މޯލްޑިވްސް އޯޝަން ހެކަތޯންގެ ރަޖިސްޓްރޭޝަން ހުޅުވާލައިފި

ޝުޖާޢަތު ރަޝީދު 30 އޯގަސްޓު 2023

މޯލްޑިވްސް އޯޝަން ހެކަތޯން އަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓެކެވެ.

މި ހެކަތޯންގެ މައިގަނޑު ބޭނުމަކީ ދިވެހިރާއްޖޭގެ ކަނޑާއި ކަނޑުގެ ދިރުންތަކަށް ވިސްނައި މިހާރުގެ ހާލަތަށްވުރެން ހާލަތު ރަނގަޅު ކުރުމަށް ބޭނުންތެރި ސޮލިއުޝަނެއް ހުށަހެޅުމެވެ.

މީގެ ތެރޭގައި ބޮޑަށް އަމާޒުކޮށްފައިވަނީ 3 ލަނޑުދަނޑިއެއް ހާސިލްކުރުމެވެ. މިއީ،

- ދިވެހިރާއްޖޭގެ ކަނޑުތަކުގެ ތަޢައްޔަރުވުން މަދުކޮށް، ހުއްޓުވުމަށް ޓެކްނޮލޮޖީ ބޭނުންކޮށްގެން ހައްލެ ގެނައުމާއި،

- ދިވެހިރާއްޖޭގެ ކަނޑުތައް ބޭނުންކޮށްގެން އިއާދަކުރަނިވި ހަކަތަ އުފެއްދޭނެ ގޮތްތަކެއް ހޯދުމާއި،

- ދިވެހިރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށް ހިމާޔަތްކޮށް ރަށްރަށުގެ މުޖުތަމަޢުތައް އިތުރަށް ހޭލުންތެރި ކުރުވުމަށް ޓެކްނޮލޮޖީގެ އެހީގައި ހައްލެއް ހޯދުމެވެ.

މި ހެކަތޯންގެ ބައިވެރިން އުފައްދާ ސޮލިއުޝަންތަކުގެ ޕްރޮޓޯޓައިޕް ހުންނަން ވާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އޯޝެނިކް ޑޭޓާ ނަގައި އެނެލައިޒްކޮށް އެކިކަހަލަ ޓޫލްތައް އިންޓަގްރޭޓް ކުރެވޭ ގޮތަށެވެ.

މިއީ 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ޓީމެއް ހަދައިގެން ބައިވެރިވެވޭ ގޮތަށް ބާއްވަން ހަމަޖެހިފައިވާ ހެކަތޯންއެކެވެ. ކޮންމެ ޓީމެއްގައިވެސް މަދުވެގެން 3 މީހުން އަދި ގިނަވެގެން 5 މީހުންނަށް ބައިވެރިވެވޭނެއެވެ.

މި ހެކަތޯންގައި ބައިވެރިވުމަށް ކޮންމެ ޓީމަކުން ވެސް ޕްރޮޖެކްޓް އައިޑިއާ އަދި ކޮންސެޕްޓު ހުށައަޅަން ޖެހެއެވެ. އަދި ޕްރޮޖެކްޓްތަކަށް ބަލައި އިވެލުއޭޓް ކުރުމަށްފަހު 10 ޓީމަކަށް ހެކަތޯންގައި ވާދަކުރުމުގެ ފުރުަސަތު ލިބޭނެއެވެ.

ހެކަތޯން ކުރިޔަށް ދާއިރު މެންޓާސްގެ ގޮތުގައި ޓެކްނޮލޮޖީއާއި ތިމާވެށި ދާއިރާގެ އެކި ފަންތީގައި މަސައްކަތް ކުރާ މީހުންގެ އެހީ ލިބޭނެއެވެ.

މި ހެކަތޯންގެ ރަޖިސްޓްރޭޝަން ހުޅުވާލާފައިވަނީ 30 ސެޕްޓެމްބަރ 2023 އާއި ހަމަޔަށެވެ.

ބައިވެރވާ ޓީމްތަކުން ހުށަހަޅާ އެޕްލިކޭޝަންތައް ބަލައި އިވެލުއޭޓް ކުރުމަށް ކަނޑައެޅިފައިވަނީ 25 ސެޕްޓެމްބަރ އާއި 4 އޮކްޓޯބަރ 2023 އާއި ހަމަޔަށެވެ.

ޓީމްތަކުގެ ސެލެކްށަން ހެދުމަށް ހަމަޖެހިފައިވަނީ 5 އޮކްޓޯބަރ 2023 ގައެވެ.

ހެކަތޯން ބޭއްވުމަށް ހަމަޖަހެފައިވަނީ 15 އޮކްޓޯބަރ އިން 17 އޮކްޓޯބަރ 2023 އަށެވެ.

ތިން ދުވަހަށް ބަހާލައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހެކަތޯންގައި މެންޓާ ސެޝަންތަކާއި، ޕިޗް ކުރުމަށް ވޯކްޝޮޕާއި، ނެޓްވޯކިން ސެޝަން، މޮކް ޕިޗިން އަދި ޑެމޯ ސެޝަން ޝެޑިއުލް ކުރެވިފައިވެއެވެ.

ކްރޮސްރޯޑްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހެކަތޯންގައި ބައިވެރިވެގެން މޮޅުވާ ޓީމަށް ހަމަޖެހިފައިވަނީ 10،000$ އާއި އެއްވަރަށް ދިވެހި ރުފިޔާގެ ނަގުދު ފައިސާގެ އިނާމެކެވެ.

މި މުބާރާތުގެ އެއްވަނަ ޓީމް އިއުލާނު ކުރުމަށްފަހު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން މި ޕްރޮޓޯޓައިޕް ކުރިއަރުވައި ތަރައްގީކުރުމަށްޓަކައި އިންކިއުބޭޝަން ޕްރޮގްރާމެއް މެދުވެރިކޮށް މޮޅުވާ ޓީމަށް އިރުޝާދު ދޭނެ އެވެ. އަދި މޮޅުވާ ޓީމަށް ލިބޭ އިނާމު ހަވާލުކުރާނީ މިނިސްޓްރީ އާއި މޮޅުވާ ޓީމާއި ގުޅިފައިވާ އެއްބަސްވެފައިވާ ސިލްސިލާ ލަނޑުދަނޑިތަކެއް ހާސިލުކުރަމުންދާ މިންވަރުންނެވެ. ޕްރޮޓޮޓައިޕްގެ ކާމިޔާބު ޕްރޮޑަކްޓަކައި ހަދައި މާކެޓަށް ލޯންޗް ކުރުމަށް ޓީމާއި މިނިސްޓްރީ އެކުގައި މަސައްކަތް ކުރާނެއެވެ.

އޯޝަންހެކް ހެކަތޯންގެ މައިގަނޑު ސްޕޮންސަރ އަކީ ވޯލްޑް ބޭންކް ގްރޫޕެވެ. އަދި އިތުރު ސްޕޮންސަރުންނަކީ ދިރާގު، ކްރޮސްރޯޑްސް މޯލްޑިވްސް، މައިކްރޮސޮފްޓް، ނޫ ރާއްޖެ، އެކްސް ޕްރައިޒް، ވިލާ ކޮލެޖް އާއި ޕީ.އެސް.އެމް އެވެ. މިނިސްޓްރީގެ ޑީއެމްއޭޑީޑީ (ޑިޖިޓަލް މޯލްޑިވްސް ފޯ އެޑެޕްޓޭޝަން، ޑީސެންޓްރިލިޒޭޝަން އެންޑް ޑައިވަސިޓިފިކޭޝަން) ޕްރޮޖެކްޓުގެ ދަށުން ހިންގާ މި ހެކަތޯން ބާއްވައި ބެލެހެއްޓުމަށް މެނޭޖްމަންޓް ކޮންސަލްޓެންސީ ގޮތުގައި މަސައްކަތްކުރަނީ ސްޕާރކް ހަބް އިންނެވެ.

މި ހެކަތޯންގައި ބައިވެރިވުމަށް oceanhack.mv އޯޝަންހެކްއެމްވީ ވެބްސައިޓުން ރަޖިސްޓާރ ވެވޭނެއެވެ. މި ހެކަތޯން އެނައުންސް ކުރުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައި ހަފްލާއެއް ވަނީ ބާއްވާފައެވެ.


ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.