އިންސާނުންގެ ހިތުގައި މައިކްރޯޕްލާސްޓިކް ގެ އަަސަރު ފެނިއްޖެ

މަރިޔަމް އިޝްރާޤް ވަޙީދު 13 ސެޕްޓެމްބަރު 2023

އިންސާނުންގެ ހިތްތަކުގައި ފުރަތަމަ ފަހަރަށް މައިކްރޯޕްލާސްޓިކް ހުރިކަން ސައިންވެރިންގެ ހޯދުންތަކުން ދައްކައިފިއެވެ. އެމެރިކަން ކެމިކަލް ސޮސައިޓީ (އޭސީއެސް) އިން އެންމެ ފަހުން ޝާއިރުކޮށްފައިވާ ދިރާސާގައި ބަޔާންކޮށްފައިވާ ގޮތުގައި ޗައިނާގެ ބެއިޖިން އެންޒެން ހޮސްޕިޓަލްގެ ސައިންސްވެރިންގެ ޓީމަކަށް ވަނީ ފުރަތަމަ ފަހަރަށް އިންސާނުންގެ ހިތުގައި މައިކްރޯޕްލާސްޓިކް ތަކެއް ފެނިފައެވެ.

މައިކްރޯޕްލާސްޓިކްސް އަކީ ކޮބާ؟

މައިކްރޯޕްލާސްޓިކްސްއަކީ ފަސް މިލިމީޓަރަށް ވުރެ ކުޑަ އިންސާނުންނާއި ޖަނަވާރުންނަށް ވިހަ މައިނިއުޓް ޕްލާސްޓިކް ޕާޓިކަލްސްއެވެ. ލޮނު، ތާޒާ މޭވާ އާއި ތަރުކާރީގައި އަދި ބޯފެނުގައި މިތަކެތި އެކުލެވިގެންވެއެވެ. މީގެ އިތުރުން އާންމު ދިރިއުޅުމުގައި ބޭނުންކުރެވޭ ކާބޯތަކެތީގެ ޕެކޭޖިންގައާއި ލާ ފޭރާމުގައި އަދި ޕެއިންޓްފަދަ ތަކެތީގައި މައިކްރޯޕްލާސްޓިކްސް ހިމެނެއެވެ. މިތަކެއްޗަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޖައްވުގެ ތެރެއިން ދުނިޔެވަށައި ދަތުރުކުރެވޭކަން އެނގިފައިވާއިރު، އެންޓާޓިކާ ފަދަ ދުރު ސަރަހައްދުތަކުން ވެސް މިތަކެތި ވަނީ ފެނިފައެވެ.

ކަނޑުގައިވާ މައިކްރޯޕްލާސްޓިކްސް ގެ އަދަދު ގުނަން ކޮށްފައިވާ އެކްސްޕެޑިޝަންތަކުން ނުވިސްނޭ ވަރުގެ އަދަދުތަކެއް ކަނޑުގައި މައިކްރޯޕްލާސްޓިކްސް ހުރިކަމަށް ހިސާބުކުރެވިފައިވާ އިރު، ކޮންމެ އަހަރަކު ވެސް އިތުރު ޕްލާސްޓިކް ކުނި ކަނޑުތަކަށް އެޅެމުންދެއެވެ. މިގޮތުން 2014 ވަނަ އަހަރު ޝާއިރުކޮށްފައިވާ ދިރާސާއަކުން ދައްކާފައިވާގޮތުގައި ކަނޑުގައިވާ ޕްލާސްޓިކްގެ ޖުމްލަ އަދަދު ވަނީ ފަސް ޓްރިލިއަން އަށް އަރާފައެވެ. ކިޔުޝޫ ޔުނިވާސިޓީގެ ސައިންސްވެރިން 2021 ވަނަ އަހަރު ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ އަޕާ އޯޝަންސްގައި 24.4 ޓްރިލިއަން މައިކްރޯޕްލާސްޓިކް ހުންނާނެއެވެ.

އިންސާނުންގެ ހަށިގަނޑުގެ ތެރޭގައި މައިކްރޯޕްލާސްޓިކްސް ފެނުން

ކުރީގެ ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ބޭރުގެ މާހައުލަށް ސީދާ އެކްސްޕޯޒްވާ، އޯރަލް/އެނަލް ކެވިޓީއިން އަދި ޔޫޓެރިން/ވެޖަނަލް ކެވިޓީ އިން މައިކްރޯޕްލާސްޓިކްސްއަށް އިންސާނުންގެ ހަށިގަނޑުގެ ތެރެއަށް ވަދެވެއެވެ. މިގޮތުން ބޮޑު މީހަކަށް އަހަރަކު 121،000 މައިކްރޯޕާޓިކަލް ކެއުމާއި ނޭވާލުމުގެ ތެރެއިން ހަށިގަނޑުގެ އެތެރެއަށް ވައްދައެވެ.

މީގެ އިތުރުން ހަދާފައިވާ ދިރާސާތަކުން ހަށިގަނޑުގެ އެކި ގުނަވަންތަކުގައާއި ލޭގައި މައިކްރޯޕްލާސްޓިކްވާކަން ވަނީ ހާމަވެފައެވެ. 2022 ގައި ހަދާފައިވާ ދިރާސާއެއްގައި ޓެސްޓުކުރި މީހުންގެ ތެރެއިން 80 އިންސައްތަ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކްސް ފެނިފައިވާއިރު، ހަމަ މި އަހަރު ވަނީ ސާޖަރީ ހަދަމުން ދިޔަ 13 މީހުންގެ ތެރެއިން 11 މީހެއްގެ ޓިޝޫ ސާމްޕަލްއިން މައިކްރޯޕްލާސްޓިކްސް ފެނިފައިވެއެވެ. އަދި 2020 ވަނަ އަހަރު މައިކްރޯޕްލާސްޓިކްސް ވަނީ އުފަންނުވާ ކުދިންގެ ޕްލެސެންޓާއިން ފެނިފައެވެ. މި ހޯދުންތަކުން އެނގޭގޮތުގައި އެ ޕާޓިކަލްތަކަށް ހަށިގަނޑުގެ ވަށައިގެން ދަތުރުކޮށް ގުނަވަންތަކުގައި ޖަމާވުމުގެ ކުޅަދާނަކަން ލިބިގެންވެއެވެ.

އިންސާނުންގެ ހިތުގައި މައިކްރޯޕްލާސްޓިކްސް ފެނުން

މިއަހަރުގެ ޖުލައި މަހު ސައިންސްވެރިން ހަދާފައިވާ ޕައިލެޓް ދިރާސާއަކުން ވަނީ އިންސާނުންގެ ހިތުގެ އެކި ބާވަތްތަކުގެ ޓިޝޫތަކުގައި މައިކްރޯޕްލާސްޓިކް ހުންނަކަން އެނގިފައެވެ. ޑޮކްޓާސް ކުން ހުއާ އާއި ޝިއުބިން ޔަންގް އަދި އެ ބޭފުޅުންގެ ޓީމުން ކުރިއަށް ގެންދިޔަ މި ޕައިލެޓް އެކްސްޕެރިމެންޓުގެ މަޤްސަދަކީ ނުސީދާ އަދި ސީދާ އެކްސްޕޯޒާގެ ޒަރިއްޔާއިން މި ޕާޓިކަލްތައް މީހުންގެ ހިތުގެ ނިޒާމުތަކަށް ވަދެވޭތޯ ބެލުމެވެ.

އެގޮތުން ވަނީ ހިތުގެ ސާޖަރީ ހަދަމުން ދިނަ 15 ބަލިމީހުންގެ ހިތުގެ ޓިޝޫ ސާމްޕަލްތައް ނަގައިފައިވެއެވެ. އަދި މިތަނުން 6 ބަލިމީހެއްގެ ފަރާތުންވަނީ އޮޕަރޭޝަން ކުރުމުގެ ކުރިންނާއި އޮޕަރޭޝަނަށްފަހު ލޭގެ ސާމްޕަލްތައް ނަގައިފައެވެ. އެއަށްފަހު ވަނީ ލޭޒާ ޑައިރެކްޓް އިންފްރާރެޑް އިމޭޖިން ބޭނުންކޮށްގެން މި ސާންޕަލްތައް އެނަލައިޒް ކޮށްފައިވެއެވެ.

މި ޓެސްޓުތަކުން ސައިންވެރިން ވަނީ 8 ބާވަތެއްގެ ޕްލާސްޓިކުން އުފެދޭ ފުޅާމިނުގައި 20 އާ 500 މައިކްރޯމީޓަރ ދެމެދުގެ ޕާޓިކަލްތަކެއް ސާންޕަލްތަކުން ފެނިފައެވެ. އަދި "ނެގި ގިނަ ޓިޝޫ ސާމްޕަލްތަކުން އެތައް ހާސް ވަކިވަކި މައިކްރޯޕްލާސްޓިކް ޕީސަސް ވަނީ އެއްކުރެވިފައެވެ". ނަމަވެސް އެކި ބައިވެރިންގެ ސާންޕަލްއިން ފެނުނު މިންވަރާއި ތަކެތި ތަފާތެވެ. މީގެ އިތުރުން ޓެސްޓުކުރެވުނު ކޮންމެ ލޭގެ ސާމްޕަލެއްގައި ވެސް މި ޕްލާސްޓިކްގެ ނިޝާންތައް ވަނީ ފެނިފައެވެ.

ފެނުނު ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ފޭރާމާއި ކާބޯތަކެތީގެ ކޮންޓެއިނަރުތަކުގައި ބޭނުންކުރާ ޕޮލިއެތިލީން ޓެރެފަތެލެޓްގެ އިތުރުން ވިންޑޯ ފްރޭމްތަކާއި ޑްރެނޭޖް ޕައިޕްތަކާއި ޕެއިންޓް ފަދަ ތަންތަނުގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރާ ޕޮލިވިނައިލް ކްލޯރައިޑް (ޕީވީސީ) އެވެ.

އަދި ނެގުނު ލޭގެ ހުރިހާ ސާމްޕަލެއްގައި ވެސް ޕްލާސްޓިކް ޕާޓިކަލްސް ހުރި ނަމަވެސް ސާޖަރީއަށް ފަހު އެތަކެތީގެ އެވްރެޖް ސައިޒް ވަނީ ދަށްވެފައެވެ. މީގެން އެނގޭ ގޮތުގައި ސާޖަރީ ކުރަމުންދާ ވަގުތު ނޭނގި ބައެއް މައިކްރޯޕްލާސްޓިކް މާއްދާތަކެއް ބަލިމީހާގެ ހަށިގަނޑުގެ އެތެރެއަށް ތައާރަފްކުރެވިފައިވެއެވެ.

މި ދިރާސާ ކުރެވުނީ މަދު ބައިވެރިންނާއިއެކު ނަމަވެސް، ސައިންސްވެރިން ވިދާޅުވެފައިވާ ގޮތުގައި މި ދިރާސާއިން "ހިތާއި އޭގެ އެންމެ އެތެރޭގެ ޓިޝޫތަކުގައި ތަފާތު މައިކްރޯޕްލާސްޓިކްތައް ޖަމާވެ ދެމިއޮންނަ ގޮތުގެ އިބްތިދާއީ ހެކި ލިބިފައިވާ" ކަމަށެވެ. އަދި އިންވޭސިވް މެޑިކަލް ޕްރޮސީޖަރތަކަކީ މައިކްރޯޕްލާސްޓިކްސް އެކްސްޕޯސަރ ކުރެވޭ މަގެއްގެ ގޮތުގައި ރަނގަޅަށް ދަހުޤީޤު ނުކުރެވިފައިވާކަން މި ހޯދުންތަކުން އެނގެއެވެ.


މިކަމުން އިންސާނުންނަށް ހުރި ގެއްލުންތައް

ލެބޯޓްރީ ޓެސްޓުތަކުން ދައްކާފައިވާ ގޮތުގައި މައިކްރޯޕްލާސްޓިކްގެ ސަބަބުން އިންސާނުންގެ ސެލްތަކަށް ގެއްލުންވެއެވެ. މީގެ ތެރޭގައި އެލާޖިކް ރިއެކްޝަންތަކާއި ސެލް މަރުވުން ހިމެނެ އެވެ. ނަމަވެސް މިހާތަނަށް އެޕިޑެމިއޮލޮޖިކަލް އެއްވެސް ދިރާސާއަކުން، މައިކްރޯޕްލާސްޓިކްސް އަށް އެކްސްޕޯޒްވުމާއި ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅުމެއް އޮތް ކަމެއް ދެއްކިފައެއްނެތެވެ.

އެހެންކަމުން، ސާޖަރީގެ ތެރެއިން މައިކްރޯޕްލާސްޓިކް ހަށިގަނޑަށް ތައާރަފްކުރުމުން ކުރާ ނޭދެވޭ އަސަރުތަކާއި އިންސާނާގެ އެތެރޭގެ ގުނަވަންތަކުގައި މައިކްރޯޕްލާސްޓިކްސް ހުރުމުގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ކުރާނެ އަސަރުތައް ދެނެގަތުމަށް އިތުރު ދިރާސާތަކެއް ކުރަން ޖެހެއެވެ.

މަރިޔަމް އިޝްރާޤް ވަޙީދު

މަރިޔަމް އިޝްރާޤް ވަޙީދު

ބަޔޯކެމިސްޓް، ސޯޝިއޯ އިކޮނޮމިކް ރިސާޗަރ، ފްރީލާންސް ރައިޓަރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.