އެމްއެމްއޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް، ފަވަރަ

ހިންދު ޢަލީ 31 އޯގަސްޓު 2023

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިންސްޓަންޓް ޕޭމަންޓް ހިދުމަތް "ފަވަރަ" ތައާރަފްކޮށްފިއެވެ. ފަވަރަ އިފްތިތާހު ކުރީ 26 އޯގަސްޓް ވީ ހޮނިހިރު ދުވަހު އެކަމަށް ހާއްސަކޮށް ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި ހަފްލާއެއްގައި ނައިބު ރައީސް ފައިސަލް ނަސީމެވެ. މިހިދުމަތާއެކު ރާއްޖޭގެ ޑިޖިޓަލް ފައިނޭންސިންގ ހިދުމަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.

އިންސްޓަންޓް ޕޭމެންޓް ސިސްޓަމް، ފަވަރަ ޑިވެލޮޕްކުރެވިގެން މިދިޔައީ، އެމްއެމްއޭއިން 2020 ވަނަ އަހަރު ފެށި މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް (އެމްޕީއެސްޑީ) ޕްރޮޖެކްޓްގެ ދަށުންނެވެ. އެމްޕީއެސްޑީއަކީ ރާއްޖޭގައި އެކި އިދާރާތަކުންނާއި އެޕްލިކޭޝަންތަކުން ދޭ ހިދުމަތްތަކާއި ގުޅިގެން ކުރަންޖެހޭ ފައިސާގެ މުއާމަލާތްތައް ރައްކާތެރި އަދި ހަލުވި ސްޕީޑުގައި ފޯރުކޮށްދިނުމަށް އެކުލަވާލަންޖެހޭ ޓެކްނޮކަލް އިންފްރާސްޓަރކްޗަރ އަދި އެއާއިގުޅޭ ލީގަލް ފްރޭމްވޯކް އެކުލަވާލުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓް ކުރިއަށް ގެންދަނީ ފޭސްތަކަކަށް ބަހާލައިގެންނެވެ. މިހާރު އިފްތިތާހު ކުރެވުނު ސިސްޓަމަކީ މިޕްރޮޖެކްޓްގެ ދަށުން އުފެއްދުމަށް ޕްލޭންކޮށްފައިވާ އިންސްޓަންޓް ޕޭމަންޓް އިންފްރާސްޓަރަކްޗަރގެ ދަށުން ހިމެނިފައިވާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް) އެވެ.

source: http://www.payments.mv


ފަވަރަ މެދުވެރިވެ ފަސޭހަކަމާއެކު ރާއްޖޭގެ އެތެރޭގެ ބޭންކުތަކުގައި އެއް ބޭންކުން އަނެއް ބޭންކަށް ރިއަލްޓައިމްކޮށް ފައިސާ ޓްރާންސްފަރ ކުރެއެވެ. އަމިއްލަ ފަރުދުންނަށާއި ވިޔަފާރިތަކަށް އެފަރާތްތަކުގެ ފައިސާގެ މުއާމަލާތްތައް ވަގުތުން އަދި ރައްކާތެރިކަމާއެކު ކުރުމަށް ފަވަރައިން މަގުފަހިކޮށްދެއެވެ. މީގެ ކުރިން އެތެރޭގެ ބޭންކުތަކުން އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާ ޓްރާންސްފަރއެއް ނުކުރެވެއެވެ. މިގޮތަށް ފައިސާ ޓްރާސްފަރ ކުރަން 1 ގަޑިއިރާއި 48 ގަޑިއިރާއި ދެމެދުގެ ވަގުތެއް ހޭދަވެއެވެ.

ފަވަރަ މެދުވެރިވެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ދެމެދު ޓްރާންސްފާ ކުރެވޭނެއެވެ. ފަވަރަ ހިދުމަތް މިހާރުވަނީ ބީއެމްއެލްއާއި އެމްއައިބީގެ އިންޓަރނެޓް ބޭންކިންގ ޕްލެޓްފޯމްތަކުގައި ހިމަނާފައެވެ.

ފަވަރަ ހިދުމަތް ބޭނުންކުރުމަށްޓަކައި އެންމެ ފުރަތަމަ ޖެހެނީ ފަވަރަ އައިޑީއެއް ހަދާށެވެ. އައިޑީ ހެދުމަށް ފޯނު ނަންބަރު، އީމެއިލް އެޑްރެސް އަދި އައިޑީކާޑު ނަންބަރު ބޭނުންކުރެވެއެވެ. މިއައިޑީ ބޭނުންކޮށްގެން ފައިސާ ފޮނުވާ ފަރާތްތައް ފަސޭހައިން ވެރިފައިކޮށްލެވެއެވެ. އެހެން ފަރާތަކަށް ފައިސާ ފޮނުވެނީ ނުވަތަ ފައިސާއަށް އެދި ރިކުއެސްޓްކުރެވެނީ މިއައިޑީ ބޭނުންކޮށްގެންނެވެ.

ފަވަރަ އައިޑީ ހަދާފައިވާ އެހެން ފަރާތެއްގެ އެކައުންޓަކަށް ވަގުތުން ފައިސާ ޖަމާކޮށްލުމަށް ޖެހެނީ 'ފަވަރަ ޓްރާންސްފަރ' އެއް ފޮނުވާލާށެވެ. އަދި 'ފަވަރަ ރިކުއެސްޓް' ފީޗަރ ބޭނުންކޮށްގެން ފައިސާއަށް އެދޭ މުއާމަލާތްތައް ކުރެވެއެވެ. ފައިސާއަށް އެދި ރިކުއެސްޓެއް ލިބުމުން އެރިކުއެސްޓް އެޕްރޫވްކުރަންޖެހެއެވެ. އެޕްރޫވްކުރުމުން ވަގުތުން ފައިސާގެ މުއާމަލާތް ފުރިހަމަވެއެވެ.


އިންޓަރނެޓް ބޭންކިން ޕްލެޓްފޯމްތަކުގައި ފަވަރަ ހިމެނިފައިވާ ގޮތް

ބީއެމްއެލް އިންޓަރނެޓް ބޭންކިންގ އެޕްގައި ފަވަރައިގެ ބައިތައް ހިމެނިފައިވަނީ ސެޓިންގގެ ދަށުން ހިމެނޭ ޕްރޮފައިލް ސެޓިންގގައި ޕޭޖުގައި އަދި ސަރވިސަސް މެނޫގެ ދަށުން ހިމެނޭ ފަވަރަ ޓެބުގައެވެ.


އެމްއައިބީގެ ފައިސާނެޓް އެޕްގައި ފަވަރައިގެ ބައިތައް ހިމެނިފައިވަނީ ސެޓިންގގެ ދަށުން ހިމެނޭ އޮންލައިން ބޭންކިންގ ސެކްޝަންގެ ދަށުން ހިމެނިފައިވާ ފަވަރަ ޓެބުގައެވެ.



ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި ވެސް މިފަދައިން އެތެރޭގެ ބޭންކުތަކުގައި އެކަނި ބޭނުންކުރެވޭ އިންސްޓަންޓް ޕޭމަންޓް ސިސްޓަމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ޔޫކޭގެ ފާސްޓަރ ޕޭމަންޓް ސިސްޓަމް (އެފްޕީއެސް)، އިންޑިޔާގެ ޔުނިފައިޑް ޕޭމަންޓް އިންޓަރފޭސް (ޔޫޕީއައި)، ތައިލެންޑްގެ ޕްރޮމްޓް-ޕޭ، މެލޭޝިޔާގެ އިންޓަބޭންކް ޖައިރޯ (އައިބީޖީ) އަދި ސިންގަޕޯރގެ ފާސްޓް ހިދުމަތްތައް ހިމެނެއެވެ.

މިބާވަތުގެ އައިޕީއެސްގައި އާންމުކޮށް އެކި އެޕްލިކޭޝަން ބޭނުންކޮށްގެން ފައިސާ ޓްރާންސްފަރކުރެވެއެވެ. އޭގެތެރޭގައި ހިދުމަތުގައި ބައިވެރިވާ ބޭންކުތަކުގެ އިންޓަރނެޓް ބޭންކިން މެދުވެރިވެ ފައިސާ ޓްރާންސްފަރ ކުރުމާއި، ބޭންކުތަކުގެ މޯބައިލް އެޕް މެދުވެރިވެ ފައިސާ ޓްރާންސްފަރ ކުރުމާއި، އެކިއެކި ހިދުމަތްތައް ފޯރުކޮށްދޭ ތަރޑް ޕާޓީ އެޕްތައް މެދުވެރިވެ ފައިސާގެ މުއާމަލާތްތައް ކުރުމަށް އައިޕީއެސް ހިދުމަތް ބޭނުންކުރެއެވެ.

މިފަދަ އައިޕީއެސްގައި ލިމިޓޭޝަންތަކެއް ވެސް ހިމެނެއެވެ. އެއީ ގިނަ ފަހަރަށް ސަރވިސް ބޭނުންކުރާ ބޭންކުތަކުން ސެޓު ކުރާ ލިމިޓޭޝަންތަކެކެވެ.


އައިޕީއެސްގެ ބައެއް ލިމިޓޭޝަން

- އައިޕީއެސް ހިދުމަތް މެދުވެރިވެ ފައިސާ ފޮނުވޭ މިންވަރު ލިމިޓްކުރުން.

- ބައިވެރި ނުވާ ބޭންކުތަކުގެ މެދުގައި ފައިސާ ޓްރާންސްފަރ ކުރުމަށް ބޭނުންނުކުރެވުން.

- އެތެރޭގެ ބޭންކުތަކުގައި އެކަނި ބޭނުންކުރެވުން.

- ފައިސާ ފޮނުވާ ފަރާތުގެ އޮޅުވާލެވޭ ހާލަތުގައި ޓްރާންސެކްޝަން ރިވަރސް ކުރުމުގެ ދަތިތައް.


ބީއެމްއެލް އާއި އެމްއައިބީއިން ވެސް މިހާރު ކަނޑައަޅާފައިވާ ގޮތުން ފަވަރަ މުއާމަލާތްތަކުގައި ލިމިޓްތަކެއް ހިމެނެއެވެ. އެއީ ފަވަރަ ޓްރާންސްފަރ 50،000 ރުފިޔާއާއި ހަމައަށް އަދި ފަވަރަ ރިކުއެސްޓް 5،000 ރުފިޔާއާއި ހަމައަށެވެ.

ވަރަށް ގިނަ ފަރާތްތަކުން ދަނީ މިހިދުމަތް މިހާރުވެސް ބޭނުންކުރަންފަށާފައެވެ. އެމްއެމްއޭއިން މައުލޫމާތު ލިބޭ ގޮތުގައި ފަވަރަ މެދުވެރިވެ 2 ދުވަހުގެ ތެރޭގައި 3،500 އަށް ވުރެ ގިނަ ޓްރާންސެކްޝަން ވަނީ ފުރިހަމަކޮށްފައެވެ. މިކަމުން ދޭހަވަނީ މިހިދުމަތުގެ ސަބަބުން އާންމުންނަށް ފަސޭހަތަކެއް ވެއްޖެކަމެކެވެ.

ފަވަރަ އަދި ބޭނުން ކުރެވެނީ ބައިވެރިވާ ބޭންކުތަކުގެ އިންޓަރނެޓް ބޭންކިން ސިސްޓަމް އަދި ބައެއް ބޭންކުތަކުގެ މޯބައިލް އެޕްލިކޭޝަން މެދުވެރިވެއެވެ. ކުރިއަށް ހުރި ޑިވެލޮޕްމަންޓްތަކުގައި ތަރޑް ޕާޓީ އެޕްތަކާއި އެހެނިހެން ޑިޖިޓަލް ވޮލެޓްތައް މެދުވެރިވެ ފަވަރަ ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ގޮސްފިނަމަ އާންމުންނަށާއި ވިޔަފާރިތަކަށް އިތުރު ފަސޭހައަކަށް ވެގެންދާނެއެވެ.

މީގެ އިތުރުން މިހިދުމަތާއި ލިންކުކުރެވެނީ ދިވެހި ރުފިޔާ އެކައުންޓްތައް އެކަނި ކަމަށްވާތީ ފަވަރަ ބޭނުންކޮށް ޓްރާންސްފަރ ކުރެވެނީ ހަމައެކަނި ދިވެހި ރުފިޔާއެވެ.

މިހިދުމަތުގައި އަދި ހަމައެކަނި އެތެރޭގެ ބޭންކުތައް ހިމެނިފައިވާތީ އަދި އެހެން ތަރޑް ޕާޓި އެޕްތަކާއި ވޮލެޓްތައް ހިމެނިފައިނުވާތީ ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.



ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.