރަމުންދާއިރު، މި ދާއިރާތެރެއަށް ވަދެ ކަސްޓަމަރުންނަށް އައު ފީޗާތަކާއި ޕްރޮޑަކްޓުތައް އެކި ޓެކްނޮލޮޖީ ކުންފުނިތަކުންދަނީ ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.

ނަމަވެސް، ފާހަގަކޮށްލެވެނީ މިއީ އަދިވެސް ވަރަށް ގިނަ ބަޔަކަށް އައު ޓެކްނޮލޮޖީއެކެވެ. އެހެންކަމުން މި ޓެކްނޮލޮޖީތަކާއި އެފަދަ ޓެކްނޮލޮޖީ އުފައްދާ ކުންފުނިތަކާއި ގުޅޭ ގިނަ ޤަވާޢިދާއި ޤާނޫނު ވަނީ ނުހެދިއެވެ.

މިއަހަރު ޖުލައި މަހު އެކަނިވެސް ގާތްގަނޑަކަށް 8،000 ލިޔުންތެރިންވަނީ ސޮއިކޮށް އޯޕަން-އޭ.އައި އާއި ސްޓެބިލިޓީ އޭ.އައި އަށް ނުރުހުން ފާޅުކޮށް ސިޓީ ފޮނުވާފައެވެ.

މި ލިޔުންތެރިންގެ ޝަކުވާއަކަށްވަނީ އެމީހުން ނެރެފައިވާ ފޮތްތައް ބޭނުންކޮށްގެން އޭ.އައި މޮޑެލްތައް ހަދައި މި އޭ.އައި ކުންފުނިން ތަމްރީނު ކުރަމުންދާކަމެވެ.

މި ސިޓީގެ ލިޔުންތެރިން ފޮނުވުމުގެ އެތައް މަހެއް ކުރިން އާޓިސްޓުންތަކެއްވަނީ ސްޓެބިލިޓީ އޭ.އައި އާއި މިޑްޖާނީ ފަދަ ކުންފުނިތަކާއި ދެކޮޅަށް ދަޢުވާކުރުމަށް މައްސަލަ ހުށަހަޅާފައެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.