އައިފޯން 12 ގެ ރޭޑިއޭޝަން ބޭރުކުރާމިންވަރު އިތުރުވުމުގެ ކަންބޮޑުވުން

އަޙްމަދު ދާއޫދު 14 ސެޕްޓެމްބަރު 2023

އައިފޯން 12 އިން މާގިނައިން އިލެކްޓްރޯމެގްނެޓިކް ރޭޑިއޭޝަން ބޭރުވަމުންދާކަމުގެ ކަންބޮޑުވުންތަކާއެކު ފްރާންސްގައި އެ ފޯން ގެންގުޅޭ މީހުން ސަމާލުވުމަށް އަންގައިފިއެވެ.

އެމައްސަލަ ބަލާނެ ކަމަށް ޔޫރަޕްގެ ބައެއް ގައުމުތަކުން ބުނަމުން ދާއިރު، ފްރާންސުން އެޕަލްގެ އުފެއްދުންތައް ވިއްކުން ހުއްޓާލުމަށް ސަރުކާރުގެ އިދާރާތަކުން ވަނީ ނިންމާފައެވެ.

ބެލްޖިއަމް، ނެދަލޭންޑްސް އަދި ޖަރުމަނުން ވެސް މިހާރު އަންނަނީ އެ މައްސަލަ ބަލަމުންނެވެ.

ފްރާންސްގެ ރެގިއުލޭޓަރުން ވަނީ ޓެކްނޮލޮޖީގެ މައި ކުންފުނި ފްރާންސްގެ ތަހުގީގަށް ޖަވާބުދާރީވުމަށް ދެ ހަފުތާގެ މުއްދަތެއް ދީފައި ކަމަށާއި އެކަމުގެ ސަބަބުން ޔޫރަޕުގައި އެޕަލްއާއި މެދު ފިޔަވަޅުތަކެއް އެޅިދާނެ ކަމަށް ޖަރުމަނުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.

ބެލްޖިއަމް ސަރުކާރުން ވަނީ 2020 ވަނަ އަހަރު އެންމެ ފުރަތަމަ ނެރުނު އައިފޯން 12 ގެ ސަބަބުން ސިއްހީ ނުރައްކާތަކެއް ހުރިތޯ ބެލުމަށް އެ ގައުމުގެ ރެގިއުލޭޓަރަށް އަންގައިފަ އެވެ.

"އަޅުގަނޑުގެ މަސްއޫލިއްޔަތަކީ، އެކަމަށް އިޖާބަދީ، އެ ގައުމުގެ ހުރިހާ ރައްޔިތުންނަކީ ވެސް ކުރިމަތިވެދާނެ ނުރައްކަލަކުން ރައްކާތެރިވެ، ރައްކާތެރިކަން ކަށަވަރުކޮށްދޭ ބަޔަކަށް ހެދުން. ސިއްހަތަކީ ދުވަހަކުވެސް އިހުމާލުވެގެން ނުވާނެ މައްސަލައެއް،" ބެލްޖިއަމްގެ ސްޓޭޓް ސެކްރެޓަރީ ފޯ ޑިޖިޓަލައިޒޭޝަން މެތިއު މިޝެލް ވިދާޅުވި އެވެ.

އޭނާ ބުނީ އެޕަލްގެ ހުރިހާ މޮޑެލްތަކެއް ބެލުމަށް ރެގިއުލޭޓަރުގެ ކިބައިން އެދުނު ކަމަށާއި އޭގެ ފަހުން އެހެން ބްރޭންޑްތައް ވެސް ބަލާނެ ކަމަށެވެ.

ނެދަލެންޑްސްގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އެޖެންސީ (އާރްޑީއައި) އިން ބުނީ ފްރާންސްގެ ޓެސްޓުތަކަށް ބަލާއިރު ރޭޑިއޭޝަން ލެވެލް ފަހަނައަޅާ ގޮސްފައިވާ ކަމާމެދު ޝައްކެއް ނެތް ކަމަށެވެ.

އާރްޑީއައި އިން ބުނީ އެޕަލް އަށް ގުޅާނެ ކަމަށާއި ނަމަވެސް އެއްވެސް ނުރައްކަލެއް އޮތް ކަމަށް އަދި ނުބެލެވޭނެ ކަމަށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.