ރިޔާސީ އިންތިހާބާއި ގުޅިގެން ފެންނަ ޓެކް ހުވަފެންތައް

ހިންދު ޢަލީ 07 ސެޕްޓެމްބަރު 2023

މިއީ އަނެއްކާވެސް އެ ދުވަސްވަރެވެ. ކޮންމެ 5 އަހަރުން އެއްފަހަރު ރާއްޖެ ހަލަބޮލިވާ، އެހެން ނަމަވެސް ރާއްޖެއަށް ދިރުމެއްވެސް ގެނެސްދޭ ރިޔާސީ އިންތިހާބުގެ މޫސުމެވެ. ކޮންމެ ރިޔާސީ ކެންޑިޑޭޓަކުވެސް އައިސް ރައްޔިތުންގެ ހިތް އަތުލުމަށްޓަކައި ކޮންދޭނެ ކަންތައްތައް ހުށަހަޅާ ހުވަފެން ދައްކާ ދުވަސްވަރެވެ. މިހާރަށް ވުރެ ރަނގަޅު ރާއްޖެއެއްގެ ތަސައްވަރު ދިވެހި ރައްޔިތުންނަށް ދައްކާ، އެތަކެއް އުންމީދުތަކެއް އާލާކުރުވާ ދުވަސްވަރެވެ.

ފަހަކަށް އައިސް ޕްރެސިޑެންޝަލް ކެންޑިޑޭޓުންގެ މެނިފެސްޓޯ ތަކުގައި ޓެކް ދާއިރާ ކުރިއެރުވުމާއި، ޓެކްނޮލޮޖީ މެދުވެރިވެ ރާއްޖޭގެ އެކި ސިނާއަތްތަކާއި ދާއިރާތަކުގެ މަސައްކަތްތައް ތަރައްގީކުރާނޭ ގޮތުގެ ޕްލޭންތައް ފެނެއެވެ. މީގެ ކުރިން ކުރިއަށް ދިޔަ އިލެކްޝަންތަކާއި ކެމްޕެއިން ކުރުމުގެ ތެރެއިން މިފަދަ އެތަކެއް ވައުދުތަކެއް ވަނީ ފެނިފައެވެ. މިއަހަރުވެސް ތަފާތެއް ނޫނެވެ. އެކި މެނިފެސްޓޯތަކުގައި އެކި މިންވަރަށް ޓެކްނޮލޮޖީއާއި ގުޅުން ހުރި ވައުދުތައް އެބަހުއްޓެވެ. މިއާޓިކަލްގައި ރިޔާސީ ކެންޑިޑޭޓުންގެ މެނިފެސްޓޯތަކާއި ވައުދުތަކުގައި ހިމެނޭ ޓެކް ބައިތަކަށް ކޮންމެވެސް ވަރަކަށް ބަލާލާނަމެވެ.

ޓެކްނޮލޮޖީއަކީ މިއަދުގެ ދުނިޔޭގައި އަހަރުމެން ކުރާ ހުރިހާ ކަމަކާއި ގުޅިފައިވާ އެއްޗެކެވެ. ގައުމެއް ތަރައްގީކުރުމުގައި ޓެކްނޮލޮޖީގެ ބޮޑު ރޯލެއް ހިމެނެއެވެ. ޓެކްނޮލޮޖީއިން ގައުމު ކުރިއަރުވަން ބޭނުންވާނެ އީޖާދީ ތަކެތި އުފެއްދުމާއި ގައުމުގެ ހިންގުމާއި މަސައްކަތްތައް ހަރުދަނާކުރުމާއި ގައުމުގެ އެތެރެއާއި ބޭރުގެ ގުޅުންތައް ބަދަހިކުރުމަށް މަގުފަހިކޮށްދެއެވެ. ރާއްޖޭގައި ހާއްސަކޮށް ޓެކްނޮލޮޖީގެ އެޕްލިކޭޝަންތަކުން ފައިދާވާނެ ދާއިރާތަކާއި ހައްލުކުރަންޖެހޭ ބޮޑެތި މައްސަލަތައް އެބަހުއްޓެވެ. މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށި ރައްކާކުރުމާއި، ދެމެހެއްޓެނިވި ތަރައްގީއާއި، އަންނަން އޮތް ޖީލުތައް ގްލޯބަލް ސިޓިޒަންސްތަކަކަށް ހެދުމަށް ތައުލީމީ ނިޒާމް ތަރައްގީކުރުމާއި، ސަރުކާރުގެ ހިދުމަތް ދިނުން މޮޑަނައިޒްކުރުން ފަދަ ކަންތައްތަކަކީ ޓެކްނޮލޮޖީގެ އެހީގައި ތަރައްގީކުރުމަށް ހުޅުވިފައިވާ ކަންތައްތަކެވެ.


މެނިފެސްޓޯ އޯވަރވިއު

މިއަހަރުގެ ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓަކު ބައިވެރިވެއެވެ. އެއީ ސިޔާސީ ޕާޓީތައް ރެޕްރެޒެންޓްކުރާ 5 ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން ވާދަ ކުރާ 3 ކެންޑިޑޭޓުންނެވެ. އެއްވެސް ބޭފުޅަކަށް ޕާޓީތަކާއި ކެންޑިޑޭޓުންގެ އިތުރު މައުލޫމާތެއް މިހާރު ބޭނުންވާނެ ހެނެއް ހިއެއްނުވެއެވެ.

ރާއްޖޭގައިވެސް އަދި އެހެން ގައުމުތަކުގައިވެސް އިލެކްޝަނާއި ގުޅިގެން ފެންނަ މެނިފެސްޓޯތަކަކީ ކޮންމެ ކެންޑިޑޭޓެއް ވެސް އެމީހުން ވެރިކަމަށް އައިސް ކުރާނެ މަސައްކަތްތައްތަކާއި އެމީހުންގެ ސިޔާސަތުތަކާއި ރައްޔިތުންނަށް ކޮށްދެން ވައުދުވާ ކަންތައްތަކުގެ ބްލޫޕްރިންޓެކެވެ. މިމެނިފެސްޓޯތަކަކީ ރިޔާސީ ކެންޑިޑޭޓުންގެ ނުވަތަ ޕާޓީގެ މިސްރާބާއި އެމީހުންގެ ތަސައްވުރު ރައްޔިތުންނަށް އަންގައިދިނުމުގައި މުހިއްމު ރޯލެއް އަދާކުރާ އެއްޗެކެވެ.

އެކި ބޭފުޅުންގެ ނުވަތަ ފާޓީގެ މެނިފެސްޓޯތަކުގައި އެކިއެކި ދާއިރާތަކަށް ވަކި ވަކިން ފޯކަސްކޮށް ގިނަ ވައުތުތަކެއް ހިމަނާފާ އެބަހުރިއެވެ. އޭގެ ތެރޭގައި އާންމުކޮށް ހުރިހާ ކެންޑިޑޭޓުން ފޯކްސް ކުރާ ބައެއް ދާއިރާތަކަކީ؛ ދީނާއި، އިޖުތިމާއީ ކަންތައްތަކާއި، ތައުލީމާއި، ސިއްހަތާއި، ގެދޮރުވެރިކަމާއި، ދަތުރުފަތުރުކުރުމާއި، ވިޔަފާއިއާއި އިގްތިސާދީ ދާއިރާއާއި، ގާނޫނާއި ސަލާމަތާއި ރައްކާތެރިކަމާއި، ޒުވާނުން ކުރިއެރުވުމާއި، އަންހެނުންގެ ތަރައްގީއާއި ގުޅުން ހުރި ކަންތައްތަކެވެ.


ޓެކާއި ގުޅުންހުރި ވައުދުތައް

ޓެކްނޮލޮޖީގެ ވާހަކަ ހުރިހާ މެނިފެސްޓޯއެއްގައިވެސް ވަނީ ހިމެނިފައެވެ. އެކި މެނިފެސްޓޯތަކުގައި އެވާހަކަ ހިމެނިފައިވަނީ އެކި މިންވަރަށެވެ. ގިނައިން ފެންނަން ހުރީ ޓެކްނޮލޮޖީ ދާއިރާ ކުރިއެރުވުމަށާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެހެނިހެން އެކިއެކި ދާއިރާތައް ތަރައްގީކުރުމަށާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ޓެކްނޮލޮޖީ ބޭނުންކުރުމާއި ގުޅޭ ވައުދުތަކެވެ.

ޓެކްނޮލޮޖީއަށް ވަކިން ހާއްސަކޮށްގެން ބައިތަކެއް ހިމަނާފައިވާ ބައެއް މެނިފެސްޓޯވެސް އެބަހުއްޓެވެ. މިބައިތައް މެނިފެސްޓޯތަކުގައި ހިމެނިފައިވަނީ ޓެކްނޮލޮޖީ، ޑިޖިޓައިޒޭޝަން، ޑިޖިޓަލް އިކޮނޮމީ، ސްމާޓް މޯލްޑިވްސް ފަދަ ސުރުހީގެ ދަށުންނެވެ. ބައެއް މެނިފެސްޓޯތަކުގައި ކުރިންދެންނެވުނު އާންމު ބައިތަކުގެ ތެރޭގައި، ޓެކްނޮލޮޖީ ބޭނުންކޮށްގެން އެމަސައްކަތްތައް ކުރާނެ ގޮތްތައް ހިމަނާފައިވެސް އެބަހުރިއެވެ.

ބައެއް މެނިފެސްޓޯތަކުގައި ޓެކްގެ ވާހަކަ ހުރީ ވަރަށް ޖެނެރިކްކޮށެވެ. މިސާލަކަށް ޓެކްނޮލޮޖީގެ ހިދުމަތް އަދާހަމަކުރުމާއި މުވާސަލާތުގެ ނިޒާމު ވަރުގަދަކުރުން ފަދަ ގޮތަކަށެވެ. އަދި ބައެއް މެނިފެސްޓޯގައި އިތުރަށް ތަފްސީލުކޮށް ޓެކްއާއި ގުޅުން ހުރި އެކި ދާއިރާއަށް އިތުރަށް ފޯކަސްކޮށް ވައުދުތައް ލިޔެފައި އެބަހުއްޓެވެ. ޓެކާއި އެކިގޮތްގޮތުން ގުޅުންހުރި ވައުދުތައް ހުރިހާ މެނިފެސްޓޯ ހިމެނޭ ގޮތަށް އާންމު ބައިތަކަކަށް ބަހާލާ ކުޑަކޮށް ތަފްސީލުކޮށްލާނަމެވެ.


1. ޑިޖިޓަލް އިންފްރާސްޓަރކްޗަރ އަދި އިންޓަރނެޓްގެ ހިދުމަތް

އިންޓަރނެޓް ހިދުމަތުގެ އަގު ދަށްކުރުމާއި ދުވެލި ބާރު ކުރާނެކަމުގެ ވައުދުތަކަކީ އާންމުކޮށް ގިނަ އަހަރުތަކުގައި މެނިފެސްޓޯތަކުގައި ހިމެނޭ އާންމުންގެ ސަމާލުކަން ލިބޭ ވައުދެކެވެ. މިފަހަރުގެ މެނިފެސްޓޯތަކުގައި ވެސް ކޮންމެ ވެސް ވަރަކަށް މިވާހަކަތައް ގެނެސްފައި އެބަހުއްޓެވެ. މީގެ ތެރޭގައި އިންޓަރނެޓް ހިދުމަތަކީ އަސާސީ ހިދުމަތަކަށް ހެދުމާއި، މޯލްޑިވްސް އިންޓަރނެޓް އެކްސްޗޭންޖެއް އުފައްދާނެ ކަމަށްވެފައިވާ ވައުދު ފާހަގަކުރަމެވެ. އަދި މިހާރުގެ އިންޓަރނެޓް އިންފްރާސްޓަރކްޗަރ އިތުރަށް ތަރައްގީކުރާ ވާހަކައާއި، އިންޓަނޭޝަނަލް ޑޭޓާ ސެންޓަރުތައް އުފައްދާ ވާހަކަތައް ހިމެނެއެވެ. އަދި ރާއްޖޭގެ ހުރިހާ ރަށްތަކަށް 10 ޖީބީޕީއެސް ސްޕީޑްޑުގައި އިންޓަރނެޓް ފޯރުކޮށްދިނުމާއި، ކޮންމެ ގޭބިސީއަކަށް 25 އެމްބީޕީއެސް ސްޕީޑްގެ އިންޓަރނެޓް ކަނެކްޝަން ފޯރުކޮށްދިނުމާއި، ސްކޫލްތަކަށް 6 ޖީބީޕީއެސް ސްޕީޑްގައި އިންޓަރނެޓްގެ ފޯރުކޮށްދޭނެ ވާހަކަވެސް ހިމެނެއެވެ. މީގެ އިތުރުން 5 ޖީބީގެ ޑޭޓާ ހިލޭ ފޯރުކޮށްދެން ވެފައިވާ ވައުދުތަކެއްވެސް ހިމެނެވެ. މީގެ އިތުރުން އެހެން ފަހަރު ތަކެކޭ އެއްގޮތަށް އިންޓަރނެޓް ފޯރުކޮށްދޭ އަގުތައް ހެޔޮކުރުމުގެ ވާހަކަވެސް އެބައޮތެވެ.


2. ސްޓެމް ތައުލީމާއި ތައުލީމީ ދާއިރާގައި ޓެކް ބޭނުންކުރުން

ދުވަހެއް ދުވަހަކަށް ޑިޖިޓަލްވަމުންދާ މިދުނިޔޭގައި ސްކޫލް ލެވެލަގައި އަދި ޔުނިވަރިސިޓީ ލެވެލްގައިވެސް ތައުލީމު ފޯރުކޮށް ދިނުމަށް ޓެކްނޮލޮޖީގެ ބޭނުންކުރުމަކީ މިހާރު އާންމުވެފައިވާ ކަމެކެވެ. ކެންޑިޑޭޓުންގެ ރިޔާސީ މެނިފެސްޓޯތަކުގައި ތައުލީމާއި ތަމްރީނުގެ ވާހަކަ ގެނެވިފައިވާ ގިނަ ވައުދުތަކުގައި ޓެކްނޮލޮޖީ ވަނީ ހިމެނިފައެވެ. މިގޮތުން ފާހަގަ ކޮށްލެވޭ ބައެއް ވައުދުތަކުގެ ތެރޭގައި ހިމެނެނީ؛ ގައުމީ މަންޖަހުގައި ސްޓެމް (STEM) ތައުލީމް ހިމެނުމާއި މިކަމާއި ގުޅިގެން ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުމާއި، ސްޓެމް ލެބްތައް ސްކޫލްތަކުގައި ގާއިމްކުރުމާއި، ސްކޫލް ކިޔަވާދިނުމަށް އެޑިޔުކޭޝަން ޓެކްނޮލޮޖީ (އެޑް-ޓެކް) ބޭނުންކުރުމާއި، ޑިޖިޓަލް ނުވަތަ އޮންލައިންކޮށް ކިޔަވައިދިނުން ފުޅާކުރުމާއި، ކިޔަވައިދިނުމަށްޓަކައި އޭއައި، ވީއާރު އަދި އީ-ލަރނިންގ ޓޫލްތައް ބޭނުންކުރުމާއި، ސްކޫލްތަކަށް އައިސީޓީ އިކުއިޕްމަންޓް ހޯދުމެވެ.

މީގެ އިތުރުން މަތީ ތައުލީމާއި ގުޅުން ހުރި ވައުދުތަކުގެ ތެރޭގައި ޒުވާނުންނަށް އަމާޒުކޮށް ކޯޑިންގ އާއި 3ޑީ މޮޑެލިންގ ފަދަ ހުނަރު ދަސްކުރުމުގެ ފުރުސަތު ހޯދައިދިނުމާއި ކޯޑިން ކިޔަވައިދޭ ވަކި ސެންޓަރތަކެއް ގާއިމްކުރުމާއި މަތީތައުލީމުދޭ އިދާރާތަކުގައި އައިސީޓީ ދާއިރާގެ ޕްރޮގްރާމްތައް ހިންގުމަށާއި ރިސަރޗް ކުރުމަށް ފަންޑް ކަނޑައެޅުން އަދި މިދާއިރާއިން ކިޔަވާފަރާތްތަކަށް ސްކޮލަރޝިޕް ފުރުސަތު ހޯދާދިނުން ހިމެނެއެވެ. އަދި އިންޓަރނޭޝަލް ޔުނިވަރސިޓީތަކާއި ގުޅިގެން ދިވެހިންގެ ހުނަރު ކުރިއެރުވުމަށް ނޮލެޖް ހަބް އުފައްދާނެ ކަމަށް އޮތް ވައުދު ވެސް ފާހަގަ ކުރަމެވެ.


3. އީ-ގަވަރމަންޓް ނުވަތަ ސަރުކާރުގެ ހިދުމަތްތައް ޑިޖިޓައިޒްކުރުން

މިއީ މީގެ ކުރިން އަހަރު ތަކުގައިވެސް މެނިފެސްޓޯތަކުގައި ހިމެނިފައިވާ މައުލޫއެކެވެ. މިފަހަރުގެ މެނިފެސްޓޯތަކުގައި އެކި ހިދުމަތްތަކަށް ފޯކަސްކޮށް އަދި ޖުމްލަކޮށް ސަރުކާރުގެ ހިދުމަތްތައް ޑިޖިޓައިޒްކުރުމާއި ގުޅޭ ވައުދުތައް އެބަހުއްޓެވެ. މުޅި ސަރުކާރުގެ ހުރިހާ ހިދުމަތެއް ޑިޖިޓައިޒްކުރުމަށް 2 މެނިފެސްޓޯއެއްގައި ހިމެނިފައިވެއެވެ. މީގެ ތެރޭގައި ވަން ގަވް ހިދުމަތް ފުޅާކުރުމުގެ ވާހަކައާއި ދައުލަތުގެ ހުރިހާ ނިޒާމެއް ޑިޖިޓައިޒް ކުރުމާއި އަދި ސަރުކާރު ޕޭޕަރލެސް ކުރުމުގެ ގޮތުން ހުރިހާ ލިޔެކިޔުމެއް ޑިޖިޓައިޒް ކުރުމާއި ނެޝަނަލް ޑިޖިޓަލް އާކައިވެއް ގާއިމްކުރާ ވާހަކަ ހިމެނެއެވެ. އަދި ސަރުކާރުގެ ހިދުމަތްތައް ހޯދުމަށް ޑިޖިޓަލް އައިޑީ ބޭނުންކުރާނެކަމަށް އެކި ފަރާތްތަކުން ބުނެފައިވެއެވެ.

ސަރުކާރުގެ ވަކި ވަކި ހިދުމަތްތައް ޑިޖިޓައިޒް ކުރާނެކަމަށް ބައެއް ކެންޑިޑޭޓުންގެ މެނިފެސްޓޯގައި ބުނެފައިވެއެވެ. މީގެ ތެރޭގައި

- ބޯޑަރ ކޮންޓްރޯލް ހިދުމަތާއި،

- ޓްރާންސްޕޯޓުގެ އެކިއެކި ހިދުމަތްތަކާއި،

- ސިއްހީ ދާއިރާގެ ރިކޯޑްތައް ޑިޖިޓައިޒް ކުރުމާއި،

- ކޯޓުގައި މައްސަލަ ބެލުމުގެ މަރުހަލާތައް ޑިޖިޓައިޒްކުރުމަށާއި، ކުށުގެ ރެކޯޑް ސިސްޓަމެއް އުފެއްދުމަށާއި،

- މަގުތަކާއި ގުޅޭ ހިދުމަތްތައް އޮންލައިން ކުރުމާއި ޓްރެފިކް މެނޭޖްކުރުމަށާއި،

- ސަރުކާރުގެ ޕްރޮކިއޮމަންޓް ޑިޖިޓައިޒްކުރުމާއި،

- މަސްވެރިކަމުގެ އެކި ހިދުމަތްތައް ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރިއެރުވުމާއި،

- ގެދޮރުވެރިކަމާއި ބެހޭ ހިދުމަތް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ހިމެނޭ ގޮތަށް ޑިޖިޓައިޒްކުރުން

އަދި ސަރުކާރުގެ އެކި އެކި ނިންމުންތައް ނިންމުމަށް އޭއައި އާއި ބިގް ޑޭޓާ ފަދަ ޓެކްނޮލޮޖީތައް ބޭނުންކުރާނެ ކަމުގެ ފޮނި ތަސައްވުރު ވެސް ދައްކާފައިވެއެވެ.


4. ސައިބަރ ސެކިޔުރިޓީ އާއި މައުލޫމާތުގެ ރައްކާތެރިކަން

މިމައުލޫއާއި ގުޅޭ ވައުދުތައް ކެންޑިޑޭޓުންގެ މެނިފެސްޓޯގައި ހިމެނިފައިވުމަކީ ރާއްޖޭގެ ރިޔާސީ އިންތިހާބަށް ކުރިމަތިލާފައި ބައެއް ފަރާތްތަކުން މިފަދަ ޑިޖިޓަލް ޒަމާނެއްގައި ރައްޔިތުންގެ ޒާތީ އަދި އަމިއްލަ މައުލޫމާތުގެ ރައްކާތެރިކަމަކީ މުހިއްމުކަމެއް ކަމަށް ދެކޭކަމުގެ ހެއްކެއްކަމަށް ގަބޫލުކުރެވެއެވެ. އޮންލައިން މުއާމަލާތްތަކުގައި އަދި އޮންލައިން ހިދުމަތްތައް ހޯދުމުގައި ރައްޔިތުން ހަރަކާތްތެރިވާ އިރު ރައްކާތެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން އެކިއެކި ވައުދުތަކެއް ވެފައިވެއެވެ. މީގެ ތެރޭގައި ސައިބަރ ސެކުރިޓީ އެވެއަރނެސް ހަރަކާތްތައް ގިނަކުރުމާއި، ސައިބަރ ސެކިޔުރިޓީ އެޖެންސީއެއް ގާއިމްކުރުމާއި، ޑޭޓާ ޕްރޮޓެކްޝަން ގާނޫނާއި އެއާއި ގުޅޭ ގަވާއިދުތައް އެކުލަވާލުމާއި ތަންފީޒުކުރުންވެސް ހިމެނެއެވެ. މީގެ ކުރީ އިންތިހާބުތަކުގައި ވެސް ޑޭޓާ ޕްރޮޓެކްޝަން ގާނޫނުގެ ވާހަކަ ގެނެވިފައިވާކަން ފާހަގަ ކޮށްލަމެވެ.


5. ޑިޖިޓަލް އުފެއްދުމާއި ވިޔަފާރިތަކަށް ސަޕޯޓްދިނުން

މިއަދުގެ ވިޔަފާރިތަކަކީ ގްލޯބަލް ލެވެލްއަށް ހުޅުވާލެވޭ ވިޔަފާރިތަކަކަށް ހެދުން މުހިއްމެވެ. އަދި މިކަމަށް މަގުފަހިކުރުމަށް ޓެކްނޮލޮޖީއަކީ ވަރަށް މުހިއްމު އެއްޗެކެވެ. މުޅި ރާއްޖެވެސް މުސްތަގްބަލު ބައްޓަންކުރާނެ ގޮތްތައް ތަސައްވުރުކުރާ މިދުވަސްވަރު ކެންޑިޑޭޓުން ދަނީ ދިވެހި ވިޔަފާރިތައްވެސް ދުނިޔޭގެ ލެވެލްއަށް އުފުއްލާލުމުގެ ތަސްވީރުތަކެއް ކުރަހަމުންނެވެ. މިތަސްވީރުގައި ކުލަޖައްސުމަށް އެހީވެދިނުމަށް ހިމަނާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ވިޔަފާރި ތަރައްގީކުރުމަށް ބައިނަލްއަގްވާމީ ޕޭމަންޓް ގޭޓްވޭތައް ތައާރަފްކުރުމުގެ ވާހަކަ އެބައޮތެވެ. އޭގެ ތެރޭގައި ޕޭޕެލް (PayPal)، ސްޓްރައިޕް (Stripe)، ސްކްރިލް (Skrill)، ޕެޔޮނިއަރ (Payoneer)، ނެޓެލާ (Neteller) ފަދަ އޮންލައިން ޕޭމެންޓް ޕްލެޓްފޯމްތަކުގެ ނަން ގަނެވިފައި އެބަހުއްޓެވެ. މީގެ އިތުރުން ވެސް ބައިނަލްއަގްވާމީ ޓެކް ކުންފުނިތަކުގެ ސްޓޮކް ޓްރޭޑިންގ ފުރުސަތު ހޯދައިދިނުމާއި، ޓެކް ވިޔަފާރިތަކަށް އިންވެސްޓްމަންޓްގެ ފުރުސަތު ހުޅުވާދިނުމާއި ޓެކްސް ލުއިކުރުމުގެ ބައިތައްވެސް ހިމެނެެއެވެ. އަދި މިހާރު ޑިޖިޓަލް ވިޔަފާރި ކުރުމުގައި ހުރި ފައިސޭންސާއި ޕޭމަންޓާއި ގުޅުން ހުރި ދަތިތައް ނައްތާލެވޭނެކަމަށްވެސް ގެނެވިފައިވެއެވެ.


6. ފިންޓެކާއި ޑިޖިޓަލް ބޭންކިންގ

ޓެކްނޮލޮޖީގެ ވާހަކަ ގެނެސްފައިވާ ހުރިހާ މެނިފެސްޓޯއެއްގައި އާންމު އެއްކަމަކީ ޑިޖިޓަލް ފައިނޭންސިއަލް މުއާމަލާތްކުރުމުގެ ވާހަކައެވެ. ފައިނޭންސް ލޭންޑްސްކޭޕް ވެސް މިހާރު ޑިޖިޓަލްއާއި ދިމާލައް ދަތުރުކުރަމުންދާ މިޒަމާނުގައި ފިންޓެކް ދާއިރާ އަކީ ގައުމެއްގެ ރައްޔިތުންގެ ފައިސާ މެނޭޖް ކުރުމަށާއި ވިޔަފާރި ހިންގުމާއި ގުޅިފައިވާ މުހިއްމު ދާއިރާއެކެވެ. ރާއްޖެ މުހިއްމު އިންތިހާބާކަށް ތައްޔާރު ވަމުންދާއިރު ގިނަ ކެންޑިޑޭޓުން ފިންޓެކާއި ޑިޖިޓަލް ބޭންކިންގ އާއި ގުޅޭ ވައުދުތައް ހިމަނައި، މެނިފެސްޓޯ އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކޮށްފައިވެއެވެ. މިއޭރިޔާގައި ފާހަގަކޮށްލާފައިވާ ބައެއް ވައުދުތަކުގެ ތެރޭގައި ރާއްޖެ ޑިޖިޓަލް ފައިނޭޝިއަލް ހަބްއަކަށް ހެދުމުގެ ވާހަކައާއި، ފޮރެކްސް ޓެރޭޑިންގ އާއި ކްރިޕްޓޯ ކަރަންސީގެ މުއާމަލާތްތައް ކުރެވޭ ޕްލެޓްފޯމަތައް ދިވެހިންނަށް ހުޅުވާދިނުމާއި، ޑިޖިޓަލް ކަރަންސީ މުއާމަލާތްތައް ހުޅުވާލުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި ގާނޫނުތައް އުފެއްދުމުގެ ވާހަކަ ހިމެނެއެވެ.


މަތީގައި ދެންނެވުނު ކެޓަގަރީތަކަށް ނުފެތުނު ނަމަވެސް އެހެނިހެން އިތުރު ގިނަ ޓެކް ވައުދުތަކެއް މެނިފެސްޓޯތަކުގައި ހިމެނިފައިވެއެވެ. އަދި މިފަދަ އާޓިކަލްއެއްގައި، ޓެކާއި ގުޅުންހުރި ނަމަވެސް ހުރިހާ ވައުދެއް ހިމެނުމަކީ ދަތިކަމަކެވެ. މިގޮތުން ހާއްސަކޮށް ފާހަގަކޮށްލަން ބޭނުންވާ ބައެއް މުހިއްމު ކަންތައް ހިމަނާލާނެމެވެ.

- ޓެކް ދާއިރާއަށް އަންހެންކުދިން އިތުރުކުރުމާއި ގުޅޭ ވައުދުތަކެއް 2 މެނިފެސްޓޯއެއްގައި ހިމެނިފައިވެއެވެ.

- ޕަބްލިކް ސޮފްޓްވެއަރ ކުންފުންޏެއް އުފައްދާނެކަމުގެ ވައުދެއް ހިމެނިފައިވެއެވެ.

- ރާއްޖޭގެ އާމްދަނީ އިތުރުކުމަށް ޓުއަރިޒަމް ފަދައިން، ޓެކްނޮލޮޖީ ވެސް ސިނާއަތެއްގެ ގޮތުގައި ކުރިއެރުވުމުގެ ޕްލޭންތަކެއް 2 މެނިފެސްޓޯއެއްގައި ހިމެނިފައިވެއެވެ.

ޖުމްލަ ގޮތެއްގައި މެނިފެސްޓޯތަކުގައި ހިމެނިފައިވާ ޓެކާއި ގުޅުން ހުރި އެންމެހާ ވައުދުތަކަކީ ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާއިން ކުރިއަރުވާނެ ނުވަތަ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެހެން ދާއިރާތައް ކުރިއަރައިގެން ދާނެ މަންޒަރު ދައްކުވައިދޭ ކަންތައްތަކެވެ. އަދި ރާއްޖެ ތަރައްގީވެ ކުރިއެރުމުގައި ކުރިއަށް ދާނެ މަގު ދައްކުވައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރާނެ ކަންތައްތަކެވެ. ގޮތަކަށް ބުނާނަމަ މީގެ ކޮންމެ ވައުދަކީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕްލޭންގެ ބައިތަކެވެ.

ވަކި ޕާޓީއެއް ނުވަތަ މީހަކަށް ނިސްބަތް ނުވާގޮތަށް ޖުމްލަކޮށް ހުރިހާ މެނިފެސްޓޯއެއް އެކުލެވޭ ގޮތަށް މިއާޓިކަލްގައި ހިމަނާލި ސަބަބަކީ ވަކި ފަރާތެއްގެ މެނިފެސްޓޯ ޕްރޮމޯޓް ނުވަތަ ދަށް ނުކުރުމުގެ ބޭނުމުގައެވެ. މިއާޓިކަލް މެދުވެރިވެ ޖުމްލަގޮތެއްގައި ހުރިހާ މެނިފެސްޓޯތަކުގައި ހުރި އެއްގޮތް ބައިތަކާއި އެކި މެނިފެސްޓޯތަކުގައި ހުރި ހާއްސަ ކަންތައްތައް ކޮމްޕައިލްކޮށް ބޮޑު މަންޒަރެއް ދައްކުވައި ދެވިއްޖެކަމަށް އުންމީދުކުރަމެވެ. އަދި ކުރިއަށް އޮތް އިންތިހާބުގައި ވޯޓު ދިނުމުގެ ކުރިން ޓެކް ދާއިރާއާއި ގުޅުން ހުރި ބައިތަކުގެ ތަފްސީލު ހޯދުމަށް ވަކި ވަކި މެނިފެސްޓޯތައް ބަލާލުން މުހިއްމެވެ. ކޮންމެ ކެންޑިޑޭޓެއްވެސް އަހަރުމެންނަށް ވާ ވައުދުތަކަކީ ހުވަފެންތޯ ނުވަތަ ހަގީގަތަކަށް ވެދާނެ ކަންތައްތޯ ތިޔަ ބޭފުޅުން އަމިއްލަފުޅަށް ކަނޑައަޅުއްވާށެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.