މޯލްޑިވްސް ޔޫތު ހެކަތޯން އިފްތިތާހުކޮށްފި

އަޝްނާ ރަޝީދު 30 ޖެނުއަރީ 2024

މިނިސްޓްރީ އޮފް ޔޫތު، އިންފޯރމޭޝަން އެންޑް އާރޓްސްގެ ފަރާތުން ޔޫތު ހެކަތޯން އިފްތިތާހުކޮށްފިއެވެ.

މި ހެކަތޯންގެ ބޭނުމަކީ ދިވެހި ޒުވާނުންތައް އައު އީޖާދީތައް އުފައްދާ، ނެޓްވޯރކު ކުރުމާއި ، މައުލޫމާތު ބަދަހިކޮށް އަދި އައު ޚިޔާލުތަކާއި ހައްލުތައް އުފެއްދުމުގެ ޕްލެޓްފޯމެއް ފޯރުކޮށްދިނުމެވެ. ދިވެހި ރާއްޖޭގެ އާބާދީގެ 35 އިންސައްތަ އަކީ ޒުވާނުންކަމުގައި ވީއިރު، ޒުވާނުންގެ ފަރާތުން އެކިކަންކަމަށް ފަންނިއްޔާތުގެ އެހީގައި ހައްލުތައް ހޯދައި އުފެއްދުމަކީ މި ހެކަތޯނުގެ މައިގަނޑު އެއް އަމާޒެކެވެ.

މިގޮތުން، މިހެކަތޯންގައި 3 ކަމަކަށް މަސައްކަތްކުރުމަށް ހުށަހަޅާފައިވެއެވެ.

• އިނޯވޭޓިވް މާކެޓްޕްލޭސް: ކުދި ވިޔަފާރިތަކަށް އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަނެ، ލޯކަލް މާކެޓްތަކުގެ އިތުރުން ދުނިޔޭގެ ކަންކޮޅުތަކަށް އީ-ކޮމާރސް ސްޓެރެޓީޖީތައް އެކުލަވާލައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ވާސިލުވެ، ވިޔަފާރިތައް ބާރުވެރިކުރުވައި ކުރިއެރުވުމަށް ޚާއްސަ ކުރެވިފައިވާ ކެޓަގަރީއެކެވެ.

• މެންޓަލ ހެލްތު: ނަފުސާނީ ދުޅަހެޔޮކަމާއި ސިއްހަތައް އަމާޒުކޮށްގެން ޓެކްނޮލޮޖީ ބޭނުންކޮށްގެން އިނޮވޭޓިވް ސޮލިއުޝަންތަކެއް އުފެއްދުން

• ކްރިއޭޓަރ އެކޮނޮމީ: ކޮންޓެންޓް ކްރިއޭޓަރުންނަށް ޑިޖިޓަލް ޕްލެޓްފޯމްތަކާއި ޓެކްނޮލޮޖީގެ ބޭނުން ހަރުދަނާ ގޮތެއްގައި ހިފުމަށް ބާރުވެރިކުރުވައި، ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ދައްކާލުމާއި ކޮންޓެންޓެއް އުފައްދައި ޑިސްޓްރިބިއުޓް ކުރުމުގެ މަގު ފަހިކޮށްދިނުން

މި ހެކަތޯން ހުޅުވާލެވިފައިވަނީ 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންގެ ޓީމުތަކަށެވެ.ޓީމުތަކުގައި އެންމެ މަދުވެގެން 3 ބައިވެރިންނާއި އެންމެ ގިނަވެގެން 5 ބައިވެރިންގެ ދެމެދުގެ އަދަދަކަށް ޓީމުތައް ހެދުމަށް ހުޅުވާލާފައިވެއެވެ. މި ހެކަތޯންގައި 10 ޓީމަށް ފުރުސަތު ހުޅުވާލުމަށް އަމާޒުކޮށްފައިވެއެވެ.

މި ހެކަތޯންގައި ބައިވެރިވުމަށް ސަބްމިޝަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 24 ފެބްރުއަރީ 2024 އެވެ. މިގޮތުން ހުށަހެޅޭ ސަބްމިޝަންތައް 25 ފެބްރުއަރީ 2024ގައި މުރާޖާކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މި ހެކަތޯނުގެ ބައިވެރިން 28 ފެބްރުއަރީ 2024 ގައި އިއުލާނުކުރުމަށް ހަމަޖެހިފައިވެއެވެ.

މި ހެކަތޯން ބޭއްވުމަށް ހަމަޖެހިފައިވަނީ 2 މާރޗް 2024 އިން 3 މާރޗް 2024ގެ ނިޔަލަށެވެ. މި ހެކަތޯން ކުރިއަށް ގެންދިއުން ހަމަޖެހިފައިވާ 30 ގަޑިއިރު ތެރޭގައި އެކިއެކި ވަރކްޝޮޕުތަކާއި މެންޓަރުންނާއި އެކު ބާވައި ސެޝަންތައް ރޭވިފައިވެއެވެ.

ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ރާވާފައިވާ މި ހެކަތޯނުގެ އެއްވަނައަށް އަންނަ ޓީމަކަށްMVR100,000 ގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން މި ހެކަތޯންގެ ޕާޓްނަރުތަކުގެ ފަރާތުން އެހެން އިނާމުތަކެއް ހުށަހަޅާނެކަމަށް ވެސް ވަނީ ހާމަކޮށްފައެވެ. މިގޮތުން މި ހެކަތޯނުގެ މައި ޕާޓްނަރަކީ އުރީދޫކަމުގައި ވީއިރު، ކުރިއަށް އޮތްތަނުގައި އެހެން ޕާޓްނަރުތަކެއްވެސް އިޢުލާނުކުރުމަށް ރާވާފައިވެއެވެ.

މި ހެކަތޯން އިއުލާނުކުރެވުނު ހަފްލާގައި ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ވަޒީރު، އަލްފާޟިލް އިބްރާހިމް ވަހީދު ދެއްކެވި ވާހަކަފުޅުގައި ޤައުމުގެ ޒުވާނުން ބިނާކުރުމުގެ މުހިންމުކަން އަލިއަޅުއްވާލައްވާފައި ޒުވާނުންނާއި ނުލައި ރާއްޖޭގައި އެއްވެސްކަމެއް ނުކުރެވޭނެކަން އަލިއަޅުއްވާލައްވާފައިވެއެވެ. އަދި މިކަމުގެ ސަބަބުން ޒުވާނުން ބިނާކުރުމަށް އިންވެސްޓްމެންޓެއްކަމަށާއި އަދި އަމިއްލަޔަށް ފުދުންތެރި ޒުވާނުން ބިނާކުރުމަކީ ވަރަށް މުހިންމުކަމެއްކަން ފާހަގަކޮށްލައްވާފައިވެއެވެ.

މިގޮތުން ޒުވާނުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ޒުވާނުންނަށް ފުރުސަތު ހޯދައިދީ، ފަންނިއްޔާތުގެ ރަނގުން ޒުވާނުން ބިނާކުރުމުގެ މަސައްކަތް ކުރުމަށް މަސައްކަތްތަކެއް މަޝްވަރާކޮށް ރާވާފައިވާކަން ފާހަގަކޮށްލާފައިވެއެވެ. މިކަން ހާސިލްކުރުމަށްޓަކައި އެކިއެކި މުއްސަސާތަކާއި ވުޒާރަތައް ގުޅިގެން ކުރުމަށް އޮތް މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާ ލެއްވިއެވެ.

މި ހެކަތޯންއަކީ އެ ވުޒާރާއިން ޒުވާނުން ފަންނިއްޔާތުގެ ދާއިރާއިން ބިނާކުރުމަށް އެ ވުޒާރާއިން ސިލްސިލާކޮށް ރާވާފައިވާކަންވެސް ވަނީ ފާހަގަކޮށްލައްވާފައެވެ. އަދި މިގޮތުން އަންނަންއޮތް އަހަރުތަކުގައި މިފަދަ ހަރަކާތްތައް ރާއްވާ، ރާއްޖެ އަކީ ފަންނިއްޔާތުގެ ހަބަކަށް ހެދުމަށް މަސައްކަތްކުރަމުން ދާނެކަން ވެސަ އެމަނިކުފާނުވަނީ ހާންމަކޮށްލައްވާފައެވެ.

މިހަފްލާގެ ޝަރަފުވެރި މެހެމާނު، ފަތުރުވެރިކަމާއިބެހޭ ވަޒީރު، އަލްފާޟިލް އިބްރާހީމް ފައިސަލް ވަނީ ޒުވާނުން ބިނާކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާ ލައްވާފައެވެ. ޒުވާނުން ތަރައްޤީކުރުމުން ފެހި މުސްތަޤުބަލަކާއި ހަމަޔަށް ވާސިލުކުރުމަށް މަގު ފަހިވެގެން ދާނެކަމަށް ފާހަގަކޮށް، މިސަރުކާރުން ޒުވާނުންނާމެދު 'އިންވެސްޓް'ކުރުމަށް ބާރުއަޅާފައިވާ މިންވަރު ވެސް އަލިއަޅުއްވާލެއްވިއެވެ.

އެ މަނިކުފާނުވަނީ ދިވެހި ރާއްޖޭގެ ޒުވާނުން ފަނިއްޔާތުގެ ރޮނގުން ބިނާކޮށް، ރާއްޖެއަކީ އެމެރިކާގެ ސިލިކަން ވެލީ ފަދަ ތަނަކަށް ހެދޭނެކަމުގެ އުންމީދު ވެސް ހިއްސާކޮށްފައެވެ. ފަންނިއްޔާތަކީ މުސްތަޤުބަލުކަމަށް ވުމުން، ފަތުރުވެރިކަން ފަދަ އެހެން ސިނާއަތްތަކަށްވެސް ފަންނިއްޔާތު ބޭނުންކޮށްގެން ހަދާ ހައްލުތަކާއި އެކަމުގައި ބިނާވެފައިވާ ފަރާތްތަކަށް ފުރުސަތު ލިބެންއޮނަނާނެ ވާހަކަ ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މި ހެކަތޯނުގެ މެދުވެރިކޮށް ޒުވާނުންގެ ފަރާތްތުން ފަންނިއްޔާތުގެ އެހީގައި ހައްލުތައް ހޯދުމަށް މަސައްކަތްކުރެއެވެ. މިގޮތުން މި ހެކަތޯނުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން https://youthhack.mv

އިން އިތުރު މަޢުލޫމާތު ސާފުކޮށް، ރަޖިސްޓްރީ ކޮށް ލެވޭނެއެވެ. މިގޮތުން ބައިވެރިވުމަށް ބޭނުންވާ ޓީމުތަކުން 24 ފެބްރުއަރީ 2024ގެ ކުރިން ރެޖިސްޓްރީ ކޮށްލެވޭނެއެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.