ބޮޑެތި މެޕްތަކުން ފަލަސްތީނު އަދި އިސްރާއިލް ފޮހެލައިފި

އަޙްމަދު ދާއޫދު 31 އޮކްޓޯބަރު 2023

މި ހުސްވި އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު އިސްރާއީލަށް، ހަމާސް ޖަމާޢަތުން ފޮނުވާލި ކުއްލި ހަމަލާތަކުގެ ބަދަލު ހިފަންކަމަށްބުނެ ފަލަސްތީނުގެ ޣައްޒާގެ ނިކަމެތި މުސްލިމު ރައްޔިތުންގެ ބޮލަށް އޮއްސަމުންދާ ބޮމުގެ ހަަމަލާތަކާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރެއިން ދުނިޔޭގެ ބޮޑެތި ޓެކް ކުންފުނިތަކުގެ ހަނގުރާމަވެސް ފެށިއްޖެއެވެ.

ދުނިޔޭގެ ގަދަ ބާރުގެ ގޮތުގައި ނަންމަޝްހޫރު ކުންފުނިތައް ދެބަޔަކަށް ބެހި އެއްބަޔަކު އަނެއްބަޔަކަށް މިވަނީ ހަމަލާތައް ބަދަލުކުރަން ފަށާފައެވެ. އެގޮތުން ދާދި ފަހުން ޗައިނާގެ ޓެކް ކުންފުނިތަކުން ވަނީ އޮންލައިން މެޕްތަކުން "އިޒްރޭލް" ގެ ނަން އުނިކޮށް، އެމީހުންގެ މެޕްގެ އާ ވާޝަން ތަޢާރަފްކޮށްފައެވެ.

އަނެއްކޮޅުން ދުނިޔޭގެ އެންމެވަރުގަދަ ޓެކް ކުންފުނިތައް ކަމަށްވާ ގޫގަލް މެޕްސް އާއި އެޕަލް މެޕްސްގެ މެޕްތަކުން "ފަލަސްތީން" އުނިކޮށްފައިވާކަންވެސް މިވަނީ ފާހަގަކުރެވިފައެވެ. އެ ދެ ކުންފުނި ވެސް މިވަނީ ފަލަސްތީނާއި، އިޒްރޭލްގެ ހަނގުރާމައިގެ ތެރެއިން މެޕް ބަދަލު ކުރުމުގެ ހަނގުރާމައިގެ ތެރެއަށް ވަދެފައެވެ. މިއަމަލުތަކުގެ ސަބަބުން ޓެކްދާއިރާގައި ކަންބޮޑުވުން އުފެދި، މިފަދަ ނިންމުންތަކުގެ ސަބަބުން ޖިއޮޕޮލިޓިކަލް އަސަރުތަކާ މެދު މިވަނީ ބަހުސްތަކެއް އުފެދިފައެވެ.

ޗައިނާގެ އެންމެބޮޑު ޓެކް ކުންފުނި ބައިޑޫ މެޕްސް އާއި ޓެންސެންޓް މެޕްސް ފަދަ ޓެކް ކުންފުނިތަކުގެ އޮންލައިން މެޕްތަކުން "އިސްރާއީލް" އުނިކުރުމުން މިކަމުގެ ފަހަތުގައި ވާ މަގްސަދުތަކާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. މި ކުންފުނިތަކުން ސާފު ތަފްސީލެއް ދީފައި ނުވި ނަމަވެސް، ޗައިނާ ސަރުކާރުގެ ސިޔާސަތުތަކުގެ ނުފޫޒާއި އިޒްރޭލާއި ފަލަސްތީނުގެ ހަމަނުޖެހުންތަކާ މެދު އެ ކުންފުނިން ގެންގުޅޭ ސްޓޭންޑާ މެދު އިޒްރޭލު ފަޅީގައި ތިބި އެގައުމުގެ އެކުވެރިން މިދަނީ ސުވާލު އުފައްދަމުންނެވެ.

ހަމައެއާއެކު ގޫގަލް މެޕްސް އާއި އެޕަލް މެޕްސް ފަދަ ގިނަ ބަޔަކު ބޭނުންކުރާ ޕްލެޓްފޯމްތަކުގެ މެޕްތަކުން "ފަލަސްތީން" ނެތުމުން ގިނަ ބައެއްގެ ފާޑުކިޔުންތަކާއި ކަންބޮޑުވުންވަނީ އުފެދިފައެވެ.

ފަލަސްޠީނުގެ ޙާލަތަކީ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކާއި ޖަމާޢަތްތަކުގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާ ނާޒުކު އަދި ނުތަނަވަސް މައްސަލައެއްކަން ފާހަގަކޮށްލަން ޖެހެއެވެ. ބައެއް މީހުން ބުނަނީ މި މެޕް ބަދަލުތަކަކީ މި ދެބަސްވުމުގައި ސްޓޭންޑެއް ނެގުން ކަމަށް ބެލެވިދާނެ ކަމަށެވެ.

މަޝްހޫރު މެޕިން ޕްލެޓްފޯމްތަކުން މި ނަންތައް އުނިކުރުމުން، ނިއުޓްރަލިޓީ ދެމެހެއްޓުމާއި، ބައިނަލްއަގްވާމީ މިންގަނޑުތަކަށް ބޯލެނބުމާއި، ދުނިޔޭގެ ޖިއޮޕޮލިޓިކަލް މައްސަލަތަކުގެ އިހުސާންތެރިކަމަށް އިހުތިރާމް ކުރުމުގައި ޓެކް ކުންފުނިތަކުން އަދާކުރާ މަސްއޫލިއްޔަތުގެ ޒިންމާދާރު ކަމާމެދު މިވަނީ ސުވާލު އުފެދިފައެވެ.

އަދި ހަމައެއާއެކު މި މެޕްތައް ބޭނުންކުރާ ފަރާތްތަކާއި ވަކާލާތުކުރާ ޖަމާއަތްތަކުން ވަނީ މި ކުންފުނިތަކުގެ އަމަލުތައް އަލުން މުރާޖައާކޮށް، މި ނިންމުންތަކުގެ ސަބަބުން ގެއްލުން ލިބޭ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް ގޮވާލާފައެވެ.

މި މައްސަލައިގެ ސަބަބުން ބައެއް ޓެކް ކުންފުނިތަކުން ބަޔާންތައް ނެރުމަށް ތައްޔާރުވަމުން އަންނައިރު، މި މިމައްސަލައިގެ ތެރެއަށް ވަންނަމުންދާ ފަރާތަތައް އިތުރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފަލަސްތީނާއި އިސްރާއީލްގެ މައްސަލައަކީ މީގެ 70 އެތައް އަހަރެއްގެ ކުރިން ފެށިފައިވާ މައްސަލައަކަށް ވާއިރު، މިހަމަނުޖެހުމުގެ ތެރެއިން އެތައްބައެއްގެ ފުރާނަވަނީ ގެއްލިފައެވެ.

އެންމެފަހުން މިފެށި ހަމަލާތަކުގައިވެސް މިހާތަނަށް ފަލަސްތީނުގެ 8500ށް ވުރެ ގިނަ މުސްލިމުން މިވަނީ ޝަހީދުކޮށްލައިފައެވެ.

މިފަދަ ނާޒުކް ބޮޑު މައްސަލައަކާއި، ދުނިޔޭގެ މެޕްތަކާއި ގުޅުވާލުމުން ދުނިޔޭގެ ހަމަޖެހުމާއި، އަމާންކަމަށް ޓެކް ކުންފުނިތަކުން އަދާކުރާ ދައުރު ވަރަށް ރަނގަޅަށް ހާމަވެއެވެ. އެހެންކަމުން މި ކުންފުނިތަކުގެ މެޕްތަކަށް އެޑްޖަސްޓްމަންޓްތަކެއް ގެންނާނެތޯ އާއި ބައިނަލްއަގްވާމީ ޑިޕްލޮމަސީ އާއި ޑިޖިޓަލް ކާޓޯގްރަފީގެ ފުޅާ ދާއިރާއެއްގައި މި މައްސަލަ ހައްލުވާނީ ކިހިނެއްތޯ ގިނަބަޔަކު މިދަނީ ސުވާލު އުފައްދަމުންނެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.