ޔޫޓިއުބުން ހިފަހައްޓަމުން އަންނަ ، ކޮމިއުނިޓީ ގައިޑްލައިންތަކާއި ހިލާފުވެގެން 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް ޔޫޓިއުބުން އިންޑިއާގައި 1.9 މިލިއަން ވީޑިއޯ ނައްތާލައިފިއެވެ.
ޔޫޓިއުބްގެ ކޮމިއުނިޓީ ގައިޑްލައިންތަކާ ހިލާފުވެގެން އެއްފަހަރާ މިހާގިނަ ވީޑިއޯ އިންޑިއާއިން ނައްތާލާފައިވާއިރު، މިއީ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ވީޑިއޯ ޑިލީޓްކުރި ފަހަރު ކަމަށް މަޝްހޫރު ވީޑިއޯ ސްޓްރީމިން ޕްލެޓްފޯމު ޔޫޓިއުބުން ނެރުނު ރިޕޯޓެއްގައި ވަނީ ބުނެފަ އެވެ.
މި މުއްދަތުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޔޫޓިއުބުން ވަނީ ކޮމިއުނިޓީ ގައިޑްލައިނާ ހިލާފުވެގެން 6.48 މިލިއަނަށް ވުރެ ގިނަ ވީޑިއޯ ނައްތާލާފައެވެ.
ކޮމިއުނިޓީ ގައިޑްލައިންސް އެންފޯސްމަންޓް ރިޕޯޓުގައި ޔޫޓިއުބުގައި ފްލޭގް ކުރުމާއިއެކު ޔޫޓިއުބުން ސިޔާސަތުތައް ތަންފީޒުކުރާ ގޮތުގެ ބައިނަލްއަގުވާމީ މައުލޫމާތު ފޯރުކޮށްދެ އެވެ.
2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް އިންޑިއާގައި ޔޫޓިއުބްގެ ކޮމިއުނިޓީ ގައިޑްލައިނާ ހިލާފުވެގެން 1.9 މިލިއަނަށް ވުރެ ގިނަ ވީޑިއޯ ނައްތާލާފައިވާއިރު، އެމުއްދަތުގައި އެމެރިކާގައި 654،968 ވީޑިއޯ، ރަޝިއާ 491،933 އަދި ބްރެޒިލް 449،759 ވަނީ ނައްތާލާފަ އެވެ.
"ކުންފުންޏެއްގެ ގޮތުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑުމެންގެ ކޮމިއުނިޓީ ގައިޑްލައިންތަކުގެ ސަބަބުން ޔޫޓިއުބް ކޮމިއުނިޓީ އަށް ގެއްލުންހުރި ކޮންޓެންޓުން ރައްކާތެރިކޮށްދީފައި ވޭ. މެޝިން ލާނިން އާއި ހިއުމަން ރިވިއުކުރާ ފަރާތްތައް ގުޅިގެން އަޅުގަނޑުމެންގެ ސިޔާސަތުތައް ތަންފީޒު ކުރަން،" ޔޫޓިއުބުން ބުންޏެވެ.
މި މަހުގެ ކުރީކޮޅު ޔޫޓިއުބުން ބުނީ ޓެކްނޮލޮޖީ ތަރައްގީވެ، އޭއައި ޕަވާޑް ޓޫލްތައް އަންނައިރު، ޕްލެޓްފޯމްތަކަށާއި މުޖުތަމައުއަށް ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަކީ މުހިންމު ކަމެއް ކަމަށާއި އެހެންކަމުން ޓެކްނިކަލް ގޮތުން އޮޅުވާލާ ކޮންޓެންޓާ ދެކޮޅަށް ޔޫޓިއުބުން އަވަސް ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.
ޔޫޓިއުބްގެ އިންޑިއާގެ ޑިރެކްޓަރު އިޝާން ޖޯން ޗެޓަޖީ ވިދާޅުވީ އެ ޕްލެޓްފޯމްގައި ހުއްދަ ދެނީ ކޮން ކަހަލަ ކޮންޓެންޓެއްކަން ކަނޑައެޅޭ ކޮމިއުނިޓީ ގައިޑްލައިންތަކެއް ޔޫޓިއުބުގައި ވަރަށް ރަނގަޅަށް ގާއިމްކޮށްފައިވާ ކަމަށެވެ.
ޗެޓަޖީ ވިދާޅުވި ގޮތުގައި ދޮގު މައުލޫމާތު ހުއްޓުވުމަކީ އެ ޕްލެޓްފޯމަށް ވަރަށް މުހިންމު ކަމެކެވެ. "އެކަން ކުރުމުގައި ވަރަށް ބޮޑެތި އިންވެސްޓްމަންޓުތަކާއި ކުރިއެރުންތަކެއް ލިބިފައި އެބަހުރި. އެކަމަކު އަޅުގަނޑުމެންނަށް އެނގޭ މިތަނުގައި އަޅުގަނޑުމެން ކުރާ މަސައްކަތަކީ ދުވަހަކުވެސް އެހެންބަޔަކު ނުކުރާ މަސައްކަތެއްކަން، އެހެންވީމަ މިދާއިރާއަށް އަޅުގަނޑުމެން އަބަދުވެސް އިންވެސްޓް ކުރަމުން ގެންދާނަން،" އޭނާ ވިދާޅުވި އެވެ.
ޔޫޓިއުބަކީ ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި ވީޑިއޯ އަޕްލޯޑްކޮށް ސްޓްރީމް ކުރާ އެންމެބޮޑު ޕްލެޓްފޯމެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.